Advertisement

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް: ގދ ފިރިހެން ޗެމްޕިއަންކަން ވާދޫ އަށް، އަންހެން ތަށި ފިޔޯރީ އަށް

30 މާރިޗު 2022 - 10:26 0

ގދ. އަތޮޅުގެ އަންހެން ޗެމްޕިއަން ފިޔޯރީ.


ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް: ގދ ފިރިހެން ޗެމްޕިއަންކަން ވާދޫ އަށް، އަންހެން ތަށި ފިޔޯރީ އަށް

30 މާރިޗު 2022 - 10:26 0

އަތޮޅުތަކަށް ވޮލީ ފުޅާކުރުމަށް ވޮލީބޯލް އެސޯސިއޭޝަނުން ފެށި ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ނިމުނު ގދ. އަތޮޅު މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވާދޫ (ސޮސައިޓީ ފޯ ވާދޫ ޔޫތު) އިން ހޯދިއިރު، އަންހެން ޑިވިޝަނުގެ ތަށި ފިޔޯރީ (ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް އެމްޕަވާމަންޓް) އިން އުފުލާލައިފި އެވެ.

ވާދޫގައި ކުރިއަށްދިޔަ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅުނީ ފިޔޯރީ އާއި ވާދޫ އަދި ކާއްޑޭ ސްޕޯޓްސް އެކެޑަމީ (ގދ. ހޯޑެއްދޫ) އެވެ. ފިރިހެން ޑިވިޝަނުގައި ވާދޫގެ އިތުރުން އޮތީ ފިޔޯރީ އެވެ.

ފިރިހެން ޑިވިޝަނުގައި ދެ ޓީމު ބައިވެރިވެފައިވާތީ ކުޅުނީ ތިން މެޗަށް ބަލައިގެންނެވެ. އެކަމަކު، ފުރަތަމަ ދެ މެޗުން މޮޅުވެގެން ވާދޫ ވަނީ ތަށި ހޯދައިފަ އެވެ. ވާދޫ އިން ފުރަތަމަ މެޗުން މޮޅުވީ 25-23، 25-21 އަދި 25-14 އިންނެވެ. ދެ ވަނަ މެޗުން ވެސް ވާދޫ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-20، 25-22 އަދި 25-17 އިންނެވެ.

ފިރިހެން ޑިވިޝަނުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވާދޫ ޓީމުގެ މުހައްމަދު ނާއިލް އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ވާދޫގެ އުސާމަތު އަހުމަދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ އަހުމަދު ސައީދު އެވެ.

ގދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ވާދޫ ޓީމު.


އަންހެން ޑިވިޝަނުގެ ފައިނަލުގައި އިއްޔެ ކުޅުނީ ފިޔޯރީ އާއި ހޯޑެއްދޫ އެވެ. ފިޔޯރީ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 25-19، 25-14 އަދި 25-23 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ފިޔޯރީގެ އައިމިނަތު އިބްރާހިމް އެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވާދޫ ޓީމުގެ އަރޫޝާ އިބްރާހިމް އެވެ. އެންމެ މޮޅު ކޯޗަކީ ފިޔޯރީގެ ކޯޗު ޒާދީ އިބްރާހިމް އެވެ.

ރާއްޖެ އެޓޯލް ޗެމްޕިއަންޝިޕްގައި މިހާތަނަށް ނިމިފައިވަނީ ދެ އަތޮޅެއްގެ މެޗުތަކެވެ. ފ. އަތޮޅުގެ ފިރިހެން ޗެމްޕިއަންކަން ބިލެއްދޫން ހޯދިއިރު، އަންހެން ތަށި ގެންދިޔައީ މަގޫދޫ އިންނެވެ.

އަތޮޅު ވޮލީބޯޅަ މުބާރާތް ފަށައި، ވީއޭއެމުން ނިންމާފައި އޮތީ އަތޮޅު މުބާރާުތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމަށް ވަނީ މަސައްކަތް ފަށައިފަ އެވެ. ބައިވެރިވާ ޓީމުތަކުގެ ނިސްބަތަށް ބަލާފައި، ކޮންމެ އަތޮޅެއްގައި އަންހެން އަދި ފިިރިހެން ޑިވިޝަން ވެސް ކުޅޭނެ އެވެ.

އަތޮޅުތަކުގައި މުބާރާތް ބޭއްވުމަށް ފަހު ދެން އޮންނާނީ ޒޯން މުބާރާތެވެ. އެ ގޮތުން ހަތް ޒޯން މުބާރާތް ވެސް ބޭއްވޭނެ އެވެ. ޒޯންތައް ބެހިފައިވާ ގޮތަށް ބަލާއިރު ޒޯން އެކެއްގައި އޮތީ ހއ. ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އެވެ. ޒޯން ހަތަރެއްގައި އޮތީ މ. ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ، ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

ޒޯން މުބާރާތް ކާމިޔާބުކުރާ ޓީމުތަކަށް އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕުން ޖާގަ ލިބޭނެ އެވެ. މި އަހަަރުގެ ވީއޭއެމް އެސޯސިއޭޝަން ކަޕް ފަށާއިރު، ޒޯނެއްގެ ޗެމްޕިއަނެއް ކަނޑައެޅިފައި އޮވެއްޖެނަމަ އެ ޓީމެއް ބޭނުންނަމަ މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ވެސް ކުޅެވޭނެ އެވެ.