Advertisement

ރަށު ނޯޓު: ހައިރާންވާހާ ޗާލު ކަނޑިތީމު

21 މޭ 2022 - 12:17 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ކަނޑިތީމުގެ އަތިރިމަތި، އަދި މަތިން ނަގާފައިވާ ފޮޓޯއިން އެ ފެންނަނީ ކަނޑިތީމާއި އެ ރަށާއި ޖެހިގެން އޮތް ކުޑަދޫ. --ފޮޓޯ: އެފްބީ/ވިޒިޓްކަނޑިތީމު


ރަށު ނޯޓު: ހައިރާންވާހާ ޗާލު ކަނޑިތީމު

21 މޭ 2022 - 12:17 0

މަތިން ބަލައިލާއިރު އެ ރަށް އެ ފެންނަނީ ހައިރާންމާކެއްގެ ސިފައިގަ އެވެ. ގުދުރަތީ ވެށީގެ މުއްސަނދިކަމާއި ރީތިކަމަށް އިތުރު ނަލަކަމާއި ހިތްގައިމުކަން ގެނުވައިދީފައި ވަނީ ހިތްހެޔޮ ކަމާއި އެކުވެރި ރައްޔިތުންގެ އުޅުމާއި ގުޅުމާއި މިޖާޒެވެ.

މިއީ މިލަދުންމަޑުލު އުތުރުބުރި ނުވަތަ ށ. އަތޮޅު ކަނޑިތީމެވެ. ރަށުގެ ރައްޔިތުންގެ ހެޔޮކަމާއި ރަށަށް އަލަށް އެރިޔަސް ބީރައްޓެއްސެއްކަމުގެ އިހުސާސް ނުވާނެ ކަމަށް މި ރަށަށް ޒިޔާރަތްކޮށްފައިވާ މީހުން ބުނެއެވެ. މި ރީތި ސިފަ ރަށުގެ ފަހުރެއްގެ ގޮތުގައި ފާހަގަކުރެ އެވެ.

"މިއީ ރީތި ރަށެއް. ރަށުން ބޭރުން އަރާ ބަޔަކަށް ބީރައްޓެއްސެކޭ ހީވާން ނުޖެހޭނެ. އަލަށް ރަށަށް ޒިޔާރަތްކުރާ މީހާ ވެސް ވާނުވާ ނޭނގިގެން އުޅެން ނުޖެހޭނެ. އެހާވެސް ރައްޔިތުންގެ ހިތްހެޔޮކަން އޮންނާނެ،" ރަށް ސިފަކޮށް ދެއްވުމުގެ ގޮތުން ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހްސަން ފުރަތަމަ ވެސް ދުލުން ދޫކޮށްލީ މި ޖުމުލަ އެވެ.

ބޮޑުމިނުގައި ގާތްގަނޑަކަށް 88 ހެކްޓަރު ހުރި ކަނޑިތީމަކީ ޒަމާނުއްސުރެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަމޫނާ ރައްޔިތެއް އުޅެމުން އަންނަ ރަށެކެވެ. މި ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ސީ-1 އެވެ. ރަށުގެ އާބާދީ 1،600 އަށް އެރިޔަސް، ދިރިއުޅޭ އާބާދީއަކީ 1،240 އެވެ.

ކަނޑިތީމުގެ ކަނޑޫފާ އަދި ރަށުގައި ހައްދާފައި ހުރި ބޯގަންވިލާ ގަހެއް. މި ރަށުން ފެންނަ ހިތްގައިމު މަންޒަރުތަކަކީ ހައިރާންވާހާ ޗާލް މަންޒަރުތަކެއް. -- ފޮޓޯ:އެފްބީ/ވިޒިޓްކަނޑިތީމު


ރަށުގެ އާންމު ހާލަތަށް ބަލާއިރު ފެނުގެ ނިޒާމު ގާއިމުކުރެވިފައި ނެތެވެ. އެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ބަނދަރު ހެދި، 24 ގަޑިއިރު ކަރަންޓް ލިބި، ނަރުދަމާ ވަނީ ގާއިމުކުރެވިފަ އެވެ. ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރެވިފަ އެވެ. ފެނުގެ ނިޒާމު ގާއިމުކުރުމުގެ އިތުރަށް އައުޓްޑޯ ޖިމަކާއި ޓާފް ދަނޑެއް ހެދުމުގެ މަސައްކަތް އެބަ ކުރެއެވެ.

