Advertisement

ޔޫކްރެއިނަށް މިސައިލް ފޯރުކޮށްދީފި ނަމަ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ޕުޓިން ދެއްވައިފި

6 ޖޫން 2022 - 13:04 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޔޫކްރެއިނަށް މިސައިލް ފޯރުކޮށްދީފި ނަމަ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ޕުޓިން ދެއްވައިފި

6 ޖޫން 2022 - 13:04 0

ލަންޑަން، ޔޫކޭ (ޖޫން 5) - ދިގު ރާސްތާ މިސައިލް ޔޫކްރެއިނަށް ފޯރުކޮށްދީފިނަމަ އިތުރު ތަންތަނަށް ހަމަލާދީ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ދެއްވައިފި އެވެ.

އެމެރިކާ އިން ވަނީ ޔޫކްރެއިނަށް ވެރިވެގަންނަން މަސައްކަތްކުރާ ރަޝިއާ ސިފައިންނާ ސީދާ އަމާޒަށް ހަމަލާ ދިނުމުގެ ގާބިލުކަން ޔޫކްރެއިނަށް ލިބޭނެ ފަދަ މިސައިލް ފޯރުކޮށްދޭނެ ކަމަށް ހާމަކޮށްފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރަޝިއާގެ ދައުލަތުގެ ޓީވީ ޗެނަލަކަށް ރައީސް ޕުޓިން ވިދާޅުވީ އެ މިސައިލްތައް ދީފިނަމަ މިހާތަނަށް ހަމަލާ ދީފައި ނުވާ ތަންތަނަށް ހަމަލާ ދޭނެ ކަމަށެވެ. ނަމަވެސް، އެއީ ކޮން ތަންތަނެއް ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.

ޔޫކްރެއިނަށް ހަތިޔާރުގެ އެހީ ދޭނެ ކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން ދައްކަމުންދާ ވާހަކަތަކީ ހަނގުރާމަ ދިގު ދެންމުމަށް ކުރަމުންދާ ކަންކަމުގެ ގޮތުގައި ޕުޓިން ސިފަކުރެއްވި އެވެ.

ހުޅަނގުން މިސައިލް ފޯރުކޮށްދިން ނަމަވެސް ހަނގުރާމައިގެ މައިދާނަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް މީގެކުރިން ވެސް ޕުޓިން ވިދާޅުވެފައިވެ އެވެ.

މީގެކުރިން އެމެރިކާ އިން ވަނީ މިފަދަ ސިސްޓަމްތައް ޔޫކްރެއިނަށް ދޭން ދެކޮޅު ހަދާފަ އެވެ. އެއީ، އެ ސިސްޓަމްތައް ބޭނުންކޮށްގެން ޔޫކްރެއިނުން ރަޝިއާ އަށް ހަމަލާދީފާނެ ކަމުގެ ބިރު އޮތުމުންނެވެ.

އެމެރިކާގެ އިތުރުން ޖަރުމަނުގެ ސަރުކާރުން ވެސް ވަނީ ޔޫކްރެއިނަށް އެއާ ޑިފެންސް ސިސްޓަމެއް ފޮނުވާނެ ކަމަށް ވައުދުވެފަ އެވެ.