Advertisement

ޓޫރިޒަމް ޑިވެލޮޕްމަންޓު ފަންޑު ޑުބާއީގައި ރަޖިސްޓްރީ ކުރަނީ

5 މާރިޗު 2022 - 14:07 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު: އޭނާ ވިދާޅުވީ ޖޫންގެ ކުރިން ޓޫރިޒަމް ޑިވެލޮޕްމަންޓު ފަންޑު ލޯންޗު ކުރެވޭނެ ކަމަށް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޓޫރިޒަމް ޑިވެލޮޕްމަންޓު ފަންޑު ޑުބާއީގައި ރަޖިސްޓްރީ ކުރަނީ

5 މާރިޗު 2022 - 14:07 0

ޓޫރިޒަމް ޑިވެލޮޕްމަންޓު ފަންޑު ޑުބާއީގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ފަނޑުގެ ބެލެނިވެރި މޯލްޑިވްސް ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އެމްއެފްއެމްސީގެ މަސައްކަތްތަކާ ގުޅިގެން "އަދަދު" ނޫހަށް ދެއްވީ އިންޓަވިއުއެއްގައި މަނިކު ވިދާޅުވީ ފަންޑު ރަޖިސްޓްރީ ކުރާނީ ޑުބާއީ ފައިނޭންޝަލް ސެންޓަރުގައި ކަމަށެވެ. ޑުބާއީ ފައިނޭންޝަލް ސެންޓަރަކީ ބޭރު ކުންފުނިތަކަށް އަމާޒުކޮށްގެން ކަނޑައަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންއެއް ނޫނީ ހާއްސަ އިގުތިސޯދީ ސަރަހައްދެކެވެ.

މިއީ ޔޫއޭއީ ކުންފުންޏަކާ ބައިވެރިވުމެއް ނެތި، ސައްތައިން ސައްތަ ބޭރު އޯނާޝިޕުގައި ކުންފުނިތައް ރަޖިސްޓްރީ ކުރެވޭ އަދި 50 އަހަރަށް ސުން ޕަސެންޓު ޓެކްސް ނަގާ ސަރަހައްދެކެވެ. މިތަނުގައި ހިނގަނީ ޔޫއޭއީގެ ގާނޫނުން ބޭރުން، ހާއްސަ މަދަނީ ގާނޫނީ އޮނިގަނޑެކެވެ.

ފައިނޭންޝަލް ސެންޓަރުގައި ޓޫރިޒަމް ޑިވެލޮޕްމަންޓް ފަންޑު ރަޖިސްޓްރީ ކުރަނީ "ކަލެކްޓިވް އިންވެސްޓްމަންޓް ވެހިކަލް" އެއްގެ ގޮތުގަ އެވެ. މިއީ ވަކިވަކި އިންވެސްޓަރުންނަށް ހިއްސާ ވިއްކުމުގެ ބަދަލުގައި ހުރިހާ އިންވެސްޓަރުންގެ ފައިސާ އެއްކޮށްލައިގެން އިންވެސްޓު ކުރާ ވަކި ޝަހުސެކެވެ.

މަނިކު ވިދާޅުވި ގޮތުގައި މިހާރު ޑުބާއީން އެޑްވައިޒަރަކު އައްޔަނުކޮށް ރަޖިސްޓްރޭޝަނާގެން ކުރިޔަށް ދާނެ ގޮތްދައް ދަނީ ނިންމަމުންނެވެ. އަދި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ފަންޑު ލޯންޗުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރޯދަ މަހާ ގުޅިގެން ބައެއް ލަސްތައް ދިމާވާނެ ކަމަށް ލަފާކުރަމުން އޭނާ ވިދާޅުވީ އަމާޒަކީ ޖޫންގެ ކުރިން ފަންޑު ލޯންޗުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮބްޖެކްޓިވްއަކީ މި އަހަރުގެ ސެކަންޑް ކުއާޓާގެ ކުރިން އެ ފަންޑު ލޯންޗުކުރުން. އޭޕްރިލް މޭ ހިސާބޭ އަޅުގަނޑުމެން މި ޓާގެޓް ކުރަނީ. ދުބާއީ ވީމާ ރޯދަ މަސް ނިންމާފަ ކަން ނޭނގެ. އޭދެން ކޮންމެވެސް ވަރެއްގެ އިމްޕެކްޓެއް އަންނާނޭ ކަންނޭނެގެ އެކޮޅުގެ މަސައްކަތްތަކަށް. އެކަމަކު އަޅުގަނޑު މިބަލަނީ ޖޫންގެ ކުރިޔަށް ފުރަތަމަ ފަންޑު ލޯންޗުވާނެ ކަމަށް."

ޓޫރިޒަމް ޑިވެލޮޕްމަންޓު ފަންޑަކީ ހުއްޓިފައިވާ ރިސޯޓު ޕްރޮޖެކްޓުތަކަށް ފައިސާ ހޯދަން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު ބޭނުން ކުރާނީ މިހާރު ނުހެދި ހުރި 150 އަށް ވުރެ ގިނަ ރިސޯޓު މާކެޓަށް ނެރެން އެ ވިޔަފާރިތަކަށް ފަންޑިން ދޫކުރާށެވެ.

މިއީ ރިސޯޓު ޕްރޮޖެކްޓުތަކަށް މިގޮތަށް ފައިސާ ހޯދަން އުފެއްދި ފުރަތަމަ ފަންޑެވެ. މި ފަންޑުގެ އިތުރުން އެމްއެފްއެމްސީން ދަނީ އުމްރާނީ ތަރައްގީއަށް ފަންޑުކުރަން އިންފްރާސްޓްރަކްޗާ ފަންޑާއި އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓުކުރަން ރިނިއުވަބަލް އެނާޖީ ފަނޑެއް ވެސް އުފައްދާފަ އެވެ.

އެމްއެފްއެމްސީއަކީ ރާއްޖޭން ބޭރުން ފައިނޭންސިން ހޯދުމުގެ މަގުސަދުގައި އެކަމަށް ހާއްސަކުރެވިގެން މި ސަރުކާރުން 2019 ގައި އުފެއްދި ކުންފުންޏެކެވެ. ފަންޑު މެނޭޖްމަންޓުގެ އިތުރުން ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓުގައި ވެސް އެންމެ އިސްދައުރެއް އަދާކުރަނީ މި ކުންފުނިންނެވެ.

އެމްއެފްއެމްސީގެ ދަށުން އުފައްދާފައިވާ ކުންފުނިތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ވިޔަފާރި ކުރިއަރުވަން އުފައްދާފައިވާ އެގްރޯނެޓާއި ސަރުކާރުގެ ސަބްމެރިން ކޭބަލް މަޝްރޫއު ހިންގާ އޯޝަން ކަނެކްޓް މޯލްޑިވްސް ކުންފުނި ހިމެނެ އެވެ.