Advertisement

ރަށު ނޯޓު: އުޅުމާއި ގުޅުމުގެ ލާމަސީލް ހެނބަދޫ

4 މޭ 2022 - 11:56 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ނ. ހެނބަދޫ: އެންމެ 14 ހެކްޓަރުގެ މި ރަށުގައި މިހާރު ވަނީ ބަނދަރެއް ހަދާފައި. -- ފޮޓޯ: އިކްލީލް (އިކޫ)


ރަށު ނޯޓު: އުޅުމާއި ގުޅުމުގެ ލާމަސީލް ހެނބަދޫ

4 މޭ 2022 - 11:56 1

މުޖުތަމައުއެއްގެ ބޮޑުކަމާއި ވަރުގަދަ ކަމަކީ ބިމާއި އާބާދީގެ ސައިޒު ބޮޑުވުން ނޫންކަން، މާލެއާ 200 ކިލޯމީޓަރު ދުރުގައި ނ. އަތޮޅު (މިލަދުންމަޑުލު ދެކުނުބުރީ) ގައި އެކަހެރިކޮށް އޮތް ކުޑަކުޑަ ހެނބަދޫން ބުނެދެ އެވެ. އެއީ އުޅުމާއި ގުޅުން ބަދަހި، ތަނަވަސް ހިތެއްގެ ވެރި ދީލަތި ރައްޔިތެކެވެ. މި ވާހަކަތައް ފަށާނީ ދުނިޔޭގެ އެހެން ބައްރަކުންނެވެ.

ސެންޓްރަލް އެފްރިކާގެ ޗާޑަކީ މުސްލިމް މެޖޯރިޓީއެއް އޮތް ގުދުރަތީ މުއްސަނދިކަން ލިބިފައި އޮތަސް، އެންމެ ފަގީރު އެއް ގައުމެވެ. ސޯޅަ މިލިއަންގެ އާބާދީގެ 50 ޕަސެންޓަށް ވުރެ ގިނައީ މުސްލިމުންނެވެ. އެ އަޚުންނާއި އުޚުތުން ނުފެނުނަސް، ބައްދަލު ނުވިޔަސް، މާ ދުރުގައި، މާގަނޑުގައި އޮތް ހެނބަދޫގެ 700 މީހުންނަށް އެ އަޚުންނާއި އުޚުތުންގެ އިހްސާސްތައް އެނގުނެވެ. އެހެންވެ، ޗާޑްގައި ތިން ފެންވަޅު ބެހެއްޓުމަށް 135،648.89 ހެނބަދޫން ހަދިޔާކުރި އެވެ. ތިން ފެންވަޅު ހަދާފައި އިތުރުވި ފައިސާ ހަދިޔާކުރީ، ފެން ޓޭންކް ބެހެއްޓުމާއި އިސްކުރު ބަރިއެއް ހެދުމާއި ސޯލާ ޕެނަލަކުން އޮޕަރޭޓްކުރެވޭ މޯޓަރެއް ބެހެއްޓުމުގެ މަސައްކަތަށެވެ.

2021 ވަނަ އަހަރު ހެނބަދޫގައި ބޭއްވި މަސް ރޭހުގެ ތެރެއިން. -- ފޭސްބުކް/ހެނބަދޫއިންސައިޑް


މިއީ މާ ބޮޑު ކަމެއް ކަމަށް ހީ ނުވެދާނެ އެވެ. ނަމަވެސް މި އެހީ ލިބުނު ޗާޑުގެ މުސްލިމް އަޚުންނާއި އުޚުތުންގެ ހާލަތު ހިތާއި ސިކުނޑިއަށް ލައިފި ނަމަ މިއީ ވަރަށް ބޮޑު އެހީއެކެވެ. ހެނބަދޫއަކީ ނަމޫނާ ރަށެއް ކަމަށް ބުނާ ވާހަކަތަކުގެ ތެރެއިން، ކޮންމެ ރޯދަ މަހެއްގައި އެ ރަށުގެ ޒުވާނުން އިސް ރަށްވެހިންނަށް ދޭ ރޯދަ ވީއްލުން ވެސް ފާހަގަކޮށްލަންޖެހެ އެވެ. ރަށުގެ އެއްބައިވަންތަ ކަމަށް ބާއްވާ މުބާރާތްތަކާއި، ހަރަކާތްތައް ގިނަ އެވެ.

