10 މާރިޗު 2022 - 11:22 1
އަހުމަދުﷲ އަބްދުލްހާދީ
ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމް. އޭނާގެ މައްޗަށް ދަރަނި ސާބިތުވާ މައްސަލަ ހައި ކޯޓުން ވަނީ ދަމަހައްޓާފައި --
10 މާރިޗު 2022 - 11:22 1
ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމްގެ މައްޗަށް ހަތަރު ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެފައިވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓަައިފި އެވެ.
އެ ހުކުމަކީ މެމްބަަރު އަބްދުލް ގަނީ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ލޮގް ވުޑް މޯލްޑިވްސްއާއި އެލިއާ އިންވެސްޓްމެންޓާ ދެމެދު ސޮއިކުރި ވިޔަފާރީގެ އެއްބަސްވުމެއްގައި މެމްބަރު އަބްދުލް ގަނީ ގެރެންޓާއެއްގެ ގޮތުގައި ސޮއިކޮށްފައި އޮތުމުން ސާބިތުވި ދަރަންޏެކެވެ.
އެ މައްސަލައިގައި ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށާއި މެމްބަރު އަބްދުލް ގަނީގެ މައްޗަށް އެ މައްސަލައިގައި ދަރަންޏެއް ސާބިތުވާ ކަމަށް އިއްޔެ ކަނޑައަޅައިފަ އެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމީ މެމްބަރު އަބްދުލް ގަނީގެ މައްޗަށް ލޮގް ވުޑްގެ ފަރާތުން އެލިއާއަށް ދައްކަން ޖެހޭ 453،368.05ރ. ރުފިޔާގެ ދަރަންޏެއް ސާބިތުވާ ކަމަށާއި އަދި އެ ފައިސާ ފަސް މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށެވެ.
އެ މައްސަލައިގައި ހައި ކޯޓުން ބުނީ އާންމު އުސޫލެއްގެ ދަށުން ކުންފުންޏަކީ އެ ކުންފުންޏެއްގެ މެމްބަރުންނާއި ވަކިން ގާނޫނީ ގޮތުން ވަކި ޝަހްސެއް ކަމަށެވެ. އެހެންކަމުން ކުންފުނީގެ ދަރަންޏަށް ފަރުދީ ގޮތުން ކުންފުނީގެ ޑިރެކްޓަރުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް, އެ މައްސަލަައިގައި ހުށަހެޅި ލިޔުންތަކުގެ އަލީގައި މެމްބަރު އަބްދުލް ގަނީ ގެރެންޓާއެއްގެ ގޮތުގައި އެލިއާއާއި ލޮގް ވުޑާ ދެމެދު ސޮއިކުރި އެއްބަސްވުމުގައި ބައިވެރިވެފައިވަނީ ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން ނޫން ކަމަށް ހައި ކޯޓުން ބުންޏެވެ.
އަދި އެއީ ފަރުދީ ގޮތުން މެމްބަރު އަބްދުލް ގަނީ ލޮގް ވުޑްގެ ފަރާތުން އެލިއާއަށް ދައްކަން ޖެހޭ ފައިސާއަށް ޒިންމާވާނޭކަމުގެ ޔަގީންކަން ދިން ދިނުމެއް ކަމަށް އެއްބަސްވުމުން އެނގޭ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.
ހައި ކޯޓުން ވަނީ އެ މައްސަލައިގައި އެލިއާ އާއި ލޮގް ވުޑާ ދެމެދު ސޮއިކުރި ދެ އެއްބަސްވުމަކަށް ރިއާޔަކޮށްފަ އެވެ. ފުރަތަމަ އެއްބަސްވުމަކީ ލޮގް ވުޑްގެ ފަރާތުން ދައްކަން ޖެހޭ ދަރަންޏެއް އޮތް ކަމަށް އިގުރާރުވެ އެ ދަރަނި ބަހާލައިގެން ދެއްކުމަށް ވި އެއްބަސްވުމެކެވެ.
ދެވަނަ އެއްބަސްވުމަކީ "އެގްރިމެންޓް ފޯ ސެޓަލްމެންޓް އޮފް ޑެބްޓް" ގެ ނަމުގައި ދެ ކުންފުނީގެ މެދުގައި އަނެއްކާ ވެސް ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. މެމްބަރު އަބްދުލް ގަނީ ގެރެންޓަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ އެ އެއްބަސްވުމުގަ އެވެ.
މެމްބަރު އަބްދުލް ގަނީގެ ފަރާތުން ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅި އެ މައްސަލައިގައި އެ އެއްބަސްވުންތަކުގެ ސައްހަކަމާ ދޭތެރޭ ޝައްކެއް ނެތްހިނދު، އެ އެއްބަސްވުންތަކަށް އިގުރާރުވެފައިވާކަން އެނގޭކަން ހައި ކޯޓުން ބުންޏެވެ. އެ މައްސަލައިގައި ބަހުސްކުރަނީ އެއީ މެމްބަރު އަބްދުލް ގަނީ ފަރުދީގޮތުން ޒިންމާ ނަގަން ޖެހޭ ދަރަންޏެއްތޯ ނުވަތަ ނޫންތޯ ކަމާ މެދުކަމަށް ވެސް ކޯޓުން ފާހަގަކުރި އެވެ.
އެގޮތުން ހައި ކޯޓުން ވަނީ ލޮގް ވުޑާއި އެލިއާއާ ދެމެދު ސޮއިކުރި ދެވަނަ އެއްބަސްވުމުގައި މެމްބަރު އަބްދުލް ގަނީ އަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގައިވީ ނަމަވެސް، ކުންފުނިން އެލިއާއަށް ދައްކަން ޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމުގައި މެމްބަރު އަބްދުލް "ޕާސަނަލީ" ނުވަތަ ފަރުދީ އަމިއްލަ ގޮތުން ހުރިހާ ޒިންމާއެއް ނަގާކަމަށް ބުނާ މާއްދާއެއް ފާހަގަކޮށްފަ އެވެ.
އެ މައްސަލައިގައި މެމްބަރު އަބްދުލް ގަނީ ވަނީ އެ އެއްބަސްވުމުގައި އޭނާ ސޮއިކޮށްފައިވަނީ އަމިއްލަ ޝަހްސީ އަދި ޒާތީ ހައިސިއްޔަތުން ނޫން ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ އެ މައްސަލައިގައި ހިމެނޭ އެއްބަސްވުންތަކަށް ބަލައި އެއީ މެމްބަރު އަބްދުލް ގަނީ އަމިއްލައަށް ޒިންމާވާން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައިފަ އެވެ.
ދަރަންޏެއް ސާބިތުވުމަކީ މެންބަރުކަން ގެއްލޭ ކަމެއް ނޫނެވެ. އެކަމަކު, ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވުމުގެ ޝަރުތުތަކުގެ ތެެރޭގައި ސާބިތު ދަރަންޏެއް އޮވެ އެ ދަރަނި ނުދައްކާ މީހެއް ކަމަށް ކަނޑައަޅައިފިނަމަ އެ މެމްބަރަކު އެ މަގާމުން ވަކިވާނެ އެވެ.
Comment