ދޮންފަނު: މި ރަށުގެ ވަށައިގެންވާ މޫދުގެ ސަރަހައްދުން އާންމުކޮށް ފެހުރިހި ފެނޭ. -- ފޮޓޯ: ހަސަން އިސްމާއީލް
ފަތްމިނި ދޮންހިޔަލަގެ މަންމަ އަކީ ދޮންފަނު ދޮންއައިސަ އެވެ. ބުނެވޭގޮތުގައި މި ދޮންއައިސައަކީ ދޮންފަނުގެ އޭރުގެ ކަތީބުގެ ދަރިއެކެވެ. މޫސާ މަލިމައާ ކައިވެނިކޮށް ބުރުންޏަށް ދިރިއުޅުން ބަދަލުކުރުމާ ހަމައަށް ދޮންއައިސަ ދިރިއުޅުނީ ދޮންފަނުގަ އެވެ. ދޮންއައިސައާ ބެހޭ ގޮތުން ބުނެވޭ ގޮތުގައި އޭނާއަކީ ދިވެހީންގެ ގައިގައި ހުންނަ އޮޅަލި ކަޅާ މުޅިން ތަފާތު ވަރަށް ދޮން އަންހެނެކެވެ. ދޮންހިޔަލައާއި އަލީފުޅުގެ ވާހަކައިގެ އިތުރަށް މޫސާ މަލިމައާއި ދޮންއައިސަގެ ލޯބީގެ ވާހަކަވެސް ބުރުނީ ރައިވަރުގައި ކިޔަ އެވެ.
ގާތްގަނޑަކަށް މީލާދީން 1837 ހޮރަބަދޫގެ ރައްޔިތުން މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނަށް ބަދަލުވުމާ ހަމައަށް ދޮންފަނަކީ ފަޅު ރަށެކެވެ. ބ.ހޮރަބަދޫ އަކީ މިހާރު ރޯޔަލް އައިލެންޑް ރިސޯޓެވެ. އެރަށުގައި ދިރިއުޅެމުން ގެންދިޔަ ހަތް އާއިލާއެއް ދޮންފަނަށް ބަދަލުވި އެވެ. އެކަމުގެ މައްޗަށް ދަލީލު ލިބެނީ ހޮރަބަދޫ ފަޅުކޮށް ދޮންފަނަށް ބަދަލުވި މީހުން ކައިބޮއި ހެދުމަށް ފިނޮޅަސް ވަގުފުކުރެވުނުކަން އެނގޭ ފަތްކޮޅުންނެވެ. އެ ފަތްކޮޅުގައިވާގޮތުން، ބ.ފިނޮޅަސް ވަގުފުކުރެވިފައި އޮތީ ހޮރަބަދޫ ފަޅުކޮށް ދޮންފަނަށް ބަދަލުވި މީހުން ކައިބޮއި ހެދުމަށާއި، އައްސުލްތާން މުހައްމަދު މުއީނުއްދީން ދޮންފަނުގައި ބެހެއްޓެވި މިސްކިތުގެ ބޯގަޔަށާއި، ލޮނުޒިޔާރަތްކޮޅު ބެލެހެއްޓުމަށެވެ.
ބ. އަތޮޅުގެ އެހެން ރަށްތަކެކޭ އެއްގޮތަށް ދޮންފަނަކީ ވެސް ރީތި ރަށެއް. ރަށުގެ ވަށައިގެން ބޯކޮށް ރުއްގަސް ހެދިފައިވޭ. -- ފޮޓޯ: ލޫކަސް ޖަލީލް
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނަކީ ކުޑަ ރަށެކެވެ. ރަށުގެ ބޮޑުމިނުގައި ހުރީ 17.5 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެފް-7 އެވެ.
ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު މިރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 599 އެވެ. އެއީ 314 އަންހެނުންނާއި 285 ފިރިހެނުންނެވެ. އޭގެ ތެރެއިން މިހާރު ރަށުގައި ދިރިއުޅޭ މީހުންގެ އަދަދަކީ 569 އެވެ.
