Advertisement

ދިޔޯގެ ރައިވަރު: މުއްސަނދި ޚިޔާލުން ކުރައްސަވާފައިވާ އަދަބީ ތަރިކައެއް

15 އޭޕްރީލް 2022 - 09:45 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ދިޔޯގެ ރައިވަރު: މުއްސަނދި ޚިޔާލުން ކުރައްސަވާފައިވާ އަދަބީ ތަރިކައެއް

15 އޭޕްރީލް 2022 - 09:45 0

އަހަރެންނަށް އެންމެ ފުރަތަމަ ދިޔޯއެއްގެ ވާހަކަ އަޑުއިވުނީ ރައިވަރަކުން ނޫނެވެ. ބަންޖަކުންނެވެ. ކޮންމެވެސް މީހަކު ކިޔަނިކޮށް އަޑުއިވުނީ އެވެ. އޭރު ހީކުރީ ދިޔޯ އާއި ދެޔޯއަކީ އެކައްޗެއް ކަމުގަ އެވެ. ދިޔޯގެ މާނައަކީ "ރީތި އަންހެނާ" ކަން އެނގުނީ އަދި މާ ފަހުންނެވެ. ފަހުން އެނގުނީ އެ ބަންޖަކީ "ކަންޒުލް އަދަބު"ގައި އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ލިޔުއްވާފައިވާ "ދިގު ބަންޖެއްގެ ފުރަތަމަ ހަތަރުބަސް ކަމެވެ.

"ދިޔޯ އިތުރު ބޮޑުކަންނާ، ހެދިނަވަށް ވަޑައިގަންނަވާ

ފައިދޮންނަ ގަލެއްކަމުލީ، ފީރޯޒުގަނޑެކެ ނަންކީ"

މި ބަންޖަށް ބަލައިލުމުން ފުރަތަމަ ހިތަށް އަރަނީ މިއީ ދިޔޯގެ ރައިވަރަށް އޮތް އިޝާރާތެއް ކަމަށެވެ. އެހެން ނަމަވެސް މި ބަނދީގެ ބާކީ ބައި އަހަރެމެންނަށް ފެންނާން ނެތުމުންނާއި މި ބަންޖާއި ދިޔޯގެ ރައިވަރާ ދޭތިން ކުރެ ދޮށީ ކޮން އެއްޗެއްކަން ސާފުވާން ނެތުމުން، އެ ކަން ޔަޤީންކުރެވޭކަށް ނެތެވެ. އެހެން ނަމަވެސް ގުޅުމެއްވާ ކަމަށް ބެލެވިދާނެ ކަމަށް އަހަރެން ޤަބޫލުކުރަމެވެ. އެހެނީ މި އޮތީ ދިޔޯ އޭނާ ހެދި ނަވަށް ވަޑައިގަންނަ ވާހަކަ އެވެ. އަދި އެ ނަވުގައި ފައިދޮންނަ ގަލުގެ ބަދަލުގައި ވެސް ލާފައިވަނީ އަގުހުރި ފީރޯޒުކަމުގަ އެވެ. މި ވާހަކައާ އަހަރެން އަޅާކިޔާ ހިތް ވަނީ "ދިޔޯގެ ރައިވަރު"ގެ 94 ވަނަ ރައިވަރެވެ. ޢަބްދުﷲ ޞާދިޤު އެ ރައިވަރު މާނަ ކުރައްވާ ގޮތާއެކު ނަކަލުކޮށްލާނަމެވެ.

