Advertisement

އޭޓީކޭގެ ދަނޑު ވިޔަސް މާޒިޔާ ނުކުންނާނީ ނަތީޖާ ނެރެން: ޖެސިކް

23 މޭ 2022 - 20:06 0

ކަލްކަތާ، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މާޒިޔާގެ ކޯޗު މިއޮޑްރަގް ޖެސިކް: އޭޓީކޭ ދަނޑުގައި ވިޔަސް މާޒިޔާ އިން ކުޅޭނީ މޮޅަކަށް ކަމަށް ބުނެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އޭޓީކޭގެ ދަނޑު ވިޔަސް މާޒިޔާ ނުކުންނާނީ ނަތީޖާ ނެރެން: ޖެސިކް

23 މޭ 2022 - 20:06 0

ކަލްކަތާ، އިންޑިއާ

އޭއެފްސީ ކަޕް ދެކުނު އޭޝިއާ ޓީމުތައް ވާދަކުރާ ގްރޫޕް ޑީގެ ފަހު މެޗުގައި މާދަމާރޭ އެޓީކޭ މޯހަން ބަގާންއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅެން ޖެހުނަސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ވިސްނުމަކީ މެޗުން މޮޅުވުން ކަމަށް އެ ޓީމުގެ ކޯޗު މިއޮޑްރަގް ޖެސިކް ބުނެފި އެވެ.

ކަލްކަތާގައި ސެންޓްރަލައިޒްކޮށް މިހާރު ކުރިއަށްދާ އޭއެފްސީ ކަޕްގެ މެޗުތަކުގައި ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް ޑީގެ އެއް ވަނައިގައި އޭޓީކޭ މޯހަން ބަގާން އޮތީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާ އެކު އެވެ. ގޯކުލަމް ކެރަލާ އެފްސީ ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ފައިދާ އެއް ގޯލު އޮތުމުންނެވެ. ތިން ވަނައިގައި އޮތް މާޒިޔާ އަށް ތިން ޕޮއިންޓް ލިބުނަސް ފައިދާ ގޯލެއް ނެތެވެ. ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް ފުލުގައި އޮތީ ތިން ޕޮއިންޓާ އެކު ގެއްލުން ތިން ގޯލުއާ އެކު އެވެ.

ދެ ޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެނަމަ ބަލަނީ ހެޑް ޓު ހެޑް ގަވާއިދަށެވެ. އެކަމަކު، ދެ ޓީމަށް ވުރެ ގިނަ ޓީމު ޕޮއިންޓުން އެއްވަރުވެއްޖެނަމަ ދެން ބަލާނީ ފައިދާ ގޯލަށެވެ. މާދަމާ ހަވީރު ކުޅޭ މެޗުން ގޯކުލަމް އަތުން ބަޝުންދަރާ މޮޅުވެއްޖެނަމަ މާޒިޔާ އަށް އަނެއް ބުރުގެ ދޮރު ބަންދުވާނެ އެވެ. އެކަމަކު، މާދަމާ ހަވީރު ގޯކުލަމް އާއި ބަޝުންދަރާ ކުޅޭ މެޗު އެއްވަރުވެއްޖެނަމަ ނޫނީ ގޯކުލަމް އިން ބަޝުންދަރާ ބަލިކޮށްފިނަމަ، އޭޓީކޭ ބަލިކޮށްގެން މާޒިޔާ އަށް އަނެއް ބުރަށް ދެވޭނެ އެވެ.

މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ބަޝުންދަރާ އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ވަނީ ގޯކުލަމްގެ މައްޗަށް 1-0 އިން ކުރިހޯދައިފަ އެވެ.

މާދަމާރޭގެ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޖެސިކް ބުނީ ފުރަތަމަ ދެ މެޗެކޭ އެއްގޮތަށް މި މެޗުގައި އޭޓީކޭއާ ދެކޮޅަށް ނުކުންނާނީ ވެސް މޮޅުވާން ކަމަށެވެ. އޭޓީކޭ ވެގެން މާޒިޔާ އިން ކުޅެމުން އައި "ސްޓައިލް" ބަދަލުކުރަން ނުޖެހޭނެ ކަމަށް ޖެސިކް ވަނީ ބުނެފަ އެވެ.

