Advertisement

ހެނބަދޫ ކައުންސިލްގެ ރައީސް ޕާޓީ ބަދަލުކުރުމާއެކު މަގާމު ގެއްލިފައިވާ ކަމަށް ބުނެ މައްސަލަ އީސީއަށް

3 ސެޕްޓެންބަރު 2024 - 21:43 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީ ދޫކޮށް އެމްޑީއޭ އާ ގުޅުނު ހެނބަދޫ ކައުންސިލްގެ ރައީސް (މ) އެމްޑީއޭގެ އިސްވެރިންނާއެކު: އޭނާ ޕާޓީ ބަދަލުކުރުމުން މަގާމު ގެއްލިފައިވާ ކަމަށް ބުނެ އީސީއަށް ވަނީ މައްސަލައެއް ހުށަހަޅާފަ --- ފޮޓޯ: މުހައްމަދު އައްބާސް / އެކްސް


ހެނބަދޫ ކައުންސިލްގެ ރައީސް ޕާޓީ ބަދަލުކުރުމާއެކު މަގާމު ގެއްލިފައިވާ ކަމަށް ބުނެ މައްސަލަ އީސީއަށް

3 ސެޕްޓެންބަރު 2024 - 21:43 0

ނ. ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު ސިޔާސީ ޕާޓީ ބަދަލުކުރުމާއެކު އޭނާގެ އިންތިހާބީ މަގާމު ގެއްލިފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަން (އީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

2021 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހެނބަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ހުސެއިން ހޮވުނީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ނަމަވެސް އޮގަސްޓު 31، ގައި އޭނާ އެ ޕާޓީ ދޫކޮށް ސަރުކާރާއެކު މަސައްކަތްކުރާ އެމްޑީއޭއަށް ސޮއިކުރިކަން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު އައްބާސް ވަނީ ސޯޝަލް މީޑިއާގައި އިއުލާނުކޮށްފަ އެވެ.

މި އަހަރު އަމަލުކުރަން ފެށި އެންޓި ޑިފެކްޝަން ގާނޫނަށް ރިއާޔަތްކޮށް މި މައްސަލަ އީސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.

އީސީގެ ރައީސް ފުއާދު ތައުފީގަށް އެޑްރެސްކޮށް އޭނާ ފޮނުވި ސިޓީގައި ބުނީ، ވަކި ޕާޓީއެއްގެ ޓިކެޓުގައި މަގާމަކަށް އިންތިހާބުވުމަށްފަހު އެ ދައުރުގެ ތެރޭ އެހެން ޕާޓީއަކަށް ސޮއިކުރިކަން އީސީއިން ލޯކަލް ގަވަމަންޓު އޮތޯރިޓީއަށް އެންގުމާއެކު އޭނާގެ މަގާމު ގެއްލޭނެކަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހުސެއިން ޕާޓީ ބަދަލުވިކަން އީސީގައި ދަފުތަރުވުމާއެކު އެކަން އެލްޖީއޭއަށް އެންގުމަށްވެސް އޭނާ ވަނީ އެދިފަ އެވެ. އަދި، ހުސެއިން ޕާޓީއަށް ސޮއިކުރި ސިޓީ އެމްޑީއޭއިން އީސީއަށް ހުށަނާޅާނަމަ އެއީ އެންޓިޑިފެކްޝަން ގާނޫ ބާރު ކަނޑުވާލުމުގެ އަމަލެއް ކަމަށާއި އެކަން އެގޮތަށް ހިނގާފައިވާނަމަ އެމްޑީއޭ ޒިންމާދާރު ކުރުމަށްވެސް އީސީއަށް އެ ސިޓީގައި ގޮވާލާފައިވެ އެވެ.

މި މައްސަލާގައި ކަންކުރަން ގަސްތުކުރާ ގޮތް އެންގުމަށް ވެސް އެ ސިޓީގައި އެދިފައިވެ އެވެ.

އެމްޑީއޭ އަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ޕާޓީއާއެކު ކޯލިޝަނުގައި އޮތް ޕާޓީއެކެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެ ޕާޓީން އޮތީ އެމްޑީޕީއާއެކު އެވެ. ނަމަވެސް ދެވަނަ ބުރުގައި އެމްޑީޕީ ދޫކޮށް އެމްޑީއޭއިން ތާއީދުކުރީ ވެރިކަންކުރާ ޕީއެންސީއަށެވެ.

މި އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެންމެ ދެ ގޮނޑި ކާމިޔާބުވި ނަމަވެސް އެމްޑީއޭ އަކީ 20 ވަނަ މަޖިލީހުގެ ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މި ސަރުކާރުގެ ގިނަ ސިޔާސީ މަގާމުތަކުގައިވެސް އެ ޕާޓީގެ މެންބަރުން އެބަތިއްބެވެ.