Advertisement

ޓީ10 މުބާރާތުގެ ފައިނަލުގައި ސީބީއެލް އާއި މިލާން

26 މާރިޗު 2022 - 12:07 0


ޓީ10 މުބާރާތުގެ ފައިނަލުގައި ސީބީއެލް އާއި މިލާން

26 މާރިޗު 2022 - 12:07 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މުޅިން އަލަށް ފެށި ޓީ10 ކްރިކެޓް މުބާރާތު ފައިނަލުގައި ސީބީއެލް އާއި މިލާން ކްރިކެޓް އެކެޑަމީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ސީބީއެލް އާއި މިލާން ފައިނަލުން ފުރުސަތު ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ. ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު ކުޅޭގޮތަށް އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ މި މަހުގެ 11 އާއި 12 ގަ އެވެ. އެކަމަކު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022، ހަފްލާ ބާއްވަން އެކުވެނި ދަނޑު ބަންދުކުރުމުން ޖެހުނީ މި މެޗުތައް ފަސްކުރާށެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކޮމެޓްސް ކްރިކެޓް ކްލަބާއި ބައްދަލުކޮށް ސީބީއެލް މޮޅުވީ ނުވަ ވިކެޓުންނެވެ. މި މެޗުގައި ޓޮސް ދިމާވުމުން ކޮމެޓްސް އިން ނިންމީ ކުޅެން އެރުމަށެވެ. ކުޅެންއަރައި 10 އޯވަރު ހަމަވިއިރު، ހަތަރު ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 73 ލަނޑެވެ. މި މެޗުގައި ކޮމެޓްސް އިން އެންމެ ރަނގަޅަށް ކުޅުނީ 37 ލަނޑުހެދި ހަސަން ސައުފް އެވެ. ސީބީއެލްގެ މުހަންމަދު ސާފީ ދެ އޯވަރު ތެރޭ 12 ލަނޑަށް 3 ވިކެޓް ނެގި އެވެ.

ޖަވާބުގައި ސީބީއެލް އިން ކުޅެންއަރައި ހަތް ވަނަ އޯވަރުގައި އެއް ކުޅުންތެރިއަކު ނުބައިވެގެން 74 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. އެ ޓީމު މޮޅުވުމުގައި އެންމެ ރަނގަޅަށް ކުޅުނީ މަނޯޖް އެވެ. އޭނާ ވަނީ 41 ލަނޑު ހަދައިފަ އެެވެ. މެޗް ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް މަނޯޖްއެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި މާލޭ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް ނުވަ ވިކެޓުން ކާމިޔާބުކުރީ މިލާން އެވެ. ޓޮސް ދިމާވުމުން މިލާން އިން ނިންމީ ފިލްޑްކުރަން ދިއުމަށެވެ.

މާލޭ ސްޕޯޓްސް ކްލަބުން ކުޅެން އަރައި، 10 އޯވަރު ހަމަވިއިރު، ފަސް ކުޅުންތެރިން ނުބައިވެގެން 112 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 47 ލަނޑު ހެދި ސަމަން އާއި 28 ލަނޑު ހެދި ފާއިޒް އެވެ. މިލާންގެ ލީމް ސްފީގް އާއި އާދަމް ނާސިފް ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި މިލާނުން ކުޅެންއަރައި 8.2 ވަނަ އޯވަރުގައި އެއް ކުޅުންތެރިއަކު ނުބައިވެގެން ވަނީ 115 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުުޅުމެއް ދެއްކީ 58 ލަނޑު ހެދި އާދަމް ނާސިފް އާއި ނުބައިނުވެ، 48 ލަނޑު ހެދި ޔޫސުފް އަޒްޔާން އެވެ. މާލޭ ސްޕޯޓްސް ކްލަބްގެ ހަމައެކަނި ވިކެޓް ނަގާފައިވަނީ މަހަފޫޒް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މިލާންގެ އާދަމް ނާސިފް އެވެ.

ޕީއެސްއެމް އިން ލައިވްކުރާ ގޮތަށް ހަމަޖެހިފައިވާ ޓީ10 މުބާރާތުގެ ފައިނަލް މެޗު ފަށާނީ މިއަދު މެންދުރު ފަހު 14:30 ގަ އެވެ.