"ދީހެދޮރު ރާތަކުގެ ކަމަ (ކަމަރާތަކުގެ ދޮރުހެދީ)

ނިމެނިމުތިން އިގޭމަހުން (ނިމުނީ ތިންމަހުންމެ އިނގޭ)

ފީރޯޒާއި އަލުމަހުން (ފީރޯޒާއި އަލިމަހުން)

ދިޔޯ ބަން ނަވުގެ ކަމަރާ (އޮޑިދޯނިފަހަރުގައި މީހުން ނިމުދަށާއި ހިޔާވުމަށް ހަތަރެސްކަން ފޮށިގަނޑެއްހެން ހަދާފައި ހުންނަ ހިޔާ) ހަދައި ނިމުނީ ތިން މަސް ދުވަހުންނެވެ. އަދި އެ ކަމަރާ ހަދާފައިވަނީ ފީރޯޒާއި އަލިމަހުންނެވެ.

މި ފަދަ އެއްގޮތްކަންތަކެއް ފެންނަ ކަމުގައިވާ ނަމަވެސް، ކަށަވަރުން މިދެންނެވޭކަށް ދެކެވެނީ އެއް ވާހަކަ އެކީ ބުނެވޭކަށް ނެތެވެ. ކަށަވަރުވާ ކަމަކީ ދިޔޯ ފައިދޮންނަ ގަލަކަށް ފީރޯޒުގަނޑެއް ލީ ވާހަކަ އަޑުއިވުނު ހިސާބުން، މި ދިޔޯއެއްގެ ވާހަކަ ހޯދުމުގެ ޝަޢުޤުވެރިން އަހަރެން ހިތުގައި ވަކިހިއްޕާލިކަމެވެ.

"ދިޔޯގެ ރައިވަރު" މި ނަމަކީ އަހަރެމެންނަށް އެހާ ދެކެ ފަރިތަ ނަމަކަށް ނުވުން އެކަށީގެންވެ އެވެ. ނަން ދަންނަ ބަޔަކަށް ވެސް އެ ނަން އަޑުއިވިފައި އޮންނާނީ ދިވެހި ބަހުގެ ދައުރުތައް ކިޔެވި ފިލާވަޅުން ކަމުގައިވުން އެކަށީގެންވެ އެވެ. ޅަފަތުގެ ދައުރުގެ މުހިއްމު ލިޔުންތަކުގެ ތެރެއިން ހިމެނޭތީ އެވެ. އައްޞުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލު، ބަނޑޭރި ހަސަން މަނިކުފާނަށް ނިސްބަތްކުރައްވާ ވިދާޅުވި ބަހަކަށް ރައްދު ދެއްވުމުގެ ގޮތުން ބަނޑޭރި ހަސަން މަނިކުފާނު ތައްޔާރު ކުރެއްވި ރައިވަރު ފޮތުގެ ގޮތުގަ އެވެ. އޭރު ދިވެހި ފިލާވަޅުގައި ކިޔައިދީފައި އޮތީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީނާ ހަވާލާދެއްވާފަ އެވެ. އަރިއަތޮޅު އަރުމާދުން މާލެ ވަޑައިގެންފައި ތިންވަނައަށްވީ ދުވަހު އެ އަރުމާދުގައި ކަން ހިނގި ގޮތް ބަޔާންކުރާ ރައިވަރު ފޮތް ރަދުންނަށް ހުށަހެޅުއްވުމުން ރަދުން ވިދާޅު ބަސްފުޅު އިއްވި ކަމަށްވެއެވެ.

"ކަމެއް ވީމާ އެކަމެއް ދެކޭން ހުރި ޝާޢިރަކަށް އެ ކަމެއް އެ ހިނގި ގޮތަކަށް ކިތަންމެ ރީތިކޮށްވެސް ޅެން ހަދައިގެން ކިޔުމަކީ އުނދަގޫ ކަމެއް ނޫންތާ އެވެ. ޖަވާބުގައި ޙަސަން މަނިކުފާނު ވިދާޅުވިކަމަށްވެ އެވެ. "ނޫން! ނޫން! މަ ސާހިބާއޭ! ނުހިނގާ ކަމެއް ހިތްމައްޗަށް ގެނެސްގެން ޚިޔާލުން އެކަން ނެރެގަތުން މާ ފަސޭހަ ވާނެއެވެ." ރަދުން ވިދާޅު ބަސްފުޅު އިއްވިއެވެ. "ތިޔަހެންވިއްޔާ ނުހިނގާކަމެއްގެ ވާހަކަ މިހާ ރިވެތިކޮށް ތިން މަސް ދުވަހުން ހަދައިގެން ގެނެސްބަލާށޭ! މި ރައިވަރު މިހާ ރީތިކޮށް ހެދިފައި މިއޮތީ ދޮޅުމަސްދުވަހުން ނޫންހޭ؟"

