Advertisement

ބޭއިންސާފާއި ހަމަހަމަ ކަމުގެ ބަހުސާއެކު އިސްދޫ-ކަލައިދޫގެ ބޯޑަރު ފުހެލުމުގެ އަރާރުން

31 މޭ 2022 - 11:45 8

ނާޒިމް ހަސަން

ނާޒިމް ހަސަން

އިސްދޫ-ކަލައިދޫ ގުޅޭ މަގު: އިސްދޫއާ ކަލައިދޫ އެއްކޮށްލަން ގޮވާލައި އިއްޔެ އިސްދޫގައި މުޒާހަރާ ކުރި - ފޮޓޯ: އަހުމަދު ނަދީމް (ނަޑޭ)


ބޭއިންސާފާއި ހަމަހަމަ ކަމުގެ ބަހުސާއެކު އިސްދޫ-ކަލައިދޫގެ ބޯޑަރު ފުހެލުމުގެ އަރާރުން

31 މޭ 2022 - 11:45 8

ހިޔާލު ތަފާތުވުންތައް އަބަދުވެސް ބޮޑު, ލާމު އަތޮޅު އިސްދޫ އަދި ކަލައިދޫއާ ދެމެދު އަނެއްކާވެސް ވަނީ ނުތަނަވަސްކަމެކެވެ; އެއް ފަސްގަނޑެއްގައި އޮތް އެ ދެ އަވަށް, ވަކި ދެ ރަށެއްގެ ގޮތުގައި ހިންގުމަކީ އިސްދޫން ގަބޫލުކުރާ ގޮތުގައި ގޯހެކެވެ. ކަލައިދޫން ގަބޫލުކުރާ ގޮތުގައި, އެއީ އިންސާފެވެ. ނިމުމެއް ނެތް މި ވާދައަށް އަނެއްކާވެސް އޮތީ ގޮތެއް ހޯދަން ޖެހިފަ އެވެ.

އިސްދޫ އަދި ކަލައިދޫ, ލާމަރުކަޒީ އުސޫލުން ހިންގުމަށް އެއީ އެއް ރަށެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަނޑައެޅުއްވި އެވެ. އޭގެފަހުން, އެ ތަނުގައި އިސްދޫ-ކަލައިދޫ ކައުންސިލް އޮތްއިރު, ރަށުގެ ބިން އޮތީ އިސްދޫގެ ނަން މަތީގަ އެވެ. ދެ ރަށުގެ މެދަށްހުރި ހެލްތު ސެންޓަރުގެ ނަން, އިސްދޫ ހެލްތު ސެންޓަރަށް ބަދަލުކުރި އެވެ.

އެކަމަކު, އެގޮތުގައި އޮތީ އެންމެ ދެ އަހަރެވެ. ކަލައިދޫ ރައްޔިތުން އެ ގޮތް ބޭނުން ނުވެ, ހިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް ގިނަވެ ކުރީގެ ރައީސް އަބްދުالله ޔާމީން ނިންމެވީ އިސްދޫ އަދި ކަލައިދޫއަކީ ވަކި ދެ ރަށެއްގެ ގޮތުގައި ހިންގުމަށެވެ. މިހާތަަނަށް އެ އޮތީ އެ ގޮތަށް އިސްދޫ ކައުންސިލާއި ކަލައިދޫ ކައުންސިލެވެ. އެކަމަކު, އޭރުގެ ސަރުކާރުން ދެ ރަށުގެ ބޯޑަރުގެ ގޮތުގައި ލައިނެއް ކުރަހާލާފައި ދިނީ ކުލަ ވެސް ނުވާ މެޕެއްގަ އެވެ.

