17 މޭ 2022 - 14:05 0
އައިޝަތު ނުޒުހާ
17 މޭ 2022 - 14:05 0
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރު ބަޔަކު ދިން ބޮމުގެ ހަމަލާއާ ގުޅުވައި އެ މަނިކުފާނު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އަށް ކުރައްވާފައިވާ ތުހުމަތުތާ ގުޅޭ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒާ ސުލޫކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަށް އަހަރެއް ފުރި އެ ވާހަކަތައް އަލުން ގަދަވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ހަމަލާގެ ތަހުގީގަށް މެންބަރު ހުސައިން ހުރަސް އަޅަމުންދާ ކަމަށް ލިޔުއްވައިފަ އެވެ.
"ހުސައިން ތިޔަ ހުންނަވަނީ އެ ކަން ފޮރުވާ ކުރާ މަސައްކަތުގައި ބައިވެރިވެގެން،" ނަޝީދުގެ މެސެޖްގައިވެ އެވެ.
ހުސައިން ވަނީ ނަޝީދު ދެއްކެވި ވާހަކައިގެ ސަބަބުން އޭނާގެ އިމްތިޔާޒަށް އުނިކަން އަންނަ ކަމަށް ވިދާޅުވެ، މި މައްސަލަ ތަހުގީގުކޮށް، ނަޝީދާ މެދު ފިޔަވަޅު އަޅައި ދިނުމަށް އެދި މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ހުށަހަޅާފަ އެވެ.
"މީގެ ސަބަބުން އަޅުގަނޑަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް އޮތަތީއާއި އަޅުގަނޑު ނިސްބަތްވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އަދި ވާދަވެރި ސިޔާސީ ޕާޓީތަކުގެ ހާޒިރުގައި އަޅުގަނޑުގެ ހައްގުތަކާއި އަބުރަށް އުނިކަން އަންނަ ގޮތަށް ކުރައްވާފައިވާ ތުހުމަތުތަކެއް ކަމަށް ވާތީ، މި މައްސަލައަކީ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެންމެ އިސްކަމެއް ދެއްވައިގެން ބަލަން ޖެހޭ މައްސަލައެއް ކަމުގައި ދެކެމެވެ," ކޮމިޓީއަށް އަނދުން ހުސައިން ފޮނުވައިފައިވާ ސިޓީގައި ވިދާޅުވެފައިވެ އެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ކޮމިޓީއަށް ބަލައިގަނެ، ކުރިއަށް ދާނޭ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ހުށަހަޅުއްވައިފަ އެވެ. މި ހުށަހެޅުން ފާސްކޮށްފައިވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment