Advertisement

ޕެޑްރީގެ މޮޅު ގޯލުން ސެވިއްޔާ ބަލިކޮށް ބާސެލޯނާ ދެ ވަނަ އަށް

4 އޭޕްރީލް 2022 - 02:23 0

ލަނޑު ޖެހުމަށް ފަހު ޕެޑްރީ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޕެޑްރީގެ މޮޅު ގޯލުން ސެވިއްޔާ ބަލިކޮށް ބާސެލޯނާ ދެ ވަނަ އަށް

4 އޭޕްރީލް 2022 - 02:23 0

ބާސެލޯނާ (އޭޕްރީލް 4) - ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒް ޖެހި މޮޅު ގޯލުން 1-0 އިން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މިރޭގެ ނަތީޖާއާ އެކު ބާސެލޯނާ އިން ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް 14 މެޗަށް ދަންމާލިއިރު، ސެވިއްޔާ އިން ވަނީ 15 މެޗު ތެރޭ ފުރަތަމަ ފަހަރަށް ލީގުގައި ބަލިވެފަ އެވެ.

ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން މޮޅުވުމުން ބާސެލޯނާ އިން މިރޭގެ މެޗަށް ނުކުތްއިރު އޮތީ ހަތަރު ވަނައިގަ އެވެ. އެކަމަކު، ބާސެލޯނާ މިރޭ ހޯދި މުހިންމު މޮޅާ އެކު ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެ ގޮތުން ދެ ވަނައިގައި އޮތް ބާސެލޯނާ އާއި ތިން ވަނައިގައި އޮތް އެތުލެޓިކޯ އަދި ހަތަރެއްގައި އޮތް ސެވިއްޔާ އަށް ވަނީ 57 ޕޮއިންޓް ލިބިފަ އެވެ.

ސެވިއްޔާ އާއި އެތުލެޓިކޯ އަށް ވުރެ، ބާސެލޯނާގެ އެއް މެޗު މަދެވެ. ސެވިއްޔާ އާއި އެތުލެޓިކޯ އިން 30 މެޗު ކުޅުނުއިރު، ބާސެލޯނާ ކުޅެފައިވަނީ 29 މެޗެެވެ. ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް، ވަނީ 30 މެޗުން 69 ޕޮއިންޓް ހޯދައިފަ އެވެ.

ބާސެލޯނާ ދަނޑުގައި މިރޭ ކުޅުނު މެޗަށް ނުކުތްއިރު، ސެވިއްޔާ އަށް އޮތީ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެ ޓީމުން އެންމެ ކުރިއަށް އެންތަނީ މާޝިއަލް އާއި އެރިކް ލަމޭލާ ލައިގެން އެޓޭކް ކުރެވޭތޯ ބަލަމުންދިޔަ ނަމަވެސް ގޯލެއް ޖެހޭނެ ގޮތެއްނުވި އެވެ. މާޝިއަލް ފޮނުވާލި ބޯޅައެއް ބާސެލޯނާގެ ރޮނާލްޑް އަރައުހޯ އަތުގައި ޖެހުމުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ނުދިނެވެ.

އަނެއްކޮޅުން ފުރަތަމަ ހާފުގައި ބާސެލޯނާގެ ފެރާން ޓޮރޭޒް އާއި ޕިއޭ އެމެރިކް އޮބާމަޔަން އަދި އޮސްމާން ޑެމްބެލޭ އަށް ލިބުނު ބޯޅަތަކުގައި ރަނގަޅު ވަގުތު ގޯލަށް ފޮނުވާނުލެވި ފުރުސަތުތައް ވަނީ ގެއްލިފަ އެވެ. ފުރަތަަމަ ހާފުގައި ބާސެލޯނާގެ އެޓޭކްތައް ހުއްޓުވަން ސެވިއްޔާގެ ކީޕަރު ޔާސީން ބޯނޯ ވެސް ރަނގަޅަށް ކުޅުނެވެ.

ދެ ވަނަ ހާފުގައި ކޯނަރަކުން ހުރަސްވި ބޯޅައެއްގައި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މެޗުގައި ބާސެލޯނާ އިން ޖެހި ހަމައެކަނި ގޯލު ފެނުނީ 72 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ޕެޑްރީ އަށް ލިބުނު ބޯޅަ ރަނގަޅު ވަގުތު ލިބެންދެން ހިފެހެއްޓުމަށް ފަހު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ އުމުރުން 19 އަހަރުގެ ޕެޑްރީ މި ސީޒަނުގައި ލީގުގައި ޖެހި ދެ ވަނަ ގޯލެވެ.

ޕެޑްރީގެ މި ގޯލަކީ ބާސެލޯނާ އިން ލީގު ރޭހުގައި ދެމިއޮތުމަށް ބަލާއިރު، މުހިންމު ގޯލަކަށްވާތީ، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. މި މެޗުގައި ސެވިއްޔާގެ ބެންޗުން ވަނީ މެޗުގެ ރެފްރީ ހޯސޭ ސަންޗޭޒްގެ ނިންމުންތަކަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

ސެވިއްޔާ އިން މެޗުގެ ފަހު ކޮޅުގައި ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ލައިގެން ކުޅެމުންދިޔަ ނަމަވެސް ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ ގޯލެއް ވަނަނުދީ މެޗު ފުރިހަމަކޮށްފަ އެވެ. އިތުރު ވަގުުތުގައި ސެވިއްޔާގެ ލޫޑްވިގް އޮގަސްޓިންސަން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ އެޓޭކް ހުއްޓުވީ ސްޓެގެން އެވެ.