8 މާރިޗު 2022 - 08:20 2
އާމިނަތު އިބްރާހިމް
އަޒުމާ، ޒީނިޔާ އަދި ފާތުން: އެ ތިން މީހުންނަކީ ވެސް އަންހެނުންނަށް ހުރި ނަމޫނާއެއް: ފޮޓޯ: ފައިލް
8 މާރިޗު 2022 - 08:20 2
މިއަދަކީ ދުނިޔޭގެ ފެންވަރުގައި އަންހެނުންގެ އަގު ވަޒަންކުރާ ދުވަހެވެ. ނަމަވެސް، ދިރިއުޅޭ މާހައުލަށް އުފާވެރިކަމާއި ފާގަތިކަން ގެންނަން ބުރަކޮށް މަސައްކަތް ކުރާ އަންހެނުންގެ ވާހަކަ ކޮންމެ ދުވަހަކު ދައްކަން ޖެހެ އެވެ. އެމީހުން ފާހަގަކުރަން ޖެހެއެވެ. އެފަދަ އަންހެނުންގެ ޖޯޝަކީ އާދަޔާ ހިލާފު ބާރެކެވެ. އެ ބާރުގެ ނުފޫޒު ގަދަ އެވެ. އެ ނުފޫޒުން ހިތްތައް މަޑުކޮށް، ޖަޒުބާތު އުފަންކުރުވަ އެވެ. ނުދަންނަ މީހުން އެކުވެރިންނަށް ބަދަލުކޮށްލައި އެކުވެރި ގަދަފަދަ ރޫހެއް އާލާކުރުވަ އެވެ.
އެއީ އަންހެނުންގެ ބާރެވެ. މުޖުތަމައުގެ ހަމަ ހަމަކަމާއި ފާގަތިކަމަށް އެއީ މުހިއްމު ބާރެކެވެ. އެ ބާރު ގަދަކުރަންޖެހެނީ އެހެންވެގެންނެވެ.
ލ. މާބައިދޫ އަށް އުފަން 35 އަހަރުގެ ފާތުމަތު އަޒުމާ އަކީ އެފަދަ ބާރެކެވެ. އޭނާ އަކީ މާބައިދޫގެ ރައްޔިތުންނަށް އެރަށުގެ ގުދުރަތީ މުއްސަނދިކަން އަނބުރާ ހޯދައިދިން އެންމެ އިސް މަދަދުވެރިޔާ އެވެ. ރަށުގެ ތަރައްގީގެ ކަންކަމުގައި މިދިޔަ ތިން އަހަރު އެރަށުގެ އަންހެނުންގެ އެންމެ ކުރީގައި ހުރެ އެމީހުން އެކަތިގަނޑެއްގެ ގޮތުގައި ގެންގުޅުނު ހީވާގި ލީޑަރެވެ. މިހާރު، ރައްޔިތުންގެ އެދުމުގެ މަތިން ރަށުގެ ކަންކަމުގައި ބަސް ކިޔަން ކައުންސިލަށް ހޮވާފައި ހުރި ރަސްމީ މެންބަރެކެވެ.
އެކަމަކު ކައުންސިލަށް ހޮވުމުގެ ކުރިން އޭނާ އަކީ މާބައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުރާލި ރައީސާ އެވެ. އެ މަގާމުގައި ހުރެ، އޭރު އެރަށު މީހުން ކުނި އަޅާތާ އަހަރުތަކެއް ވެ ތަޣައްޔަރު ވެފައި އޮތް އެރަށުގެ ހިތްގައިމު ކޯރު ސާފުކުރުމުގެ ބޮޑު މަޝްރޫއެއް ފެށި އެވެ. އަދި އެކަން ކާމިޔާބުކުރި އެވެ.
"ފުރަތަމަ އެ ހިޔާލު ދިނީ މިދިޔަ ދައުރުގެ ކައުންސިލުގެ ރައީސް އަލީފައިސަލް. އޭނާ ދެކުނީ އެ ކޯރަކީ ރަށަށް ވަރަށް ގިނަ މަންފާތަކެއް ލިއްބައިދޭނެ ތަނެއްގެ ގޮތުގައި. އެހެންވީމަ އެ ހިޔާލު އޭނާ ހިއްސާކުރީ އތމ ކޮމިޓީއާ. ދެން އެ ހިޔާލާ އެއް ގޮތަށް އަޅުގަނޑުމެން ފަންޑު ހޯދަން ޔޫއެންޑީޕީ އަށް ޕްރޮޕޯސަލް ހުށަހެޅީ،" އަޒުމާ ކިޔައިދިނެވެ.
ޔޫއެންޑީޕީިން އެ ޕްރޮޕޯސަލް ތައް ބަލައިގަނެ، ފަންޑު ދިނެވެ. އެކަމަކު އެއީ، އެ ވަރުގެ ބޮޑު ސަރަހައްދެއްގައި ހުރި ދުވަސްވީ ކުނިފުނިތަކެއް އެތަނުން ނަގައިގެން އެހެން ދިމާލަކަށް އުފުލައި ތަން ރަނގަޅަށް ސާފުކުރެވޭ ވަރަށްވުރެ މާ ކުޑަ އެހީއެކެވެ.