ބަނޑޭރި ހަސަން މަނިކުފާނު ރައްދުގައި "ދިޔޯގެ ރައިވަރު" ރަދުންގެ ހިރިޔާފާތުރާ ދަށަށް ހުށަހެޅުއްވި ކަމަށް ވަނީ އެންމެ ފަނަރަ ދުވަހުގެ ތެރޭގަ އެވެ.

މިއީ ޚިޔާލުގެ މުއްސަނދިކަމުގެ އިތުރުން ބަހާއި، ޅެންބަހުރުވައިގެ ހަމަތައް އިމުލާކޮށްދޭ މޮޅު ލިޔުމެކެވެ. ނެވިކަމުގެ ގޮތްފޮތާއި، ޘަޤާފަތްތަކާއި، ރަސްމުތައް ކިޔައިދޭ އެދުރެކެވެ. އެހެން ނަމަވެސް މިއަދު އަހަރެން ތަފްޞީލުކުރާ ހިތް ވަނީ މި ވާހަކައިގެ ޚިޔާލުތަކުގެ ފުންކަމެވެ.

މި ރައިވަރުން ކިޔައިދޭ ވާހަކަ ޚުލާސާކޮށްލެވޭތޯ މަސައްކަތްކުރާނަމެވެ. މި ވާހަކައިގެ މައި ދެ ޝަޚުޞިއްޔަތަކީ ދެކުނު ދިޔޯ އާއި މުސިންބީ ދިޔޯ އެވެ. ވާހަކަ ހުށަހަޅާފައިވަނީ މުސިންބީ ދިޔޯގެ ހަރަކާތްތައް ބަލަމުންދާ މީހެއްގެ ނަޒަރުންނެވެ. މުޅި ވާހަކަ ނިމޭއިރުވެސް ދެކުނު ދިޔޯއަކާ ދިމަލެއް ނުވެ އެވެ. އެހެން ނަމަވެސް އޭނާގެ ސިފަތައް ކިޔުންތެރިންނަށް ތަޢާރަފުވެގެންދެ އެވެ. މުސިންބީ ނުވަތަ މޮޒަންބީކުގައި އިން ރީތި، ނުފޫޒުގަދަ، މުއްސަނދި އަންހެނަކާއި، ދެކުނު އިންޑިޔާގައި އިން ހަމަ މި ފަދަ އަންހެނަކާ ދެމެދު، ދުނިޔޭގެ ވެރިކަން؛ އޭރުގެ ގޮތުން ނަމަ ސިޔާމުގެ (މިހާރުގެ ތައިލަންޑުގެ) ވެރިކަން ހޯދުމަށް، މެދު ޒަމާނުގައި (މިޑްލް އޭޖަސް)ގައި ކުރި ހަނގުރާމައެއްގެ ވާހަކައެވެ. ދެކުނު ދިޔޯއަކީ އިނގިރޭސީންނާ މާ ގުޅުން ބޮޑު، ނުފޫޒު ގަދަ ދިޔޯއެކެވެ. އޭނާގެ ނުފޫޒު ސިފަކޮށްދެމުން ޝާޢިރު ވިދާޅުވާ ގޮތުގައި، މުސިންބީ ދިޔޯ މުސިންބީގައި އިންދައި އިނގިރޭސިން ފޮނުވައިގެން އޭނާއަށް ނުރައްކާ ކުރެވޭނޭހާ ބާރާއި ނުފޫޒު ދެކުނު ދިޔޯއަށް ލިބިފައިވެ އެވެ. ދެ މީހުންވެސް ބޭނުންވަނީ ދުނިޔޭގެ ވެރިކަމެވެ. އެހެން ނަމަވެސް ސިޔާމަށް ދާން ކުރަންޖެހޭ ދަތުރު ދިގު ވަނީ މުސިންބީ ދިޔޯއަށެވެ. އަދި އޭނާގެ ދަތުރުގައި