އެންމެ 14 ހެކްޓަރުގެ ހެނބަދޫއަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ޑީ-2 އެވެ.

މީގެ 37 އަހަރު ކުރިން 1985ގެ ބޯހިމެނުމަށް ބަލާއިރު ހެނބަދޫގެ އާބާދީއަކީ 308 މީހުންނެވެ. އެއީ 168 އަންހެނުންނާއި 140 ފިރިހެނުންނެވެ. ރަށުގައި ވެސް އާބާދީ އިތުރުވާ ނިސްބަތް ހުރީ ވަރަށް ދަށުގަ އެވެ. މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ހެނބަދޫގެ އާބާދީ އަކީ 788 މީހުންނެވެ. އެއީ 399 އަންހެނުން އަދި 389 ފިރިހެނުންނެވެ. ރަށުގައި ދިރިއުޅެނީ 500 އާ ގާތްކުރާ އަދަދެއްގެ މީހުންނެވެ. އެހެން މީހުން އުޅެނީ މާލެ އާއި ރިސޯޓުތަކުގަ އެވެ.

މި ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރިސޯޓުތަކުގަ އެވެ. ޓޫރިޒަމް ފުޅާވެގެން ދިޔުމާއެކު ކަނޑުމަހުގެ މަސްވެރިކަމަށް ދިޔުން މިހާރު އޮތީ ހުއްޓިފަ އެވެ. އިގުތިސޯދީ ހަރަކާތުގެ ގޮތުގައި އާންމުކޮށް ކޮށް އުޅެނީ ފަރުމަހަށް ދިއުމާއި ފަންގިވިނުމާއި މަދުފަޅައިގެން ކަނަމަދު ވިއްކުމެވެ. ރަށުގެ އަންހެނުން މަދު ހޮވަން ދަނީ ކައިރީގައި އޮތް ފަޅު ރަށްތަކަށެވެ. ޑިންގީތަކުގައި ފަޅު ރަށަށް ދަނީ ވެސް އަންހެނުންނެވެ.

ހެނބަދޫގައި އާންމު ވިޔަފާރިކުރާ ހަތް ފިހާރަ އާއި ކުޑަ ކެފޭ އަކާއި ވަޑާންގެ އަކާއި ގަރާޖެއް ހުރެ އެވެ. ނ. އަތޮޅުގައި އެންމެ އަގު ބޮޑެތި ރިސޯޓުތައް ހުރި ނަމަވެސް، ހެނބަދޫގައި ލޯކަލް ޓޫރިޒަމް އަދި ނުފެށެ އެވެ. ގެސްޓް ހައުސެއް ނެތެވެ. ނަމަވެސް، ގޭގެއިން ކޮޓަރި ކުއްޔަށް ދޫކުރެ އެވެ. އާންމު އަގުތައް އުޅެނީ އޭސީ ކޮށްފައި ހުންނަ ކޮޓަރިއެއް 350-450ރ އާ ދެމެދު އެވެ. އޭސީ ނުކޮށް ހުންނަ ކޮޓަރިއެއް 150ރ އަށް ލިބެ އެވެ.

ރުއް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން: މިއީ ނަމޫނާ މަސައްކަތްތަކެއް ކުރާ، އެކުވެރި ރައްޔިތެއް އުޅޭ ރަށެއް. -- ފޭސްބުކް/ހެނބަދޫއިންސައިޑް


ރަށަށް ދިމާވެފައިވާ ދަތިކަމަކީ ކޮބައިތޯ ސުވާލުކުރުމުން ހިނިގަނޑެއް ޖަހާލާފައި، ހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ދެއްވީ މި ޖަވާބެ އެވެ؛

މިހާރު ފާހަގަކޮށްލެވޭ ދަތިކަމެއް ނެތް. ރީތި ބަނދަރެއް ހެދިފައި އެބަ އޮތް. ނަރުދަމާ އެބަ އޮތް. ފެނުގެ މަސައްކަތް ނިމުމަކާ ހަމައަށް އެ ދަނީ. ސްކޫލުގައި އާ އިމާރާތެއް ހެދުމަށް ވަނީ ނިންމާފައި. ބިމުގެ ދަތިކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައި. އެހެންވެ އަޅުގަނޑުމެން މި ތިބީ ހަމަ ހަގީގަތުގައި ވެސް އުފަލުން، ހިތްހަމަޖެހިފައި،"

ރަށުގެ ތަރައްގީއަށްޓަކައި ކައުންސިލުން ވެސް އަރުވައިޖަހައިގެން ކުރާ މަސައްކަތް މަދެއް ނޫނެވެ.

