Advertisement

ޕާޓީ ބަދަލުކުރުމުގެ ޝަކުވާ ބެލި އިރު ހެނބަދޫ ކައުންސިލްގެ ރައީސްގެ ނަން ކުރިން ވެސް އޮތީ އެމްޑީއޭގައި

12 ސެޕްޓެންބަރު 2024 - 09:32 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޑީޕީ ދޫކޮށް އެމްޑީއޭ އާ ގުޅުނު ހެނބަދޫ ކައުންސިލްގެ ރައީސް (މ) އެމްޑީއޭގެ އިސްވެރިންނާއެކު: އޭނާ ޕާޓީ ބަދަލުކުރުމުން މަގާމު ގެއްލިފައިވާ ކަމަށް ބުނެ އީސީއަށް ވަނީ މައްސަލައެއް ހުށަހަޅާފަ --- ފޮޓޯ: މުހައްމަދު އައްބާސް / އެކްސް


ޕާޓީ ބަދަލުކުރުމުގެ ޝަކުވާ ބެލި އިރު ހެނބަދޫ ކައުންސިލްގެ ރައީސްގެ ނަން ކުރިން ވެސް އޮތީ އެމްޑީއޭގައި

12 ސެޕްޓެންބަރު 2024 - 09:32 0

ނ. ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކުރެއްވުމުން އޭނާގެ މަގާމު ގެއްލޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް މީހަކު ހުށަހެޅި ޝަކުވާއެއް ބެލި އިރު އޭނާ ކުރިއްސުރެ ވެސްް އޮތީ އެމްޑީއޭގެ ދަފުތަރުގައި ކަން އެނގިއްޖެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ވާ ގޮތުން، ޕާޓީ ބަދަލުކުރުމުގެ ސަބަބުން ކައުންސިލަރެއްގެ މަގާމު ގެއްލޭނީ ޕާޓީ ބަދަލުކުރުމުގެ މަރުހަލާ ފުރިހަމަވެ، ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް އީސީން އެކަން އެންގުމުންނެވެ.

ހެނބަދޫ ކައުންސިލްގެ ރައީސް އެމްޑީއޭއަށް ސޮއިކުރެއްވުމުން އެ މައްސަލަ އީސީއަށް ހުށަހެޅި ފަރާތުން އެދިފައި އޮތީ އެ މަރުހަލާ އަވަސްކުރުމަށެވެ. އެގޮތުން ހެނބަދޫ ކައުންސިލްގެ ރައީސް އެމްޑީއޭއަށް ސޮއިކުރެއްވި ފޯމް އެމްޑީއޭ އިން އީސީއަށް ހުށަނާޅާ ނަމަ އެ ޕާޓީ ޒިންމާދާރުކުރުވަން އޭނާ އެދުނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ "އަދަދު" އަށް މިއަދު ވިދާޅުވީ ހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު އެމްޑީއޭއަށް މިފަހުން ސޮއިކުރި ފޯމު އެ ކޮމިޝަނަށް އަދި ނުލިބޭ ކަމަށާއި އެހެން ނަމަވެސް އާއްމު ރައްޔިތަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ބެލި އިރު ހުސައިންގެ ނަން ކުރިއްސުރެ އޮތީ އެމްޑީއޭގެ ދަފުތަރުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ދަފުތަރުގައިވާ ގޮތުން އިންތިހާބުވި އިރު ވެސް އޭނާ އަކީ އެމްޑީއޭގެ މެންބަރެއް، އެހެން ނަމަވެސް އެ ޝަކުވާއާ ގުޅޭ ގޮތުން އަދި ވަކި ކަމެއް ނުނިންމާ، އެއީ ސޮއިކުރި ފޯމު ކޮމިޝަނަށް އަދި ނުލިބޭތީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބެއްގައި ވާދަކުރުމަށް ޓަކައި އެ ޕާޓީއެއްގެ މެންބަރަކަށް ވާން ގާނޫނު ލާޒިމެއް ނުކުރެ އެވެ.

އެ ވިދާޅުވި އުސޫލުން ބަލާ ނަމަ ހެނބަދޫ ކައުންސިލްގެ އެމްޑީއޭއާ ގުޅެން މިފަހަރު ސޮއިކުރި ފޯމު، ސައްހަ ފޯމަކަށް ނުވާނެ އެވެ. އެއީ އޭނާ މިހާރު ވެސް އެ ޕާޓީގެ ދަފުތަރުގައި އޮތީމަ އެވެ.