13 މޭ 2022 - 14:36 1
އަހުމަދުﷲ އަބްދުލްހާދީ
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް: އެމަނިކުފާނު ވަނީ ސިޔާސީ ވާދަވެރިންގެ އަވައިގައި ނުޖެހުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ގޮވާލައްވާފަ: ފޮޓޯ ފައިލް
13 މޭ 2022 - 14:36 1
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ފިޔަވައި އިތުރު އެއްވެސް ޕާޓީއަކަށް އެމަނިކުފާނު ތާއިދުނުކުރައްވާ ކަމަށާއި އެނޫން ގޮތަކަށް ވިސްނައިދީ، ވާހަކަ ދައްކާ ފަރާތްތަކުން އެ ދައްކަނީ އެއްވެެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ރޭ ނެރުއްވި ބަޔާނެއްގަ އެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނު މިއަދު ތާއީދުކުރައްވާ އަސާސްތަކާއި، އަހުލާގާއި، ދުރުވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމްއާރުއެމް ކަމަށެވެ. އަދި އެމަނިކުފާނަށް ތާއީދުކުރާ މީހުނާއި ޕާޓީއަށް ތާއީދުކުރާ މީހުން ވެސް ސިޔާސީ ވާދަވެރިންގެ މަކަރުވެރި ވާހަކަ ތަކުގައި ޖެހިވަޑައިނުގަތުމަށް މައުމޫން އެދިވަޑައިގަތެވެ.
އެ ބަޔާނުގައި މައުމޫން ވަނީ އެމަނިކުފާނަކީ މިހާރު ހަމައެކަނި އެމްއާރުއެމްއަށް ތާއިދުކުރާ ފަރާތެއް ކަމަށާއި އަދި އެޕާޓީގެ މެމްބަރެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު އެހެން ޕާޓީއަކަށް ތާއީދުނުކުރައްވާ ކަމަށް މައުމޫން އެ ބަޔާނުގައި ވިދާޅުވި އެވެ.
"ފަހަކަށް އައިސް ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންނާ، އަދި ހާއްސަކޮށް އަޅުގަނޑަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރާއިރު، އަޅުގަނޑު މިހާރު ތާއީދުކުރަނީ އެ ފަރާތްތަކަށް ކަމަށް ވިސްނައިދިނުމަށް ދޮގު ވާހަކަތައް ދައްކަމުންދާ ކަމުގެ ޝަކުވާއާއި ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ އަޅުގަނޑާ ހިއްސާ ކުރަމުންނެވެ،" މައުމޫން އެ ބަޔާނުގައި ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނާއި ކިތަންމެ ގާތް ފަރާތެއް ނަމަވެސް، ނުވަތަ ސިޔާސީ ގޮތުން އެއްކޮށް ކުރިން މަސައްކަތް ކޮށްފައިވާ ފަރާތެއް ނަމަވެސް، ދައްކާ އެފަދަ ވާހަކަތަކަކީ އޭގައި އެއްވެސް ހަގީގަތެއް ނެތް، ދޮގު ވާހަކަ ތަކެެއް ކަމަށެވެ.
މިހާރު ވެރިކަން ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސަޕޯޓަރުންނަށް މައުމޫން މިފަދަ އިލްތިމާސެއް ކުރެއްވި ސީދާ ސަބަބެއް ސާފެއް ނޫނެވެ. އެ އިލްތިމާސް އަމާޒު ކުރެއްވީ ކޯލިޝަންގެ އެހެން ޕާޓީތަކަށް ކަމެއް ނުވަތަ ކުރީގައި އެމަނިކުފާނު ހުންނެވި މިހާރުގެ އިދިކޮޅު ޕީޕީއެމްއަށް ކަމެއް ވެސް އެ ބަޔާނުގައި ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment