Advertisement

ރަށު ނޯޓު: ކެޔޮދޫ

12 އޭޕްރީލް 2022 - 12:13 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ރަށު ނޯޓު: ކެޔޮދޫ

12 އޭޕްރީލް 2022 - 12:13 0

'ލޯކަލް ޓޫރިޒަމް' އޭ ކިޔާ ބަހެއް އާންމުވެ، އެއީ ވިޔަފާރީގެ ކޮންސެޕްޓެއްގެ ގޮތުގައި ވައިގައި ހިފުމުގެ ކުރިންވެސް ފެލިދެ އަތޮޅަށް ލޯކަލް ޓޫރިޒަމް ފެށިއްޖެ އެވެ. އެއީ ރާއްޖޭގެ އެކި ރަށްރަށުން، ހާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުންގެ ޗުއްޓީގެ މަންޒިލެކެވެ. ފެލިދެ އަތޮޅުގެ ރަށްތަކުގެ ތެރެއިން މި ފަހަރު ރަށު ނޯޓުގައި ބަލާލާނީ ކެޔޮދު އަށެވެ.

ކެޔޮދޫގެ ބޮޑުމިނަކީ 11.8 ހެކްޓަރެވެ. ކުޑަކުޑަ ރަށެކެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ޖޭ-4 އެވެ.

ކެޔޮދޫއަކީ ފެލިދެ އަތޮޅުގައި އޮތް އެންމެ އާބާދީ ބޮޑު ރަށެވެ. މިރަށުގެ އާބާދީގައި 1985 ވަނަ އަހަރު ތިބީ 418 މީހުންނެވެ. އެއީ 188 އަންހެނުންނާއި 230 ފިރިހެނުންނެވެ. ދެހާސް ސާދައިގެ ބޯހިމެނުމުގައި މި ރަށުގެ އާބާދީއަކީ 301 އަންހެނުންނާއި، 334 ފިރިހެނުންނާއެކު ޖުމުލަ 635 މީހުންނެވެ. އޮނަތިރީސް އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގެ އާބާދީއަށް އިތުރުވީ 217 ބޮލެވެ. އެންމެ ފަހުން، 2017 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު ރަށުގެ އާބާދީއަކީ 422 އަންހެނުންނާއި 430 ފިރިހެނުންނާއެކު ޖުމްލަ 852 މީހުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު މިހާރު އެރަށުގެ ރަޖިސްޓްރީގައި ޖުމުލަ 889 މީހުން އެބަތިއްބެވެ. އެއީ 436 އަންހެނުންނާއި 453 ފިރިހެނުންނެވެ. އެހެންނަމަވެސް ރަށުގައި މިވަގުތު ދިރިއުޅެނީ 741 މީހުންނެވެ.

ވ. ކެޔޮދޫ: ގެސްޓް ހައުސްގެ ވިޔަފާރިއާއެކު މި ރަށަށް ވަނީ ދިރުން އަންނަން ފަށައިފަ


ކެޔޮދޫގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތަކީ ގެސްޓްހައުސް ހިންގުމުގެ ވިޔަފާރި އެވެ. ސާދަ ގެސްޓް ހައުސްއެއް މިރަށުގައި ހިންގަ އެވެ. މި ވިޔަފާރިތަކުން އުފެދިފައިވާ ވަޒީފާތަކުގައި މިރަށުގެ އެތައް ބަޔަކު ހަރަކާތްތެރިވަމުން ގެންދެ އެވެ. މި ގެސްޓްހައުސްތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ހިދުމަތް ހޯދާއިރު، މިތަންތަނުގެ ހިދުމަތް ހޯދާ ދިވެހިންގެ އަދަދުވެސް މަދެއް ނޫނެވެ. މި ވިޔަފާރިއަށް ކުޑަކުޑަ މަޑުޖެހުމެއް އައީ ކޯވިޑްގެ ހާލަތާ ގުޅިގެންނެވެ. ރާއްޖޭގައި ފުރަބަންދަށް ދިން ލުޔާއެކު، އެންމެ ގިނަ މީހުން މިސްރާބުޖެހި އެއް ރަށަށް ވާނީ ކެޔޮދޫ އެވެ.

މިރަށުގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ވެސް ކުރެ އެވެ. މަހަށް ދުއްވާ ހަތަރު އުޅަނދެއް މިރަށުގައި އޮވެ އެވެ. މިރަށުގެ ވިޔަފާރިތަކުގައި ކޮންމެވެސް މިންވަރަކަށް ބޭރު މީހުން ހަރަކާތްތެރިވި ނަމަވެސް، އިގްތިސާދީ މަސައްކަތްތަކުގައި ބޮޑަށް ހަރަކާތްތެރިވަނީ މިރަށުގެ ރަށްވެހިންނެވެ.

