Advertisement

ޔޫރަޕުގެ އިތުރު ގައުމުތަކަށް ޝެންގެން ވިސާ ރާއްޖޭން ނެގޭނެ އިންތިޒާމު ހަމަޖައްސަން ދައުވަތު ދީފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ޝާހިދު ވަނީ މިހާރު ވެސް ރާއްޖެއިން ޝެންގެން ވިސާ ނެގޭ ގައުމުތަކަށް އެކަމަށްޓަކައި ޝުކުރުއަދާކޮށްފަ. ފޮޓޯ: ފައިލް


ޔޫރަޕުގެ އިތުރު ގައުމުތަކަށް ޝެންގެން ވިސާ ރާއްޖޭން ނެގޭނެ އިންތިޒާމު ހަމަޖައްސަން ދައުވަތު ދީފި

ޔޫރަޕުގެ އިތުރު ގައުމުތަކަށް ދަތުރުކުރަން ރާއްޖެއިން ޝެންގެން ވިސާ ނެގޭނެ އިންތިޒާމުތައް ހަމަޖައްސަން ފޮރިން މިނިސްޓްރީން ދައުވަތު ދީފި އެވެ.

އެ ދައުވަތު ދެއްވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫރަޕް ޑޭ ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ މެސެޖެއްގެ ޒަރިއްޔާއިން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެ މެސެޖުގައި ޝާހިދު ވަނީ މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލްގެ ވިސާ ސެންޓަރުން ދިވެހިންނަށް ޔޫރަޕުގެ އިތުރު ގައުމުތަކަށް ދަތުރުކުރަން ވިސާ ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާތީ ޖަރުމަނާއި، ޗެކް ރިޕަބްލިކް، އޮސްޓްރިއާ އަދި އިޓަލީއަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެ މެސެޖުގައި ޝާހިދު ވަނީ ޔޫރަޕިއަން ޔޫނިއަނާއެކު އޮންނަ ގުޅުން ބަދަހިވެފައިވާތީ، ދުރާލައި ވިސާ ނެގުމަކާ ނުލާ ދިވެހިންނަށް އެ ޔޫނިއަނުގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ޔޫރަޕަކީ ރާއްޖޭގެ ވިޔަފާރީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކުގެ ބޮޑު ޕަސަންޓެއް ޔޫރަޕަށް އެތެރެކުރާއިރު، ރާއްޖޭގެ ކަނޑު މަހަށް ނަގަމުން އަންނަ ޓެރިފް އެ ގައުމުތަކުން ދާދި އަވަހަށް އުވާލައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް ޝާހިދު އެ މެސެޖުގައި ވިދާޅުވި އެވެ.

ޝާހިދު ވަނީ ކޮވިޑުގެ ބަލިމަކަމުގެ ތެރެއިން ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ވެސް އެ މެސެޖުގަައި ޝުކުރު އަދާކުރައްވާފަ އެވެ.

އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއް މިލިއަން ޔޫރޯ، ފަތުރުވެރިކަމަށް ދެ މިލިއަން ޔޫރޯގެ ހިލޭ އެހީ އެ ޔޫނިއަނުން ދިން އިރު، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ވެސް މިފަހުން ރާއްޖެއަށް 40 މިލިއަން ޔޫރޯގެ އެހީތެރިކަން ދިންކަން ޝާހިދު ފާހަގަކުރެއްވި އެވެ.

އަދި ހަމައެއާއެކު އެ ޔޫނިއަނުގެ ހަތް އަހަރަށް ކަނޑައަޅާ ބަޖެޓް ސައިކަލްގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ހާއްސަކޮށް އެހީ ދިނުމަށް ކަނޑައަޅާފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޝާހިދުގެ އިތުރުން ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްއާއި އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.