Advertisement

ތައިލެންޑް އަތުން ނަތީޖާއެއް ނެރެން 100 ޕަސެންޓް ދޭނަން: އަކުރަމް

8 ޖޫން 2022 - 08:21 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މާޗް މަހު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ގައުމީ ކެޕްޓަން އަކުރަމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ތައިލެންޑް އަތުން ނަތީޖާއެއް ނެރެން 100 ޕަސެންޓް ދޭނަން: އަކުރަމް

8 ޖޫން 2022 - 08:21 0

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ތައިލެންޑް އަތުން ނަތީޖާއެއް ނެރެން 100 ޕަސެންޓް ދޭނެ ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނެނީ އުޒްބެކިސްތާނާއި ތައިލެންޑް އަދި ސްރީ ލަންކާއާ އެއް ގްރޫޕެއްގަ އެވެ. މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެނީ އުޒްބެކިސްތާންގަ އެވެ.

ރާއްޖޭން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ކުޅޭނީ ތައިލެންޑާ ދެކޮޅަށެވެ. ތައިލެންޑް މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކުރަމް ބުނީ ތައިލެންޑަކީ ވަރުގަދަ ޓީމެއް ކަން އެނގޭ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ކޯޗު މޮރިއޭރޯ (ކ) އާއި އަކުރަމް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


"ތައިލެންޑަކީ ކިހާ ވަރުގަދަ ޓީމެއްކަން އެނގޭ. އަހަރެމެން މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން މި ތިބީ. މާދަމާގެ މެޗުން އެކަން ދައްކަން ބޭނުން. އަހަރެމެން 100 ޕަސެންޓް ދޭނަން ރަނގަޅު ނަތީޖާއެއް މި މެޗުން ނެރެން،" އަކުރަމް ބުންޏެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ.

މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަަލަށެވެ. ޗައިނާ އިން ކޮވިޑާ ހެދި އޭޝިއަން ކަޕް ހޯސްޓްކުރުން ވަނީ ދޫކޮށްލައިފަ އެެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަކީ ރާއްޖޭގެ ޓާގެޓެވެ. ރާއްޖެ ހިމެނޭ ގްރޫޕްގެ ފޭވަރިޓަކީ އުޒްބެކިސްތާނެވެ. މި ގްރޫޕްގެ ދެ ވަނަ އަށް ވާދަކުރާނެ ކަމަށް ބެލެވެނީ ރާއްޖެ އާއި ތައިލެންޑް އެވެ. އެހެންވެ، މިއަދު ތައިލެންޑް އަތުން ނަތީޖާއެއް ނެރުން ރާއްޖެ އަށް ވަރަށް މުހިއްމުވާނެ އެވެ.

މީގެ ކުރިން ސީނިއާ ފުޓްބޯޅައިގައި ރާއްޖެ އާއި ތައިލެންޑް ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެ އެވެ. އެ ގޮތުން 1996 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިން ދެ މެޗެއް ކުޅުނުއިރު، ދެ ފަހަރު ވެސް ތައިލެންޑުން ވަނީ 8-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. ދެން، ރާއްޖެ އާއި ތައިލެންޑް ކުޅެފައިވަނީ 2012 ވަނަ އަހަރު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗު ނިމުނީ 3-0 އިން ތައިލެންޑް މޮޅުވެެގެންނެވެ.

މި ފަހަރުގެ ކޮލިފައިންއާ ކުރިމަތިލާއިރު، ރާއްޖެ އަށް އޮތް ގެއްލުމަކީ ކޮލިފައިން އަށް ތައްޔާރުވާން ކައިރި މުސްތަގުބަލެއްގައި މެޗެއް ކުޅެފައި ނުވުމެވެ. ރާއްޖޭން އެންމެ ފަހުން ކުޅުނު މެޗަކީ މިދިޔަ މާޗް މަހު މާލޭގައި ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވި މެޗެވެ.

އުޒްބެކިސްތާންގައި މިއަދު ތައިލެންޑާއި ރާއްޖެ ކުޅޭ މެޗު ފަށާނީ 17:00 ގަ އެވެ.