Advertisement

ހާމިދު ސޭޓު އަތުން ދިއްފުށި ފަޅު އަތުލީ ރަނގަޅަށް: ސިވިލް ކޯޓު

31 މާރިޗު 2022 - 13:17 0

އަމަން ހަލީމް

އަމަން ހަލީމް

ކ. ދިއްފުށި ފަޅު: މި ފަޅު ތެރޭގައި ހިއްކާފައިވާ އެއް ރަށަކީ ހާމިދު ހިއްކި ރަށެއް ކަމަށް އޭނާ ބުނޭ. -- ފޮޓޯ: ގޫގްލް އާތު


ހާމިދު ސޭޓު އަތުން ދިއްފުށި ފަޅު އަތުލީ ރަނގަޅަށް: ސިވިލް ކޯޓު

31 މާރިޗު 2022 - 13:17 0

ކ. ދިއްފުށި ފަޅު ހިއްކައިގެން ރިސޯޓެއް ހަދަން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލު (ހާމިދު ސޭޓު) އާ އެކީ ޓޫރިޒަމް މިނިސްޓްރީން ވެފައިވާ އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ހާމިދުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅީ، ދިއްފުށި ފަޅު އެއްބަސްވުން ބާތިލުކުރަން ޓޫރިޒަމުން ނޯޓިސް ފޮނުވީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެވެ.

މި މައްސަލައިގައި އޭނާ އެދުނީ އެއްބަސްވުން ބާތިލުކުރަން ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިސް ބާތިލުކޮށް އެއްބަސްވުން ދަމަހައްޓައިދޭން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ކޯޓުން އަމުރުކޮށް ދިނުމަށެވެ.

މިކަންކަމަށް އިންކާރުކުރަމުން ދައުލަތުން ބުނީ މި ފަޅާ ގުޅޭގޮތުން ހާމިދާއެކީ ވެފައިވާ އެއްބަސްވުން ބާތިލުކުރީ ފުރަތަމަ ވެވުނު އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާތީ ކަމަށާއި، ފަހުން ވެވުނު އެއްބަސްވުމަކީ އުފެދުނީއްސުރެން ބާތިލު އެއްބަސްވުމެއް ކަމަށެވެ.

ދައުލަތުން ފާހަގަކުރި ފަހުން ވެވުނު އެއްބަސްވުމަކީ ހާމިދުގެ ފަރާތުން މި މައްސަލަ ބިނާކުރާ އެއްބަސްވުމެވެ. އެއީ ފެބްރުއަރީ 19، 2015 ގައި ސޮއިކުރި އެއްބަސްވުމެކެވެ. ބާތިލުކުރަން ނޯޓިސް ފޮނުވި އެއްބަސްވުމަކީ އޭގެ މާކުރިން ޖޫން 22، 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.

މިބުނާ ފުރަތަމަ އެއްބަސްވުމަކީ ކ. ކާށިދުއްފަރު ފަޅު ހިއްކައިގެން 200 އެނދުގެ ރިސޯޓެއް ހެދުމަށް މއ. ނިވީކޯ، އަހުމަދު ޝަފީގު ކިޔާ މީހަކާ ޓޫރިޒަމް މިނިސްޓްރީން ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމާ ގުޅިގެން ޝަފީގުއަށް ލިބިދޭ ހުރިހާ ހައްގުތަކެއް ހާމިދަށް ބަދަލުކުރީ ޖެނުއަރީ 10، 2010 ގަ އެވެ.

އޭގެ ފަހުން ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމިދުއާ އެކީ ކ. ކާށިދުއްފަރު ފަޅުގެ ބަދަލުގައި އެހެން ފަޅެއް ހަމަޖެއްސުމުގެ ގޮތުން "ރީލޮކޭޝަން" އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ރީލޮކޭޓު ކުރާ ތަނަކީ ދިއްފުށި ފަޅުގެ ގޮތުގައި ކަނޑައެޅީ، ފަހުން ހެދި އެއްބަސްވުމުގަ އެވެ.

މި މައްސަލައިގައި ހުކުމް ކުރަމުން ޝަރީއަތުން ވަނީ މި ހުރިހާ އެއްބަސްވުމަކަށް ރިއާޔަތްކޮށްފަ އެވެ. އެގޮތުން، ފަހުން ވެވުނު އެއްބަސްވުމަކީ އާ އެއްބަސްވުމެއް ކަމަށް ބެލެވެން ނެތް ކަމަށާއި އެ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއް ކަމަށް ހުކުމުގައި ވެ އެވެ.

ފަހުން ވެވުނު އެއްބަސްވުން ބާތިލު ކަމަށް ކޯޓުން ކަނޑައެޅީ، އޭރު އަމަލުކުރަމުން ދިޔަ ޓޫރިޒަމް ގާނޫނުގައި ބުނާ ގޮތަށް ކުލީގެ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދައްކަން ޖެހޭ އެއް ލައްކަ ޑޮލަރު ނުދައްކާތީ އެވެ.

އެހެންކަމުން މައްސަލަ ނިންމަން ކޯޓުން ރުޖޫއަވީ ފުރަތަމަ ވެވުނު އެއްބަސްވުމަށެވެ. އަދި، އެއްބަސްވުން ބާތިލުކުރީ ކުލި ނުދައްކާތީ ކަމުން އެއްބަސްވުން ބާތިލުކުރަން ފޮނުވި ނޯޓިސް ބާތިލު ކުރެވޭނެ ތަނެއް ނެތް ކަމަށް ހުކުމް ކުރި އެވެ.

މި މައްސަލަ ހާމިދާ ދެކޮޅަށް ނިމުނު ނަމަވެސް، އޭނާ އެދިގެން ސިވިލް ކޯޓުން އޮތީ މި ފަޅުގައި އެއްވެސް މަސައްކަތެއް ކުރުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދީފަ އެވެ. އެކަމަކު މައްސަލަ ނިމުމުން އެ އަމުރު ބާތިލުވާނެ އެވެ.

މި ފަޅު މިހާރު ތަރައްގީކުރަނީ ސިންގަޕޫރުގެ މެރީނާ ޑިވެލޮޕްމަންޓްސް ކުންފުނިންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ވަގުތީ އަމުރު ނެރުމުގެ ކުރިން ވެސް އެ ފަޅުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ސެޓެލައިޓު އިމޭޖުތަކުން ފެންނަ ގޮތުގައި ފަޅުތެރޭގައި ހިއްކާފައި ހުރި ދެ ސަރަހައްދެއް ފިޔަވާ އިތުރު މަސައްކަތްތަކެއް ނުކުރެ އެވެ. އޭގެ ތެރެއިން އެއް ތަނަކީ ހާމިދު ހިއްކި ތަނެކެވެ.

މި ފަޅުގައި ރިސޯޓެއް ހަދަން އެއްބަސްވުމުގައި ސިންގަޕޫރުގެ ރެފްލްސް ޑިވެލޮޕްމަންޓާ އެކީ ދިވެހި ސަރުކާރުން ސޮއިކުރީ ސެޕްޓެމްބަރު 19، 2018 ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރެފްލްސްއަށް ލިބޭ ހުރިހާ ހައްގުތަކެއް މެރީނާ ޑިވެލޮޕްމަންޓަށް ބަދަލުކުރީ އޮކްޓޫބަރު 31، 2018 ގަ އެވެ.