ނ. މަގޫދޫ: އާބާދީ މަދު މި ރަށުގެ އެންމެ ހާއްސަ އެއް ބުއިމަކީ ބަރަބޮލުން ހަދާ ފަންޏެއް. -- ފޮޓޯ: މަގޫދޫ ފޭސްބުކް ޕޭޖް
ރޯދަ މަހު ސުފުރާ މައްޗަށް ނެގޭ އެންމެ ހާއްސަ ބާވަތަކީ އެކި ބާވަތްތަކުގެ ފަންޏެވެ. ކަރާ، އަނބު، ކަށިކެޔޮ ފަދަ ރާއްޖޭގައި ހެއްދޭ ބާވަތްތަކުން ފަންޏެއް ގިރާލާފައި ނެތްނަމަ ސުފުރާ މަތި ފަޅުފިލާކަމަކަށް ނުވެ އެވެ. ރާއްޖޭގައި ހަދާއުޅޭ ފަނީގެ ތެރެއިން އެންމެ ތަފާތު ބާވަތެއްގެ ފަންޏެއްކަމަށް ފެނުނީ ބަރަބޯ ފަންޏެވެ. މިއީ މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫގެ ހާއްސިއްޔަތެވެ. އެރަށަކީ ބަރަބޯ މަގޫދޫގެ ގޮތުގައި ސިފަކުރަނީ މާގިނައިން ބަރަބޯ ހައްދާތީއެއް ނޫނެވެ. ބަރަބޮލުގައި ފަނި ގިރާތީ އެވެ.
ނ. އަތޮޅު މަގޫދޫގެ ބޮޑުމިނަކީ 37.2 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ޑީ-11 އެވެ.
މަގޫދޫ ފާހަގަ ކުރެވެނީ އާބާދީ މަދު ރަށެއްގެ ގޮތުގަ އެވެ. ނަވާރަސަތޭކަ އަށްޑިހަ ފަސްވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތަކަށް ބަލާއިރު އެރަށުގައި އުޅުނީ 89 އަންހެނުންނާއި 73 ފިރިހެނުންނާއެކު ޖުމުލަ 162 މީހުންނެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ 2022 ގެ ނިޔަލަށް ރަށުގައި ތިބީ 212 އަންހެނުންނާއި 222 ފިރިހެނުންނާއެކު ޖުމްލަ 434 މީހުންނެވެ. މިވަގުތު ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު 300 އަށް ނާރަ އެވެ.
ތިރީސް ހަތް ހެކްޓަރުގެ މި ރަށުގެ ޖުމުލަ އާބާދީ އުޅެނީ 434 މީހުން
ރަށުގެ އާންމު އިގްތިސާދީ މަސައްކަތަކީ ކަންނެލި މަސްވެރިކަމެވެ. މި މަސައްކަތުގައި ބޭނުންކުރާ ހަތަރު އުޅަނދެއް ގެންގުޅެ އެވެ. ރަށުގެ ޒުވާނުންގެ ބޮޑު ބައެއް މަސައްކަތް ކުރަނީ ރިސޯޓުތަކުގަ އެވެ. ރަށުގައި ހުރި ސަރުކާރާއި ދައުލަތުގެ އިދާރާތަކުގައި ބައެއް ޒުވާނުން ވަޒީފާ އަދާކުރެ އެވެ. ރަށުގެ އަންހެނުން ފަންގިވިނުމުގެ މަސައްކަތްކުރެ އެވެ.
އާންމު ވިޔަފާރިކުރާ ތިން ފިހާރައެއް މިރަށުގައި ހުރެ އެވެ. މި ފިހާރަތަކަށް މުދާ ގެންނަނީ އަތޮޅުގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓުތަކުންނެވެ. ރަށުގައި ކެފޭ ރެސްޓޯރެންޓެއް ނެތެވެ. ގެސްޓްހައުސްއެއް ނެތް ނަމަވެސް ކޮޓަރި ކުއްޔަށް ދޫކުރަން ހާއްސަ ގޭގެ ހުރެ އެވެ.
މިވަގުތު މަގޫދޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބަނދަރު ތޮއްޖެހުމުގެ ސަބަބުން ލަފާފުރުމުގައި ދިމާވާ ދަތިތަކާއި ފެނާއި ނަރުދަމާގެ މައްސަލަތަކާއި ކުނި މެނޭޖްކުރެވޭނޭ ގޮތެއް ނެތުމުގެ މައްސަލަ އެވެ. ކުރިން ކުނި ނައްތާލަނީ ކުނި އަންދައިގެންނެވެ. އެހެން ނަމަވެސް ރަށުގައި އުފެދޭ ކުނި ނައްތާނުލުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާތާ މިހާރު ދެ އަހަރު ވެދާނެ ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.
މަގޫދޫ ސްކޫލުގެ ގްރޭޑް ތިނެއްގެ ދަރިވަރުންތަކެއް
މިވަގުތު މަގޫދޫއަށް ހާއްސަ އެއްވެސް ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ކުރިއަކަށް ނުދެ އެވެ. އެހެން ނަމަވެސް ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތަށް ސާވޭ ކުރެވެމުން ދެ އެވެ. ބަނދަރު ހެދުމުގެ މަސައްކަތް އޮތީ ކޮންޓްރެކްޓް ކުރެވިފަ އެވެ. މަގޫދޫ ސްކޫލް އަޕްގްރޭޑްކުރުމުގެ މަސައްކަތް އޮތީ ޕްލޭނިން މަރުހަލާގަ އެވެ. މަގޫދޫ ޕްރީސްކޫލު 21 ދަރިވަރުން ތިބިއިރު ޕްރައިމަރީ އާއި ސެކަންޑްރީ ތައުލީމު ހޯދާ ދަރިވަރުންގެ އަދަދަކީ 30 އެވެ. ސްކޫލް ތަރައްގީވުމަކީ މި ދަރިވަރުންނާއި ބެލެނިވެރިންގެ އުއްމީދެކެވެ. ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށް އެބަ ދެ އެވެ. ގައުމީ ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މަގޫދޫ ހިމެނުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މަގޫދޫގައި ބަރަބޯ ފަނި ހަދާ ގޮތްވެސް މަގޫދޫއިން ވާހަކަ ދެއްކި މީހުން ކިޔައިދިނެވެ. ގާނާފައި ހުރި ބަރަބޮލާއި ހަކުރާއި ފޮނިތޮށި، ކާފުރުތޮޅި އަދި ރާނބާފަތް އެއްކޮށް ފެނުގައި ކައްކައި ފޮނިރަހަ ހެޔޮވަރުކޮށް ފުރާނާލުމުން އެހުރީ ބަރަބޯ ފަނި ތައްޔާރުކުރެވިފަ އެވެ. މިއީ ނިދަން އުނދަގޫވުމާއި މޭ އެންދުންފަދަ ތަކުލީފުތަކަށް ފަރުވާ އެކެވެ. މި ރޯދަމަހު މަގޫދޫގެ މި ރެސިޕީގެ އަޖުމަ ބަލާލުން ރަނގަޅުވާނެ އެވެ.
Comment