އަލަށް ގޯތި ދޫކުރި ސަރައްދުގައި ބޮކިދަނޑި ޖެހުމުގެ މަސައްކަތް ކުރާއިރު، ބަނދަރުމަތި ޒީނަތްތެރިކޮށް، އިށީނދެ ތިބެވޭނެ އަށިތަކާއި ރަށުގެ ނަން ފެންނާނެ ބޮޑު މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. ރަށުގައި ރުއް ގިނަ ކުރަން މިދިޔަ އަހަރު ވަނީ ރުއް އިންދުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. ބޭންކު އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ހެނބަދޫގައި ހަދާފައިވާ ބާބެކިއު އޭރިއާ އަކީ ވެސް ހިތްގައިމު، އަރާމުކޮށްލުމަށާއި އާއިލާއާއެކު ހަވީރުކޮށްލަން ހިތްގައިމު ސަރަހައްދެކެވެ.

ކައުންސިލްގެ ހީވާގި ކަމާއި ހިންގުންތެރިކަން ހުރީ އަތޮޅުގެ އެހެން ރަށްރަށަށް ނަމޫނާއެއްގެ ގޮތުގަ އެވެ. ވޭތުވެދިޔަ ތިން އަހަރު ވެސް (2019، 2020 އަދި 2021) ނ. އަތޮޅުން އެންމެ ހިންގުންތެރި ރަށު ކައުންސިލަކަށް ހޮވިފައި ވަނީ ހެނބަދޫ ކައުންސިލެވެ. މުޅި މި ލިޔުމުން ޖުމުލަކޮށް ކިޔައި މިދެވުނީ އެއް ވާހަކަ އެކެވެ. އުޅުމާއި ގުޅުމުގެ ބަދަހިކަމުން މުޖުތަމައުއެއްގެ ވަރުގަދަވެ، ލާމަސީލު ވި ގޮތެވެ.

ބޭންކު އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ހެނބަދޫގައި ހަދާފައިވާ ބާބެކިއު އޭރިއާ. -- ފޮޓޯ:ބީއެމްއެލް


ކުޑަކުޑަ ހެނބަދޫގެ ވަށައިގެން އޮތް ދޮންވެލި ގޮނޑުދޮށާއި، ހޭޅިފަށުގެ ފެހިކަމާއި ހިޔާ ދޭ ގަސްތަކުން ރަށުގެ ރައްޔިތުންނާއި މެހުމާނުންނަށް ހިތްހަމަޖެހުމާއި އާރާމު ގެނެސްދެ އެވެ. އެ ފިނިކަމާއި ހިމޭންކަމާއި އަމާންކަން އިތުރުވެފައި އޮތީ ކުށްކުރުން ނެތް، މަސްތުވާތަކެތީގެ މައްސަލައެއް ނެތް މުޖުތަމައު އަކަށް ވާތީ އެވެ. މި ރަށަކީ އީދު ބަންދަށް ފަހު ޒިޔާރަތްކޮށްލަން ހިތްގައިމު މަންޒިލެކެވެ.

އާންމު މައުލޫމާތު


ރަށުގެ ނަން: ހެނބަދޫ އަތޮޅު: މިލަދުންމަޑުލު ދެކުނުބުރި (ނ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: ޑީ-4 އާބާދީ: 788 މީހުން؛ 399 އަންހެނުން، 389 ފިރިހެނުން ފިހާރަ: 7 ކެފޭ، ރެސްޓޯރެންޓް: 1 ގަރާޖު: 1 ގެސްޓް ހައުސް: ނެތް ސްކޫލްގައި ކިޔަވައި ދެނީ: ގްރޭޑު 10 އަށް ކުރިއަށްދާ މަޝްރޫއުތައް: 1. ފެނުގެ ނިޒާމު ގާއިމުކުރުން 2. ސުކޫލްގެ އާ އިމާރާތުގެ ގޮތުގައި، 10 ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުން