7 ޖޫން 2022 - 12:55 0
އާމިނަތު އިބްރާހިމް
7 ޖޫން 2022 - 12:55 0
ބޮޑު އީދަށް ބާކީ އޮތީ ބަރާބަރު މަހެކެވެ. އެކަމަކު ދ. މާއެނބޫދޫގެ ވައިގައި މިހާރުވެސް ބޮޑު އީދުގެ ފޯރި ހިފާލަތްޕެވެ. އީދުގެ ހަތް ދުވަހަށް ވާ ޕްލޭންތައް މުޅި ރައްޔިތަށް އަންގައި، ކުޅިވަރުތަކަށް ޓީމް ހޮވައި ނެށުމުގެ ހަރަކާތްތަކުގެ ޕްރެކްޓިސްތައް ފަށައިފި އެވެ. އެއީ ބާރަ ވަރަކަށް އަހަރު ފަހުން މާއެނބޫދޫ އަށް އެރަށުގެ އަސްލު ފޯރީގައި އީދު ގެނައުމަށް ރަށުގެ ކައުންސިލާއި ރައްޔިތުންނާއި ޖަމިއްޔާތައް ގުޅިގެން ކުރާ ބޮޑު މަސައްކަތަކާއި ހޭދައެކެވެ.
"މިރަށަކީ ވަރަށް ކުރިއްސުރެ ކުލަގަދަކޮށް އީދު ފާހަގަކުރުން އޮންނަ ރަށެއް. އެކި ކަހަލަ މުބާރާތްތައް ބޭއްވުމާއި ސަގާފީ ކުޅިވަރު ކުޅުމާއި ބޮޑުމަސް ދުއްވުން ކަހަލަ ކަންކަން އޮވޭ. އެކި ކަހަލަ ސަބަބުތަކާ ހުރެ އެކަންކަން ހުއްޓިފައި އޮތީ. ކުރީގެ އެ ފޯރީގައި އީދު ފާހަގަ ނުކުރާތާ ވަރަށް ގިނަ އަހަރު މިވީ،" ކައުންސިލްގެ ނައިބުރައީސް އަހުމަދު ގައްސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބޭނުންވަނީ އީދު ފާހަގަކުރުމުގެ ސަގާފަތް އަލުން ދިރުވައި ރައްޔިތުންގެ އެކުވެރިކަން އިތުރުކުރުން ކަމަށެވެ. އަދި ރަށުން ބޭރުގައި ތިބި ރަށުގެ އާއިލާތައް ރަށަށް ޒިޔާރަތްކުރާނެ ސަބަބެއް ދެއްކުމަކީ ވެސް އީދު 'ބޮޑު'ކޮށް ފާހަގަކުރާ އެއް ބޭނުން ކަމަށް ވެސް ވިދާޅުވި އެވެ.
"ކަމެއް ނެތިއްޔާ މީހުން ބޭނުމެއް ނުވާނެ އަންނަން. އެހެންވީމަ އަޅުގަނޑުމެންގެ ބޭނުމަކީ ކުރީގެ އެ ފޯރި ރަށަށް ގެނައުން. ލޯކަލް ޓޫރިޒަމް ވެސް ރަށަށް ގެނައުން. އުންމީދުކުރަނީ މިފަހަރު މާއެނބޫދޫ އަށް އަންނާނީ އުފާވެރި ޖޯޝު އޮތް އީދެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން މާއެނބޫދޫގެ އީދު ކުޅިވަރުތައް ފަށާނީ ހައްޖު ދުވަހުގެ ރެއެވެ. އެރެއިން ފަށައިގެން ޖެހިގެން އަންނަ ހަފްތާގެ ހުކުރު ދުވަހާ ހަމައަށް އެކި ދުވަސްތަކަށް ބަހާލައިގެން ކުޅިވަރުތައް ކުރިއަށްގެންދާނެ އެވެ.
ގައްސާން ވިދާޅުވީ ކުޅިވަރުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އީދުގެ ޝޯ ދިނުމަށް އެރަށަށް ގިނަ އަދަދެއްގެ ތަރިންނާއި ފަންނާނުން ވެސް ދާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
"ރަށުގެ އާބާދީއާ ބަލާއިރު ފުޓްބޯލަކުޅެން ހަ ޓީމް ބައިވެރިވާތީ އެއީ ވަރަށް ބޮޑު ތަރުހީބެއް. ނެށުންތަކާއި ކުޅިވަރުތަކުގެ ޕްރެކްޓިސް މިހާރު ފަށައިގެން ކުރިއަށް އެބަދޭ،" ގައްސާން ވިދާޅުވި އެވެ.
މާއެނބޫދޫ އަކީ ގާތްގަނޑަކަށް ހާހެއްހައި މީހުންގެ އެކުވެރި އާބާދީއެއް އޮންނަ ރަށެކެވެ. ރަށް އޮންނަނީ ދ. އަތޮޅު އެއާޕޯޓް އޮންނަ ކުޑަހުވަދޫއިން ސްޕީޑް ބޯޓުގައި ފުރައިގެން ހަތް މިނެޓުން ދެވޭހާ ކައިރީގަ އެވެ. ރަށުގައި ގެސްޓްހައުސް އެއް ހުރެ އެވެ. އެރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ރަށުގެ އާންމުންގެ ގޭގެއިން ކޮޓަރި ދޫކުރެ އެވެ.
އެރަށުގެ ޒުވާނުން އެންމެ ގިނައިން އުޅެނީ ރިސޯޓް ވަޒީފާތަކުގަ އެވެ. ރަށުގައި ކުށްކުރުން މަދެވެ.
މާއެނބޫދޫ އަަކީ މިއުޒިކާއި ކުޅިވަރަށް ލޯބިކުރާ ތާރީހެއް އޮތް ރަށެކެވެ. އެރަށަކީ ކުރިއްސުރެ އީދުގެ ކުޅިވަރުތައް ބަލައިލަން ކައިރި ރަށްރަށުންނާއި ދުރުން ވެސް މިހުން ގޮސްއުޅޭ ރަށެކެވެ.
މިފަހަރުގެ އީދަށް 500 އަށްވުރެ ގިނަ މީހުން އެރަށަށް ޒިޔާރަތްކުރާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ.
Comment