Advertisement

ރަށު ނޯޓު: މެހުމާނުންގެ ސާފު ރީތި ވަށަފަރު

ފަތުރުވެރިކަން ރަށަށް އައިސް، މެހުމާނުންގެ މަންޒިލަކަށް ވަށަފަރު ބަދަލުކޮށްލުމުގެ ކުރިން މިރަށް ހާއްސަވީ ތެދުއުއިވަޑާމުގެ މޮޅު ރަށެއް. --ފޮޓޯ: އެފްބީ/ވިޒިޓްވަށަފަރު


ރަށު ނޯޓު: މެހުމާނުންގެ ސާފު ރީތި ވަށަފަރު

ރަށުގެ ދިގަށް ދެމިފައިވާ ކުނިކޮޅެއް ނެތް ހުދު ދޮންވެލީގެ ބީޗާއި ވަށައިގެން ލޮލުކޮޅަށް އޮބައިލާ ހިސާބަށް ފެތުރިފައިވާ ރީތި ފަޅެއް އޮތް މި ރަށަކީ ތިލަދުންމަތީ އުތުރުބުރީ ވަށަފަރެވެ. މެހުމާންދާރީއާއި ސާފުތާހިރުކަމުގެ ހިތްގައިމު މަންޒިލެކެވެ. އެކުވެރި، އެކުލުންތެރި ރައްޔިތެކެވެ. މެހުމާނުންގެ އައުލާދެކެވެ.

"ރަށުގެ ހާއްސަ ކަމެއްގެ ގޮތުގައި އެންމެ ބޮޑަށް ޕްރޮމޯޓްކުރަނީ ރަށަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމާއި ރީތިކަން. މި ރަށަކީ މެހުމާނުންނާއި ފަތުރުވެރިންނާ ގާތްކަން ބަހައްޓާ ރައްޓެހި ރައްޔިތެއް ދިރިއުޅޭ ރަށެއް،" ރަށުގެ ދިގު ތައާރަފަކަށް ދިއުމުގެ ކުރިން ކައުންސިލުގެ ރައީސް އަހުމަދު މުއީން އޭނާގެ އުފަން ރަށް ސިފަކޮށްދެއްވި އެވެ.

ދިގުމިނުގައި 2 ކިލޯމީޓަރު ހުންނަ ވަށަފަރަކީ ޒަމާނުއްސުރެ އެކުވެރި، ސާފުތާހިރު ނަމޫނާ ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށަށް އަންނަ ފަތުރުވެރިންނަށް ކަމޭހިތުމުގެ އިތުރުން، އެއް ރައްޔިތަކު އަނެއް ރައްޔިތެއްގެ މަދަދު ފުއްދައިދިނުމުގެ ރީތި އާދަ ފެންނަ މި ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އޭ-9 އެވެ. ރަށުގެ އާބާދީ 920 އަށް އެރިޔަސް، ދިރިއުޅޭ އާބާދީއަކީ 400-500 އެވެ.

ފަތުރުވެރިކަން ރަށަށް އައިސް، މެހުމާނުންގެ މަންޒިލަކަށް ވަށަފަރު ބަދަލުކޮށްލުމުގެ ކުރިން މިރަށް ހާއްސަވީ ތެދުއުއިވަޑާމުގެ މޮޅު ރަށެއްގެ ގޮތުގަ އެވެ. މިހާރު ވެސް އެ މަސައްކަތް ކުރާ އެކި ފުރައިގެ މީހުން ރަށުގައި އެބަ ތިއްބެވެ. އަތޮޅުގެ ނިސްބަތުން، މަސައްކަތަށް ކުޅަދާނަ ޒުވާނުން ވެސް އެބަ ތިއްބެވެ. އެކަމަކު ޒަމާނަށް އައި ބަދަލާއެކު ވަޑާމު މަސައްކަތްކުރާ ގިނަ މީހުން މިހާރު ކުރަނީ ފައިބަރު ވަޑާމުގެ މަސައްކަތެވެ.

ވަށަފަރަކީ ފަތުރުވެރި ރަށެކެވެ. ގެސްޓްހައުސް ވިޔަފާރިން ބޮޑު އާމްދަނީއެއް ހޯދާ މިރަށުގައި މިހާރުވެސް ހަތް ގެސްޓް ހައުސް ހުރެ އެވެ. ރަށުގެ ތުނޑީކޮޅުގައި އަމިއްލަ ފަރާތަކުން ތަރައްގީކުރަމުންދާ ސިޓީ ހޮޓަލެއްގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. މިރަށަށް ލިބިފައިވާ ގުދުރަތީ ރީތިކަމުގެ ސަބަބުން ރަށަށް އަންނަ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލެވެ.

ވަށަފަރީ ހިތްގައިމު ރީތި ރަށެއް. -- ފޮޓޯ: އެފްބީ/ވިޒިޓްވަށަފަރު


ރަށުގެ އާންމު ހާލަތަށް ބަލާއިރު، ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެވިފައި ނެތެވެ. މި މަސައްކަތް މިހާރު ކުރިއަށްދާއިރު، ރޯދަމަހުން މަސައްކަތް ހުއްޓާލި ގޮތަށް އަދިވެސް އޮތީ ހުއްޓިފަ އެވެ. އާރްއޯ ޕްލާންޓެއްގެ ގާއިމްކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. އެކަމަކު އެ މަސައްކަތް ފެށިތާ ދެ އަހަރުވީ އިރުވެސް އަދިވެސް ނުނިމެ އެވެ.