"އޭޓީކޭއޭ ބެހޭ މައުލޫމާތު އަހަރެމެން ވަރަށް ރަނގަޅަށް އެއްކޮށްފިން. އަހަރެމެންނަށް އެބަހުރި އޭޓީކޭގެ ރަނގަޅު ކަންކަމާއި ބަލިފައިތައް އެނގިފައި. އެކަމަކު، އެއީ ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކަން ޖެހޭ ވާހަކައެއް ނޫން. ދަނޑުމަތީގައި އަހަރެމެން ކުރާނެ މަސައްކަތް ފެންނާނެ،" ޖެސިކް ބުންޏެވެ.

މާދަމާ ހަވީރު ކުޅޭ މެޗުން ބަޝުންދަރާ ކިންގްސް އިން ގޯކުލަމް ކެރަލާ ބަލިކޮށްފިނަމަ މާޒިޔާ ފަހު މެޗަށް ނުކުތުމުގެ ކުރިން ކަޓާނެ އެވެ. އެއީ މި ގްރޫޕުން އެއް ވަނަ އެކަނި އަނެއް ބުރަށްދާއިރު، ބަޝުންދަރާ މޮޅުވެފައި އޮއްވައި، މާޒިޔާ އިން އޭޓީކޭ ބަލިކުރިޔަސް ހެޑް ޓު ހެޑް ގަވާއިދުން ކުރި ލިބޭނީ ބަޝުންދަރާ އަށް ކަމަށްވާތީ އެވެ.

އޭއެފްސީ ކަޕްގައި އާންމުކޮށް އެއް ގްރޫޕެއްގެ ފަހު ދެ މެޗު ކުޅެނީ އެއް ވަގުތެއްގަ އެވެ. އެކަމަކު، ސެންޓްރަލައިޒްކޮށް ކުޅޭއިރު، ކުޅެނީ ތަފާތު ދެ ވަގުތެއްގަ އެވެ.

ޖެސިކް ބުނީ އޭނާ ވެސް ދެކެނީ މިއީ އެއް ވަގުތެއްގައި ކުޅެން ޖެހޭ މެޗެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު، ކޮންމެ ނަތީޖާއެއް މާދަމާ ހަވީރު ނުކުތް ކަމުގައި ވިޔަސް މާޒިޔާ އިން ފަހު މެޗު ކުޅޭނީ މޮޅުވާން ކަމަށް ޖެސިކް ބުންޏެވެ.

"އަހަރެމެންގެ ޓީމު މި އޮތީ މޮޅުވުމުގެ އަމާޒުގައި. ފުރަތަމަ މެޗުގައި (ގޯކުލަމް އާއި ބަޝުންދަރާ މެޗު) ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް މާޒިޔާގެ ރޫހަށް ބަދަލެއް ނާންނާނެ،" ޖެސިކް ބުންޏެެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ކުޅޭ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގެ ޖާގަ އަކީ 85،000 އެވެ. ކަލްކަތާ ކުޅުނު ދެ މެޗަށް ވެސް ވަނީ 30،000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަދެފަ އެވެ. ޖެސިކް ބުނީ ކަލްކަތާގެ ސަޕޯޓަރުން ކުރިމަތީގައި މާޒިޔާ އިން ކުޅޭނީ އަމިއްލަ ފެންވަރު ދައްކާލެވޭ ވަރުގެ ކުޅުމެއް ދައްކައި، ނަތީޖާއެއް ހޯދުމަށް ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޭޓީކޭގެ ކޯޗު ފެރާންޑޯ.


މާޒިޔާ ކުރިއަށް ވުރެ ވަރުގަދަ: އޭޓީކޭގެ ކޯޗު ފެރާންޑޯ

މިދިޔަ އަހަރު އޭޓީކޭ މޯހަން ބަގާން އިން މާލޭގައި ކުޅުނު އޭއެފްސީ ކަޕްގެ ސެންޓްރަަލައިޒް މެޗުތަކުގެ ތެރެއިން ވަނީ މާޒިޔާ 3-1 އިން ބަލިކޮށްފަ އެވެ. އެ ފަހަރު ގްރޫޕް ކާމިޔާބުކުރި އޭޓީކޭ މޯހަން ބަގާންގެ ކޯޗަކީ އެންޓޯނިއޯ ލޮޕޭޒް ހާބާސް އެވެ. މި ފަހަރު އޭޓީކޭ މޯހަން ބަގާންގެ ކޯޗަކަށް ހުރީ މިދިޔަ ޑިސެމްބަރު މަހު އެ މަގާމާ ހަވާލުވި ޖުއާން ފެރާންޑޯ އެވެ.

