Advertisement

މޫސުން ގޯސްވުމުގެ ސަބަބުން ބައިބަލާ ސެމީ ފައިނަލާއި، ފައިނަލް މެޗު ފަސްކޮށްފި

14 މޭ 2022 - 21:42 0

މި އަހަރުގެ ބައިބަލާ ޗެލެންޖްގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މޫސުން ގޯސްވުމުގެ ސަބަބުން ބައިބަލާ ސެމީ ފައިނަލާއި، ފައިނަލް މެޗު ފަސްކޮށްފި

14 މޭ 2022 - 21:42 0

މިރޭ ކުޅެން ހަމަޖެހިފައި އޮތް ބައިބަލާ ޗެލެންޖް 2022ގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު މޫސުން ގޯސްވުމުގެ ސަބަބުން މާދަަމާރެ އަށް ފަސްކޮށްފި އެވެ.

ކޮންމެ އަހަރަކު ވެސް ފިތުރު އީދާއި ދިމާކޮށް އީދު ބައިބަލާ ޗެލެންޖް މި އަހަރު މި ބާއްވަނީ ދެ އަހަރުގެ މެޗުކެނޑުމަކަށް ފަހުގަ އެވެ. މި އަހަރުގެ ބައިބަލާ މުބާރާތުގައި 32 ޓީމު ބައިވެރިވިިއިރު، މުބާރާތް ފަށަން ފުރަތަމަ ނިންމާފައި އޮތީ ވަޅު އީދު ދުވަހު އެވެ. އެހެން ނަމަވެސް މާލެ ތެރޭ އޭރު ހިނގައިދިޔަ މާރާމާރީތަކާ އެކު ފުލުހުންގެ އެދުމުގެ މަތިން ބައިބަލާ މުބާރާތް ފަސްކޮށް ފަށާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އެވެ. ފެށިއިރު، މުބާރާތުން ބައެއް ޓީމު ވަނީ ވަކިކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލު މެޗުތައް މިރޭ ކުޅެން ކުރިން ހަމަޖެހިފައި އޮތްއިރު، ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާ ގޮތަށް ހަމަޖެހިފައި އޮތީ ކުލަބު އީގަލްސް އާއި ކުލަބު ޓީނޭޖެވެ. ސެމީ ފައިނަލު ދެ ވަނަ މެޗުގައި ކުލަބު 010 ނުކުންނާނީ ޓީސީ އާއި ދެކޮޅަށެވެ. ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ މިރޭ 11 ޖަހާއިރު އެވެ. އެކަމަކު،

ބައިބަލާ އެސޯސިއޭޝަނުން ބުނީ މާލެ ސަރަހަައްދަށް ވިއްސާރަވެ، މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް މާދަމާ ރެއަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި މި ގޮތަށް މެޗުތައް ފަސް ކުރީ މޫސުމާ ބެހޭ ގައުމީ އިދާރާއާ ވެސް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ދެތިން ހަތަރު ދުވަހުގެ ތެރޭގައި ވެސް އަލިވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ވަނީ ބުނެފަ އެވެ.

މޫސުމާ ބެހޭ އިދާރާގެ އިން ހާމަކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑި އިރު ވެސް ރާއްޖޭގެ އުތުރާއި މެދުތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވެ އެވެ.

އެހެންކަމުން ބައިބަލާ މުބާރާތުގެ ބާކީ ހުރި މެޗުތައް ކުރިއަށް އިތުރަށް ފަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެ އެވެ.

ބައިބަލާ މުބާރާތުގެ މެޗުތައް ފަސްކުރިއިރު، ވިއްސާރައިގައި ވައިގަދަވެ ވިސިބިލިޓީ ދަށްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް އޮޕަރޭޝަންތަކަށް ވެސް މިއަދުވަނީ ބުރޫ އަރާފަ އެވެ.

ދޮންގަނޑު ބީޗްކޯޓުގައި ކުރިއަށްދާ ބައިބަލާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100,000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު، ރަނަރަޕް ޓީމަށް 40,000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.