24 މާރިޗު 2022 - 19:06 0
ރަޝިއާގައި 2018 ވަަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ތެރެއިން ރައީސް ލަޑިމިއާ ޕުޓިން (ކ) އާއި ފީފާގެ ރައީސް އިންފަންޓީނޯ.-- ފޮޓޯ: އޭއެފްޕީ
24 މާރިޗު 2022 - 19:06 0
ލުސޭން، ސްވިޒަލެންޑް (މާޗް 24) - ރަޝިއާ އިން 2028 އާއި 2032 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ހޯސްޓްކުރަން ބިޑްކޮށްފި އެވެ.
ޔޫކްރެއިނަށް މިދިޔަ މަހުން ފެށިގެން ގަދަކަމުން އަރައި، ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޔުއެފާ އާއި ފީފާ އިން ވަނީ ރަޝިއާ އަށް އަދަބުދީފަ އެވެ. ރަޝިއާ އިން އެ މައްސަަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައިގެން ވެސް ހައްލެއް ނުލިބުނެވެ.
ޔުއެފާ އިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން 2028 ވަނަ އަހަރުގެ ޔޫރޯ ހޯސްޓްކުރަން ތިން ބިޑެއް ވަނީ ލިބިފަ އެވެ. އެއީ ރަޝިއާ އާއި ތުރުކީގެ އިތުރުން އިންގްލެންޑާއި އަޔަލެންޑުން ކޮށްފައިވާ ޖޮއިންޓް ބިޑެކެވެ. ރަޝިއާގެ އިތުރުން 2032 ވަނަ އަހަރުގެ ޔޫރޯ އަށް ބިޑްކޮށްފައިވަނީ ތުރުކީ އާއި އިޓަލީ އެވެ. ރަޝިއާގެ ވިސްނުމަކީ މިތަނުން އެއް ބިޑެއް ކާމިޔާބު ކުރުމެވެ. ޔުއެފާ އިން 2028 އާއި 2032 ވަނަ އަހަރުގެ ޔޫރޯ ބާއްވާނެ ގައުމުތަކެއް އިއުލާނުކުރާނީ އަންނަ ސެޕްޓެމްބަރު މަހުގަ އެވެ.
ރަޝިއާ އިން ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ހޯސްޓްކޮށްފަ އެވެ. އަދި ތަފާތު ގިނަ ގައުމުތަކުގެ މަޝްހޫރު ފުޓްބޯޅަ ސިޓީތަކުގައި މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވިއިރު، ރަޝިއާގެ ޕީޓާސްބާގުގައި ވެސް މެޗުތަކެއް ވަނީ ކުޅެފަ އެވެ. ޕީޓާސްބާގުގައި މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ހޯސްޓްކުރަން ނިންމާފައި އޮތް ނަމަވެސް ފަހު ވަގުތު ޔުއެފާ އިން ވަނީ އެ މެޗު ފްރާންސްގެ ޕެރިހުގައި ކުޅޭ ގޮތަށް ނިންމައިފަ އެވެ.
ފީފާ އާއި ޔުއެފާ އިން ރަޝިއާ އަށް އެޅި އެހެން ފިޔަވަޅުތަކަށް ބަލާއިރު، ގަތަރު ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފުން ރަޝިއާ ވަކިކުރުމުގެ އިތުރުން މި އަހަރު އޮތް އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ރަޝިއާ ބާކީކުރުން ހިމެނެ އެވެ.
Comment