Advertisement

މާ ހަލުވިކޮށް ގުރުއާން ކިޔެވުން

5 އޭޕްރީލް 2022 - 07:55 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

މާލޭގެ މިސްކިތެއްގައި ކުއްޖަކު ގުރުއާން ކިޔަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން


މާ ހަލުވިކޮށް ގުރުއާން ކިޔެވުން

5 އޭޕްރީލް 2022 - 07:55 0

rރޯދަ މަހާ ދިމާކޮށް ވަރަށް ގިނަ މީހުން ކީރިތި ގުރުއާން އެއްފަހަރު ނަމަވެސް ޚަތިމްކުރުމަށް މަސައްކަތްކުރާ ކަމީ އުފާކުރަންޖެހޭ ކަމެކެވެ. އަދި ބައެއް ފަހަރަށް ތަރާވީހު ނަމާދުކުރައްވާ އިމާމުންވެސް މުޅި ރޯދަ މަހަށް ބަހާލައިގެން މުޅި ގުރުއާން ހިތިމްކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރައްވަ އެވެ. މިގޮތަށް ކުރެވޭ މަސައްކަތުގައި މަދުން ނަމަވެސް ބައެއް ބޭފުޅުންގެ ކިބައިން ފާހަގަވާ ކަމެއް އޮވެ އެވެ. ތަންކޮޅެއް ހަލުވިކޮށް މާއަވަސްކޮށް ބައެއް ފަހަރަށް ކިޔެވޭ ގޮތް ވުމެވެ.

ޞާދު ސޫރަތުގެ 29 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރާކަތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަސޭހަތް ލިބިގަތުމަށެވެ."

މިއާޔަތުން ދަލީލު ލިބޭ ގޮތުގައި ގުރުއާން ކިޔަވަންވީ ހަތިމްކުރުމަކަށް ނޫނެވެ. އަނެކާއަށްވުރެ ގިނައިން ކިޔެވުމަކަށްވެސް ނޫނެވެ. ގުރުއާން ކިޔަވަންވީ އެފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި އެ އާޔަތްތަކުން ނަސޭހަތް ލިބިގަތުމަށެވެ. މުއްޒައްމިލް ސޫރަތުގެ 4 ވަނަ އާޔަތުގައި މާތް ނަބިއްޔާއަށް އިރުޝާދުދެއްވިފައި ވަނީ ވެސް ތަރުތީލުކޮށް ގުރުއާން ކިޔަވާވިދާޅުވުމަށެވެ. އެއީ ލަސްލަހުން ކިޔެވުމެވެ.

އެހެންވީމާ އެންމެ އެދެވިގެންވާ ގޮތަކީ ކީރިތި ގުރުއާނުގެ މާނައަށް ވިސްނުން ހިންގަމުން ގުރުއާން ކިޔެވުމެވެ. އަރަބި ބަސް އެނގިވަޑައިގެންނެވިޔަސް ކުރު ތަފްސީރެއް ފަދަ ނުވަތަ ގުރުއާނުގެ ތަރުޖަމާއެއްފަދަ ވަސީލަތެއް ވެސް ބޭނުން ކުރެއްވުމެވެ. މިއީ އެންމެ އެދެވިގެންވާ ގޮތެވެ.

މި ލިޔުމުގައި ބުނެފައިވާ ފަދައިން ގުރުއާން ކިޔެވުމަށް އެންމެ މޮޅު އިތުރުވެގެންވަނީ އެ ގުރުއާނުގެ މާނަޔަށް ވިސްނާފިކުރުކޮށްގެން ކިޔެވުމެވެ. ނަމަވެސް މާނަޔަށް ވިސްނާ ފިކުރުނުކޮށް ތަންކޮޅެއް އަވަސް މިނެއްގައި ގުރުއާން ކިޔެވުމަކީ ހުއްދަކަމެކެވެ. ނަމަވެސް ތަޖުވީދުގެ އެއްވެސް ހަމަޔަކަށް ފަރުވާލެއް ނުބަހައްޓައި ކިޔާނުކިޔާ ނޭނގޭ ވަރަށް ހަލުވިކޮށް ކިޔެވުން ހުއްދަ ނޫންކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.

ޝައްކެއް ނެތެވެ. މާތް ނަބިއްޔާގެ ބަސްފުޅުތަކުން އެނގޭގޮތުގައި، ކީރިތި ގުރުއާނުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށް ވެސް ހެޔޮކަމެއް ވެއެވެ. އަދި ކޮންމެ ހެޔޮކަމަކަށް ދަރުމަދެއްވަނީ ދިހަގުނައަށްކަމަށް މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެއެވެ. ނަމަވެސް ކީރިތި ގުރުއާނުގެ އަކުރެއް ކިޔަވައިގެން ސަވާބު ލިބޭނީ އެއަކުރަށް ދޭންޖެހޭ ހައްގު އަދާކޮށްގެން ކިޔެވުމުންނެވެ.

ކީރިތި މާތް ނަބިއްޔާ އަމަލުފުޅުކުރެއްވި ގޮތުގައި ރިވެތި ނަމޫނާ ވެއެވެ. މާތް ނަބިއްޔާ ކޮންމެ ރޯދަ މަހެއްގައި އެއްފަހަރު ގުރުއާން ހަތިމްކުރައްވާކަމުގައި ވިއެވެ. އަދި ސުވަރުގެވަޑައިގެންނެވި އަހަރު ރޯދަ މަހުގައި ދެ ފަހަރަށް ގުރުއާން ހަތިމްކުރެއްވި ކަމުގައި ވެއެވެ.

އަލްބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތަށް ވެސް ފިކުރެއް ހިންގާލާށެވެ. "ރޯދަމަހަކީ، އެމަހެއްގައި ގުރުއާން ބާވައިލެއްވި މަހެވެ. އެއީ މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ހައްގާއި ބާތިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގަ އެވެ." ގުރުއާނުގައިވާ ހިދާޔަތާއި ހައްގާއި ބާތިލު ވަކިކޮށްދެނިވި ހެކިތަކަކީ އެގުރުއާނުގެ އާޔަތްތަކުގެ މާނައަށް ވިސްނުމަކާ ނުލައި ދެނެގަނެވޭނެ އެއްޗެއް ނޫނެވެ.

މުސްލިމުންގެ މައްޗަށް ގަދަފަދަ މުޝްރިކެއްގެ ގޮތުގައި ހުރި، ޢުމަރު ބުނުލްޚައްޠާބް، ޠާހާ ސޫރަތުން ބައެއް ވިދާޅުވެފައި އިސްލާމްވެވަޑައިގަތެވެ. އެކަލޭގެފާނަށް އިސްލާމީ ހިދާޔަތު ލިބިވަޑައިގަތްއިރު، ކީރިތި ގުރުއާން އެކީއެކަށް ބާވާވެސް ނުލައްވަ އެވެ. އަޅުގަނޑުމެން ތިންހަތަރު ފަހަރު ހަތިމްކުރާއިރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ހިދާޔަތާއި އަހަރެމެންނަށް ފެންނަ ހިދާޔަތާ ތަފާތެއް ހުރިކަމުގައި އަހަރެމެންގެ އުޅުންތައް ބުނެނުދޭތޯ އެވެ؟