Advertisement

ދިގު ވާހަކަ: މާޒީން ހިތި


ދިގު ވާހަކަ: މާޒީން ހިތި

ހަތަރު ވަނަ ބަޔާ ގުޅޭ

"މަޒީދު." ސަލާމަށް އަތްދިއްކޮށްލަމުން މަޒީދު އަމިއްލައަށް ތައާރަފުވި އެވެ.

އަހަރެން އަނގަޔަކުން ނުބުނަމެވެ. ސަލާމް ބަލައެއް ނުގަންނަމެވެ. މަޒީދުގެ މޫނަށް ބަލަން އިނީ އެވެ. ބަލައިބެލުމަށް މަޒީދަކީ ހިތްހެޔޮ ވައްތަރު ޖަހާ މީހެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ އެ ފަދަ ނިޝާންތަކެކެވެ. ފުން ދެ ލޮލާއި އޮމާން މޫނުމަތިން އޭނާގެ ސިއްރުތައް ފާޅުވާ ކަހަލަ އެވެ.

"ހަބީބަށް ވަރަށް އާދޭސްކޮށްގެން މިކަން މިވީ. ވަރަށް އުނދަގުލުން. އޭނާ އެއްބަސް ނުވަން ވަރަށް މަސައްކަތްކުރި." މަޒީދު ގޮނޑިން ތެދުވި އެވެ.

އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތައް އެކި ގޮތްގޮތަށް މުގުރަމުން ދިޔަ އެވެ. ރާޅަކަށްވުރެ ބިޔަ ބޮޑު ރާޅެއް ނަގަމުން ނަގަމުންނެވެ. ކޮންމެ ރާޅެއް ވެސް ގޮސް މުގުރައިލަނީ ސީދާ ހިތުގެ އެންމެ ފުނަށެވެ. އަހަންނަށް އަމިއްލަ އިނގިލިތަކާ ކުޅެވުނެވެ. ނޭވާ އަވަސްވެ މީހާ ހާސްވާ މިންވަރު އިތުރުވި އެވެ.

"އާދެބަލަ މި ކޮޅަށް." މަޒީދު އިށީނީ އެނދުގަ އެވެ.

ހިތަށް އެކި ޒާތުގެ ވަހުމުތަކާއި ހިޔާލުތައް ޖަމާވަމުން ދިޔަ އެވެ. މަޒީދުގެ ދަހިވެތި ކަމާއި އޭނާގެ އަމިއްލަ އެދުން ބޮޑުކަމުން ކުރެވެމުން ދިޔަ ޝަކުވާތައް މާ ގިނަ އެވެ. ކިރިޔާ ވެސް ރީތި ސިފައެއް ލިބިއްޖެ ނަމަ ހަމަ ކޮންމެ ފިރިހެނަކު ވެސް އަންހެނުންނަށް ހިތިވާނެ ކަމަށް މީހުން އެ ބުނާ ބުނުމަކީ ތެދެއް ކަމުގައި ގަބޫލުކުރެވެން ފެށުނެވެ. މަޒީދަށް ލިބުނީ ރީތި ސިފައެއް އެކަންޏެއް ނޫނެވެ. އޭނާއަކީ ފައިސާގެ މަތީގައި އުދުހޭ މީހެކެވެ. ފައިސާއަކީ އޭނާއަށް އެއްވެސް އެއްޗެއް ނޫނެވެ.

މުއްސަނދި ކަމެއް ލިބުނީމަ ދުނިޔެ ރަންވާ ޒާތުގެ މީހުންގެ ތެރޭގައި މަޒީދު ވެސް ހިމެނޭނެ ކަން އަހަންނަށް ޔަގީނެވެ. އެހެން ނޫންނަމަ ހަލާލު ފިރިމީހާގެ އަތުން އަނތްބަކު އެއް ރެޔަކަށް ނުގަންނާނެ އެވެ.

