Advertisement

"މަހަށް ހަމަ އަގު ހޯދައިނުދޭތީ" މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

23 މާރިޗު 2022 - 12:12 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މަހަށް ހަމަ އަގު ހޯދައިނުދޭ ކަމަށް ވިދާޅުވެ، އޭނާ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ


"މަހަށް ހަމަ އަގު ހޯދައިނުދޭތީ" މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

23 މާރިޗު 2022 - 12:12 0

ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ. އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދި ކެމްޕޭނުގައި ވެފައިވާ ވައުދެއް ކަމަށްވާ "މަހަށް ހަމަ އަގު ހޯދައިދިނުމުގެ ވައުދު" ސަރުކާރުން ފުއްދަމުން ނުދާ ކަމަށް ވިދާޅުވެ، މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން މިއަދު މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލައިގައި ފިރުޝާން ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީން ވީ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ވައުދު ކަމަށެވެ.

ނަމަވެސް އެ ވައުދު ފުއްދަން ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާއަކީ މަސްވެރިންގެ ބޮޑު ޝަކުވާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. ފިރުޝާން ވިދާޅުވި ގޮތުގައި މަސް ގަންނަ އަގު ބޮޑުނުވެ، ތެލުގެ އަގުބޮޑުވުމުގެ ސަބަބުން، ތެލުގެ އަގަށް ކަނޑާފައި މަސްވެރިންނަށް ބަހާނެ ފައިސާ ނުހުންނަަކަމުގެ ޝަކުވާ، އޭނާއާ ބައްދަލުވާ މަސްވެރިން ކުރެ އެވެ.

"މަސްވެރިންނާ ބައްދަލުވެ ވާހަކަދައްކައިލުމުން، އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ މަހަށް ހަމަ އަގު ނުލިބުމާއި ތެލުގެ އަގާ އެއްވަރަށް މަހުގެ އަގު ނޫފުލުމުގެ ސަބަބުން، ތެލަށް ލާރިކޮޅު ދައްކައިލީމާ އެވްރެޖްކޮށް، މަސްވެރިންނަށް ބަހާނެ ފައިސާއެއް ނެތި، ރެޔާ ދުވާލު ކުރާ މަސައްކަތް ބޭކާރުވެގެންދާކަމުގެ ކަންބޮޑުވުން،" މައްސަލަ ހުށަހަޅުއްވަމުން ފިރުޝާން ވިދާޅުވި އެވެ.

މަސްކިރާ ބޯޓުފަހަރާއި މަސްގަތުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމަކީ ވެސް އޭނާ ވިދާޅުވިގޮތުގައި މަސްވެރިންގެ ބޮޑު ޝަކުވާ އެކެވެ. މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ގެންގުޅުނު "

އެޖެންޑާ 19" މެނިފެސްޓޯގައި ވައުދުވެފައިވާ ގޮތަށް، މަސްވެރިކަމާ ބެހޭ ގާނޫނު މަޖިލީހުން ފާސްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެެގާނޫނު ތަންފީޒުކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް ވެސް ފިރުޝާން ވިދާޅުވި އެވެ. އެ ގާނޫނުން ލާޒިމުކުރާ، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް ހަދައި ތަންފީޒުކުރަން ސަރުކާރުން ފަސްޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސް ޕްރޮސެސްކުރާ ތަންތަނާއި ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް އެޅުމަށާއި އެކަންކަމުގައި އަމަލުކުރަންވީ ގޮތް މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެމަގަށް ޖާގަ ފަހިކޮށްނުދީ އޮތުމަކީ ކަންބޮޑުވުމެއް،" ފިރުޝާން ވިދާޅުވި އެވެ.

އެގޮތަށް އެކަން ހިނގަނީ މަސްވެރިކަމުގެ އިންޑަސްޓްރީގައި އުޅޭ ބޮޑެތި ވިޔަފާރިވެރިންގެ ބާރާއި ނުފޫޒު ސަރުކާރަށް ފޯރާތީ ކަމަށް އޭނާ ތުހުމަތުުކުރެއްވި އެވެ. މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވީ އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންގެ ކަންކަމުގައި ސަރުކާން އިހުމާލުވާތީ ކަންބޮޑުވުން ފާޅުކުރެއްވުމަށެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 29 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 23 މެމްބަރުންގެ އިއްތިފާގުންނެވެ.