16 މާރިޗު 2022 - 20:10 0
ހުސެއިން އަރުބާން ފައްވާޒް
ގއ. ކޮނޑޭ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު މުހައްމަދު އިބްރާހީމް -- ފޮޓޯ: ޖޭއެސްސީ
16 މާރިޗު 2022 - 20:10 0
މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުވެ ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު މުހައްމަދު އިބްރާހިމް ސަސްޕެންޑް ކޮށްފި އެވެ.
އޭނާގެ މަސްލަހަތު ފުށުއަރާ މައްސަލަ އެ ކޯޓަށް ހުށަހެޅުމުން އޭނާ އެ މައްސަލައިން ތަނާޒުލުވެސް ވި އެވެ. އެހެން ނަމަވެސް، ޖޭއެސްސީން ބުނީ އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކަށް ފޮނުވި ހުރިހާ ލިޔެކިޔުންތަކުގައި ވެސް ސޮއިކޮށްފައި ވަނީ މުހައްމަދު އިބްރާހިމް ކަމަށެވެ.
"އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ހަވާލުވެ ހުރި މެޖިސްޓްރޭޓް އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ކައިރީ އެދިފައި ނުވާނެ ކަމަށް ބުނެފައިވާތީ އާއި، އަދި އެ ގަޒިއްޔާ އާ ގުޅިގެން ދައުވާ ލިބޭ ފަރާތާ މުއާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ކަމަށްވާތީ،" ޖޭއެސްސީން ނެރުނު ބަޔާނުގައިވެ އެވެ.
އޭނާ ސަސްޕެންޑްކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށެވެ.
އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި، އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ޢަމަލީގޮތުން މަސައްކަތް ކޮށްފައިވާކަން [ވަނީ] ސާބިތުވެފަ،" ޖޭއެސްސީން ނެރުނު ބަޔާނުގައިވެ އެވެ.
މިއީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ޖޭއެސްސީން ބުނެ އެވެ. އޭނާ ސަސްޕެންޑް ކުރީ ޖޭއެސްސީ ގާނޫނުގެ 1-32 ވަނަ މާއްދާގެ ހ. ގެ ދަށުންނެވެ.
މި ގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 18 ވަނަ ބައްދަލުވުމުގަ އެވެ.
Comment