Advertisement

ޝާދިން: 'ރަށެއްގެ' ލޯތްބާއި ހިތްވަރުން އުފެދުނު 12 އަހަރުގެ ކައިޓް ސާފާ

ޝާދިން ސާފް ކުރަނީ: އޭނާ އެ ކުޅިވަރުން ކުރިއަށް ދިޔުމަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބޭ -- ފޮޓޯ: ސޯޝަލް މީޑިއާ


ޝާދިން: 'ރަށެއްގެ' ލޯތްބާއި ހިތްވަރުން އުފެދުނު 12 އަހަރުގެ ކައިޓް ސާފާ

ވީޑިއޯއިން ތި ފެންނަނީ ބ. ގޮއިދޫ ރަސްހުވަނދުގޭ މުހައްމަދު ޝާދިން އަހުމަދު ޝާކިރެވެ. އަދި އެންމެ 12 އަހަރެވެ. އެކަމަކު މޫދުކުޅިވަރާއި ކައިޓް ސާފިންގެ ފޯރިގަދަ މާހައުލެއް އޮތް ގޮއިދޫގެ އެންމެން ދަންނަ ބޮޑު ނަމެކެވެ. އަށެއްކަ އަހަރުގައި ކައިޓު ދުއްވަން ފެށި ގޮތަށް އެ ހުނަރުގައި ގަދަކުރަމުން އަންނަ ޝާދިން އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހަގު ކައިޓް ސާފާ އެވެ.

"ސާދިން އަކީ ވަރަށް ހުނަރުވެރި ކުއްޖެއް. ވަރަށް ކުރާހިތުން އެކަން ކުރާ، ޖެހިލުން ކުޑަ ކުއްޖެއް. ވަރަށް ކުޑަ އިރުއްސުރެ އަހަރެމެން ކައިޓް ދުއްވަން އަތިރިމަތީގައި އުޅޭ އިރު ކައިރިއަށް އައިސް ކަންކަމުގައި އަތްގާތްކޮށްދީ ވެސް ހަދާނެ،" ޝާދިންގެ އިންސްޓްރަކްޓަރު ހަސަން ނިޒާމް (ކައްޑެ) ބުންޏެވެ.

ގޮއިދޫގައި ކައިޓް ސާފިން ދަސްކުރާ ސާޅީހަކަށް މީހުން އުޅެ އެވެ. އަންހެނުން ވެސް އުޅެ އެވެ. އެ އެންމެންގެ ތެރޭން އެންމެ ހަގު މެންބަރަކީ ޝާދިން އެވެ. މި މަހު 23 ގައި ގޮއިދޫގައި ފަށާ 'ރެޑްބުލް ކައިޓް ސާފިން' މުބާރާތުގައި ރާއްޖެއިން ބައިވެރިވާ އެންމެ ކުޑަ ކުއްޖަކީ ވެސް އޭނާ އެވެ.

"ވަރަށް ހިތްހަމަޖެހޭ ޝާދިން ކުރިއަރަމުން އަންނަތަން ފެންނާތީ. ބައެއް ދުވަސް ދުވަހު ޝާދިން ޕްރެކްޓިސް ކުރާތަން ބަލަން ވެސް ގޮސް ހުންނަން. އެންމެ ފުރަތަމަ ޖަމްޕެއް ކުރި ދުވަހު ވެސް ބަލަން ހުރިން. މިހާރު ޓިކްޓޮކް އިން ޝާދިންގެ ވީޑިއޯ ފެނިގެން މީހުންގެ ތައުރީފު ލިބޭތީ އެކަމާ ވެސް ވަރަށް އުފާވޭ،" ބާރަ އަހަރުގެ ދަރިފުޅު ދައްކަމުން އަންނަ ހުނަރާއި ޝައުގުވެރިކަމާ ދޭތެރޭ މަންމަ ރިޒުވާނާ އަބޫބަކުރު ފަހުރުވެރިވެ އެވެ.

އޭނާ އާއި ފިރިމީހާ، އަހުމަދު ޝާކިރަށް ލިބުނު ތިން ކުދިންގެ މެދަށް ހުރި ޝާދިން އަކީ ސްކޫލުގައި އެވްރެޖު ކުއްޖެކެވެ. އެކަމަކު އަހުލާގު ރަނގަޅު، ހިއްވަރުގަދަ ކުއްޖެކެވެ. އެވަރުން އޭނާ އަށް ފުދެ އެވެ.