ފެރާންޑޯ ބުނީ މިހާރު އޮތް މާޒިޔާ ޓީމު މިދިޔަ އަހަރަށް ވުރެ ވަރުގަދަ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ އެ މީހުންނަކީ ރާއްޖޭގެ ޗެމްޕިއަންކަން. އެ މީހުންގެ ލޯކަލް ލީގުގައި އެބަހުރި 4-0، 5-0 ދެން 13-0 އިން މޮޅުވެފައި. މިއީ ކޮންފިޑެންސަށް ބަލާއިރު މުހިންމު ނަތީޖާތަކެއް. މާޒިޔާ އޮންނާނީ 100 ޕަސެންޓް މޯޓިވޭޓްވެފައި، އެ މީހުންގެ ޑިފެންސް އޮގަނައިޒްވެފައި، އެޓޭކުގެ ޓްރާންސިޝަނާއި ޑިފެންސް އަށް ފޭބުމުގެ ބައި ވެސް ރަނގަޅަށް ފެންނަނީ،" ފެރާންޑޯ ބުންޏެވެ.

މާދަމާ ހަވީރު ކުޅޭ މެޗުން ގޯކުލަމް ކެރަލާ މޮޅުވެއްޖެނަމަ އޭޓީކޭ މޯހަން ބަގާން ކަޓާނެ އެވެ. އެހެންވެ، ފެރާންޑޯގެ ނަޒަރުގައި އެންމެ ރަނގަޅު ގޮތަކީ ފަހު ދެ މެޗު އެއް ގަޑީގައި ކުޅުންތޯ އެހުމުން، ބުނީ މީގެ ބަލަންޖެހޭނީ ޕްރޮފެޝަނަލް ވިސްނުމުގައި ކަމަށާއި އެ ގޮތުގެ މަތިން ބަލާއިރު، މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

"އަހަރެމެންގެ ވިސްނުން ހުންނާނީ ޕްރޮފެޝަނަލްކޮށް، ފުރަތަމަ މެޗު ކޮންމެ ގޮތަކަށް ނިމުނަސް، އޭޓީކޭ މޯހަން ބަގާންގައި މި ތިބި ކުޅުންތެރިން ނުކުންނާނީ މޮޅަކަށް،" ފެރާންޑޯ ބުންޏެވެ.

މި ފަަހަރުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޭޓީކޭ މޯހަން ބަގާން ވަނީ ގޯކުލަމް ކެރަލާ އަތުން 4-2 އިން ބަލިވެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުން އޭޓީކޭ މޯހަން ބަގާން ވަނީ 4-0 އިން ބަޝުންދަރާ ބަލިކޮށްފަ އެވެ.

ފެރާންޑޭ ބުނީ އޭޓީކޭ މޯހަން ބަގާން އިން މާޒިޔާގެ ހަލުވި އެޓޭކް ހިފަހައްޓަން ކުޅެން ޖެހޭނީ ވަރަށް ސަމާލުވެގެން ވީހާވެސް ބޮޑަށް އަމިއްލަ މިސްޓޭކެއް ނުހަދައި މެޗު ނިންމާލެވޭތޯ ބަލައިގެން ކަމަށެވެ.

ސޯލްޓް ލޭކް ސްޓޭޑިއަމްގައި މާދަމާ ހަވީރު 16:00 ޖަހާއިރު، ގޯކުލަމް ކެރަލާ އާއި ބަޝުންދަރާގެ މެޗު ފަށާނެ އެވެ. އަދި މާދަމާރޭ 20:00 ޖަހާއިރު، މާޒިޔާ އާއި އޭޓީކޭ މޯހަން ބަގާން ބައްދަލުކުރާ މެޗު ކުޅޭނެ އެވެ.