Advertisement

ތިނަދޫގައި ކުރިޔަށްގެންދިޔަ އާއްމު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2022 - 17:55 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ތިނަދޫގައި ކުރިޔަށްގެންދިޔަ އާއްމު އަޑުއެހުންތަކުގެ ތެރެއިން އޮމްބަޑްސްޕާސަންގެ އޮފީހުގެ އިސްވެރިން. އެ އަޑުއެހުންތަކަކީ 1962 ވަނަ އަހަރު ތިނަދޫ ފަޅުކޮށްލި ހާދިސާއާއި ގުޅިގެން ބޭއްވި އަޑުއެހުންތަކެއް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ތިނަދޫގައި ކުރިޔަށްގެންދިޔަ އާއްމު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2022 - 17:55 0

މީގެ ފަސްދޮޅަހަކަށް އަހަރުކުރިން ގދ. ތިނަދުއިން މީހުން ބާލައި ރަށް ފަޅުކޮށްލި ހާދިސާއާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އެރަށުގައި ކުރިޔަށް ގެންދިޔަ އާންމު އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

އެ އޮފީހުގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓީވް އައިޝަތު ފަތުހީ މި ނޫހަށް ވިދާޅުވީ ތިނަދޫގައި ތިން ދުވަހަށް ކުރިޔަށް ގެންދިޔަ އަޑުއެހުންތަކުގައި ގާތްގަނޑަކަށް 15-20 މީހުން ބަޔާން ދީފައިވާ ކަމަށެވެ. އެ މައްސަލައިގައި ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހު މާލޭގައި ބާއްވާ އަޑުއެހުންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުވާލަކަށް 5-6 ބޭފުޅުން ބަޔާން ދެއްވި. ބައެއް ބޭފުޅުން ނަން ނޯޓު ކުރުމަށްފަހު އެކި ސަބަބުތަކާހެދި ނާދެވިފަ ވެސް ހުރުމުން. މިމަހުގެ 27 ވަނަ ދުވަހު މާލޭގައި ވެސް ކުރިޔަށްދާނެ އަޑުއެހުންތަކެއް. އެއީ އެކަމަކު އެންމެ ދުވަހަކަށް ބާއްވާ އަޑުއެހުމެއް،" އައިޝަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިނަދޫގައި ކުރިޔަށްގެންދިޔަ އަޑުއެހުންތަކަކީ ރަށް ފަޅުކޮށްލި ހާދިސާގައި އަނިޔާ ލުބުނު މީހުންގެ ވާހަކަތައް ކިޔައިދިނުމަށް ބޭއްވި އަޑުއެހުންތަކެއް ކަމަށެވެ. އަދި އެއީ އެ މައްސަލައިގައި އޮމްބަޑްސްޕާސަންގެ އޮފީހުގެ ތަހުގީގުގެ މަރުހަލާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ކުރިޔަށްދާނެ ތަހުގީގުގެ ބައި އަދިވެސް. އެ މަރުހަލާ ނިމުނީމަ ދެން ސުލްހަވެރިކަމާއެކު މައްސަލަ ކުރިޔަށް ގެންދިޔުމަށް މީޑިއޭޝަން މަރުހަލާއާ ހަމަޔަށް ދާނީ،" އައިޝަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހިސާބަށް މައްސަލަ ދާނެ ތާރީހެއް އަދި ދަންނަވަން ދަތިކަމަށެވެ. އަދި އޮމްބަޑްސްޕާސަންގެ އޮފީހުން އެ މައްސަލަ ވީހާވެސް އަވަހަށް ނިންމަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދުއިން މީހުން ބޭލި ހާދިސާއަކީ 1962 ވަނަ އަހަރު ހިނގައިދިޔަ ސުވަދީބް ބަގާވާތާއި ގުޅިފައިވާ ހާދިސާއެކެވެ. އެ ބަގާވާތުގެ ތެރެއިން، ރާއްޖޭގެ ދައުލަތުން ވަކިވެގަތުމަށް މަސައްކަތްކުރި ކަމަށް ބުނާ ދެކުނުގެ ތިން އަތޮޅުގެ މައި ރަށްކަމުގައިވާ ތިނަދޫއަށް އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު ވަނީ ސިފައިންނާއެކު ވަޑައިގެންފަ އެވެ.

އޭގެ ފަހުން އެރަށުގައި ހަމަނުޖެހުންތަކެއް ހިނގައި ނާސިރު ތިނަދުއިން މީހުން ބޭލުވި އެވެ. އެ މައްސަލައިގައި ތިނަދޫގެ އާންމުންގެ ތެރެއިން ބައެއް މީހުން މަރުވެ، ލާއިންސާނީ އަމަލުތަކެއް ހިނގާފައިވާ ކަމަށް އެރަށުގެ އާންމުން ބުނެ އެވެ.