Advertisement

މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީގެ މައްސަލަ ކުރިއަށް ގެންދަން ލަލީގާގެ ރައީސް ބޭނުން

14 ޖޫން 2022 - 09:30 0

ލަލީގާގެ ރައީސް ހަވިއޭ ޓެބާސް: ސިޓީ އާއި ޕީއެސްޖީ އަށް ފިޔަވަޅު އަޅަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުން.--- ފޮޓޯ: އޭއެފްޕީ


މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީގެ މައްސަލަ ކުރިއަށް ގެންދަން ލަލީގާގެ ރައީސް ބޭނުން

14 ޖޫން 2022 - 09:30 0

މެޑްރިޑް (ޖޫން 14) - މެންޗެސްޓާ ސިޓީން އާލިން ބްރައުޓް ހާލަންޑް ގަތުމާއި ޕީއެސްޖީން ކީލިއަން އެމްބާޕޭ އެ ކްލަބްގައި މަޑުކުރުވުމުގައި ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ދެ ކްލަބްގެ މައްސަލަ ކަމާބެހޭ ރަސްމީ އިދާރާތަކުގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ސިޓީން ހާލަންޑްގެ ޑީލް ނިންމީ ޑޯޓްމަންޑަށް 63 މިލިއަން ޑޮލަރު ދީގެން ކަމަށް ވަނީ އެ ދެ ކްލަބުން ބުނެފަ އެވެ. އެކަމަކު، ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސިޓީއާ އެކު ހާލަންޑް ސޮއިކުރި އެއްބަސްވުމުގެ ޖުމްލަ އަގު، މުސާރަ އާއި އޭޖެންޓް ފީ އާއި އެހެނިހެން ކަންކަމަށް ބަލާއިރު، 300 މިލިއަން ޑޮލަރަށް އަރާނެ އެވެ. އެމްބާޕޭ، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރީ އަހަރަކު 52 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭގޮތަށެވެ.

ރެއާލް މެޑްރިޑަށް ނޫނެކޭ ބުނެ، އެމްބާޕޭ ޕީއެސްޖީގައި މަޑުކުރިއިރު، އޭގެ ފަހުން ޓެބާސް ދިން އިންޓަވިއުއެއްގައި ވަނީ ޕީއެސްޖީގެ މައްސަލަ ޔުއެފާ އާއި ފްރެންޗް އެޑްމިނިސްޓްރޭޓިވް ކޯޓް އަދި ޔޫރަޕިއަން ޔޫނިއަން އަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

"އަހަރެން މި ކަމުގައި މި އުޅެނީ ރެއާލް މެޑްރިޑްގެ ހައްގުގައެއް ނޫން. މިއީ ޔޫރަޕްގެ ފުޓްބޯޅައިގެ ހައްގުގައި ކުރާ ކަމެއް. މިދިޔަ ހަފްތާގައި އަހަރެމެން ވާނީ ސިޓީގެ ޝަކުވާތައް ހުށަހަޅާފައި. މި ހަފްތާގައި ޕީއެސްޖީގެ ކަންކަން ވެސް ހުށަހަޅާނަން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެބާސް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ތަކުރާރުކޮށް ޓެބާސް ވަނީ ސިޓީ އާއި ޕީއެސްޖީގެ ހަރަދުތަކަށް ފާޑުކިޔައިފަ އެވެ. ޓެބާސް ވިދާޅުވީ ސިޓީ އާއި ޕީއެސްޖީން އެ ދެ ކްލަބްގެ މާލީ ހާލަތު އޮޅުވާލައި، ކަންކަން އެ ކުރާ ގޮތަކީ "ސުޕަ ލީގަށް ވުރެ ނުރައްކާ ބޮޑު" ކަމެއް ކަމަށެވެ.

ޕީއެސްޖީގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ކްލަބުން މިދިޔަ ސީޒަނުގައި ގެއްލުމުގެ ގޮތުގައި 240 މިލިއަން ޑޮލަރު ވަނީ އަހަރީ ރިޕޯޓްގައި ހިމަނައިފަ އެވެ. މިއީ އޭގެ ކުރިން ސީޒަނަށް ވުރެ 80 ޕަސެންޓް އިތުރު އަދަދެކެވެ.

ސްޕެނިޝް ލަލީގާ އިން 2013 އިން ފެށިގެން އަމިއްލަ އުސޫލުތަކަަކަށް އަމަލުކުރަމުން އަންނައިރު، މާލީ ގޮތުން ނުރަނގަޅު ގޮތަށް ކްލަބް ހިންގާނަަމަ ފިޔަވަޅު އަޅާނެ އެވެ. ބާސެލޯނާ އަށް މިދިޔަ ސީޒަނުގައި ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާ ނުކުރެވުނީ ވެސް އެ މައްސަލައާ ހެދި އެވެ.

ޕީއެސްޖީން އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރިއިރު، މަސައްކަތް ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ޓެބާސް ދެއްކެވި ވާހަކަތަކަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ކުރިން ރައްދުދެއްވައިފަ އެވެ. އެ ގޮތުން ޗެފެރިން ވިދާޅުވީ އެއް ލީގަކުން އަނެއް ލީގަކަށް ފާޑުކިޔުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި ކޮންމެ ބައެއް ވިސްނަންވީ އަމިއްލަ ލީގުގައި ހުރި މައްސަލަތައް ރަނގަޅުކުރަން ކަމަށެވެ.

ޗެފެރިން ވިދާޅުވީ ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެމްބާޕޭ އަށް ޕީއެސްޖީ އާއި ރެއާލުން ހުށަހެޅީ ދާދި އެއް ވަރެއްގެ ޑީލެއް ކަމަށާއި އެ ދެ އޮފާގެ ތެރެއިން އެމްބާޕޭ އިހުތިޔާރުކުރީ ޕީއެސްޖީ ކަމަށްވާއިރު، އޭގެ ތެރެއަށް ޔުއެފާ އަށް ވަދެވޭނެ ހާލަތެއް ނެތް ކަމަށެވެ.