Advertisement

މިންތީގެ ހަމަހަމަކަން ގާއިމުކުރަން އެކްޝަން ޕްލޭނެއް ނެރެފި

23 މާރިޗު 2022 - 10:45 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ކޮންސްޓްރަކްޝަން މަސައްކަތެއްގައި އަންހެނަކާއި ފިރިހެނެއް؛ 2026 ވާންވާއިރަށް ރާއްޖޭގައި ވަޒީފާއެއް ނެތި އުޅޭ އަންހެނުންގެ އަދަދު ހަތަރު ޕަސަންޓަށް ތިރިކުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އަމާޒުހިފައިފަ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މިންތީގެ ހަމަހަމަކަން ގާއިމުކުރަން އެކްޝަން ޕްލޭނެއް ނެރެފި

23 މާރިޗު 2022 - 10:45 0

ކުރިޔަށް އޮތް ފަސް އަހަރުތެރޭ މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް އަމާޒުތަކެއް ކަނޑައަޅާ ނެޝަނަލް ޖެންޑާ އިކުއަލިޓީ އެކްޝަން ސަރުކާރުން އިއްޔެ އިފްތިތާހުކޮށްފި އެވެ.

އެ އެކްޝަން ޕްލޭން ނެރުނީ އަންހެނުންގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ރޭ ޖެންޑާ މިނިސްޓްރީން ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. ޖެންޑާ މިނިސްޓްރީއާ ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ތައްޔާރުކުރި އެ ޕްލޭންގައި ވަނީ ޖުމްލަ ފަސް ޕޮލިސީ ގޯލްތަކެއް ނުވަތަ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ކަނޑައަޅައި ނިންމައިފަ އެވެ.

ލީޑަޝިޕާއި ގަވަނަންސްގެ ދާއިރާ އާއި އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމާއި މިންތީގެ ގޮތުން ދެވޭ އަނިޔާ ހުއްޓުވުމާއި އަދުލު އިންސާފަށް ވާސިލުވުމަށް ހާއްސަ ޕޮލިސީ ލަނޑުދަނޑިތަކެއް އެ އެކްޝަން ޕްލޭނުގައި ވަނީ ކަނޑައަޅައިފަ އެވެ.

އޭގެން ކޮންމެ ލަނޑުދަނޑިއެއްގައި ވެސް ރާއްޖޭގައި މިހާރު އެ ދާއިރާތަކުން ކަންކަން ހުރި ހާލަތާއި 2026 ވަނަ އަހަރާއި ހަމަޔަށް އެ ދާއިރާތަކުން ހާސިލުކުރުމަށް މަސައްކަތްކުރާ އަމާޒުތައް ކަނޑައަޅާފައިވެ އެވެ.

އެގޮތުން އަދުލުއިންސާފަށް ވާސިލުވެވޭ މިންވަރު އިތުރުކުރުމާއި ގުޅޭ ލަނޑުދަނޑީގައި ވަނީ ގެވެށި އަނިޔާގެ މައްސަލަތަކުގައި ދައުވާކޮށް މައްސަލަ ބެލޭ މިންވަރު 30 ޕަސަންޓަށް އިތުރުކުރުމަށް ކަނޑައަޅައިފަ އެވެ. އަދި އަދުލުއިންސާފުގެ ނިޒާމުގައި މަސައްކަތްކުރާ އަންހެން ގާޒީންނާއި މެޖިސްޓްރޭޓުންގެ އަދަދު 11 ޕަސަންޓުން 15 ޕަސަންޓަށް އިތުރު ކުރުމަށް ވެސް ވަނީ ހިމަނައިފަ އެވެ.

ވަކި ޖިންސަކަށްވީތީ ކުރާ އެކި ކަހަލަ އަނިޔާތައް ހުއްޓުވުމަށްޓަކައި ކަނޑައެޅި ލަނޑުދަނޑީގައި ވަނީ ރާއްޖޭގައި އަންހެނުން ހިތާނުކުރުމުގެ އަމަލުތައް 2026 ވަނަ އަހަރަށް މުޅިން ނައްތާލުމަށް އަޒުމް ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން، ރާއްޖޭގެ ވޯކްފޯހުގައި އަންހެނުން ހިމެނޭ އަދަދު 45 ޕަސަންޓުން 60 ޕަސަންޓަށް އިތުރުކުރުމަށް އިގްތިސާދީ ގޮތުން ބާރުވެރިކުރުމާއި ގުޅޭ ލަނޑުދަނޑީގައި ވަނީ އެކްޝަން ޕްލޭނުގައި ހިމަނައިފަ އެވެ. އަދި އޭގެ އިތުރުން ވެސް ވަޒީފާގައި ނޫޅޭ އަންހެނުންގެ އަދަދު 4.8 ޕަސަންޓުން ހަތަރު ޕަސަންޓަށް ތިރިކުރުމަށް ވެސް ހިމަނާފައިވެ އެވެ.

އެކްޝަން ޕްލޭންގެ ލީޑަޝިޕާއި ގަވަނަންސްގެ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން 4.6 ޕަސަންޓުން 33 ޕަސަންޓަށް އިތުރުކުރުމަށް ވެސް ވަނީ ހިމަނައިފަ އެވެ. އަދި ވަޒިފާގެ މާހައުލުގައި މެނޭޖަރު ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު 22 ޕަސަންޓުން 33 ޕަސަންޓަށް އިތުރުކުރުމަށް ވެސް ވަނީ ހިމަނައިފަ އެވެ.

އެ އެކްޝަން ޕްލޭނަކީ، ރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ ކޮންވެންޝަންތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމަނާފައިވާ އެކި އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދޭނެ ޕްލޭނެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.