ޒަމާނުންސުރެ ދެ އަވަށުގެ އިހްތިސޯސް ކަމުގައި އެ ރައްޔިތުން ގަބޫލުކޮށްގެން ތިބީ ބުރިކޮށްލި މަގުގެ ދެ ފަރާތެވެ. އެ ތަނުގެ މެދުގައި ހުރީ ހެލްތު ސެންޓަރެވެ. އެއް ސެންޓަރުގެ އެއް ފަޅިއަކީ ކަލައިދޫ ކޮޅެވެ. އަނެއް ފަޅިއަކީ އިސްދޫ އެވެ. އެ ދިމާއަށް ދެ އަވަށު އަންހެނުން ވެސް ނުކުމެ ކުނި ކަހައި ސާފުކޮށް އުޅޭއިރު, މިއީ އާންމުކޮށް ހިޔާލު ތަފާތުވުންތައް އުފެދޭ "ބޯޑަރު ސަރަހައްދު" އެވެ.

އިސްދޫ އަދި ކަލައިދޫ އިހްތިސޯސް


މިފަހުން, ދެ ރަށުގެ މެދުގައި މަސްރަހު ގޯސްވީ ވެސް ކުނި ކަހާ ސަރަަހައްދުގަ އެވެ. އެގޮތުން, ކަލައިދޫގެ ބައެއް ކަމުގައި ބަލައިގެން އުޅޭ ސަރަހައްދެއް ސާފުކުރަން އިސްދޫ އަންހެނުން އުޅުނު ކަމަށް ތުހުމަތުކުރެ އެވެ. އެކަން ކަލައިދޫ ކައުންސިލުން ހުއްޓުވީ ކަމަށް ވެސް ބުނެ އެވެ. އިސްދޫން ބުނާ ގޮތުގައި އެއީ އެމީހުން ޒަމާނުއްސުރެ ބަލަހައްޓަމުން އަންނަ ތަނެކެވެ. އެކަމަކު, ކަލައިދޫން ބުނަނީ އެއީ އެމީހުންގެ ސަރަހައްދެއް ކަމާއި އެތަން ސާފުކޮށް ބަލަހައްޓަނީ ވެސް އެ ރަށުން ކަމުގަ އެވެ. މިކަމުގައި އިއްޔެ ލ. އިސްދޫގެ ކައުންސިލް އިދާރާ ދޮށަށް އެ ރަށުގެ އަންހެންވެރިން ނުކުމެ އަޑުއުފުލި އެވެ.

އިސްދޫން ބުނަނީ މިހާރު އޮތީ ހަމަހަމަކަމެއް ނޫންކަމަށް

"އިހްތިސޯސްގެ މައްސަލަތަކެއް މިހާރު އުފެދިގެން މި އުޅެނީ, ސަރުކާރުން ކުރަހާލާފައި ދިން ލައިންއާއެކު ހަމަހަމަކަން ގެއްލި, ހައްގުތައް ގެއްލިފައިވާ ކަމަށް އިސްދޫގެ މީހުން ގަބޫލުކުރޭ," އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވި އެވެ.

އިބްރާޙިމް ހަލީލް ވިދާޅުވި ގޮތުގައި, މިފަދަ އިހްތިސޯސީ މައްސަލަތައް ރައްޔިތުންގެ މެދުގައި އުފެދެން ފެށީ ދެ އަވަށުގައި ދެ ކައުންސިލް ހިންގަން ފެށުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި, އިސްދޫން ބޭނުން ވަނީ އެއް ކައުންސިލެއް ހިންގުމަށެވެ. އެއީ, ލ. ގަމުގައި ވެސް ހިންގާ އުސޫލުންނެވެ.

ލ. ގަން ކުރިން ހިންގަމުން ދިޔައީ ތިން އަވަށް ވަކިވަކިންނެވެ. ނަމަވެސް, މިހާރު ރާއްޖޭގައި ބިމުގެ ގޮތުން އެންމެ ބޮޑު ރަށް ހިންގަމުން ދަނީ ތިން އަވަށުގެ ބައިވެރިވުން އޮންނަ ގޮތަށް އެއް ކައުންސިލަކުންނެވެ.

އިސްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ, އިސްދޫ-ކަލައިދޫ ވެސް އޮންނަންވީ އެގޮތަށް ކަމާއި ދެ އަވަށެއް, ވަކި ދެ ރަށް ގޮތުގައި އެތަން ވަކި ތަފާތު އުސޫލަކުން ހިންގަން ޖެހޭ ސަބަބެއް ނެތެވެ.

އިސްދޫ ރައްޔިތުން އިއްޔެ ކައުންސިލް ދޮށުގައި އަޑު އުފުލަނީ -- ފޮޓޯ: ފަޔާޒް ހުސައިން


ވާދަވެރިކަން ބޮޑު ދެ އަވަށުގެ ތެރެއިން އާބާދީގެ ގޮތުން ބޮޑީ އިސްދޫ އެވެ. އެ ރަށުގެ އާބާދީ 1400 އަށް އަރާއިރު ކަލައިދޫގެ އާބާދީ އަރަނީ 1000 އަށެވެ. އިސްދޫ-ކަލައިދޫ އެއްކޮށް އެއް ކައުންސިލެއްގެ ގޮތުގައި ހިންގަން އެއްބަސްނުވެވޭނަމަ, އިސްދޫ ރައްޔިތުން ދެން ބޭނުން ވަނީ އާބާދީގެ ގޮތުން ބިން ކަނޑައެޅުމަށެވެ.

އެގޮތުން އިސްދޫ އަދި ކަލައިދޫ ހިމެނޭ ގޮތަށް އޮތް 350 ހެކްޓަރުގެ ބިން, ބޮލަކަށް ޖެހޭ ވަރަށް ބައިކޮށް, ދެ ރަށުގެ އިހްތިސޯސް ނުވަތަ ބިމުގެ ސަރަހައްދު ކަމުގައި ކަނޑައެޅުމަށް އެމީހުން ޑިމާންޑްކުރެ އެވެ. އެ ރަށު ކައުންސިލްގެ ރައީސް ހަލީލް ފާހަގަކުރެއްވި ގޮތުގައި, އާބާދީއަށް ބަލާއިރު އެންމެ އިންސާފުވެރި ގޮތަކަށް ވާނީ އެގޮތެވެ. ނޫންނަމަ, އިސްދޫގެ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާކަން އެމީހުން ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.

ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމަށް އިސްދޫ ރައްޔިތުން ވަނީ އެ ރަށު ކައުންސިލަށް ތިން ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެމީހުން މުޒާހަރާ ހުއްޓާލައިގެން ތިބީ އެ މުއްދަތަށެވެ. އެކަމަކު, ކަލައިދޫ ކައުންސިލުން ގަބޫލުކުރާ ގޮތުގައި, މިކަމަކީ އެ ރަށަށް އަންނަން އޮތް ތަރައްގީގެ ކަންކަން ހުއްޓުވުމުގެ އުކުޅުކެވެ.

އެއްކޮށްލުމަކީ ކަލައިދޫއަށް ބޭއިންސާފެއް, ހަމަހަމައެއް ނޫން

ކަލައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މާޖިދު ވިދާޅުވި ގޮތުގައި, އިހްތިސޯސް ކަނޑައަޅައި, ރައީސް ގެޒެޓްކުރެއްވި ހިސާބުން ކަލައިދޫގެ އިހްތިސޯސް ތެރޭ ހިމެނޭ ހުރިހާ ބިމެއްގެ ބާރުވެރިކަން އޮންނާނީ ކަލައިދޫ ކައުންސިލަށެވެ. އެ ބިންތައް ބޭނުން ކުރާނެ ގޮތް ކަނޑައެޅުމަށް ލޭންޑް ޔޫސް ޕްލޭން ވެސް ހަދަމުންދާ ކަމާއި އެއީ ކަލައިދޫގެ ހައްގެއްކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް, އިސްދޫގެ ބޭނުމަކީ އެކަން ހުއްޓުވުން ކަމުގައި ތުހުމަތު ކުރެއްވި އެވެ.