ގިނަ އަދަދަކަށް ފަތުރުވެރިން އަރާ ފައިބާ ރަށަކަށް ވާތީ، މިރަށުގެ އެހެން ވިޔަފާރިތަކަށް އެކަމުން ނަފާ ވެއެވެ. އާންމު ވިޔަފާރިކުރާ 8 ފިހާރައެއް މިރަށުގައި ހިންގާއިރު ކާބޯތަކެތީގެ ހިދުމަތްދޭ ފަސް ތަނެއް ހުރެ އެވެ. ސެލޫނެއްގެ ހިދުމަތްވެސް މިރަށުން ލިބެންހުރެ އެވެ. ފަތުރުވެރިންނަށް ހާއްސަކޮށް މުދާ ވިއްކާ ފިހާރަތައްވެސް އެބަހުއްޓެވެ. މި ފިހާރަތައް ހިންގުމުގައި އާންމުގޮތެއްގައި ހަރަތާކްތެރިވަނީ ކެޔޮދޫގެ އަންހެނުންނެވެ.

މިރަށުގެ 'ޕްރޮޑަކްޓް' އަކީ މިރަށުގެ ގުދުރަތީ ރީތިކަމެވެ. ރަށުގެ ވަށައިގެންވާ މޫދާއި މޫދު އަޑީގެ ޗާލުކަމެވެ. މި ރީތިކަން ފަތުރުވެރިންނަށް ވިއްކުމަށްޓަކައި ދެ ޑައިވިން ސުކޫލެއް ހިންގަ އެވެ. ތަމްރީނު ލިބިފައި ތިބި ޑައިވިން އިންސްޓްރަކްޓަރުންގެ އިރުޝާދާއެކު، މި ސެންޓަރު ތަކުން ކޮންމެ މީހަކަށްވެސް ހިދުމަތް ދޭނެ އެވެ. ރަށް ކައިރީގައި އޮންނަ 'ވާވު ޝިޕްރެކް' ސަރަހައްދުގެ ރީތިކަމަކީ ވެސް މިރަށުގެ ޑައިވިން ސުކޫލުތަކުގެ ހިދުމަތް ވިއްކުމަށް ހުޅުވިފައި އޮތް ފަހިމަގެކެވެ. އެ ސަރަހައްދަށް ދަތުރުކުރުން ފަސޭހަކުރުމަށް އަތޮޅު ކައުންސިލުން އޮތީ އެ ސަރަހައްދުގައި ހަ ފައްތިޔާ ހަރުކޮށްފަ އެވެ. މިހާރު ކަނޑުދުއްވާ އުޅަނދު އެ ސަރަހައްދުގައި އަޅައިގެން ތިބެވޭނެ އެވެ.

ކެޔޮދޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަމެވެ. އޭގެ އިތުރުން ރަށުގެ ފެން ލޮނުވުމުގެ ސަބަބުން ސާފު ފެން ލިބުމުގައި ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ރަށް ގިރުމުގެ މައްސަލަވެސް ކޮންމެވެސް މިންވަރަކަށްވުރެ ބޮޑަށް އެބައޮތެވެ.

މިރަށުގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމޭނޭ ކަމަށް ލަފާކޮށްފައި އޮތީ އޮކްޓޯބަރު 7، 2022 ގެ ނިޔަލަށެވެ. މިއީ ރަށުގެ ފެން ލޮނުވެފައި ވުމުގެ ސަބަބުން ދިމާވަމުންދާ ތަކުލީފަށް ލިބިގެންދާނޭ ދާއިމީ ހައްލެކެވެ. ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އޮތީ ޕްލޭނިންގ މަރުހަލާގަ އެވެ. ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމުގެ މަސައްކަތް އޮތީ ޓެންޑަރ ކުރެވިފަ އެވެ. ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރުމަށް ޑިޒައިނިންގ މަސައްކަތް އޮތީ ބަޔަކާ ހަވާލުކުރެވިފަ އެވެ. ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް އޮތީ ކޮންޓްރެކްޓް ކުރެވިފަ އެވެ. ބަނދަރު ހެދުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް އޮތީ ނިމިފަ އެވެ. ސްކޫލުގެ މަލްޓި ޕަރޕަސް ހޯލަކާއި ދެ ކްލާސް ރޫމް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ. މި ނޫނަސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިރަށުގައި ކުރިއަށް ގެންދިއުމަށް ޕްލޭންކުރެވިފައި ވެއެވެ.