ރަށުގައި އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ފަންގިވިނުމެވެ. މަސްވެރިކަމުގައި ދޮށީގެ މަސްވެރިކަމާއި، ފަރުމަހުގެ މަސްވެރިކަންވެސް ކޮށްއުޅެ އެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުން ވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތް ކުރާއިރު، ގިނަ ޒުވާނުން މަސައްކަތް ކުރަމުން ގެންދަނީ ރިސޯޓުތަކުގަ އެވެ.
އާންމު ވިޔަފާރިކުރާ ހަތަރު ފިހާރައެއް ދޮންފަނުގައި ހުރެ އެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ހުރީ ދެ ތަނެވެ. މިވަގުތު ރަށުގައި ހިންގަމުން ގެންދަނީ އެންމެ ގެސްޓްހައުސްއެކެވެ. އިތުރު ގެސްޓްހައުސްތަކެއްގެ މަސައްކަތް އެބަ ހިނގަ އެވެ.
ދޮންފަނަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރީ ސާފު ބޯފެން ލިބުމުގައި ހުރި ދަތިތަކާއި މަގުތައް ނުހެދި އޮތުމުގެ ސަބަބުން ދިމާވާ ތަކުލީފުތަކެވެ.
ދޮންފަނު ސުކޫލަކީ ޕްރީސްކޫލް ތައުލީމުން ފެށިގެން ގްރޭޑް 10 އާ ހަމައަށް އުނގަންނައިދޭ ސުކޫލެކެވެ. މިވަގުތު ސްކޫލުގައި 94 ދަރިވަރުން ތައުލީމު ހާސިލުކުރަމުން ގެންދެ އެވެ. ރަށު ސުކޫލުގައި ތައުލީމު ހާސިލުކުރަމުން ގެންދާ ދަރިވަރުންގެ އަދަދާ އަޅާބަލާއިރު، ސުކޫލަށް އެކަށީގެންވާ ވަރުގެ އިންވެސްޓްމަންޓެއް ކުރެވިފައެއް ނެތެވެ. ސުކޫލުގައި ޖުމުލަ ހުރީ 8 ކްލާސްރޫމެވެ. މި ކްލާސްރޫމްތައް ހުރީ ޕާޓިޝަން ޖަހައި ވަކިކޮށްފައި ކަމަށް ނުވާތީ އަޑުގަދަވުމަކީ ދަރިވަރުންނަށާއި މުދައްރިސުންނަށްވެސް ދިމާވެފައި އޮތް މައްސަލައެކެވެ. އެކަށީގެންވާ އިދާރީ އިންތިޒާމުތައްވެސް ސުކޫލުގައި ހަމަޖެހިފައި ނެތެވެ. ރަށު ކައުންސިލްގެ ފަރާތުން ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކައި، މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
މިހާރު ހިނގަމުންދާ މަޝްރޫއުތަކަށް ބަލާއިރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ދޮންފަނުގައި ކުރިއަށް އެބަ ދެ އެވެ. ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމުގައި މިރަށް ހިމެނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. ރަށް ގިރާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ މަސައްކަތްވެސް ކުރިއަށް އެބަ ދެ އެވެ.
