9 މޭ 2022 - 11:02 1
އަހުމަދުﷲ އަބްދުލްހާދީ
ވެލި ގެންދިޔުމާއި ދެކޮޅަށް ފޯކައިދޫ ބަޔަކު މުޒާހަރާ ކުރަނީ: އެ ރަށު ކައުންސިލުން ވަނީ ޔޫތު މިނިސްޓްރީގެ ބޭނުމަށް 25 ލޮރީގެ ވެލި ދޭން ނިންމައިފަ. ފޮޓޯ: ފޯކައިދޫ އޮންލައިން
9 މޭ 2022 - 11:02 1
ށ. ފުނަދޫގެ ދަނޑު ހެދުމުގެ މަޝްރޫއަށް އެ އަތޮޅު ފޯކައިދުއިން ވެލި ގެންދިޔުމަށް ކުރާ މަސައްކަތަށް އެރަށު ބަޔަކު ހުރަސްއަޅައި މުޒާހަރާކުރަން ފަށައިފި އެވެ.
ފުނަދޫގެ ދަނޑު ހެދުމަށް ބޭނުންވާ ވެލި ފޯކައިދޫއިން ގެންދަނީ، ޔޫތު މިނިސްޓްރީގެ އެދުމަކަށް ފޯކައިދޫ ކައުންސިލް މެދުވެރިކޮށެވެ. އެ މަސައްކަތަށްޓަކައި ފޯކައިދޫ ބަނދަރު ފުންކުރުމުގެ މަޝްރޫއިން ނެގި 25 ލޮރީގެ ވެލި ފުނަދޫއަށް ގެންދިޔުމަށް ފޯކައިދޫ ކައުންސިލުން ވަނީ އިންތިޒާމުކޮށްފަ އެވެ.
ވެލި ގެންދިޔުމާ ދެކޮޅަށް ބަޔަކު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ފޯކައިދޫ ކައުންސިލް ރައީސް އަހުމަދު އާސިފް "އަދަދު" އަށް ވިދާޅުވީ އެ މުޒާހަރާތައް އެންމެ ފުރަތަމަ ފެށީ ރޭގަ ކަމަށެވެ.
"ރޭ އެކަމާ ދެކޮޅަށް ފެށި މުޒާހަރާތަކެއް އެއީ. ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށް ބެލެވެނީ. ފުލުހުން މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުން. އެ މަސައްކަތް ކުރާ ސައިޓު ތެރެއަށް އެ ބަޔަކު ވަދެ، ވެލި ގެންދަން ގެނައި ބާޖު ކައިރި ކުރަން ހުރަސް އަޅަމުން ދަނީ. ގާތްގަނޑަކަށް ހަ މީހަކު އެންމެ ފުރަތަމަ އުޅުނީ. މިހާރު އެކަމަކު އެބަ އުޅޭ އެޔަށްވުރެ ގިނައިން،" އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ މުޒާހަރާ ކުރާ މީހުން އެ ވެލިތައް ގެންދިޔުމާ ދެކޮޅަށް ދައްކާ ވަކި ވާހަކަތަކެއް ނެތް ކަމަށެވެ. އަދި އެއީ ސިޔާސީކޮށްގެން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މުޒާހަރާގެ ސަބަބުން މިހާރު ފޯކައިދޫގައި ސްޓޭޝަންވެ ތިބި ފުލުހުންނާއި، އެ ފުލުހުންގެ އެދުމަކަށް ފުނަދުއިން އިތުރު ފުލުހުން ވެސް އައިސް މިހާާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އާސިފް ވިދާޅުވި އެވެ.
Comment