ދެކުނު ދިޔޯގެ ބާރު އޮންނަ ކަނޑުތަކާއި ބަނދަރުތައް ފަހަނައަޅައި ދާން މަޖުބޫރުވެ އެވެ. އެހެން ކަމުން ފުރަތަމަ، ދެރަވަރު ނަވެއް ބަނދެގެން، އެ ދަތުރު ފުރަން އުޅެފައިވެސް، މުސިންބީ ދިޔޯގެ ޚިޔާލު ބަދަލުވި އެވެ. ބަދަލުގައި، އެފްރިކާ ނުދެކޭ ފަދަ އަރުމާދެއް ތައްޔާރުކުރައްވައިގެން، ނެވިކަމާއި، ނުޖޫމީ ޢިލްމާއި، އެ ނޫންވެސް އަރުމާދަށް ބޭނުންވާ ފަންނުތަކުގެ މާހިރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެނެސް، ދިގު ދަތުރަށް ބޭނުންވާ މުދަލާއި ހަނގުރާމަމަތީ ހަތިޔާރާއެކު ދަތުރަށް ފުރަ އެވެ. ރައިވަރުގެ ބޮޑު އިއްސައްތައެއްގައި ކިޔައިދީފައިވަނީ ތައްޔާރީތަކުގެ ތަފްޞީލީ ވާހަކަތަކެވެ. ނައު ބަނުމަށް ބޭނުންކުރި ތަކެއްޗާއި، ބެލި އިރުވަރާއި، ޒީނަތްތެރިކުރުމަށް ބޭނުންކުރި ތަކެއްޗާއި، އިންސާނީ އަދި އެނޫންވެސް ވަޞީލަތްތައް ހަމަކުރުމަށް ދިޔޯ ކުރި މަސައްކަތުގެ ވާހަކަ އެވެ. ކީހައި ނަދުރާއި، ކިޔެވިހާ ކަންޒޫރީގެ ވާހަކަ އެވެ. ކޮންމެއަކަސް ދަތުރުގެ ވަކި ހިސާބަކުން ދެކުނު ދިޔޯ ފޮނުވި އިނގިރޭސި ގުރާބާއި ދިމާވެ ދެބައިމީހުން ހަނގުރާކޮށް، މުސިންބީ ދިޔޯއަށް ފަސޭހައިން މޮޅު ލިބެ އެވެ. އެހެން ނަމަވެސް އެއަށްފަހު ޖެހެނީ ޤުދުރަތީ މުސީބާތްތަކެކެވެ. މޫސުމީ އުނދަގޫތަކެކެވެ. މިއިން ކޮންމެ ފަހަރަކު ތަސައްލީއެއް ލިބެނީ ކަންޒޫރި (ކަނޑުމައްޗާ ބެހޭ ގޮތުން، ޒިޔާރަތަށާއި މަޤަމަށް ފާތިހާ) ކިޔަވައިގެން ކަމަށްވެ އެވެ. މިހާލުގައިވެސް ސީދާ ސިޔާމަށް ދިއުމުގެ ބަދަލުގައި މުސިންބީ ދިޔޯ ބޭނުންވީ ދެކުނު ދިޔޯ މަރުވިކަން ކަށަވަރުކުރާށެވެ. އެހެންކަމުން ފުރަތަމަ މިސްރާބު ޖެހީ ދެކުނަށެވެ. ގޮސް އެ ރަށު މީހުންކުރެ އަހައިގެން އިނގިރޭސިން އަތްދަށުގައި ދެކުނު ދިޔޯ މަރުވީކަން ޔަޤީންކުރުމަށްފަހު ސިޔާމަށް ގޮސް، ތަޚުތު ހޯދަ އެވެ.

