ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ތަސްމީން އަލީ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އޭނާ އައްޔަން ކުރަން ރުހުން ހޯދަން މަޖިލީހަށް ވަނީ ހުށަހަޅާފައި. ފޮޓޯ:އެމްޑީޕީ
ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ސަފީރުކަމުގައި މިހާރު ހުންނެވި ހ. ޖެހޭ ވައި، އިބްރާހީމް ޝަހީބު، އިންޑިއާއަށް ބަދަލުކޮށް، އެމަގާމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ އައްޔަން ކުރުމަށްޓަކައި ރުހުން ހޯދަން ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވި ސިޓީގައި އެދިވަޑައިގެންނެވީ ސިންގަޕޫރުގައި ހުންނަވާ ސަފީރުކަމަށް ތަސްމީން އައްޔަން ކުރުމާއި އެ މަގާމުގައި މިހާރު ހުންނެވި ޝަހީބު، އިންޑިއާގައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށެވެ.
އިންޑިއާގައި ހުންނަވާ ސަފީރުކަމަށް ޝަހީބު އައްޔަން ކުރައްވަން ނިންމެވި އިރު، އެ މަގާމުގައި މިހާރު ހުންނެވީ ހ.ނިޔާސާ، ހުސައިން ނިޔާޒެވެ. ރައީސް މިއަދު ފޮނުއްވި ދެވަނަ ސިޓީގައި އެދިވަޑައިގެންނެވީ މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ހ.މާލޭ ތިލަ، އަލީ ހުސައިން ދީދީ އައްޔަން ކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމުމަށެވެ. އެ ދެ މައްސަލަ ވެސް މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވި އެވެ.
މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގައި ކުރިން ހުންނެވީ ވިސާމް އަލީ އެވެ. އެއީ ތަސްމީނުގެ އަނބިކަނބަލުންނެވެ.
ސިންގަޕޫރު ސަފީރުކަމަށް އައްޔަންކުރަން ރުހުން ހޯދަން މިއަދު ހުށަހެޅުއްވި ތަސްމީނަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުގެ ފަހު ދައުރުގައި ހޯމް މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ. މައުމޫނަށް ނާކާމިޔާބު ވެވަޑައިގެންނެވި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކީ ވެސް ތަސްމީނެވެ. އޭރު މައުމޫނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޑީއާރްޕީގެ ލީޑަރުކަން ވެސް ތަސްމީނު ކުރެއްވި އެވެ.
އޭނާ ފަހުން ވަނީ މިހާރު ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
Comment