14 މާރިޗު 2022 - 12:00 0
14 މާރިޗު 2022 - 12:00 0
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި މިހާރު ކުރިއަށްދާ ފ. އަތޮޅު މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުން ވެސް މަގޫދޫ އަންހެން ވޮލީ ޓީމު (މަގޫދޫ ޒުވާނުންގެ ކްލަބް) މޮޅުވެއްޖެ އެވެ.
މަގޫދޫ އަންހެން ޓީމުން ފުރަތަމަ މެޗުގައި ދަރަނބޫދޫގެ ޕާޕަލް ޕަވާސް އަތުން ސީދާ ތިން ސެޓުން މޮޅުވިއިރު، ދެ ވަނަ މެޗުގައި ރޭ ވަނީ ބިލެއްދޫ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީ އަތުން ވެސް ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. މަގޫދޫ ޓީމުން ސެޓުތައް ގެންދިޔައީ 25-13، 25-14 އަދި 26-24 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަގޫދޫގެ ފާހިރާ މުހައްމަދު އެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި ދެން ކުޅުނު ހަމައެކަނި މެޗަކީ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ އާއި ނިލަންދޫ ސްޕޯޓްސް ކްލަބް އެވެ. އެ މެޗުން ފީއަލި ޓީމު މޮޅުވީ 3-1 ސެޓުންނެވެ.
އަންހެން/ފިރިހެން، ކޮންމެ ޑިވިޝަނެއްގައި ވެސް ފަސް ރަށަކުން ވާދަކުރެ އެވެ. ފައިނަލަށް ހޮވޭނީ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެކެވެ.
ފިރިހެން ޑިވިޝަނުގައި މިހާތަނަށް ކުޅެވުނީ ދެ މެޗެކެވެ. ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބިލެއްދޫ އިން ވަނީ 3-0 ސެޓުން ދަރަނބޫދޫ ބަލިކޮށްފަ އެވެ. އަދި މަގޫދޫ ވަނީ ފޯރިގަދަ މެޗަކަށް ފަހު 3-2 ސެޓުން ފީއަލި ބަލިކޮށްފަ އެވެ.
ރޯދަ މަސް ފެށުމުގެ ކުރިން އިތުރު ދެ އަތޮޅެއްގެ އަތޮޅު މުބާރާތް ކުރިއަށްގެންދެވޭތޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ އިއުލާނުކޮށްފަ އެވެ. އެއީ ގދ. ވާދޫގައި ކުރިއަށްގެންދާ އެ އަތޮޅު މުބާރާތާއި ފޮނަދޫގައި ބާއްވަން ނިންމާފައިވާ ލ އަތޮޅު މުބާރާތެވެ.
ވީއޭއެމުން ނިންމާފައި އޮތީ އަތޮޅު މުބާރާުތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމުގެ ޓާގެޓެއް ވީއޭއެމްގެ އެބައޮތެވެ. އެއީ އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށެވެ.
އަތޮޅު މުބާރާތް ނިމުމަށް ފަހު ދެން އޮންނާނީ ހަތް ޒޯން މުބާރާތެވެ. ޒޯން އެކެއްގައި އޮތީ ހއ. ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އެވެ. ޒޯން ތިނެއްގައި އޮތީ މ. ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ، ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.
އަތޮޅު މުބާރާތް އަލުން ފަށާއިރު ފެންނާނެ އެންމެ ބޮޑު ބަދަލަކީ މި މުބާރާތުގެ ތެރެއިން ހުޅުވިފައި އޮތް ފުރުސަތެވެ. އެ ގޮތުން އަތޮޅު މުބާރާތުގެ ޒޯން ޗެމްޕިއަނުންނަށް އެސޯސިއޭޝަން ކަޕްގެ ތެެރެއިން ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ ހަތް ޒޯން ޗެމްޕިއަނުން އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުުރުގައި ކުޅެގެންނެވެ. މިހާރު އޮތްގޮތުން މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރު ކުޅޭއިރު، ނިމިފައިވާ ޒޯންތަކުގެ ޗެމްޕިއަނުންނަށް މި އަހަރުގެ އެސޯސިއޭޝަން ކަޕްގައި ވެސް ކުޅެވޭނެ އެވެ. އެއީ އެ ޒޯން ޗެމްޕިއަނުން ބޭނުންވެއްޖެނަމަ އެވެ. އެހެން ނޫންނަމަ ހުރިހާ ޒޯން ޗެމްޕިއަނުންނެއް ކޮލިފައިވާނީ އަންނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރަށެވެ.
މިސާލަކަށް މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރު ފެށުމުގެ ކުރިން ނިމޭ ޒޯނެއްގެ ޗެމްޕިއަނުން ބޭނުންނަމަ ދެ އަހަރު (މި އަހަރާއި އަންނަ އަހަރު)ގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުގައި ވެސް ކުޅެވޭނެ އެވެ.
Comment