Advertisement

ބޮޑު ތަފާތަކުން ސަފާތު ބަލިކޮށް ރޮޒައިނާ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް

އެމްޑީޕީ އަންހެނުންގެ ރޫހުގެ އާ ރައީސް ކަމަށް އިންތިހާބުވި ރޮޒައިނާ އޭނާގެ ސަޕޯޓަރުންނާއެކު. ރޮޒައިނާ އެމަގާމަށް އިންތިހާބުވީ ވޯޓުގެ ބޮޑު ތަފާތަކުން. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބޮޑު ތަފާތަކުން ސަފާތު ބަލިކޮށް ރޮޒައިނާ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް

މިއަދު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިންތިހާބުވެއްޖެކަމަށް ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.

ބޮޑު އަގުލަބިއްޔަތަކުން ރޮޒައިިނާ އެ މަގާމަށް އިންތިހާބުވެފައިވާކަމަށް، މިހާރު ގުނާފައިވާ ފޮށިތަކުގެ ނަތީޖާތަކުން ދައްކަ އެވެ. އެގޮތުން ރޮޒައިނާ ވަނީ ޖުމްލަ 282 ފޮށީގެ ތެރެއިން ގުނުނު 246 ފޮށީގެ 65 ޕަސަންޓު ވޯޓު ކާމިޔާބުކުރައްވާފަ އެވެ.

އެ މަގާމަށް އޭނާއާ ވާދަކުރެއްވި ސަފާތު އަހުމަދު ޒާހިރު އަށް މިހާތަނަށް ލިބިފައިވަނީ ވޯޓުގެ 35 ޕަސަންޓެވެ.

ރޮޒައިނާ ވަނީ ހުރިހާ އަތޮޅެއްގައިހެން ވޯޓުތަކުން ސަފާތަށްވުރެ ކުރި ހޯއްދަވައިފަ އެވެ. އެގޮތުން އޭނާ އެންމެ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އަތޮޅުތަކުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅު، ޅ. އަތޮޅު، ށ. އަތޮޅު، ރ. އަތޮޅު އަދި އދ. އަތޮޅު ހިމެނެ އެވެ. އެ އަތޮޅުތަކުން ރޮޒައިނާ ވަނީ 70 ޕަސަންޓަށްވުރެ މަތިން ވޯޓު ހޯއްދަވައިފަ އެވެ.

ވަރަށް ވާދަވެރިކޮށް ކުރިއަށްދިޔަ އިންތިހާބަށްފަހު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އިންތިހާބު ނިމުނީ ކަމަށާއި ދެން އޮތީ 2023ގައި އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ އެކަކުވެސް ބާކީ ނުކޮށް، އެންމެން އެކީ މި ޕާޓީގެ އަންހެނުންގެ ރޫހު ގަދައަށް ހިންގާލަން،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންކަމަށް އޭނާއާއެކު އެއްޓީމެއްގެ ގޮތުގައި ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް އެ އެމަގާމު ކާމިޔާބުކޮށްފައިވާކަމަށް ވަގުތީ ނަތީޖާތަކުން ދައްކަ އެވެ.

ޗެއާޕާސަންގެ ވޯޓުލުން އަދި ގުނައި ނުނިމުނަސް، ފައްޔާޒް އުޅުއްވަނީ އެ މަގާމަށް ދެން ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ވުރެ 7،000އަށް ވުރެ ގިނަ ވޯޓުގެ ބޮޑު ތަފާތަކުން ކުރީގަ އެވެ.