ހައްލު ބޭނުންވާ އެތައް މައްސަލައެއް ވަށަފަރުގައި އެބަ ހުއްޓެވެ. ރަށުގެ އާބާދީ އިތުރުވެ ވިޔަފާރިތައް ގިނަވަމުންދާ ވަރަކަށް އުފެދޭ ބޮޑެތި ކުނި ބުނި ނައްތާލެވޭނެ ގޮތެއް ނެތެވެ. ރަށުގެ އިރުމައްޗާވީ ކޮޅުން ރަށް ގިރުމުގެ މައްސަލަ އަކީ ކުރިމަތިވެފައިވާ ބިރެކެވެ. ބަނދަރުގައި ޖާގަ ނެތިގެން ތޮއްޖެހުމަކީ ވެސް ބޮޑުވެފައިވާ މައްސަލައެކެވެ. މީގެ އިތުރުން، ވިއްސާރަވާ ދުވަސްވަރު ބަނދަރުގައި ފެން ބޮޑުވުމުގެ މައްސަލަ ދިމާވާތީ އާއި އުޅަނދުތައް ގިނަވަމުންދާތީ، ބަނދަރު ބޮޑުކޮށް، މަރާމާތުކުރަންޖެހިފައިވެ އެވެ. މިކަންކަން ސަރުކާރުގެ ސަމާލުކަމަށް ވެސް ވަނީ ގެނެސްފަ އެވެ.

ރަށް ތަރައްގީކޮށް ރީތިކޮށް ބޭއްވުމަށް ކައުންސިލުން ވެސް ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން ބަޖެޓު ތަންދޭ ވަރަކުން މިސްކިތްތައް އާބާތުރަފިލުވަ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އުތުރު ފަރާތުގައި ކާބަފައިންގެ ޒަމާން ރަމްޒުކޮށްދޭ ގޮތަށް ޕާކެއް ވެސް ވަނީ ހަދައިފަ އެވެ. ރަށުގައި އޭޓީއެމެއް ގާއިމްކޮށް މިހާރު ވަނީ ހިދުމަތްދޭން ތައްޔާރުވެފަ އެވެ. މީގެ އިތުރުން މަސް މާރުކޭޓެއް ހެދުމަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ވެސް ކައުންސިލުން ވަނީ ކުރިމަތިލާފަ އެވެ.

ވަށަފަރުގެ ތާރީހީ ކަންކަމަށް ބަލާއިރު އިހުގައި މި ރަށުގެ އަތިރިމަތީގައި ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ރާނާފައި ހުރި ފާރެއް ހުއްޓެވެ. 100 އަހަރަށްވުރެ ގިނަ ދުވަސް މިހާރު އެ ފާރަށް ވެފައިވާއިރު ފާރުގެ ބޮޑު ބައެއް މިހާރު ފެންނާކަށް ނެތެވެ. މީގެއިތުރުން، ހިރިގަލުން ހަދާފައި ހުރި 130 އަހަރުވީ 'މަސްޖިދުލް ތަކުރުފާނު' މިސްކިތް ނުވަތަ ވަށަފަރު ބާ ހުކުރު މިސްކިތް ފާހަގަކޮށްލެވޭ ތަރިކަ އެކެވެ.

ރަށުގެ އެއް ލޭންޑްމާކަކީ މިރަށުގެ ބޮޑު ނިކަގަހެވެ. 100 އަށްވުރެ ގިނަ އަހަރުވީ މި ނިކަގަސް މިހާރު ވަނީ ހިމާޔަތްކޮށްފަ އެވެ.

ވަށަފަރަކީ ބޭރުގެ ފަތުރުވެރިންގެ އިތުރުން ގިނަ އަދަދަކަށް ދިވެހިން ވެސް ޗުއްޓީ ހޭދަކޮށްލުމަށް ދާ ރަށެކެވެ. ކުޅުދުއްފުށި ފަދަ ރަށްރަށުން ވެސް ބަންދުދުވަސްތަކާ ދިމާކޮށް އައިސް މީހުން ދިރިނޫޅޭ ގޭގޭގައި ކައްކާ ކައި، ޕިކްނިކް ކޮށް ހަދަ އެވެ. މެހުމާނުންގެ ރަށަކަށް މި ރަށް ވަނީ މިފަދަ އެތައް ސަބަބަކާ ހެދި އެވެ.

މި ހިތްގައިމުކަމުކަމުގެ ތެރެއަށް ގެނބިލައި، މި ނަމޫނާ މެހުމާންދާރީއެއްގެ ޝަރަފު ހޯދަން ބޮޑު އީދުގައި ވެސް ވަށަފަރަށް ދާންވީ އެވެ.

މުހިންމު މައުލޫމާތު


ރަށުގެ ނަން: ވަށަފަރު އަތޮޅު: ތިލަދުންމަތީ އުތުރުބުރި (ހއ އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: އޭ-9 އާބާދީ: 920 ފިހާރަ: 2 ކެފޭ، ރެސްޓޯރެންޓް: 2 ގެސްޓް ހައުސް: 7 އެންމެ ކައިރީގައި އޮތް އެއާޕޯޓް: ހދ ހަނިމާދޫ އެއާޕޯޓް ކުރިއަށްދާ މަޝްރޫއުތައް: 1. ފެނާއި ނަރުދަމާ ގާއިމްކުރުން 2. އާރްއޯ ޕްލާންޓް ގާއިމްކުރުން