މާޖިދު ފާހަގަކުރެއްވި ގޮތުގައި, ކަލައިދޫގެ އާބާދީ, އިސްދޫއަށްވުރެ މަދުވުމުން, އެ އަވަށް އެއް ރަށެއްގެ ގޮތުގައި އެއް ކައުންސިލެއްގެ ދަށުން ހިންގުމުން, ކަލައިދޫއަށް ބޭއިންސާފާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން, އިސްދޫއަށް ކައުންސިލްގެ ކޮންޓްރޯލް ލިބި, ހަމައެކަނި އެ އަވަށުގެ ރައްޔިތުންނަށް ފަހިވާ ގޮތަށް ކަންކަން ކުރަމުންދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކަލައިދޫގެ އާންމުން ބަލަހައްޓަމުން ދިޔަ ދަނޑު ބިންތައް ވެސް ކައުންސިލުން ބޭނުން ބަޔަކަށް އޭރު ދެމުން ދިޔަ, އެއްވެސް ގޮތަކަށް އޭރު އޮތީ ހަމަހަމަކަމުގެ އުސޫލެއް ނޫން, ރައްޔިތުންގެ ބިންތަކެއް ދޫކޮށްލަން ކަލައިދޫ ރައްޔިތުން ވެސް ބޭނުމެއް ނުވާނެ," އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި ގޮތުގައި, އެއް ރަށެއްގެ ގޮތުގައި އިސްދޫ-ކަލައިދޫ ނުހިންގި, 2014 ވަނަ އަހަރު, ދެ ރަށެއްގެ ގޮތުގައި ކަނޑައަޅަން ޖެހުނީ އެހެންވެ އެވެ. ދެން ވެސް އެއީ އެއް ރަށެއްގެ ގޮތުގައި ހަދަން ކަލައިދޫ މީހުން އެއްބަހެއް ނުވާނެ އެވެ. އަދި, ހާއްސަކޮށް އިސްދޫ މީހުން ޑިމާންޑް ކުރާ ބިން, އާބާދީއަށް ބަލައިގެން ބެހުމުގެ ޑިމާންޑާމެދު ވަކިން ނުރުހެ އެވެ.

"މިއީ ދުނިޔޭގެ އެއްވެސް ތާކު އެކަން ކުރާ ގޮތެއް ނޫން, ދުނިޔޭގައި އެންމެ ގިނައީ ބިމުގެ މައްސަލަތައް, އެކަމަކު އާބާދީއަށް ބަލައި ބިމުގެ ސަރަހައްދު ކަނޑައެޅުމެއް ނޯވޭ, އެ ތަނެއްގެ ބިމުގެ ސަރަހައްދު ކަމުގައި ބަލަމުން އަންނަނީ ޒަމާނުއްސުރެ އެގޮތަށް ގަބޫލުކޮށްގެން ތިބި ސަރަހައްދަށް," މަޖީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި, ކަލައިދޫ ކަމުގައި ބަލައިގެން ތިބި ބިން ދޫކޮށްލުމަކީ އެ ރަށުގެ ރައްޔިތުން ވެސް ކުރާނެ ކަމެއް ނޫން ކަމާއި އެހެންވެ, މިކަމަށް އޮތް ހައްލަކީ ސަރުކާރުން ކަނޑައަޅާފައިވާ އިހްތިސޯސް ތެރޭގައި ދެ ރަށުގައި ކަންކަން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔުމެވެ.

ކަލައިދޫ ރައްޔިތުންތަކެއް --


ކަލައިދޫއާ ޖެހިގެން އޮންނަ ދަނބިދޫއާ ކޯސްވޭއަކުން ގުޅާލުމަކީ އެ ރަށު ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައި ތިބި ކަމެވެ. މަޖީދު ވިދާޅުވީ, އިސްދޫއާމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެއްޖެނަމަ, ކޯސްވޭގެ މަޝްރޫއުއަށް ސަރުކާރުން ސަމާލުކަން ދިނުމުގެ ބިރު އެ ކައުންސިލަށް އެބަ އޮތެވެ. އޭގެއިތުރުން, ކަލައިދޫގެ އިހްތިސޯސް ތެެރޭގައި އޮތް ދިޔަދޫ ސަރަހައްދުގެ ކުލި އެ ކައުންސިލަށް ލިބުމަކީ ވެސް އެމީހުން އެދޭ ކަމެކެވެ.