މަސްވެރިކަމަކީ ރަށުގެ ގިނަ މީހުން ކުރާ މަސައްކަތެވެ. އިތުރަށް ކިއްސަރު ވަޑާމާއި، ރާނައި ސިމެންތި ޖެހުން އަދި ދަނޑުވެރިކަން ކޮންމެވެސް ވަރަކަށް ކުރެ އެވެ. ހާއްސަކޮށް ފަތްކެޔޮ ހެއްދުމެވެ. މާލެ ދަތުރުފަތުރު ކުރާ ހާއްސަ އުޅަނދުތައް ގިނަ މި ރަށުގެ ދަތުރުފަތުރުގެ ނިޒާމަކީ އަތޮޅާއި ސަރަހައްދަށް ވެސް ނަމޫނާއެކެވެ. އަތޮޅުގެ އެހެން ރަށްރަށަށް، އަދި ސަރަހައްދުގެ ރަށްރަށަށް މިހާރު ވެސް ގަވާއިދުން ދަތުރުކުރާ މަރުކަޒަކަށް ކަނޑިތީމު ވަނީ ވެފައެވެ. ހައި ސްޕީޑް ފެރީގެ ހިދުމަތް މާލެއާއި ރަށާ ދެމެދު އޮވެއެވެ.

ތާރީހީ ގޮތުން މި ރަށުގައި ފާހަގަކޮށްލެވޭ ކަންކަން އެބަ ހުއްޓެވެ. ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރާސާކުރައްވާ ކަނޑިތީމު ހަސަން ޒަރީރު ވިދާޅުވި ގޮތުގައި ތާނަ އަކުރުން ލިޔެފައިވާ އެންމެ ދުވަސްވީ ލިޔުން ފެނިފައިވަނީ ކަނޑިތީމުގެ ކުރީގެ ހުކުރު މިސްކިތުންނެވެ. މި ތާރީހީ ފަހުރާއެކު ރަށުގެ ޒުވާނުން މިހާރު ކަނޑިތީމު ޕްރޮމޯޓްކުރަނީ ތާނަ އަކުރުގެ ރަށުގެ ގޮތުގަ އެވެ.

ޕޯޗްގީޒުންގެ ދުވަސްވަރުގެ ނިޝާނެއް ކަމަށް ބެލެވޭ ތަނެއް ކަނޑިތީމާ ޖެހިގެން އޮތް ފަޅުރަށް، ކުޑަދޫގައި ފެންނަން އެބަ ހުއްޓެވެ. ޒަރީރު ވިދާޅުވި ގޮތުގައި އެއީ ފީބޯ ނަމަކަށް ކިޔާ ޕޯޗްގީޒް މީހަކު ފިލައިގެން އުޅުމަށް ބިމުގެ އަޑީގައި ހަދާފައިވާ ބިންގަރާހެކެވެ.

ކަނޑިތީމު ވަލުތެރެ ސާފުކުރުމުގެ މަސައްކަތް ޒުވާނުން ކުރަނީ. -- ފޮޓޯ: އެފްބީވިޒިޓްކަނޑިތީމު


އެ މަންޒަރުތަކާއި މަސައްކަތް މިހާރު ނުފެނުނު ނަމަވެސް، ކަނޑިތީމަކީ އެއް ޒަމާނެއްގައި ސަގާފީ ކުޅިވަރުގައި ފާހަގަކޮށްލެވުނު ރަށެކެވެ. ރުއްގަލު ބޭހުގެ މޮޅެތި ހަކީމުން ތިބި ރަށެކެވެ. އެއީ އެރަށުގެ އެންމެ ފަހުރުވެރި މާޒީއެވެ. އެ މާޒީގެ ތެރެއިން މިހާތަނަށް މުޅިން ނުގެއްލި އޮތް ސަގާފީ ކުޅިވަރު ކުޅުމުގެ ބައި އަލުން ދިރުވައި އާލާކުރަން ރަށުގެ ޒުވާމުން މިހާރު މަސައްކަތް ކުރެ އެވެ.

ކަނޑިތީމުގެ ސާފު ބިޔަ ތުނޑިއާއި ކަނޑޫފަލާއި ފަޅާއި މޫދާއި ފެހިކަން ގަދަ ވެށްޓާއި މީހުން ދިރިއުޅޭ ސަރަހައްދުން އެ ފެންނަ ހިތްގައިމު މާމެލާމެލީގެ ގަސްތަކާއި، އަމާން ވެށި ތަޖުރިބާކޮށްލަން ޒިޔާރަތް ކޮށްލުމަކީ ގެއްލިގެންދާނެ ވަގުތަކަށް ނުވާނެ އެވެ. އެހައި ވެސް ރަށް ޗާލެވެ. ހިތްގައިމެވެ.

އާންމު މައުލޫމާތު


ރަށުގެ ނަން: ކަނޑިތީމު އަތޮޅު: މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: ސީ-1 އާބާދީ: 1،600 ފިހާރަ: 17 ކެފޭ، ރެސްޓޯރެންޓް: 4 ގެސްޓް ހައުސް: 2 އެންމެ ކައިރީގައި އޮތް އެއާޕޯޓް: ށ. ފުނަދޫ، ހދ. ކުޅުދުއްފުށި ކުރިއަށްދާ މަޝްރޫއުތައް: 1. އައުޓް ޑޯ ޖިމް 2. ފެނުގެ ނިޒާމު ގާއިމުކުރުން 4. ޓާފް ދަނޑު ހެދުން