ސާއިލްގެ ފޮތް އަނީސާ ނެރެދެއްވަނީ: މި ފޮތަކީ ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ލިޔެފައިވާ ފޮތެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް, "އެ ދުވަސް ގެނެވޭނެ" މިއަދު ނެރެފި އެވެ.
ސާއިލް ލިޔެފައިވާ މި ފޮތަކީ ޗައިލްޑްހޫޑް އެންޒައިޓީ އާއި އޯސީޑީގެ އިތުރުން ޑިޕްރެޝަނާއި އެންޒައިޓީ ފަދަ، ދިރިއުޅުންމަތިން ފޫހިކޮށްލާ ވޭންހުރި ބައެއް ބަލިތަކުގެ މައްޗަށް ލިޔެފައިވާ ފޮތެކެވެ.
އެ ބަލިތައް ދިމާވާ ސަބަބުތަކާއި އެ ކެކުޅުންތަކުން އަރައިގަނެ އުފާވެރި ދިރިއުޅުމަކަށް އާދެވޭނެ މަގުތައް މި ފޮތުގައި ކަށަވަރުކުރެވިފައިވާ ޒަމާނީ އިލްމީ ހޯދުންތަކާއި ތަޖުރިބާކުރެވިފައިވާ އިންސާނީ ހަގީގަތްތަކުގެ އަލީގައި ސާއިލް ވަނީ ހިމަނާފަ އެވެ.
މިއަދު ހަވީރު ނޭޝަނަލް ލައިބްރަރީގައި ބޭއްވި ރަސްމިއްޔެއްގައި "އެ ދުވަސް ގެނެވޭނެ" ނެރެދެއްވީ ކުރީގެ މިނިސްޓަރު އަނީސާ އަހުމަދެވެ. އަނީސާ ވަނީ މިފަދަ ފޮތެއް ލިޔުނު ކަމަށްޓަކައި ސާއިލަށް ޝުކުރު އަދާކުރައްވައި, ކަމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.
ސާއިލް ލިޔުނު ފޮތް މިހާރު ރާދާ ބުކްޝޮޕުން ގަންނަން ލިބޭނެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އެގޮތުން, އަނީސާ ވިދާޅުވީ ނަފުސާނީ ބަލިތަކާއި އެ ދެނެގަންނާނެ ގޮތްތައް އަދި އަރައިގަތުމަށް ކުރެވޭނެ ކަންކަން އަމިއްލަ ތަޖުރިބާގެ އަލީގައި ސާއިލް ފޮތެއްގެ ސިފައިގައި ނެރެމަކީ ގައުމަށް ދިން ހަދިޔާއެއް ކަމަށެވެ. ނަފުސާނީ ކަންކަމަކީ, ވަރަށް ބޮޑު ސަމާލުކަމެއްދީ, އެކަމުގެ ވޭން އުފުލާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމެއްގެ ގޮތުގައި އަނީސާ ފާހަގަކުރެއްވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސާއިލް ބުނި ގޮތުގައި, އޭނާ ވަނީ އެކި މަރުހަލާތަކުގައި ނަފްސާނީ ގިނަ ބަލިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ނަމަވެސް, އޭނާގެ ހިތްހަމަޖެހުމަކަށްވީ އެފަދަ ކަންކަމުން އަރައިގަނެފައި ތިބި މީހުންގެ ތަޖުރިބާތައް ހިއްސާކުރުމުންނެވެ. އޭނާއަށް ވެސް އުއްމީދު ލިބި, އެކަންކަމުން އަރައިގަތުމުގެ ހިތްވަރު ލިބުން ކަމަށެވެ.
އޭނާ ފާހަގަކުރި ގޮތުގައި ބަލިތަކުގެ ވޭން އުފުލަމުން ދިޔަ ނަމަވެސް, ނަސީބު ރަނގަޅު ކަމުން އޭނާއަށް ކޮންމެ ވަގުތެއްގައި ވެސް ކަމުގެ މާހިރުންނާ ބައްދަލުކޮށް ވާހަކަ ދެއްކެ އެވެ. ނަމަވެސް, ކޮންމެ މީހަކީ އެ ނަސީބު ލިބޭނެ އަދި ރައްޓެހިން ތިބޭނެ މީހެއް ނޫން ކަމަށް ސާއިލް ފާހަގަ ކުރަމުން ބުނީ, އޭނާ ލިޔުނު ފޮތަކީ އެފަދަ މީހުންނަށް ހާއްސަ ފޮތެއް ކަމަށެވެ.
ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ސާއިލް - ސާއިލް ލިޔުނު ފޮތް މިހާރު ރާދާ ބުކްޝޮޕުން ގަންނަން ލިބޭނެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ފޮތް ސާއިލް ލިޔެފައިވާއިރު, ބަލިތަކާ ގުޅޭ ރިސާޗްތައް ހަދާފައިވަނީ މެންޗެސްޓާ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ އާމިނަތު ނައުޝާ އަހުމަދެވެ. ބޭސްވެރިކަމުގެ ގޮތުން ފޮތް ޕްރޫފްރީޑްކޮށްފައިވަނީ ޑރ. އަބްދުލްއަޒީޒު ހަމީދެވެ. ފަންނީ ގޮތުން ފޮތަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ސައިކޮލޮޖިސްޓް ފާތިމަތު ސައުދާ އެވެ.
އުއްމީދީ ނޫސްވެރިޔާގެ އެވޯޑާއި އިޖުތިމާއީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ވެސް ހާސިލްކޮށްފައިވާ ސާއިލްގެ "އެ ދުވަސް ގެނެވޭނެ" ވިއްކަން މިހާރު ނެރެފައިވާއިރު, ރާދާ ބުކްޝޮޕުން ފޮތް ލިބޭނެ އެވެ. އޭގެއިތުރުން 100 ރުފިޔާއަށް ވިއްކާ 9892563 ނަންބަރަށް މެސެޖްކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.
"އަޅުގަނޑަށް މިއަދު މި ވޭންތަކުން އަރައިގަނެވިއްޖެ އެވެ. އަދި މިފަދަ ބަލިތަކާއެކު އުޅެން އެނގިއްޖެ އެވެ. އަޅުގަނޑަށް މި ދުވަސް ގެނެވިއްޖެ އެވެ. ތިބާއަށް ވެސް ހަމަ ޔަގީނެވެ. އެ ދުވަސް ގެނެވޭނެ އެވެ." ފޮތް ނިންމާލަމުން ސާއިލް ލިޔެފައިވެ އެވެ.
Comment