އިހްތިސޯސީ މައްސަލަތައް ގިނަވެދާނެ ކަމުގެ ބިރު

އިސްދޫ އާއި ކަލައިދޫގެ ހާލަތާ ތަފާތުވީ ނަމަވެސް, ރާއްޖޭގެ އެކި ރަށްރަށުގެ މެދުގައި އިހްތިސޯސީ މައްސަލަތައް ގިނަ ވެދާނެ ކަމުގެ އިންޒާރު ކައުންސިލްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް, މިދިޔަ ހަފުތާ ބަންދުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ވަނީ ހުށަހަޅާފަ އެވެ.

ގާނޫނުގައިވާ ގޮތުން, ކޮންމެ ރަށެއްގެ ވެސް އިހްތިސޯސްއަކީ އެ ރަށެއްގެ ބިމުގެ އުރަތުން ފެށިގެން 700 މީޓަރާ ހަމައަށެވެ. އެ ސަރަހައްދުގައި ފަޅެއް ނޫނީ މީހުން ދިރިނޫޅޭ ރަށެއްވާ ނަމަ އެ ތަނެއްގެ އިހްތިސޯސް ހިނގާނީ މީހުން ދިރިއުޅޭ އެ ރަށަކަށެވެ. ނަމަވެސް, ސޮފްޓްވެއާއަކުން މި ރޭޑިއަސް ނަގާއިރު, ކައިރިކައިރީގައި ހުންނަ މީހުން ދިރިއުޅޭ ރަށްރަށުގައި އިހްތިސޯސް ފުށުއަރާ ގޮތްވެ އެވެ. އެފަަދަ ދެ ރަށުގެ މެދަށް ފަޅެއް ވަދެއްޖެ ނަމަ, އެ ފަޅު ދެބައިކޮށް ދެ ރަށަށް ހަމަހަމަކޮށް ބަހާލަން ޖެހެ އެވެ.

މިއީ, އެންމެ މަސްލަހަތު ހުރި ގޮތަށްވުރެ ހިލާފުތައް އުފެދޭނެ ގޮތެއް ކަމެއް ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވަނީ ވިދާޅުވެފަ އެވެ. އިހްތިސޯސީ އަރާރުވުންތައް އުފެދިދާނެ ކަމުގެ މިސާލެއްގެ ގޮތުން, އޭނާ ފުރަތަމަ ވެސް ދެއްކީ ވ. އަތޮޅުގެ އިހްތިސޯސެކެވެ. އެގޮތުން ވ. އަތޮޅުގައި އެއް ވަރިއަކަށް އޮންނަ ތިނަދޫ, ފެލިދޫ އަދި ކެޔޮދޫއާ ދެމެދު އެފަދަ ހިލާފެއް އުފެދިދާނެ ކަމުގެ ބިރު ޝުޖާއުއަށް އެބަ އޮތެވެ. އެ ތިން ރަށް ކައިރިކައިރީގައި އޮތްއިރު ކޮންމެ ދެ ރަށެއްގެ ދެމެދަށް އޮތީ ފަޅެކެވެ.

ފެލިދޫގެ އިހްތިސޯސް ކަނޑައެޅި 700 މީޓަރުގެ ރޭޑިއަސް ނެގިއިރު, ކެޔޮދޫއާ ހަމައަށް އެ ރޭޑިއަސް އާދެ އެވެ. އެހެންވެ, ސަރުކާރުން ނިންމާފައި އޮތީ އެ ދެ ރަށުގެ ދެމެދަށް އޮތް ފަޅު އެއްވަރަށް ދެބައިކޮށް ދެ ރަށުގެ އިހްތިސޯސް ކަނޑައެޅުމަށެވެ.