"ސާފުކުރާ ގްރާންޓް ގައި ލިބުނީ 20 ހާސް ރުފިޔާ. ދެން އެކަމަކު ވެސް އެކަން ކުރަން ބޭނުންވާތީ، ރައްޔިތުން އެއްކޮށްގެން ރޫހު ގަދަކޮށްގެން އެންމެ އެކުގައި މަސައްކަތަށް ނިކުތީ. އަމިއްލަ އަތުން ހުރިހާ ކުންޏެއް ސާފުކޮށް އެ މާސިންގާ ސަރަހައްދި ސާފުކުރީ ރަށުގެ އަންހެން ވެރިންގެ ބުރަ މަސައްކަތުން،" އަޒުމާ ބުންޏެވެ.
ލ މާބައިދޫ ކޯރަކީ ލ އަތޮޅަށް ލިބިފައިވާ ގުދުރަތީ ހާއްސަ ސިފަތަކުގެ ތެރެއިން އެންމެ ތަފާތު ރީތިކަމެއް ލިބިފައިވާ އެއް ތަނެވެ. އެރަށާ ގުޅިފައި އޮންނަ ދެ ހިންނަ ދޭތެރެއިން ލާފައި ރަށުގެ އެތެރެއިން ގޮސް ކަނޑާ ހަމައަށް ދެމިފައި އޮންނަ އެ ރީތި ކޯރު ސާފުކުރި ފަހުން އެތަން ވެފައިވަނީ މުޅި ލާމު އަތޮޅުގެ އެންމެ ހިތްގައިމު އެއް ޓްރޭޑްމާކަށެވެ.
ބޮނބި ތަޅައިގެން ރޯނު ވަށާ މީހުންގެ ބޮޑު އާބާދީ އެއް އޮތް މާބައިދޫގެ ރައްޔިތުންގެ ބޮނބި ފަލަކީ ވެސް މިހާރު އެ ކޯރެވެ.
އެތަން ސާފުކޮށް، އެތަނުގައި އިންދަން އައްޑޫ އިން މެންގްރޫވް ގަސް އިންދައި އެތަން މިހާރު އޮތް ގޮތަށް ފެހި ކުރީ ވެސް އަޒުމާ އިސްވެ ހުރެ އޭރު ރަށުގެ އަންހެނުން ކުރި މަސައްކަތުންނެވެ.
"އަޅުގަނޑު ބުނާ ކޮންމެ ކަމެއްގައި ފަސް ނުޖެހި އެމީހުން އާދޭ. އަޅުގަނޑު ކުރީގައި ހުންނާތީ އަޅުގަނޑުގެ ފަހަތުގައި އެންމެން ތިބީ. ހާއްސަކޮށް ރަށުގެ އަންހެނުން،" އަޒުމާ ބުންޏެވެ.
"ވަރަށް ފަހުރުވެރިވޭ އަޅުގަނޑު ކުރާ މަސައްކަތުގައި އަޅުގަނޑާ އެއްބައިވެގެން މީހުން ކުރާ މަސައްކަތުން އަޅުގަނޑަށް ވެސް އެ ރީތި ނަން ލިބޭތޯ."
ހދ ވައިކަރަދޫ ކައުންސިލުގައި އެރަށުގެ އަންހެނުން ތަމްސީލުކުރާ މެންބަރު ފާތުމަތު ޒީނިއާ އަކީ ވެސް އޭނާގެ ރަށަށް މުހިއްމު ނަމެކެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އަންހެނުންގެ ދައުރު ނެތި މުޖުތަމައު ތަރައްގީކުރަން ހިފައިފިއްޔާ ވަރަށް ބައިވަރު ޖޮންޖެހުންތައް އަންނާނެ ކަމަށް. މިސާލަކަށް މިރަށުގެ އެމްޓީސީސީ ފެރީ ޓާމިނަލް އަޅަން ފުރަތަމަ ޑިޒައިން ފައިނަލް ވެގެން އައި އިރު އެ ޓާމިނަލުގައި ފާހާނާ އެއް ނެތް. ދެން ޒީ ބުނިން ފާހާނާ އެއް އިންނަން ވާނެ އޭ. މިތަނުގައި މަސައްކަތްކުރަން އަންހެންކުދިން ވެސް އުޅޭނެ އޭ. ފަހުން ޑިޒައިން ބަދަލުކޮށް ފާހާނަ އަކާ އެކު ނިމިފަ އެ ހުރީ،" ޒީނިއާ ފާހަގަކުރީ ހަމަހަމަ ތަރައްގީގައި އަންހެނުން ބަސް ކިޔުމުގެ މުހިއްމު ކަމެވެ. އެކަން ކުރުމަށް އޭނާ ފަރުދީ ގޮތުން މަސައްކަތްކުރާ ވަރެވެ. އެގޮތެވެ.
