Advertisement

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް: ފ. އަތޮޅު ފޯރިގަދަ ދެ ފައިނަލަށް ތައްޔާރު

23 މާރިޗު 2022 - 08:07 0

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅު މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް


ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް: ފ. އަތޮޅު ފޯރިގަދަ ދެ ފައިނަލަށް ތައްޔާރު

23 މާރިޗު 2022 - 08:07 0

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގައި ފ. އަތޮޅުން ފޯރިގަދަ ދެ ފައިނަލަކަށް ތައްޔާރުވެއްޖެ އެވެ.

މަގޫދޫގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން އަދި ފިިރިހެން ޑިވިޝަން ފައިނަލުގައި ވެސް މަގޫދޫ ކުޅޭނެ އެވެ.

މިއަދު ހަވީރު ކުޅޭ ފިިރިހެން ޑިވިޝަން ފައިނަލުގައި މަގޫދޫ (މަގޫދޫ ޒުވާނުންގެ ކްލަބް) ކުޅޭނީ މެޗަކުން ބަލިނުވެ، ފުރިހަމަ ރެކޯޑަކާ އެކު ފައިނަލަށް ދިޔަ ބިލެއްދޫ (ބިލެއްދޫ ރައިޒިން ސްޓާސް އެކެޑަމީ) އާ އެވެ. އަދި މިރޭ ކުޅޭ އަންހެން ފައިނަލުގައި މަގޫދޫ ނުކުންނާނީ ދަރަނބޫދޫ (ދަރަނބޫދޫގެ ޕާޕަލް ޕަވާސް) އާ ދެކޮޅަށެެވެ.

ފ. އަތޮޅުން ކޮންމެ ޑިވިޝަނެއްގައި ވެސް ފަސް ޓީމު ވާދަކުރި އެވެ. ރަނގަޅު ފޯރިގަދަ މެޗުތަކެއް ފެނުނު މި މުބާރާތުގައި ދެ ޓީމެއް ފައިނަލުގެ ޖާގަ ހޯދީފައި މިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެހެންކަމުން، ފައިނަލުގައި އެކަން ބަދަލުކުރަން އިދިކޮޅު ޓީމުން ވަރަށް މަސައްކަތްކުރާނެ އެވެ.

ފިރިހެން ޑިވިޝަނުގެ އެއް ވަނަ ބިލެއްދޫން ހޯދީ ހަތަރު މޮޅާ އެކު 11 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނަ ހޯދި މަގޫދޫ އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ ހޯދި ފީއަލީ (ފީއަލި ޑިވެލޮޕްމަންޓް ސޮސައިޓީ) އަށް ލިބިފައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓެވެ. ދަރަނބޫދޫ އިން ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، ދެ ޕޮއިންޓް ލިބިފަ އެވެ. ހަތަރު މެޗުން ވެސް ބަލިވި ނިލަންދޫ (ނިލަންދޫ ސްޕޯޓްސް ކްލަބް) އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

މަގޫދޫން އަންހެން ޑިވިޝަންގެ ލީގު ބުރު ކާމިޔާބުކުރީ ފުރިހަމަ ރެކޯޑަކާ އެކު އެވެ. އެއީ 12 ޕޮއިންޓް ހޯދައިގެންނެވެ. ދަރަނބޫދޫ އަންހެން ޑިވިޝަނުގެ ދެ ވަނަ ހޯދީ ހަނި ފަރަގަކުންނެވެ. ދެ ވަނަ އަށް ދިޔަ ދަރަނބޫދޫ އާއި ތިން ވަނަ އަށް ދިޔަ ފީއަލީ އާއި ހަތަރެއްގައި ނިންމި ބިލެއްދޫން ވަނީ ކޮންމެ ޓީމަކުން ވެސް ހަތަރު މެޗުން ދެ މެޗު ކާމިޔާބުކޮށްފަ އެވެ. ޕޮއިންޓަށް ބަލާއިރު ދަރަނބޫދޫ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ފީއަލީ އާއި ބިލެއްދޫގެ ރޭންކުކުރީ ޖުމްލަ ކާމިޔާބުކުރި ސެޓުގެ އަދަދަށް ބަލައިގެންނެވެ. ފުލަށް ދިޔަ ނިލަންދޫ ހަަތަރު މެޗުން ބަލިވި ނަމަވެސް ދެ ޕޮއިންޓް ހޯދި އެވެ.

ވީއޭއެމުން ނިންމާފައި އޮތީ އަތޮޅު މުބާރާުތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމުގެ ޓާގެޓެއް ވީއޭއެމްގެ އެބައޮތެވެ. ކޮންމެ އަތޮޅަކަށް ވެސް އަންހެން އަދި ފިރިގެން ޑިވިޝަން ކުޅުމުގެ ފުރުސަތު އޮންނާނެ އެވެ.

އަތޮޅު މުބާރާތް ނިމުމަށް ފަހު ދެން އޮންނާނީ ހަތް ޒޯން މުބާރާތެވެ. ޒޯން އެކެއްގައި އޮތީ ހއ. ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އެވެ. ޒޯން ތިނެއްގައި އޮތީ މ. ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ، ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

އަތޮޅު މުބާރާތް އަލުން ފަށާއިރު ފެންނާނެ އެންމެ ބޮޑު ބަދަލަކީ މި މުބާރާތުގެ ތެރެއިން ހުޅުވިފައި އޮތް ފުރުސަތެވެ. އެ ގޮތުން އަތޮޅު މުބާރާތުގެ ޒޯން ޗެމްޕިއަނުންނަށް އެސޯސިއޭޝަން ކަޕްގެ ތެެރެއިން ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ ހަތް ޒޯން ޗެމްޕިއަނުން އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުުރުގައި ކުޅެގެންނެވެ.