Advertisement

ދަރިންނަށް ދިވެހި ބަހުން ނަންކިޔުން

6 އޭޕްރީލް 2022 - 08:30 5

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ދަރިންނަށް ދިވެހި ބަހުން ނަންކިޔުން

6 އޭޕްރީލް 2022 - 08:30 5

ނަން ކިޔުމުގެ ކަންތައް ދީނުގައި އޮތީ އެހެން ކަންކަމެކޭ ވެސް އެއްފަދައިން ވަރަށް އާދައިގެ ފަސޭހަ ގޮތަކަށެވެ. ދަރިޔަކަށް ކިޔާ ނަން ވާންޖެހެނީ މާނަ ރަނގަޅު ނަމަކަށެވެ. އިތުރަށް ބަލަންޖެހޭ ކަންކަމަކީ ދަރިޔަކަށް ނަންކިޔުމުގައި ކޮށްގެންނުވާނެކަމަށް އިލްމުވެރިން ވިދާޅުވާ ކަންކަމެވެ. އެއް ކަމަކީ، މާތް ﷲ ގެ ޒާތުފުޅަށް އެކަނި ހާއްސަކުރެއްވި ސިފަތަކުގެ ތެރެއިން ސިފައެއްގެ ނަމުން އެކަހެރިކޮށް ނަން ނުކިޔުމެވެ. އެފަދަ ސިފައެއް ނަމެއްގައި ބޭނުންކުރާނަމަ ކުރިޔަށް "ޢަބްދު" ގެ ލަފުޒު ގެނައުމެވެ. ދެވަނަ ކަމަކީ، ﷲ ފިޔަވައި އަޅުކަންވެވޭ އެހެންދީންތަކުގެ މީހުން ކަލާނގެ ދަރަޖައިގައި ގެންގުޅޭ ނަންތަކުން ނަމެއް ނުކިޔުމެވެ. އެހެން ދީންތަކާއި އެހެން ދީންތަކުގެ ޙަޟާރާތްތަކާއި ސަގާފްތަކާ ގުޅިފައި ހުންނަ ނަންނަން ނުވަތަ އިސްލާމްދީނާ ބީރަށްޓެހި އަދި އެހެން ދީނެއްގެ ސަގާފަތެއްގެ ތެރޭ ހިމެނޭ ކަމެއް މަތިވެރިކުރެވެނީކަމަށް ދޭހަވާ ކަހަލަ ނަންނަން ނުކިޔުމަށް އިލްމުވެރިން ފަތުވާދެއްވާފައި ވެއެވެ. މަލާއިކަތުންގެ ނަންފުޅުތަކުން ނަން ކީދާނެތޯ ނުވަތަ އަރަބި ބައެއް ނަން ކީދާނެތޯ އިލްމުވެރިންގެ މެދުގައި ހިލާފެއް އެބަހުއްޓެވެ. މި ވާހަކަތަކުގެ ތެރެއަށް ވަނީމާ ވިސްނާން އުނދަގޫގޮތެއް ހުރިނަމަވެސް ކަމަކީ އެޔަށްވުރެ ފަސޭހައިން އޮތް ކަމެކެވެ.

އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ނަމުގެ އަސްލު ހުކުމަކީ، ހުއްދަވުންކަމަށް އިލްމުވެރިން އެއްބަސްވެ އެވެ. އެޔަށްވުރެ ވެސް އަދި މާ ފަސޭހަކޮށް ދަންނަވާފާނަމެވެ. ކިޔާ ނަމުގެ މާނަ ރަނގަޅުވާންވާނެ އެވެ. ނަމަކީ އިސްލާމްދީނަށް ކުރެވޭ އިހުތިރާމާމެދު ބިރެއް ހީވުމުގެ ފުރުސަތު އޮތް ފަދަ ނަމަކަށް ނުވީމާ ނިމުނީ އެވެ. އިލްމުވެރިންގެ ތަފާތު ޢިބާރާތްތަކާއި ދިގު ބަހުސްތަކުގެ ހުލާސާއަކީ މިއީ އެވެ.

ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް ކުއްޖާއަށް ކިޔާ ނަމަކީ އަރަބި ނަމަކަށް ނުވަތަ ފާރިސީ ނަމަކަށް ނުވަތަ އަރަބި މަހުރަޖުން ކިޔޭ ނަމަކަށް ވުމަކީ، ވާޖިބުކަމަށް އެއްވެސް އިލްމުވެރިޔަކު ފަތުވާދެއްވާ ކަމެއް ނޫނެވެ. އަދި ކޮންމެ ބަހަކުން ނަން ކިޔުމަކީ ވެސް އިލްމުވެރިން ސާފުބަހުން ސަރީހަކޮށް ހުއްދަކަމަށް ވިދާޅުވާ ކަމެކެވެ. އެފަދަ އެއް ފަތުވާއަކީ، މިސްރުގެ ފަތުވާ އޮފީހުގެ ފަތުވާ ކޮމިޓީގެ 2265 (17/07/2012) ނަންބަރު ފަތުވާ އެވެ. އެފަތުވާގެ ހުލާސާ ތަރުޖަމާއަކީ، އަރަބި ނޫން ބަސްބަހުން ދަރިންނަށް ނަން ކިޔުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެފަދަ ނަމަކީ، އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ހާއްސަކުރެވިފައިވާ ސިފައެއް ލިބިގެންވާ ނަމަކަށް ވެގެންނުވާނެ އެވެ. އަދި އެނަމަކީ މާނަ ހުތުރު ނަމަކަށް ވެގެން ނުވާނެ އެވެ. ނަބިއްޔުންނާއި ސަހާބީންގެ ތެރޭގައި ވެސް އަރަބި އަސްލުން ފެންނާން ނެތް ބޭރު ނަންތައް ކިތަންމެހައިވެސް ގިނަ އެވެ. އިސްލާމްދީނަކީ އެންމެހާ އާލަމްތަކަށް އޮތް ދީނެކެވެ. އަރަބީންނަށް ހާއްސަވެފައި އޮތް ދީނެއް ނޫނެވެ. މިއެވެ.

ކީރިތި މާތް ނަބިއްޔާގެ ޒަމާނުގައި އަލަށް އިސްލާމްވީ ބައެއް މީހުންގެ ނަން ބަދަލުކުރައްވާފައި ވެއެވެ. ނަން ބަދަލުކުރައްވާފައިވަނީ މުޅިންވެސް މާނަ ނުރަނގަޅު ނަންނަމުން ނަން ދެވިފައި ހުރީމަ އެވެ. އެއީ އަރަބި ނަމެއް ވިޔަސް މާތް ނަބިއްޔާ ވަނީ ބަދަލުކުރައްވާފަ އެވެ. އެއްވެސް ނަމަކީ އަރަބި ނަމަކަށް ނުވެގެން ނަން ބަދަލުކުރައްވާފައެއް ނުވެ އެވެ.

އެހެންވީމާ އިސްލާމީ އުއްމަތުގެ އިލްމުވެރިން އިއްތިފާގުވެފައިވާ ހަމަތަކަށް ބަލާއިރު، ދިވެހި ބަހުން ދަރިންނަށް ނަން ދެވިދާނެ އެވެ. ކިޔަން ފެށީމާ ދުލަށް ފަރިތަވެސް ވާނެ އެވެ. 'ރީތި' ނުވަތަ 'އުފާ' މިއީ ހަމަ އަންހެން ކުދިންނަށް ކިޔަން ރަނގަޅު ނަންނަމެވެ. 'ޖަމީލާ' ނުވަތަ 'ސައާދާ' އޭ އަޅުގަނޑުމެން މި ކިޔަނީ އެ މާނައިގަ އެވެ. 'ސިންގާ' ނުވަތަ 'ހިތްވަރު’ ވެސް ކިޔިދާނެ އެވެ. އަރަބި ބަހުން 'އަސަދު' އޭ ނުވަތަ 'ޝުޖާއު' އޭ ކިޔާއިރު އެއީ އައިބު ކަމަކަށް ނުވަނީ އެގޮތަށް ހިތާއި ދޫ ފަރިތަވެފައި ތިބީމަ އެވެ. މި ކިޔެނީ ހަމަ އެކައްޗެކެވެ.