ދޮންފަނުގައި މިހާރު އޮތް 600 ފޫޓު ދިގު، އަދި 200 ފޫޓު ފުޅާ ބަނދަރަކީ 17 އަހަރުގެ ތަކުލީފަށްފަހު ދޮންފަނަށް ލިބުނު ހަމަޖެހުމެކެވެ. އެރަށުގައި އެންމެ ފުރަތަމަ ބަނދަރެއް ހެދީ 2000 ވަނަ އަހަރު އެވެ. އެ މަސައްކަތް ކުރީ ވިލާ ގްރޫޕާ އަތަމާ ގްރޫޕްގެ އެހީތެރިކަމާއެކު ދޮންފަނު ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ. އެ ކުންފުނިތަކުން އޭރު ބ.އަތޮޅުގައި ތަރައްގީކުރަމުން ގެންދިޔަ ރިސޯޓު ހެދުމަށް ގެންނަ ބައެއް މުދާ މިރަށްރަށުގައި ބެހެއްޓުމަށާއި ރިސޯޓް ހަދަން މުދާ ހިފައިގެން އަންނަ އޮޑި ދޯނިފަހަރު އެޅުމަށެވެ. އޭގެ އިތުރުން، އެ ކުންފުނިތަކުގެ ފަރާތުން ދޮންފަނުގެ ރައްޔިތުންނަށް ދެވޭ ހަދިޔާއެއްގެ ގޮތުގަ އެވެ. ބަނދަރު ހަދައި ނިމި، ބޭނުންކުރަން ފެށިތާ 3 އަހަރެއް ނުވަނީސް ސުނާމީގެ ކާރިސާގައި ބަނދަރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވި އެވެ. އޭގެ ފަހުން ދޮންފަނުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އެކި ސަރުކާރުތަކުން ވައުދުވިނަމަވެސް އެ މަސައްކަތް ފެށޭވަރުވީ 2021 ވަނަ އަހަރު އެވެ. މި އަހަރުގެ އޭޕްރިލް މަހު އެ ބަނދަރު އެއްކޮށް ހަދައިނިމި ބޭނުންކުރަން ފަށައިފި އެވެ. މިހާރު ދޮންފަނަށް ލަފާފުރުމުގެ ދަތިކަމެއް ނެތެވެ.
ދޮންފަނުގައި ލޯކަލް ޓޫރިޒަމް އަންނަނީ ކުރިއަރަމުން -- ފޮޓޯ: ލޫކަސް ޖަލީލް
ދޮންފަނަކީ މިހާރު ލޯކަލް ޓޫރިޒަމްވެސް މަޑުމަޑުން ކުރިއަރަމުން އަންނަ ރަށެކެވެ. ޗުއްޓީތަކުގައި ރަށު ގެސްޓްހައުސްގެ އިތުރުން ގޭގޭގައި ކުއްޔަށްދިނުމަށް ހަދާފައި ހުންނަ ކޮޓަރިތައްވެސް ފުރެ އެވެ. އެންމެ ގިނަ މީހުންގެ ޝައުގުވެރިކަން ދަމައިގަންނަނީ މިރަށް ވަށައިގެންވާ މޫދުއަޑީގެ ރީތިކަމެވެ. މިރަށް ވަށައިގެންވާ ސަރަހައްދުން ފަސޭހަކަމާއެކު ފެހުރިހި ފެނެ އެވެ.
ދޮންފަނަކީ ޒަމާނުއްސުރެ ސަގާފީ އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. ބޮޑުބެރު، ތާރަ ލަނގިރި، މާފަތި ނެށުން، އަދި ދަނޑިޖެހުން ފަދަ ސަގާފީ ކުޅިވަރުތަކަށް މިރަށުން ދެވިފައި އޮންނަނީ ހާއްސަ މަގާމެކެވެ. މި ކުޅިވަރުތަކުގެ ފަންނުވެރިންނާއި އެމީހުންގެ އެކުވެރި މިޒާޖުގެ ސަބަބުން ރަށު ތެރޭގައި އަބަދުވެސް އޮންނަނީ މަޖާ މާހައުލެކެވެ. ދޮންފަނު ރައްޔިތުން މެހެމާނުންނަށް ބަހައްޓާ ގާތްކަމާއި، ރަށުގެ ވަށައިގެންވާ ރީތިކަމާއި، ދޮންފަނާ ބެހޭ ގޮތުން ލިބުނު މައުލޫމާތުތަކަށް ބަލައި، މިއީ ޖައްސާލަންޖެހޭ ރަށެއްގެ ގޮތުގައި ބަކެޓްލިސްޓަށް އިތުރުކޮށްފީމެވެ.
Comment