"...އެއްވަރަށް ބަހާލާ ހިސާބު މިއީ މުސްތަގުބަލުގައި މައްސަލަ ޖެހޭނެ ހިސާބަކީ, މިސާލަކަށް ފަޅަކީ މުސްތަގުބަލުގައި ހަމަ ރަށް, އެ ބިން ހިއްކައިދާނެ, މިހާރު ވެސް އެ ތަންތަން ތަރައްގީކުރުމަށް ދެ ރަށު މީހުންނަށް އެއް ވިސްނުމެއް ނުވިސްނޭ, އެއް ބަޔަކު ބޭނުންވޭ ފަޅު ތެރެއިން އަންނަ ފިނޮޅު މައްޗަށް ދަތުރު ގޮސް އުޅެން, އަނެއް ބަޔަކު ބޭނުން ވަނީ ވެލި ނަގަން, އެހެންވީމަ މިހާރު ވެސް އެ އޮތީ ހިލާފު އުފެދިފައި," ޝުޖާއު އަލީ ވިދާޅުވި އެވެ.

ޝުޖާއު ގަބޫލު ކުރައްވާ ގޮތުގައި, މިކަމުގެ ހައްލަކީ ޕްރެކްޓިކަލްވުމެވެ. ރަށަކަށް އިހްތިސޯސް ކަނޑައަޅަނީ ކަމަށް ބުނުމަށްވުރެ, އެ ރަށަކަށް އެ އިހްތިސޯސްގެ ބޭނުން އެންމެ ރަނގަޅަށް ހިފި, އެންމެ މަސްލަހަތު ހުރި ގޮތެއް ހޯދުމެވެ. އެކަން ކުރެވޭނީ ޝުޖާއު ގަބޫލު ކުރައްވާ ގޮތުގައި, ކޮންމެ ރަށެއްގެ ވެސް ގުދުރަތީ އިންތައް, އެ ރަށެއްގެ އިހްތިސޯސް ކަމުގައި ބެލުމުންނެވެ.

"ހައްލަކީ ރާއްޖެއަކީ ގުދުރަތީ ގޮތުން އުފެދިފައިވާ ރަށްތަކެއް, އިހްތިސޯސް މި ހުންނަނީ ކަނޑައެޅިފައި, ކެޔޮދޫގެ އިހްތިސޯސްއަކީ އެ ރަށުގެ އުރަތުން ފެށިގެން ގޮސް ދެން އޮންނަ ފަޅު ފެށޭ ހިސާބަށް, އެ ހިސާބުން ފެލިދޫގެ އިހްތިސޯސް އެ އޮތީ ނިމިފައި, ދެން ފެށޭނީ އެއް ކަލަ ފަޅުގެ އިހްތިސޯސް," ޝުޖާއު ވިދާޅުވި އެވެ.

"އެކި ރަށުގެ އިންތައް ހުންނާނީ އެކި ވަރަށް, އެއީ މައްސަލައެއް ނޫން, އެހެން ރަށަކާ ފުށުނާރާ ޖާގަ އޮތްނަމަ އެންމެ ބޮޑުކޮށް ކަނޑައެޅޭނެ ލިމިޓެއްގެ ގޮތުގައި 700 މީޓަރު ބޭއްވިދާނެ, އެކަމަކު މުސްތަގުބަލުގައި ކޮންފްލިކްޓް އުފެދޭނެ ގޮތްތަކަށް އިހްތިސޯސް ކަނޑައެޅުން ހުއްޓާލަންވީ, އެއަށްފަހު ޖިއޯގްރިފިކް ގޮތުން އެންމެ ކޮންފްލިކްޓް ކުޑަ ގޮތަކަށް އިހްތިސޯސްތައް ކަނޑައެޅޭނެ ގޮތެއް ބަލަންވީ."