Advertisement

ބީޗްވޮލީ ރެފްރީ ހުސެން އޭވީސީ 19 އަހަރުން ދަށުގެ މުބާރާތަށް

31 މޭ 2022 - 08:15 0

ލަންކާގައި ކުރިއަށްދިޔަ ބީޗްވޮލީބޯޅަ މުބާރާތުގެ ތެރެއިން ހުސެއިން.--- ފޮޓޯ: އަދަދު


ބީޗްވޮލީ ރެފްރީ ހުސެން އޭވީސީ 19 އަހަރުން ދަށުގެ މުބާރާތަށް

31 މޭ 2022 - 08:15 0

ތަޖުރިބާކާރު ބީޗްވޮލީބޯޅަ ރެފްރީ, ހުސެއިން މުހައްމަދު (ހުސެން) އޭވީސީ 19 އަހަރުން ދަށުގެ މުބާރާތުގައި އިންސާފުކުރަން ތައިލެންޑަށް ގޮސްފި އެވެ.

ޖޫން 2-5 އަށް ތައިލެންޑްގެ ރޯއި އެޓްގައި ކުރިއަށްދާ ބީޗްވޮލީބޯޅަ މުބާރާތުގައި 23 ގައުމަކުން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ހުސެން ތައިލެންޑަށް ދިއުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ދެމިގެންދާ މި މުބާރާތުގައި 11 ގައުމުން ފިރިހެން 23 ޓީމެއް ވާދަކުރާނެ އެވެ. އެ ގައުމުތަކަކީ އޮސްޓްރޭލިއާ، ޗައިނާ، އިރާން، ޖަޕާން، ކަޒަކްސްތާން، ލާއޯސް، މެލޭޝިއާ، ނިއު ޒީލެންޑް، އޮމާން، ސިންގަޕޫރު އަދި ތައިލެންޑް ހިމެނެ އެވެ. އަންހެން ޑިވިޝަނަށް ބަލާއިރު، 11 ގައުމަކުން 20 ޓީމު ވާދަކުރެ އެވެ. އެ ގައުމުތަކަކީ އޮސްޓްރޭލިއާ، ޗައިނާ، ހޮންގް ކޮންގް، ޖަޕާން، ކަޒަކްސްތާން، ލާއޯސް، މެލޭޝިއާ، ނިއު ޒީލެންޑް، ސިންގަޕޫރު، ވިއެޓްނާމް އަދި ތައިލެންޑް ހިމެނެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ކުރައްވަމުން އަންނަ ހުސެން ވަނީ މީގެ ކުރިން ވެސް ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން (އެފްއައިވީބީ) އާއި އޭޝިއާގެ ޖަމިއްޔާ، އޭޝިއަން ވޮލީބޯލް ފެޑެރޭޝަން (އޭވީސީ)ގެ އިވެންޓްތަކުގެ އިތުރުން ބައިނަލްއަގުވާމީ ކުޅިވަރު ގޭމްސްތަކުގައި ވެސް ބީޗްވޮލީބޯޅަ އިވެންޓްގައި ރެފްރީކަން ކޮށްފަ އެވެ.

އީރާނާއި ފްރާންސްގެ ޕެއާ އެއް ބައްދަލުުކުރި މެޗެއްގައި ހުސެން ރެފްރީކަން ކުރަނީ.


އެ ގޮތުން އެންމެ ފަހުން، 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫ އާއި ޕޮކާރާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓްގެ ރެފްރީންނާ ގުޅޭ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވީ ހުސެން އެވެ. އަދި މި އަހަރު، ފެބްރުއަރީ މަހުގައި ސްރީ ލަންކާގައި ބޭއްވި ސެންޓްރަލް އޭޝިއަން ބީޗްވޮލީބޯޅަ މުބާރާތުގައި އިސް ރެފްރީގެ ޒިންމާ އަދާކުރީ ވެސް ހުސެން އެވެ.