"މިޒޫ." މަޒީދު ވަރަށް ފަރުވާތެރިކަމާއެކު އަހަންނާ ދިމާއަށް ބަލައިލަމުން ގޮވާލި އެވެ.

ބަދަލުގައި އަހަރެން ބަލައި ވެސް ނުލައި އިނީމެވެ. އަޅައި ވެސް ނުލަމެވެ. ނަމަވެސް ސިއްރު ސިއްރުން އަހަންނަށް އޭނާއާ ދިމާއަށް ބެލެ އެވެ.

ހަގީގަތަކީ އެއީ އެވެ. މަޒީދަކީ ފިރިހެންވަންތަ ހުރިހާ ސިފައެއް ލިބިފައިވާ ފުރިހަމަ ރީތި މީހެކެވެ. އޭނާގެ އިސްކޮޅާއި ބައްޓަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އަޅައިގަންނަ ކަހަލަ ރީތި މޫނަކުންނެވެ. ކަނދުރާޔާ ހަމައަށް ދިގުކޮށްލައިފައިވާ ބޮލުގައި އިސްތަށިގަނޑެވެ. ނުބަލަން އިނަސް އަހަންނަށް ބެލެނީ އެހެންވީމަ އެވެ.

"އަހަންނަށް އެނގޭ މިޒޫގެ ހިތަށް ވަރަށް އެއްޗެހި އަރައި ފައިބަމުންދާނެކަން." މަޒީދު އަހަންނަށް އިޝާރާތްކޮށްލި އެވެ.

އޭނާގެ ހަރަކާތްތަކުން ބުނެދެމުން ދަނީ އޭނާއިން އެނދަށް ދިޔުމަށެވެ.

"އަހަންނަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން." އަހަރެން ސާބިތު ކަމާއެކު ބުނެލީމެވެ.

"މާނައަކީ؟" މަޒީދު ބަލައިލި އެވެ.

"ފައިސާއަށް ވިކޭނެ މީހެއް ނޫން. ހަބީބުގެ އަތުން ގަތީ އަހަރެންނެއް ނޫން." އަހަރެން ރުންކުރު ރާގެއްގައި ބުނެލީމެވެ.

"ދެން ކޮން އެއްޗެއް؟"

"ވަގުތު." ތުންފަތަށް ބާރުކޮށްލަމުން ބުނެލީމެވެ.

"މިޒޫގެ ފުރިހަމަ ކަމަށް އިތުރު ސިފައެއް އިތުރުވާ ޖަވާބެއް ތިޔައީ." މަޒީދުގެ ތައުރީފުގެ އަޑު އިވިފައި ހައިރާންކަމާއެކު އޭނާގެ މޫނަށް ބަލައިލެވުނެވެ.

"އާނ! އައި ލައިކް އިޓް."

"އަސްލު ބޭނުމާއި މަގުސަދަށް ދެވޭނީ ކޮންމެ ވެސް ވަރަކަށް ވާހަކަ ދެކެވިގެން." މަޒީދު ކޮޅަށް ތެދުވި އެވެ.

އޭނާ އައީ ސީދާ އަހަންނާ ދިމާއަށެވެ. އެކި ފަހަރު އެކި ކަންތައް ހިތަށް ފުންމަމުން ދިޔަ އެވެ. ކޮޓަރިން ނުކުމެ ދުވެ ފިލަންވީއޭ ހިތަށް އެރި އެވެ. މަޒީދުގެ ދަހިވެތި ހިތާއި އޭނާގެ އަމިއްލަ އެދުމުގެ ފާޓު ފުޅާކަމުގެ ވާހަކަ ސީދާ އޭނާއާ ދިމާއަށް ގޮވާލަންވީ އޭ ވެސް ހިތަށް އެރި އެވެ.

"ފޮރުވާނެ މަގުސަދެއް އެބަ އޮތްތަ؟" އަހަރެން ބުނެލީމެވެ.