ދިޔޯގެ ރައިވަރު އުފެދުނު ގޮތް އެނގިގެން އެ ރައިވަރު ކިޔުން މުހިއްމުވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އެއް ކަމަކީ މިއީ ނުހިނގާކަމެއް ޚިޔާލަށް ގެނެސްގެން ލިޔުއްވި ވާހަކައެއްކަން ހަނދާން ކޮށްދެއްވުމަށް ބަނޑޭރި ހަސަން މަނިކުފާނު ބޭނުންކުރައްވާފައިވާ ލަފުޒުތައް ދޭހަކުރުމެވެ. އެންމެ ފުރަތަމަ މިކަން ފާހަގަ ކުރެވެނީ ދިޔޯއަށް ކުރައްވާ އިޝާރާތްތަކުގައި ބޭނުންކުރައްވާ ނަން އިތުރުތަކުންނެވެ. މިސާލަކަށް، ފުރަތަމަ ހައެއްކަ ރައިވަރުގައި ނުވަތަ ފަސްލުގައި އެއީ ދޮގު ދިޔޯއަކަށް ކިޔާ ދޮގު ޘަނާއެއް ކަމަށް ލިޔުއްވާފައިވެ އެވެ. ވާހަކައިގެ ނިމުން ގާތްވާ ވަރަކަށް މިއީ ޚިޔާލީ ވާހަކައެއްކަން އެންގެވުމަށް ކުރައްވާ އިޝާރާތްތައް އިތުރުވެގެންދެ އެވެ. 317 އަދި 318 ވަނަ ރައިވަރުގައިވާ މި ފަދަ އިޝާރާތްތަކަށް ބަލާލާއިރު، މި ދެކެވެނީ "ލޯ ބޯ ކަންފަތެއް ނެތް" ދިޔޯއެއްގެ ވާހަކަ ކަމާއި، އެ ދިޔޯއަށް ސިޔާމުގެ ރަނިކަން މަތީ ޢުމުރު ދުވަހު ދެމިހުރެވުނީ، އޭރު "ސީނު ރަސްކަމެއް ނެތީހޭ" ކަމަށް ލިޔުއްވާފައިވާ ދެ ބަސް ފާހަގަކުރެވެ އެވެ. ޤަބޫލުކުރެވޭ ގޮތުގައި ލިޔުންތެރިޔާ މި ވިދާޅުވަނީ، މެދު ޒަމާނުގައި ސިޔާމަށް ޙަޤީޤަތުގައި މީހަކު ދިޔަ ނަމަ، ސީނުކަރައިގެ ހަޟާތަރުގެ ވެރިޔަކާ ހަނގުރާމަކުރަން މަޖުބޫރުވީސްކަމެވެ. އެހެންކަމުން، މުސިންބީ ދިޔޯއަށް ސިޔާމުގެ ވެރިކަން ލިބުނު އިރު، ސީނު ކަރައިގެ އެއްވެސް އުނދަގުލެއް ނުވާ ކަމީވެސް މިއީ ޚިޔާލީ ކަމެއް ކަން ދެއްކުމަށް ގެންގުޅުއްވި އުކުޅެއް ކަމަށް ބެލެވިދާނެ އެވެ.