"އެންމެ ބޭނުންވަނީ ކިޔެވުމަށް ވަރަށް މޮޅު ކުއްޖަކަށް ޝާދިން ވާން. އެކަމަކު އޭނަ އެންމެ ކުރާހިތްވާ ކަމަކީ ކައިޓް ދުއްވުން ކަމަށް ވާތީ އެކަމަށް ސަޕޯޓް ދޭން ބޭނުންވީ. ދިހަ ވަނަ އުފަންދުވަހުގެ ހަދިޔާ އަކަށް ޝާދިންގެ ބައްޕަ ކައިޓެއް ވެސް ގަނެދިނީ އެ ސަބަބަށް. އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަން ބޭނުންވާ ގޮތަކީ ދަރިފުޅު ގޯސް މަގެއް ހިޔާރު ނުކުރާހާ ހިނދަކު ކުރަން ބޭނުންވާ ކަންކަމުގައި ހިއްވަރު ދިނުން،" ރިޒުވާނާ ބުންޏެވެ.

އޭނާ ފާހަގަކުރީ ގޮއިދޫގައި ހުނަރަށް އޮތް ގަދަރާއި އަހައްމިއްޔަތު ކަމެވެ. ރަށުގެ މީހުންގެ ފަރާތުން އޭނާގެ ދަރިފުޅަށް ލިބޭ ހިއްވަރާއި އަޅާލުންތެރިކަމެވެ. ސްކޫލުގެ އެއްބާރުލުން އޮތް މިންވަރެވެ.

"ފަހަރެއްގައި މި ގޮތަށް އެއްވެސް އަގެއް ނުނަގައި ކައިޓް އެއްޗެހި ހަލާކުވެދާނެ ކަމުގެ ބިރެއް ނެތި ޝެއާކޮށްގެން މިހާ ގުޅިގެން އުޅޭ ރަށެއް ނުވެސް ފެންނާނެ. ގޮއިދޫ އަކީ އެގޮތުން ވަރަށް ތަފާތު ރަށެއް،" ކައްޑެ ވެސް ފާހަގަކުރީ އެހެން ރަށްރަށާ ތަފާތަށް އޭނާގެ ރަށުން ފެންނަ އެންމެ ހާއްސަ ސިފަ އެވެ.

މޫދުކުޅިވަރު ދިރުވަން އަމިއްލަ ޖަމިއްޔާ އެއް ރަށުގައި ހިންގާ 26 އަހަރުގެ ކައްޑެގެ ބެލެނިވެރިކަމުގެ ދަށުން ޓްރެއިންވާ ގިނަ ކުދިން ތަކެއް އެރަށުގައި ތިބިއިރު އެއްވެސް ކުއްޖެއްގެ އަތުން ފީއެއް ނުނަގަ އެވެ. ޖަމިއްޔާގެ ކައިޓް ތަކަކީ ކައިޓު ދުއްވަން ދަސްކުރަން ބޭނުންވާ ކުދިންނަށް ހިލޭ ބޭނުންކުރެވޭ ގޮތަށް ހުންނަ ތަކެއްޗެވެ.

"އެހެންވީމަ ވަރަށް ރަނގަޅު އެކުވެރި މާހައުލެއް އޮތީ މިރަށުގައި. ހަމަ އެކަނި މީހުންނެއް ނޫން. ސްކޫލުގެ އެއްބާރުލުން ވެސް ވަރަށް ބޮޑު. މިސާލަކަށް މުބާރާތް އެއްޗެހީގައި ކުދިންނަށް ރިލީސް ދިނުމާއި އެ ދާ ދުވަސްތަކަށް ގެއްލޭ ފިލާވަޅުތައް ކަވާކޮށްދިނުން ފަދަ ކަންކަން ސްކޫލުން ޖެހިލުމެއް ނެތި ކޮށްދޭނެ. ޝާދިން ގޮވައިގެން އެންމެ ފަހުން އުކުޅަހުގައި އޮތް މުބާރާތަށް ދާން އުޅުނީމަ ވެސް ސްކޫލުން ވަގުތުން އޯކޭ ވި،" ކައްޑެ ކިޔައިދިނެވެ.

އޭނާ ބުނީ އެހާ ހަގު އުމުރުގައި ހަންޓޭ އާއި ޒަޔާން ފަދަ މޮޅެތި ކައިޓް ސާފަރުން އެރަށުން އުފެދުމުގެ ސިއްރަކީ އެއީ ކަމަށެވެ.

ޝާދިން މެން ފަދަ ކުދިންނަށް ހުވަފެންތައް ދެކި ބިނާކުރުމަށް ގޮއިދޫ އިން މާހައުލު ފަހިކޮށްދީފައި އޮތް މިންވަރަށް އެހެން ރަށްރަށުން ވެސް އެކަން ފަހިކޮށްދޭނަމަ ހަގު އުމުރުގައި ވެސް މޮޅެތި ހުނަރުވެރި ކުދިން ބިނާކުރެވިދާނެ އެވެ.