Advertisement

ޓީނޭޖް ބަލިކޮށް ބައިބަލާގެ ޗެމްޕިއަންކަން އޯވަންއޯ އަށް

16 މޭ 2022 - 07:09 0

އޯވަންއޯ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޓީނޭޖް ބަލިކޮށް ބައިބަލާގެ ޗެމްޕިއަންކަން އޯވަންއޯ އަށް

16 މޭ 2022 - 07:09 0

އެމްޓީސީސީ ބައިބަލާ ޗެލެންޖް 2022 ގެ ފައިނަލުގައި ގަދަހިފުމަކަށް ގޮސް ކްލަބް ޓީނޭޖް ބަލިކޮށް، ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ (އޯވަންއޯ) މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެެވެ.

ވަރުގަދަ ޓީމަކާ އެކު މި ފަހަރުގެ ބައިބަލާ މުބާރާތަށް ކުރިމަތިލި އޯވަންއޯ ވަނީ ސެމީ ފައިނަލުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ބައިބަލާގެ ރަސްގެފާނު ބީޖީ ކަޓުވާލީ ވެސް އޯވަންއޯ އެވެ. އަނެއްކޮޅުން، ބައިބަލާގައި ނަން ހިނގާ އެއް ކްލަބް ކަމަށްވާ ޓީނޭޖުން ވަނީ ސެމީ ފައިނަލުގައި އީގަލްސް ކަޓުވާލައިފަ އެވެ.

ދޮންގަނޑު ބީޗު ކޯޓުގައި މިރޭ ކުރިއަށްދިޔަ ބައިބަލާ ޗެލެންޖްގެ ފައިނަލު މެޗުގައި ފުރަތަމަ ބޭރުން ކުޅުނީ އޯވަންއޯ އެވެ. ޓީނޭޖް އެތެރެއިން ކުޅުނުއިރު، އޯވަންއޯ ވަނީ މި ގޭމު ގެނެސްފަ އެވެ. އޯވަންއޯ ޓީމުގެ 8-7 އިން އަލީ ވިޖްހާން (ވިޖޫ) އާއި އަހުމަދު މުހައްމަދު (އައްމަޑޭ) ފެނުނީ ތަފާތު ރޫހެއްގައި ކުޅެލިތަނެެވެ.

އޯވަންއޯގެ ވިޖޫ (ކ) ރޭގެ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޓީނޭޖުން ދެން ކުޅުނު ގޭމު ބޭރުން ކުޅެން ޖެހުނު ނަމަވެސް ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. ޓީނޭޖްގެ ތަޖުރިބާހުރި ކުޅުންތެރިން ފަހު ވަގުުތު ދެއްކި ހިތްވަރު ޓީނޭޖުން ވަނީ ދެ ވަނަ ގޭމް 7-5 އިން ގެންގޮސް މެޗު ގަދަ ހިފުމަކަށް ގެންގޮސްފަ އެވެ.

ގަދަ ހިފުމުގައި އޯވަންއޯ އަށް ލިބުމުން ފުރަތަމަ އެ ޓީމުން ނިންމީ އެތެރެ އަށް ވަންނާށެވެ. ވިޖޫ ވަނީ ޓީނޭޖުން އެރި އިބްރާހިމް ރަޝީދު ހުއްޓުވައިފަ އެވެ. އެކަމަކު، ޓީނޭޖުން މެދަށް އެރި އަލީ ވިދާދު (ދާދު) އަށް އޯވަންއޯގެ އައްމަޑޭ ނުހިފެއްޓުނުއިރު، އޯވަންއޯ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އޯވަންއޯގެ ވިޖުހާން އެވެ. މުބާރާތުގައި މުޅިން އަލަށް ހޮވި އެންމެ އުންމީދީ ކުޅުންތެރިއަކީ ޓީނޭޖުގެ ދާދު އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކްލަބް އީގަލްސްގެ އިބްރާހިމް ޝަމީން (ޝަންމި)، ޓީސީގެ ހަސަން ތައުހީދު (ތައު)، ޓީނޭޖްގެ ހާމިދު ރަޝީދު އަދި އެ ޓީމުގެ އިބްރާހިމް މުހައްމަދު (އިބުޓި) އެވެ.

މިސްޓަ ބައިބަލާ އަށް ހޮވުނު އަސްލަމް ޓްރޮފީ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މިސްޓަ ބައިބަލާ އަކަށް ހޮވިފައިވަނީ ޓީނޭޖްގެ އަސްލަމް މުހައްމަދު އެވެ. މިއީ އަސްލަމް މިސްޓަ ބައިބަލާގެ މަގާމު ހޯދި ތިން ވަނަ ފަހަރެވެ. އޭނާ އަށް ވަނީ ޓްރޮފީއާ އެކު 10،000ރ ގެ ފައިސާގެ އިނާމެއް ދީފަ އެވެ. މިއާ އެކު އަސްލަމް ވަނީ އިންޑިވިޖުއަލް ކާމިޔާބަށް ބަލާއިރު، ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެއީ މިސްޓަ ބައިބަލާގެ މަގާމު ތިން ފަހަރު ހޯދި ދެ ވަނަ ކުޅުންތެރިއާގެ ޝަރަފް ހޯދައިގެންނެވެ. ކުރިން އެ ރެކޯޑް އޮތީ މުހައްމަދު ޝިނާން (ނާނި) އަތުގައި އެކަންޏެވެ.

ކޮންމެ އަހަރަކު ވެސް ފިތުރު އީދާއި ދިމާކޮށް އީދު ބައިބަލާ ޗެލެންޖް މި އަހަރު މި ބާއްވަނީ ދެ އަހަރުގެ މެޗުކެނޑުމަކަށް ފަހުގަ އެވެ. މި އަހަރުގެ ބައިބަލާ މުބާރާތުގައި 32 ޓީމު ބައިވެރިވިިއިރު، މުބާރާތް ފަށަން ފުރަތަމަ ނިންމާފައި އޮތީ ވަޅު އީދު ދުވަހު އެވެ. އެހެން ނަމަވެސް މާލެ ތެރޭ އޭރު ހިނގައިދިޔަ މާރާމާރީތަކާ އެކު ފުލުހުންގެ އެދުމުގެ މަތިން ބައިބަލާ މުބާރާތް ފަސްކޮށް ފަށާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އެވެ. ފެށިއިރު، މުބާރާތުން ބައެއް ޓީމު ވަނީ ވަކިކޮށްފަ އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ އީގަލްސް އެވެ. ރަނަރަޕަށް ދިޔަ ޓީނޭޖަށް 40،000ރ ގެ ފައިސާގެ އިނާމެއް ދިންއިރު، ޗެމްޕިއަންކަން ހޯދި އޯވަންއޯ އަށް ވަނީ 100،000ރ ގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްފަ އެވެ.