21 އޭޕްރީލް 2022 - 12:52 0
ފާތިމަތު އަޖްފާން
ބޮޑުފޮޅުދޫ ދަރިވަރުން ހެއްދި ކަރާ ދަނޑު: އެ ދަނޑުން ފުރަތަމަ ކެނޑި ކަރާތައް ދީފައި ވަނީ އެ ރަށު މިސްކިތަށް-- ފޮޓޯ: ފޮޅަދޫ ސްކޫލު
21 އޭޕްރީލް 2022 - 12:52 0
186 ދަރިވަރުން ކިޔަވަމުންދާ އއ. ބޮޑުފޮޅުދޫ ސްކޫލުގެ ގޯތިތެރޭގައި އޮންނަ ހުސް ބިމަކީ ބޭނުމެއް ހިފޭނެ ތަނަކަށް ހެދުމަށް އެ ސްކޫލުން އަބަދުވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ފެށިގެން އެ ބިންކޮޅުގައި ތަފާތު މޭވާ އާއި ތަރުކާރީގެ އިތުރުން ފަތްޕިލާވެލީގެ ބާވަތްތައް ވެސް ހައްދަމުން ދިޔަ އެވެ.
ރޯދައަށް ތައްޔާރުވުމުގެ ގޮތުން ފެށި އެ ދަނޑުގައި ހައްދާފައިވާ ތަކެތީގެ ތެރޭ ކިޔުކަމްބާ، މިރުސް، ކަރާގެ އިތުރުން ލެޓިއުސް އާއި ކޮޕީފަތް ހިމެނެ އެވެ.
ބޮޑުފޮޅުދޫ ސްކޫލުގެ ލީޑިންގް ޓީޗަރު، ހަސަން މޫސާ "އަދަދު"އަށް ވިދާޅުވީ ސްކޫލުގެ ހުސް ބިމެއްގައި މިފަދަ މަސައްކަތެއް ކުރުމުގެ ބޭނުމަކީ ހުސްބިމުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމަށާއި ދަރިވަރުންނަށް ދަނޑުވެރިކަމާ ގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށް ދިނުން ކަމަށެވެ.
ސްކޫލު ދަރިވަރުން ހެއްދި ލެޓިއުސްތަކަށް ފެންދެނީ-- ފޮޓޯ: ފޮޅަދޫ ސްކޫލު
ގްރޭޑް ފަހަކުން މަތީގެ ދަރިވަރިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ އެ މަސައްކަތް ގެންގޮސްފައި ވަނީ އެކި ކްލާސްތަކަށް ބަހާލައިގެން ކަމަށާއި އެހެން ކްސާލްތަކުގެ ކުދިންގެ އެހީތެރިކަންވެސް މިކަމުގައި ލިބުނު ކަމަށް ހަސަން ވިދާޅުވި އެވެ.
ކަރާ ވެލުން ކަރާ މިހާރު ކަނޑާފައި ވާއިރު އެ ކަރާތައް ހަދިޔާކުރީ ރަށު މިސްކިތަށެވެ. ރޯދަ މަސް ނިމުމުގެ ކުރިން އަދިވެސް ކަރާ ކެނޑޭނެ ކަމަށް ހަސަން ވިދާޅުވި އެވެ. 280 ގަސް ލެޓިއުސް އިންދިއިރު އޭގެން ކެނޑި ފަތްތައް ވިއްކީ ރަށަށެވެ.
ފޮޅަދޫ ސްކޫލު ދަރިވަރުން ހެއްދި ކަރާ ދަނޑުން ކަރާ ކަނޑާފައި-- ފޮޓޯ: ފޮޅަދޫ ސްކޫލު
ބޮޑުފޮޅުދޫ ސްކޫލު ވަށައިގެން ކޮޕީ ގަސް ހައްދާފައި ފަތްގަނޑު ރީތިވެފައި ހެދުނު ނަމަވެސް މި ދުވަސްވަރަކީ ހޫނުގަދަ ދުވަސް ވަރަކަށް ވުމުންނާއި އެ ރަށުގެ ފެން ލޮނުވުމުގެ ސަބަބުން ކޮޕީފަތުން އުއްމީކުރި ނަތީޖާއެއް ނުނުކުތެވެ. ނަމަވެސް ރަނގަޅު ފަތްތައް ރަށު މީހުން ގަތެވެ.
އެ ބިމުގައި ކުރިން މިރުސް ވެސް ހެއްދި އެވެ.
ހަސަން ވިދާޅުވީ މިކަމުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ގިނަ ފިލާވަޅުތައް ދަސްވާ ކަމަށެވެ. އެގޮތުން ދަނޑު ހެއްދުމަށް ބިންގަނޑު ތައްޔާރު ކުރާނެ ގޮތުން ފެށިގެން ގަސްކާނާއި މުޑުވައްކޮށް ހައްދާ ބަލަހައްޓާނެ ގޮތް ވެސް ދަރިވަރުންނަށް މިހާރު އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮޅަދޫ ސްކޫލު ދަރިވަރުން ހެއްދި ތަކެތި-- ފޮޓޯ: ފޮޅަދޫ ސްކޫލު
މިފަދަ ކަންކަމުގެ ސަބަބުން ކުދިން ސްކޫލު ނިމިގެން މުޖުތަމައުއަށް ނުކުންނައިރު ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި މީގެން ދަރިވަރުންގެ މުސްތަގްބަލަށް ވެސް ފައިދާ ވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
ދަރިވަރުން ހައްދާ ގަސްތަކަށް ބޭނުންވާ ކާނާ ފޯރުކޮށްދެނީ އެ ރަށުގެ ގެސްޓްހައުސްތަކުންނެވެ.
Comment