ޚިޔާލީ ވާހަކައެއް ކަމަކު، ކޮންމެވެސް ވަރެއްގެ ޙަޤީޤަތްތަކަކުން އެ ޚިޔާލު އުފަންކޮށްފައިވުން އެކަށީގެންވެ އެވެ. ގިނަ ފަހަރަށް ލިޔުންތެރިންގެ ޚިޔާލު އުފަންވަނީ އޭނާއަށް ކޮށްފައިވާ ނުފޫޒުތަކަކުންނެވެ. އެއީ ޒަމާނާއި، ތާރީޚާއި، ހޭލުންތެރިކަމާއި، ޢިލްމާއި ހިލްމުވެސް އޭގައި ހިމެނޭ ގޮތަށެވެ. މިސާލަކަށް، އިނގިރޭސިންގެ ވާހަކަވެސް މި ފޮތުގައި ލިޔުއްވާފައިވާ ހިނދުވެސް، ދެ ދިޔޯއިން ސިޔާމުގެ ވެރިކަމަށް މިފައި ނަގަނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. ފަހަރުގައި ހަސަން މަނިކުފާނު އެ އިޝާރާތްކުރައްވަނީ ސިޔާމުގެ ތާރީޚު ދުށް ރަން ޒަމާންކަމުގައިވާ؛ 15 ވަނަ ޤަރުނާއި 17 ވަނަ ޤަރުނާއި ދެމެދުގެ އަރުތަޔާ ރަސްކަމަށް ކަމުގައި ވެދާނެ އެވެ. އެ ދުވަސްވަރު ޗައިނާ އާއި އިނގިރޭސިންނާއި ފަރަންސޭސިން ވެސް އަރުތަޔާއަށް ބަނދަރުކޮށް، ހަނޑޫ ގަނެގެން ދަނީ، ބަދަލުގައި އަގުބޮޑު މުދަލާއި ހަތިޔާރު ދީފަ އެވެ.

ދެން އޮތީ ދިވެހި ވާހަކައެއްގައި މެދު ޒަމާނުގެ ވާހަކަ ދައްކާއިރު، މައިގަނޑު ދެ ޝަޚުޞިއްޔަތުގެ ގޮތުގައި އަންހެނުން ކަނޑައެޅުއްވީ ކީއްވެގެންތޯ ކުރެވޭ ސުވާލެވެ. މީގެ ސަބަބަކަށް، ދިވެހިންގެ ތެރޭ ކުރިން އޮތްކަމަށް ބުނާ "މެޓްރިއާކަލް" އާބާދީ އާއި މައިފުށުން ވާރުތަވަމުންދިޔަ ރަސްކަމާއި މިކަންކަން އެއީ ނުފޫޒަކަށް ވުން އެކަށީގެންވެ އެވެ. ނުވަތަ ކްލިއޯޕެޓްރާ ފަދަ ރަނިންގެ ވާހަކަތަކުން ޚިޔާލު އުފަންވުން ވެސް އެކަށީގެންވެ އެވެ.

ރައިވަރުގެ އެކި ބައިތަކަށް ބަލާލާއިރު ބޮޑަށް ބުރަ ވެވެނީ މުސިންބީ ދިޔޯއަކީ "ކްލިއޯޕެޓްރާ" ފަދަ ވެރިއެއްގެ ގޮތުގައެވެ. ކްލިއޯޕެޓްރާގެ ވާހަކަތަކަކީ މެޑީވަލް އަދި ރިނައިސޯންސް އަދަބިއްޔާތުގައި ތިޔާގި ހަވާލާތަކެކެވެ. ކޮންމެ ހަވާލާއެއްގައިމެ ސިފަކުރަނީ އާދަޔާ ޚިލާފަށް ބުރުސޫރަ ރީތި، މުއްސަނދިކަމާއި ޒީނަތްތެރިކަމަށް ލޯބިކުރި، ބުރުސޫރަ އާއި މާލީ ތަނަވަސްކަމުގެ އެހީގައި ދުނިޔޭގެ ވެރިން "ފަތަޙަކުރި" ލީޑަރެއްގެ ގޮތުގަ އެވެ. ކްލިއޯޕެޓްރާ އަކީވެސް އާދަޔާ ޚިލާފު ކަންތައްތަކުން އޭނާގެ މުއްސަނދިކަން ދައްކަމުން ދިޔަ މީހެކެވެ. ފެންވަރަނީ ސާފު، ތާޒާ ކިރުން ކަމައްވެއެވެ. ތަޚުތު އުފުލުމަށް އެކަނިވެސް އަޅުންގެ ލަޝްކަރެއް ގެންގުޅޭކަމަށްވެއެވެ. އެއްޗެއް ކެއުމުގެ ކުރިން، އެއީ ވިހައެއް ހުރި އެއްޗެއްތޯ ބެލުމަށް، އޭގެ ރަހަބަލާނޭ މީހަކުވެސް ގެންގުޅުކަމަށް ވެ އެވެ. މުއްސަނދިކަމުގެ ތެރޭ އުދުހެމުންދިޔައިރުވެސް، އަބަދު ހުންނަކަމަށްވަނީ، މީހެއްގެ ހަމަލާއެއް އަތުވެދާނޭކަމަށް ސިހިސިހި ކަމަށްވެ އެވެ.

