Advertisement

އެންމެ ފަހުން ބޭއްވި ޔޫރޯގައި ކުޅުނު ކައުކޯގެ ތައުރީފު ދިވެހި ކުޅުންތެރިންނަށް

26 މޭ 2022 - 12:57 0

ކަލްކަތާ، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އޭޓީކޭ ޓީމަށް ކުޅޭ ކައުކޯ: އޭނާ ވަނީ ދިވެހި ކުޅުންތެރިންނަށް ތައުރީފުކޮށްފައި.


އެންމެ ފަހުން ބޭއްވި ޔޫރޯގައި ކުޅުނު ކައުކޯގެ ތައުރީފު ދިވެހި ކުޅުންތެރިންނަށް

26 މޭ 2022 - 12:57 0

ކަލްކަތާ، އިންޑިއާ

އޭޓީކޭ މޯހަން ބަގާން އެފްސީ އަށް ކުޅޭ ފިންލެންޑް ގައުމީ ޓީމުގެ މިޑްފީލްޑަރު، ޖޯނީ ކައުކޯ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރަށް ތައުރީފުކޮށްފި އެވެ.

ފިންލެންޑް ގައުމީ ޓީމަށް މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާުތުގައި ކުޅުނު ކައުކޯ، 31، ވަނީ އެ މުބާރާތަށް ފަހު ޑެންމާކްގެ އެސްބިއާ ދޫކޮށް މޯހަން ބަގާން އަށް ސޮއިކޮށްފަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު މާލޭގައި ސެންޓްރަލައިޒްކޮށް ހޯސްޓްކުރި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކުގައި ކައުކޯ ނުކުޅެ އެވެ. އެކަމަކު، އޭޓީކޭ މޯހަން ބަގާން އިން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު، އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުގައި އުޒްބެކިސްތާންގެ ނަސާފްއާ ދެކޮޅަށް ކުޅެ 6-0 އިން ބަލިވި މެޗުގައި ކައުކޯ ކުޅުނެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް މެޗުތައް އިންޑިއާގެ ކަލްކަތާގައި ސެންޓްރަލައިޒްކޮށް ކުރިއަށްދިޔައިރު، ތިން މެޗުގައި ވެސް ކައުކޯ ކުޅުނެވެ.

އޭޓީކޭ މޯހަން ބަގާން ފުރަތަމަ މެޗުން ވަނީ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ އަތުން 4-2 އިން ބަލިވެފަ އެވެ. އެކަމަަކު، އޭޓީކޭ މޯހަން ބަގާނުން ވަނީ ދެން ކުޅުނު ދެ މެޗުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އާއި ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފަ އެވެ. ބަޝުންދަރާ އަތުން 4-0 އިން މޮޅުވިއިރު، މާޒިޔާގެ މައްޗަށް ކުރިހޯދީ 5-2 އިންނެވެ. މާޒިޔާ އަތުން މޮޅުވި މެޗުގައި ކައުކޯ ދެ ގޯލު ޖެހިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

މާޒިޔާ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ކުޅުންތެރިންނާ މެދު ދެކެނީ ކިހިނެއްތޯ އެހުމުން ކައުކޯ ވަނީ ރާއްޖޭގެ ކުޅުންތެރިންނަށް ތައުރީފުކޮށްފަ އެެވެ.

"ކުޑަކުޑަ ގައުމެއް ރާއްޖެ އަކީ، އެކަމަކު، ހުނަރަށް ބަލާއިރު ވަރަށް މަތީގައި އެ ކުޅުންތެރިން ރޭޓްކުރަނީ. ޓެކްނިކަލީ ބަލާއިރު އެ ކުޅުންތެރިން ވަރަށް މޮޅު، ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅެން ވެސް އެނގޭ،" 2012 ވަނަ އަހަރުން ފެށިގެން ފިންލެންޑް ގައުމީ ޓީމަށް ކުޅެމުން އަންނަ ކައުކޯ ބުންޏެވެ.

"އެކަމަކު، އަހަންނަކަށް ނޭނގޭ ރާއްޖޭގެ ލޯކަލް ފުޓްބޯޅައިގެ ގޮތެއް، ޔަގީނުން ވެސް އެ މީހުން ރަނގަޅުވާނީ ވަރުގަދަ މެޗުތަކެއް ކުޅެގެން،"

މާޒިޔާ އަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒު ހަސަން (ދާދު) އަދި ސަމޫހު އަލީ (ސަމުއްޓެ) އަށް އިންޑިއާގެ ކޮންމެ ލީގެއްގައި ވެސް މޮޅަށް ކުޅެވޭނެ ކަމަށް އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން މިދިޔަ ދެ އަހަރު ހޯދި ގޯކުލަމް ކެރަލާގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ ވަނީ ބުނެފަ އެވެ.

އިންޑިއާގެ އައި ލީގުގައި ނޭޕާލާއި ބޫޓާން އަދި ސްރީ ލަންކާގެ ކުޅުންތެރިން ގަވާއިދުން އަންނަނީ ކުޅެމުންނެވެ. ނޭޕާލްގެ ބައެއް ކުޅުންތެރިން ވަނީ އިންޑިއަން ސުޕަ ލީގުގައި ވާދަކުރާ ކްލަބްތަކުގެ ސްކޮޑުން ވެސް ފުރުސަތު ހޯދައިފަ އެވެ.