14 މޭ 2022 - 17:56 2
އަހުމަދުﷲ އަބްދުލްހާދީ
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިޔަށްދަނީ: އެ އިންތިހާބާ ގުޅިގެން އެއް ކެންޑިޑޭޓް ވަނީ ގިނަ ޝަކުވާތަކެއް ހުށަހަޅައިފަ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
14 މޭ 2022 - 17:56 2
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގެ ވޯޓުލުން ހަތަރެއްގެ ފަހުން އިތުރުކުރި ކަމަށް ބުނެ އެ އިންތިހާބުގައި ވާދަކުރާ އިމްތިޔާޒް ފަހުމީގެ ފަރާތުން އެމްޑީޕީގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހަޅާ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
އިމްތިޔާޒްގެ ކެމްޕޭން ޓީމުން ހުށަހެޅި ޝަކުވާއަކީ ވޯޓުލުން ފުރަތަމަ ހަމަވާން އޮތް ގަޑި، ހަތަރެއްގެ ފަހުން އިތުރުކުރި ކަމަށް ބުނެ އެވެ. އެ ޓީމުން ތުހުމަތު ކުރާ ގޮތުގައި, ބައެއް ވޯޓު ފޮށިތައް ބަންދުކޮށް ގުނާފައި ވެސްވެ އެވެ. ނަމަވެސް ވަގުތު އިތުރުކުރުމުން އަނެއްކާވެސް ވޯޓު ފޮށިތަކުގައި އަލުން ވޯޓުލާން ފެށީ އެވެ.
އެކަމާ ގުޅިގެން މުޅި އިންތިހާބު ހުއްޓުވުމަށް ވެސް އެ ޓީމުން އެދެ އެވެ.
ނަމަވެސް, އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީން ބުނީ، އިންތިހާބުގެ ވަގުތު އިތުރުކޮށްފައިވަނީ ހަތަރެއްގެ ކުރިން ކަމަށް އިންތިހާބާ ގުޅޭ ކޮމިޓީން އަންގާފައިވާ ކަމަށެވެ. އެ އިއުލާން ހަތަރެއްގެ ފަހުން ޓްވީޓް ކުރެވުނު ނަމަވެސް, ގަޑި އިތުރު ކުރުމުގެ ނިންމުން ހަތަރެއްގެ ކުރިން ނިންމާފައިވާ ކަމަށް ޝަކުވާ ބަލާ ކޮމިޓީން މި ނޫހަށް މައުލޫމާތު ދިނެވެ. އަދި އެކަން އިންތިހާބުގައި ހިމެނޭ އެންމެންނަށް ވެސް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.
އިމްތިޔާޒްގެ ޓީމުން އެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައިވާއިރު، އޭގެ އިތުރުން އެހެން ގިނަ މައްސަލަތަކެއް ވެސް އެ ޓިމުގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ޑަބަލްކޮށް ވޯޓު ކަރުދާސް ދޫކުރާ މައްސަލަ ވެސް އެ ޓީމުގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.
އަދި އިމްތިޔާޒްގެ ޓީމުގެ އޮބްޒާވަރުންނަށް ނުފޫޒު ފޯރުވުމާއި، ދައުލަތުގެ އުޅަނދުތައް ބޭނުންކުރުމާއި، އިތުރު ޕާޓީތަކުގެ މެމްބަރުން ވެސް ވޯޓުލިކަމަށް ބުނެ މައްސަލަތަކެއް ވަނީ ހުށަހަޅައިފަ އެވެ. އަދި ފައިސަ ބެހުމުގެ މައްސަލަތަކެއް ވެސް އެ ޓީމުގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ.
Comment