ހުސެން ރެފްރީކަން ކޮށްފައިވާ ފާހަގަކޮށްލެވޭ އެހެން ބޮޑެތި މުބާރާތްތަކަށް ބަލާއިރު، އޭޝިއަން ގޭމްސް އާއި އޭޝިއަން ބީޗް ގޭމްސް، އެފްއައިވީބީ ވޯލްޑް ޓުއާ، ޖޫނިއާ ލެވެލްގެ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް ހިމެނެ އެވެ. ހުސެން ވަނީ އެ މުބާރާތްތަކުގެ ސެމީ ފައިނަލާއި ފައިނަލް މެޗުތަކުގައި ވެސް އިންސާފުކޮށްފަ އެވެ.

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ވޮލީބޯޅަ ކުޅުއްވުމުގެ އިތުރުން ރެފްރީކަން ވެސް ކުރެއްވި ހުސެން އެންމެ ފުރަތަމަ ކުރިއަށްދިޔައީ ވޮލީބޯޅައިގެ އިންޑޯ ރެފްރީއެއްގެ ގޮތުގަ އެވެ. އެކަމަކު، ކުޅުމުގެ ކެރިއަރާއި ރެފްރީއެއްގެ ގޮތުގައި ކުރިއަށްދާން ދަތިތަކެއް ހުރުމުން ފަހުން ހުސެން ހުސްވީ ސީދާ ރެފްރީކަމަށެވެ.

ބައިނަލްއަގުވާމީ ގޮތުންނާއި އެ ނޫން ވެސް އެހެން ފުރުސަތުތަކަށް ބަލާއިރު އިންޑޯ ރެފްރީ އަކަށް ވުރެން ބީޗް ވޮލީބޯޅަ ރެފްރީ އަކަށް ކުރިއަށްދާން ލިބޭ ފުރުސަތު ގިނަވުމުން ހުސެެން ހާއްސަވީ ބީޗް ވޮލީ ރެފްރީ ކަމަށެވެ. އެ ގޮތުން، 2012 ވަނަ އަހަރު ބެންކޮކުގައި ބީޗް ރެފްރީ ކޯސް ހެއްދެވުމަށް ފަހު ތިން އަހަރު ހޭދަކުރީ އެކްރެޑިޓް މެޗުތައް ހަމަކުރުމަށެވެ.


ހުސެން އެންމެ ބޭނުންވި ފެންވަރުގެ ބައިނަލްއަގުވާމީ ފުރުސަތުތައް ލިބެން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން ބައިނަލްއަގުވާމީ ގޮތުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ހުންނަވަނީ ތައްޔާރަށެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީކަން ދެ ދައުރު ކުރެއްވި ހުސެން ވަނީ ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ފުރިހަމަ ކުރައްވައިފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ ހުސެން އަކީ ދުނިޔޭގެ އެންޓި ޑޯޕިން ޖަމިއްޔާ އިން ދެކުނު އޭޝިއާއަށް ކަނޑައަޅާފައިވާ ސަރަހައްދީ މެނޭޖަރު ވެސް މެ އެވެ.

ހުސެން ވަނީ މީގެ ކުރިން 2010 ވަނަ އިންޑިއާގެ ނިއުދިއްލީގައި އޮތް 19 ވަނަ ކޮމަންވެލްތް ގޭމްސްގެ ޗެފް ޑި މިޝަންގެ ޒިންމާ ވެސް އަދާކޮށްފަ އެވެ. އަދި މި އަހަރު ޗައިނާގައި ބާއްވަން ނިންމި އޭޝިއަން ގޭމްސްގެ ޗެފް ޑި މިޝަނަރަކަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ހަމަޖެއްސީ ވެސް ހުސެން އެވެ. އެކަަމަކު، ޗައިނާ އިން މިހާރު ވަނީ ކޮވިޑް-19ގެ ހާލަތާ ހެދި އެ ގޭމްސް ފަސްކޮށްފަ އެވެ.