"ވަރަށް ބޮޑު." މަޒީދު އައިސް ހުއްޓިލީ އަހަރެން ކުރިމަތީގަ އެވެ.

މަޒީދު ތިރިވެލި އެވެ. އަހަރެން އިން ގޮނޑި ކައިރިއަށެވެ. އަހަންނަށް ބަލައިލެވުނީ މަޒީދުގެ މޫނަށެވެ. އޭނާ ވެސް ބަލައިލީ އަހަރެންގެ މޫނަށެވެ. ސުބުހާނަﷲ އެވެ. މަޒީދަކީ އިންސާނެއް ބާވަ އެވެ. އެއީ ރީތިކަމާއި ފުރިހަމަ ކަމުގެ މިސާލެކެވެ. ފުން ދެ ލޮލާއި އޭނާގެ ފުރިހަމަ ރީތި ތުންފަތުގެ ދަހިވެތި ކަމުގައި ހިތްތައް ދީވާނާ ވެދާހާވެ އެވެ.

"މިޒޫއަށް އަދި ނުވިސްނޭނެ." މަޒީދު ބުނެލި އެވެ.

ނުވިސްނިގެން މިއުޅެނީ އަހަންނަށް ހެއްޔެވެ؟ ނޫނީ މަޒީދަށް ހެއްޔެވެ؟ ނޫންނަމަ ހަބީބަށް ހެއްޔެވެ؟ ހިތުގައި އެތައް ސުވާލެއް ތަކުރާރުވަމުން ދިޔަ އެވެ. އެއަށްވުރެ ބޮޑަށް އިސްކުރެވެމުން ދިޔައީ ރުޅި އެވެ. ހިތަށް ގިނަވަމުން ދިޔައީ ޝަކުވާތަކެވެ.

"ހިތަށް އަރާ ދޯ އަހަރެން މީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެކޭ." މަޒީދު ބުނެލި އެވެ.

"ނާރުވަން ހުއްޓަސް އަރާނެ ދޯ." އަހަރެން ވެސް ބުނެލީމެވެ.

"ކީއްކުރަން މިހާ ބޮޑު އަގުގައި މި ގޮތަށް މިޒޫގެ ވަގުތު އަހަރެން މިގަނެލީ؟"

"އަމިއްލަ އެދުން ބޮލަށް އަރައިފަ ހުރި ވަރުން. ތިމާއަކީ މުއްސަންޖަކަށް ވާތީ ނިކަމެތިންނަކީ އެއްވެސް އަގެއް ނެތް ބަޔެއްކަން އަންގައިލަން. ތިމާމެންގެ މުށުގެ ތެރެއަށް ނިކަމެތިން ލެވޭނެ ކަން އަންގައިލަން." އަހަންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފީމެވެ.

"މިޒޫގެ ކޮންމެ ޖަވާބަކުން އަހަންނަށް ކުރެވެނީ އުފާވެރި އިހުސާސެއް."

"ތިމާއަކީ ބާރުގަދަ، ނުފޫޒުގަދަ މީހެއް ކަމަށް އަމިއްލައަށް ގަބޫލުކުރާ ކޮންމެ މީހަކަށް ކުރެވޭނީ ތި ކަހަލަ އިހުސާސެއް." އަހަރެން ދުރަށް ބަލައިގެން އިނދެ ބުނީމެވެ.

"ފުރަތަމަ ކަމަކަށް މިޒޫގެ ހިތުގެ ޝަކުވާތައް ހުސްކޮށްލާ."

"ހުހެއް ނުވާނެ. ދުވަހަކު ވެސް ނުވާނެ. މިރެއަށްފަހު މި ޝަކުވާތައް އިތުރުކަން ނޭނގެވާނީ."

"އެ ކީއްވެ؟" މަޒީދުގެ މޫނު މައްޗަށް ދެ ތިން ރޫ އިތުރުވި އެވެ.