މުސިންބީ ދިޔޯވެސް މިހެންނެވެ. އަރިހުގައި ހުރިހާ ކަމެއްގެ މާހިރުން ތިބެ އެވެ. އެކި ކަރަކަރައިން ގެނެސްގެން ކަންކަމުގެ މާހިރުންގެ އިތުރުން، ޒާތް ޒާތުގެ އަލިމަހާއި ފެންފިޔާޒާއި މުތާއި، މޮޅު ލަކުޑި އާއި ކާބޯތަކެތި ހުރެ އެވެ. ވިލާތާއި ޖާވާ އާއި ތުރުކީ އާއި ޢަރަބިކަރައިން މީހުންނާއި ތަކެތި ހޯދުމުގެ ފުދުންތެރިކަމާއި ނުފޫޒު ލިބިފައިވި އެވެ. އެހެން ނަމަވެސް ދެކުނު ދިޔޯގެ މަރު ކަށަވަރު ވުމާ ހަމައަށްވެސް ބިރުން ސިހި ސިހި ހުރި ހުރުންވެސް ކްލިއޯޕެޓްރާ އާ އަޅާކިޔަން ފަސޭހަ ނޫންހެއްޔެވެ؟

ދެން އޮތީ މުސިންބީ ދިޔޯގެ އަރިހުގައި ހަށިފާރައަށް ގެންގުޅުނު "ބަކަރި ބުރަށް މޫނު ހުރި" ސަތޭކަ ބަބުރުންގެ ވާހަކަ އެވެ. ވަގުތުން ހަނދާނަށް އަންނަނީ މިސްރުގެ ހަޞާރަތުގައި ކަށުކަމާކެމީގެ ކަންތައްތަކަށް ބޭނުންކުރި "އަނޫބިސް" މާސްކެވެ. އެހެން ނަމަވެސް މިއީ ބަކަރި ބުރެއް ނޫނެވެ. މިއިން ބޮޑަށް ސިފަކޮށްދެނީ ހިޔަޅު ނުވަތަ ކުއްތާއެވެ. މޮޒަންބީކުގެ ތާރީޚުގައިވެސް ފިރިހެނުން މާސްކު ބޭނުންކުރި އެވެ. އެހެން ނަމަވެސް އެ މަޕީކޯ މާސްކަކީ ފިރިހެނުން އަންހެނުންގެ މައްޗަށް ގަދަކަން ދައްކަން ބޭނުންކުރި މާސްކެކެވެ. ބަނޑޭރި ހަސަން މަނިކުފާނު ސިފަކުރައްވާ ބަކަރި ބުރަށް މޫނު ހުންނަ މީހުންނަކީ މާސްކު އަޅައިގެން ތިބޭ ބައެއްކަމަށް އަހަރެމެން ކަނޑައަޅަން ބޭނުންނަމަ އެންމެ ބޮޑަށް ގުޅުވައިލެވޭނޭ އެއް ބަޔަކީ އައިވަރީ ކޯސްޓުގެ "ގުއޯރޯ" މާސްކުތަކެވެ. އެ މާސްކުތަކުން ދައްކުވައިދެނީ އިންސާނުންނާއި ހަތަރު މުއްގަނޑުޖެހި ބައެއް ޖަނަވާރުގެ ސިފަ އެއްކޮށްލައިގެން ހަދާފައިވާ ސޫރަތަކެކެވެ. މާސްކުގެ ޚިޔާލު ދޫކޮށްލާ އެއީ އެ މީހުންގެ މޫނު ހުންނަ ގޮތްކަމަށް ޚިޔާލުކުރަން ބޭނުންނަމަ، ގްރީކް މިތޮލޮޖީގައި އެ ބުނާ ޓައިޓަންތަކުގެ ސިފަތަކާމެދު އަހަރެމެންނަށް ވިސްނާލެވިދާނެ އެވެ.