ކައުންސިލަށް އައުމުގެ ކުރިން ރަށުގެ ތަރައްގީ އަށް މަަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކަށް ވެސް ހުރި ޒީނިއާ ގަބޫލުކުރާ ގޮތުގައި އޭނާގެ ފަހަތުގައި އެރަށުގެ އަންހެނުން ތިބިހާ ހިނދަކު ރަށަށް ހެޔޮ ބަދަލު ގެނެވޭނެ އެވެ. އަންހެނުންްނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަކީ އޭނާގެ އަޒުމެވެ.
"ކުރިން ސެން ޓީޗަރެއްގެ ގޮތުގައި އުޅުނީމަ ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސެން ކްލާސްތަކުގައި ކިޔަވައިދިނުމުގެ ފުރުސަތު ހޯދައިދޭން ބޭނުންވޭ." ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުގެ ހުރި ރަސްމީ އިމާރާތްތަކަށް ވަދެ ނިކުމެވޭ ގޮތް މިހާތަނަށް ހެދިފައި ނުވާ ވާހަކަ ފާހަގަކުރަމުން ޒީނިއާ ބުންޏެވެ.
"މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އެ ކޮންސާން ވެސް ބަލައިގަނެ މި އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މީހުންގެ ދުވަސް އަންނަން ވާއިރަށް އިމާރާތްތަކަށް އެ ބަދަލުތައް ގެންނާނެ،"
ކޮވިޑްގެ ހާލަތުގައި ނެގި ޓާސްކް ފޯސްގައި އޭނާ ހިމެނި، އެ ދަނޑިވަޅުގައި ރަށަށް ބޭނުންވާ އެންމެ މުހިއްމު ތަކެތި ގެންނަން ކުރި މަޝްވަރާތަކުގައި އަންހެނުންނަށް ބޭނުންވާ ޕެޑާއި ކުޑަކުދިން ޖެހުމަށް ބޭނުންވާ ނެޕީ ފަދަ އެއްޗެއްސަކީ ޒަރޫރީ އެއްޗެހި ތަކުގެ ގޮތުގައި ހިމަނަން ޗާންސް ލިބުނު ގޮތް ވެސް އޭނާ ފާހަގަ ކުރިއެވެ. އެ ކަންކަން އެގޮތަށް ނިންމުނީ އަންހެނަކު ބަސް ކިޔަން ހުރީތީ ކަން އޭނާ ފާހަގަކުރި އެވެ.
"ފިރިހެނުންނަށް ބައެއް ފަހަރު އެކަހަލަ ޖަޒުބާތުތައް ވިސްނައިގަންނަން އުނދަގޫވޭ. އެހެންވެ އަޅުގަނޑު މަސައްކަތް ކުރަން އަންހެނުންނަށްޓަކައި ބަސް ބުނަން،" ޒީނިއާ ބުންޏެވެ.
ޅ. ހިންނަވަރަށް އުފަން، އަހަރުގެ ފާތިމަތު އިބްރާހިމް (ފާތުން) އަކީ ފެނުމުން މަހުރޫމް ވެފައިވާ ޒުވާނެކެވެ. ދަރުމަވެރިއެކެވެ. ތަފާތު ދިރިއުޅުމެއްގައި އުޅެން އަބަދުވެސް އުންމީދުކޮށް އެގޮތުގައި ކުރިއަށްދާ ޒުވާނެކެވެ. އެކަމަށް މަސައްކަތް ވެސް ކުރެ އެވެ.
އޭނާ އަކީ ދިވެހި ރެޑް ކްރެސެންޓްގެ އެންމެ ހީވާގި ދަރުމަވެރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ އެންމެ މޮޅު ދަރުމަވެރިޔާގެ އެވޯޑު ހޯދި އެވެ. ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހައްގުތައް ހޯދައިދިނުމުގެ ދާއިރާގައި ކުރި މަސައްކަތްތަކުން "ރިވެލި" އެވޯޑު ވެސް ހާސިލްކުރި އެވެ. އޭނާ ވަނީ އޮލިމްޕިކްސް ގޭމްސްގެ ޕެރެ ކެޓަގަރީގެ އަންހެން ބައިން ރާއްޖެ ތަމްސީލުކޮށް ދުވެވެސްފަ އެވެ.
ފާތުން އަކީ ވެސް ފިސާރި އަންހެނެކެވެ. ގައުމަށް އޭނާގެ ފެންވަރުން ގިނަ ހިދުމަތް ކޮށްދޭ މުރާލި އަންހެނެކެވެ.
"އަޅުގަނޑު ބުނާނީ ގައުމު ތިމާ އަށް ކޮށްދޭނީ ކޮން ކަމެއްތޯ ނުބަލައި ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައިގެން މަސައްކަތް ކުރުމުން ގައުމުގެ މުހިއްމު ހިއްސާ އަކަށް އަންހެނުންނަށް ވެވޭނެ އޭ،" ފާތުންގެ ވާހަކަ ކުރުކޮށްލި އެވެ.
Comment