Advertisement

ރާއްޖެ ޓްރާންސްޕޯޓު ލިންކަށް ހާއްސަ އެޕްލިކޭޝަނަކާއި ވެބްސައިޓެއް

11 ޖޫން 2022 - 12:18 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އާރްޓީއެލް އެޕާ ގުޅޭ ހޭލުންތެރިކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ


ރާއްޖެ ޓްރާންސްޕޯޓު ލިންކަށް ހާއްސަ އެޕްލިކޭޝަނަކާއި ވެބްސައިޓެއް

11 ޖޫން 2022 - 12:18 0

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެން ކުރިއަށްގެންދާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ހިދުމަތުގެ ޓިކެޓު ނެގުމަށް ހާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯން އާއި ހަ ރީޖަން ގުޅުވައި ދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.

ކޮންމެ ތަނަކު ހުރެ ވެސް ޓިކެޓު ނެގޭ ގޮތަށް ފަރުމާކޮށްފައިވާ އާރްޓީއެލް މޯބައިލް އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށް އާރްޓީއެލް އިން ބުނެ އެވެ.

މި އެޕްލިކޭޝަނާއި ވެބްސައިޓުން ޓިކެޓު ނަގާއިރު، ދަތުރު ކުރަން ބޭނުންވާ ތާރީހާއި ގަޑީގެ އިތުރުން ފެރީގައި އިށީންނާނެ ގޮނޑި ވެސް ހިޔާރުކުރެވޭނެ އެވެ. ފެރީއިން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.

ޓިކެޓު ނެގުމަށް ހާއްސަކޮށްގެން އާރްޓީއެލްގެ ވެބްސައިޓާއި އެޕް ލޯންޗުކޮށްފައިވާއިރު، އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީއާ ގުޅޭ ހާއްސަ ރަސްމިއްޔާތެއް ވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭ 21:00ގައި ބާއްވާ މި ރަސްމިއްޔާތުގައި ހާއްސަ އެނައުންސްމެންޓެއް އިއުލާނުކުރާނެ ކަމަށް އާރްޓީއެލްއިން ބުނެ އެވެ.

އާރްޓީއެލް ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައިވާ ހުރިހާ ރަށްތަކެއް ގުޅުވައިލާ އިރު، އެއް ސަރަހައްދު އަނެއް ސަރަހައްދާ ވެސް ގުޅުވައިލާނެ އެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

އާރްޓީއެލް ފެރީ ނެޓްވޯކުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެރީގެ ހިދުމަތް ދޭން ނިންމާފައި ވަނީ ހއ، ހދ އަދި ށ އަތޮޅުގަ އެވެ. އެ އަތޮޅުތަކުގައި ފެރީ ޓާމިނަލް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން މިހާރު ކުރިއަށް ގެންދެ އެވެ.

އެމްޓީސީސީން ގަލްފް ކްރާފްޓް މޯލްޑިވްސްއާ 50 މީހުންގެ ޖާގައިގެ 17 ސްޕީޑް ފެރީއެއް ބަނުމަށް ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ. އެ ފެރީތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ވަނީ ގާއިމުކޮށްފަ އެވެ.

މި މަސައްކަތަށް ބަންނަ ހައި ސްޕީޑް ފެރީތަކަކީ 30 ނޮޓުގެ ބާރު މިނުގައި ދުވާނެ ފެރީތަކެކެވެ. އެހެންކަމުން މިއީ މިހާރު އެމްޓީސީސީން ބޭނުން ކުރާ ފެރީތަކާ އަޅާ ބަލާއިރު ތިން ގުނަ ބާރު މިނުގައި ދަތުރުކުރާނެ ފެރީތަކެކެވެ.

ސަރުކާރުގެ އަމާޒަކީ 2023 ނިމެންވާއިރަށް ހުރިހާ ރަށަކަށް ފެރީ ނިޒާމު ފުޅާ ކުރުމެވެ.