ބަނޑޭރި ހަސަން މަނިކުފާނުގެ ޚިޔާލަށް ފޯރާފައިވާނެ ނުފޫޒަކާމެދު ޚިޔާލުކުރަން މި އުޅެނީ، އެއްގޮތަކަށްވެސް އޭގެ "އޮރިޖިނިލާޓީ" އާ މެދު ސުވާލު އުފައްދާކަށެއް ނޫނެވެ. ނަމަވެސް، އެ ފަދަ އެހެން ޚިޔާލުތަކާ ހުރި އެއްގޮތްކަން ދައްކައިގެން، ޚިޔާލުގެ މުއްސަނދިކަމުގެ އަގުވަޒަންކުރާހިތުންނެވެ.

"ދިޔޯގެ ރައިވަރު" މިއީ މި ވަރު ކުރު ލިޔުމަކުން އިންސާފުކޮށްލެވޭ ވަރަށް ވުރެ ޝަޢުޤުވެރި އަދަބީ ތަރިކައެކެވެ. އެ ރައިވަރުގައި ބޭނުންކުރައްވާފައިވާ އޮނިގަނޑާއި ބަސްމަގަށް ވަކިން ފާޑުކިއިދާނެ އެވެ. އެ ރައިވަރުގައި ހާމަކުރައްވާފައިވާ ނިޔަމި ކަމުގެ އުކުޅުތަކާއި، އެކަމުގެ ބަސްކޮށާރާއި، ތިލޭރުކަމާއި ލާފެންކުރުމާއި، ދަތުރުފަތުރުގެ އިޙުތިފާލުތަކާއި ރަސްމުތަކުގެ ދިރާސާއަށް ކުޑަ ފޮތެއްވެސް ނުފުދޭނެ އެވެ. އަދި ވާހަކައިގައި ކިޔައިދޭ ޚިޔާލުތަކާމެދު ބަޙުޘްކުރުމަށް އަދި މަދުވެގެން އިތުރު އެއްހާސް ލަފުޒު ޚުދު އަހަރެންވެސް ބޭނުންވެއެވެ. އެހެންނަމަވެސް އުއްމީދަކީ މި ލިޔުމުގެ އަލީގައި މި އަދަބީ މަސައްކަތަށް އަދުގެ ޖީލުގެ ޝަޢުޤުވެރިކަން އިތުރުވެގެންދާނޭ ކަމަށެވެ. އެޕިކް ލިޔަން ދަންނަނީ ހަމައެކަނި ގުރީކު މީހުންނާއި ހިންދޫއިންނާއި އިނގިރޭސީންނެއް ނޫނެވެ. ބަނޑޭރި ހަސަން މަނިކުފާނުވެސް ހޯމަރ އަކަށް ދުލެއް ނުކުރައްވަ އެވެ.