"ހަލާލު ފިރިމީހާގެ ނިކަމެތިކަން ހަނދާންކޮށްދީ، އޭނާގެ އަތުން ބޮޑު އަގުގައި އަނތްބަކު ގަނެގެން މި ޖަހަނީ ކޮން ސަކަރާތެއް؟ މި ހުރިހާ ކަމެއްގެ ނިމިގެން ދާނީ އަހަރެންގެ އަމިއްލަ ނަފުސުގެ ނިކަމެތިކަމާއި އަމިއްލަ ޖިސްމުގެ އަގެއް ނެތްކަން ހަނދާންކޮށްދީފަ." ލަސްލަހުން ނަމަވެސް އަހަރެން ބުނާން ބޭނުންވި ހުރިހާ ވާހަކައެއް ބުނެ ނިންމައިލީމެވެ.

"ތިޔަ ޝަކުވާތަކާއި ތިޔަ ވިސްނުން ނުވިސްނާނެ އެއްވެސް މީހަކު ނުހުންނާނެ." މަޒީދު ބުނެލި އެވެ.

"އެ ވަރުން ވެސް ދެން އަހަރެން ކުރާންވީ އުފާތަ؟"

"ހިތަކަށް ނާރާތަ؟" މަޒީދު ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

މަޒީދު ހިފީ އަހަރެންގެ އަތުގަ އެވެ. އޭނާ ކޮޅަށް ތެދުވި އެވެ. އަހަންނަށް އިތުރު ގޮތެއް ނެތެވެ. ގަދަ ހަދައި އަޑުގަދަކޮށް ހަޅޭއްލަވަން ބޭނުންވި އެވެ. ނަމަވެސް އެކަން ކުރުމުގެ ބޭނުމެއް މާނައެއް ނެތެވެ. އަހަރެން މިވަނީ އަގު ޖެހުމުން ވިއްކާލައިފަ އެވެ.

ލަސް ފިޔަވަޅުތަކެއް އަޅަމުން މަޒީދުގެ ފަހަތުން އަހަރެން ދިޔައީމެވެ. ދާން ބޭނުންވެގެންނެއް ނޫނެވެ. ދާހިތްވާތީ އެއްވެސް ނޫނެވެ. އެ ނޫން ގޮތެއް ނެތިގެންނެވެ. އަހަންނަކީ ވިކިފައިވާ މުދަލެއް ކަމަށްވާތީ އެވެ. އަހަންނަށް ހެދޭނެ އެއްވެސް ގަދައެއް ނެތެވެ. އަމިއްލަ ނަފުސާއި ޖިސްމުގެ ދިފާއުގައި ކުރާނެ ކަމެއް ނެތެވެ. ކުރެވޭނެ ކަމެއް ވެސް ނެތެވެ. މިއީ ވެސް ދުވަހެކެވެ. މިއީ ވެސް ތަޖުރިބާއެކެވެ. ހިތިވާނެ ތަޖުރިބާއެކެވެ. މި ތަޖުރިބާގެ އަލީގައި އެތައް ކަމެއް ދަސްކުރެވިދާނެ ކަމަށް ވިސްނާނީ އެވެ.

އަހަރެންގެ މުޅި ހަށިގަނޑުގައި ޖަހަމުން ދިޔަ ވިންދު އަވަސްވަމުން ދިޔަ އެވެ. ނޭނގޭ ތުރުތުރެއް މުޅި ގައިގައި ދުވަމުން ދިޔަ އެވެ.

މަޒީދު އިޝާރާތްކޮށްލީ އެނދަށެވެ. އިށީންނާށޭ ބުނާ ފަދަ ގޮތަކަށެވެ. އޭނާގެ ހަރަކާތް އަހަންނަށް މާނަ ކުރެވުނީ މުޅީން ތަފާތު ކޮށްނެވެ.

