Advertisement

ރަޝިއާ، ވޯލްޑް ކަޕް ޕްލޭއޮފުން ބޭރުކޮށްލައިފި

9 މާރިޗު 2022 - 08:50 0


ރަޝިއާ، ވޯލްޑް ކަޕް ޕްލޭއޮފުން ބޭރުކޮށްލައިފި

9 މާރިޗު 2022 - 08:50 0

ޒިއުރިކް (މާޗް 9) - މި އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާން ޔޫރަޕްގެ މެދުގައި ކުޅޭ ޕްލޭއޮފް ބުރުން ރަޝިއާ ބޭރުކޮށްލައި، އެ ޓީމާ ދެކޮޅަށް ކުޅެން އޮތް ޕޮލެންޑަށް ޕްލޭއޮފްގެ އަނެއް ބުރުން ފުރުސަތު ދޭން ފީފާއިން ނިންމައިފި އެވެ.

މިއީ ރަޝިއާ އިން ޔޫކްރެއިނަށް އަރައި، ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ފީފާ އިން އެޅި އިތުރު ފިޔަވަޅެކެވެ. މީގެ ކުރިން ފީފާ އާއި ޔުއެފާ އިން ވަނީ ރަޝިއާ ސަސްޕެންޑްކޮށްފަ އެވެ.

ރަޝިއާ މިހާރު ވަނީ ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް އެ މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު، ސީއޭއެސް އިން ވަކި ގޮތެއް އެންގުމުގެ ކުރިން ފީފާ އިން މި ވަނީ ރަޝިއާ ވޯލްޑް ކަޕުން ބޭރުކޮށްލައިފަ އެވެ.

ރަޝިއާ ބޭރުކޮށްލުމުން ޕޮލެންޑް ވަނީ އެ ޕެތުގެ ފައިނަލުން ފުރުސަތު ހޯދާފައި.


ޔޫރަޕްގެ 12 ގައުމެއްގެ މެދުގައި ޕްލޭއޮފް ކުޅޭއިރު، އެ ޕްލޭއޮފްތައް ވަނީ ތިން ބަޔަށް ބަހައިފަ އެވެ. ރަޝިއާ ހިމެނެނީ ޕޮލެންޑް، ސްވިޑެން އަދި ޗެކް ރިޕަބްލިކާ އެކު ޕެތު ބީގަ އެވެ.

މީގެ އެންމެ ފުރަތަމަ ރޭވިފައި އޮތީ ރަޝިއާ އާއި ޕޮލެންޑް ކުޅެގެން މޮޅުވާ ޓީމަކާއި ޗެކް ރިޕަބްލިކާއި ސްވިޑެން ކުޅެގެން މޮޅުވާ ޓީމެއް މި ޕެތުގެ ފައިނަލްގައި ކުޅޭށެވެ. އެކަމަކު، އިއްޔެ ފީފާ އިން ވަނީ ރަޝިއާ ބޭރުކޮށްލައި، ޕްލޭއޮފްގެ މި ޕެތުގެ ފައިނަލުން ޕޮލެންޑަށް ފުރުސަތު ދީފަ އެވެ. މިހާރު އޮތްގޮތުން ޕޮލެންޑުން ވޯލްޑް ކަޕްގެ ޖާގަ އަކަށް ކުޅޭނީ ސްވިޑެން އާއި ޗެކް ރިޕަބްލިކް ކުޅެގެން މޮޅުވާ ޓީމަކަށެވެ.

ކޮލިފައިން ޕްލޭއޮފްގެ ޕެތު އޭގައި ޔޫކްރެއިނާއި ވޭލްސް ކުޅެން އޮތް މެޗު މިހާރު ވަނީ އަންނަ ޖޫން މަހަށް ފަސްކޮށްދީފަ އެވެ. މިއީ ޔޫކްރެއިންގެ ހުށަހެޅުމެއް ބަލައިގަނެ ފީފާއިން ނިންމި ނިންމުމެކެވެ. މި ޕެތުގެ އަނެއް މެޗުގައި ވޭލްސް އާއި އޮސްޓްރިއާ ކުޅޭ ގޮތަށް އޮތްއިރު، އެ މެޗު ކުރިން ވެސް އޮތް ތާރީހު ކަމަށްވާ މި މަހު 24 ވަނަ ދުވަހު ކުޅޭނެ އެވެ.