ކެޔޮދޫއަކީ ތިމާވެއްޓަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. އެރަށުގެ އިގްތިސާދުގެ ނާރެހަކީ ފަތުރުވެރިކަން ކަމަށްވާއިރު ތިމާވެށި ހިމާޔަތްވެފައި އޮތް، ގުދުރަތީ ރީތި ވެއްޓެއްގެ އަގު ކެޔޮދޫގެ ރައްޔިތުންނަށް އެނގެ އެވެ. ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލުމަށް ޖެނުއަރީ 1، 2017 ގައި އެރަށު ކައުންސިލުން ނިންމި ނިންމުމަކީ އެ ރަށުގެ އިގްތިސާދާއި، މުޅި ރާއްޖޭގެ ތިމާވެއްޓަށް ވިސްނައިގެން ނިންމި މުހިންމު ނިންމުމެކެވެ. އެއީ ރާއްޖޭ ރަށެއްގެ ކައުންސިލުން ނިންމި އެފަދަ ފުރަތަމަ ނިންމުން ވެސްމެ އެވެ. ކެޔޮދޫ ކައުންސިލުގެ އެ ނިންމުން ފާސްކުރިއިރު، އެހައިތަނަށް އެފަދަ ފިޔަވަޅެއް ސަރުކާރަކުންވެސް އަޅާފައެއް ނެތެވެ. ކެޔޮދޫ މާ ހޭލުންތެރި އެވެ.

ކެޔޮދޫ އަތިރިމަތި


ކެޔޮދޫގައި އަޅާ އީދު ކުނބުހުގެ ވާހަކަ ނުދައްކާ މި ލިޔުން ކުރުކޮށްލުން އިންސާފުވެރިއެއް ނުވާނެ އެވެ. ކެޔޮދޫގައި ކުނބުސް ފިހަނީ ހަނޑޫ ފެނުއަޅައި އެހަނޑޫ ރަނގަޅަށް ފޯވުމުން ހަނޑޫ ފުނޑައި، ގަބުޅިއާއި ދިޔާހަކުރު އެއްކޮށްގެން ހިލައި އޮލަވީމާ އޭގެ ތެރެއަށް ފުނޑި ހަނޑޫ އެއްކޮށްގެން ހިލި ހަނޑުލު ފުށްގަނޑު އުނިފަތަށް އަޅައި ބަނދެ، ދެ ފުށުން އަޅިއަޅައިގެންނެވެ. އެ ހޫނުގައި ރެއެއްގެ ހަތަރުދަން ބާއްވައި، އީދު ދުވަހު ހެނދުނު ނަގާއިރު ކުނބުސް އޮންނާނީ އެންމެ ހެޔޮވަރަށް ފިހެވިފަ އެވެ. ކެޔޮދޫގައި މިހާރު މާ ބޮޑު ހަރަކާތެއްގެ ގޮތުގައި މިކަން ނެތްނަމަވެސް އަދިވެސް ގިނަ ގޭގޭގައި އީދު ކުނބުސް އަޅަ އެވެ. އެކަމަކު ޒަމާނީ އާލާތްތަކާއެކު، ކުނބުސް ތައްޔާރުކުރާ ގޮތް މިހާރު ތަފާތެވެ.

ޒަމާނުއްސުރެ ކެޔޮދޫގައި އޮތް ފަތުރުވެރިންނަށް މަރުހަބާކިޔުމުގެ ސަގާފަތު އެރަށުގައި އަދިވެސް އެގޮތުގައި އެބައޮތެވެ. ދޭސީއަކަސް ބިދޭސީއަކަސް އެރަށުން މަރުހަބާ ކިޔާނީ އެއް ހިނިތުންވުމަކާ އެކުގަ އެވެ. ރަށަށް އަރާ މެހެމާނުގެ ޗުއްޓީ އަކީ އޭނާ އުމުރަށް ރައްކާކުރާނޭ ހަނދާނަކަށް ހެދުމަށް ކެޔޮދޫގެ ކޮންމެ ރައްޔިތަކުމެ މަސައްކަތް ކުރާނެ އެވެ. ކުރިއަށް އޮތް އީދު ޗުއްޓީއަށް ކެޔޮދޫއަށް ދަތުރެއް ރާވާލަންވާނެ އެވެ.