"އަހަންނަށް މި ނޫން ގޮތެއް ނެތްތަ؟" އަމިއްލަ ޖިސްމުގެ ދިފާއުގައި ތެދުވެ ވުނެވެ.

މަޒީދު ހިނިތުންވެލީ އެވެ.

"މާނައަކީ؟" ދެ ލޮލަށް ގޮތެއް ހަދައިލަމުން އަހަންނަށް ބަލައިލެވުނެވެ.

މަޒީދުގެ މޫނު މަތިން ފެންނަނީ އުފާވެރި ކަމެވެ. ހިނިތުންވުމެވެ. އަހަންނަށް އެ ހިނިތުންވުން ވެސް މާނަ ކުރެވެމުން ދިޔައީ މުޅީން ތަފާތުކޮށްނެވެ. ނެގެމުން ދިޔައީ އެހެން މާނަތަކެކެވެ.

"އެބަ އަންނަން ފާޚާނާއަށް ވަދެ ލައިފަ. އޭގެފަހުން ދޯ." މަޒީދު ހިނގައިގަތީ ފާހާނާއާ ދިމާއަށެވެ.

އަހަންނަށް ޔަގީން ކުރެވެން ފެށުނެވެ. މަޒީދުގެ ބޭނުމެވެ. އޭނާގެ މަގުސަދެވެ. އެއީ އާއްމު ފޯމިއުލާ އެވެ. އާއްމު އުސޫލެވެ. މަޒީދު ވެސް އެ ހިނގަނީ އެ މަގުންނެވެ. އިސް އެކުރަނީ އެ ކަމެވެ. ދެން އޮންނާނީ ހަނގުރާމަ އެވެ. ހަނގުރާމައިގެ މައިދާނެވެ. ގުޅަކުޅާ ފަސްގަނޑެވެ. ބަނޑު މުސާރައަށް ބެއްދުމެވެ. ކާމިޔާބު ވާނީ ކާކު ކަމެއް ނޭނގެ އެވެ. ކުޅިފަސް ހޯދާނީ ކާކު ކަމެއްކަން ވެސް ނޭނގެ އެވެ.

މަޒީދާ އަޅައިބަލާއިރު އަހަންނަކީ ހިންޏެކެވެ. ނިކަމެތި ހަށިގަނޑެއްގެ ވެރިޔެކެވެ. ތަޖުރިބާގެ ގޮތުން ދަށް މީހެކެވެ.

ކުއްލިއަކަށް މޮޅު ހިޔާލެއް ވެރިވި އެވެ. މަޒީދު ފާހާނާއިން ނުކުންނަށްވާއިރަށް ދުވެ ފިލުމެވެ. ފިލައި ރައްކާވުމެވެ. އޭރުން މި ހަނގުރާމައިން ސަލާމަތްވާނެ އެވެ. މުޅި އުމުރަށް އުފުލަން ޖެހޭނެ ހިތްދަތިކަމަކުން މިންޖުވެވޭނެ އެވެ. އިތުރު ގޮތެއް ނެތެވެ.

އެ ހިޔާލާ މެދު ދެތިން ފަހަރު ވިސްނައިލީމެވެ. ދެތިން ނަޒަރުންނެވެ. ހިތް ބުނެލީ އެއީ ރަނގަޅު ގޮތެއް ކަމަށެވެ. އެހެންވެ އަވަސް އަވަހަށް ކޮޅަށް ތެދުވެލީމެވެ. ލަސްލަހުން މަޑުމަޑުން ސިއްރުސިއްރުން ފިޔަވަޅުތައް އަޅަމުން ގޮސް ތަޅުގައި ހިފައިލީމެވެ.

"މިޒޫ." މަޒީދު ގޮވާލި އެވެ.

އަހަންނަށް ބަލައިލެވުނީ ފަހަތަށެވެ. އެއާއެކު ދެ ލޯ ބޮޑުވި އެވެ.

(ނުނިމޭ)