Advertisement

މަންމާ! ﷲ އަކީ ކާކު؟

4 އޭޕްރީލް 2022 - 09:53 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


މަންމާ! ﷲ އަކީ ކާކު؟

4 އޭޕްރީލް 2022 - 09:53 0

ކުއްޖާ އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގަ އެވެ. އެ ކުއްޖާއަށް ދީނާއި ރައްބާއި ރަސޫލު ބުނެދޭނީ އޭނާ ދިރިއުޅޭ މާހައުލެވެ. އޭނާގެ މައިންބަފައިންނެވެ. ދުނިޔޭގެ ދިރިއުޅުމުގެ ރީތި އާދަތަކާއި، ވަށައިގެންވާ މާހައުލުން އެ ކުއްޖާއަށް ރައްކާތެރި ކަންކަމާއި ތަކެއްޗާއި، އޭނާއަށް ހުރި ނުރައްކާތައް ބުނެދޭނީވެސް އޭނާގެ މައިންބަފައިންނެވެ. މި ބުނެދިނުންތަކުގައި މައިންބަފައިންނަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑެވެ. މައުސޫމު ކުއްޖާ ކުރާ ހުރިހާ ސުވާލުތަކެއްގެ ޖަވާބު މައިންބަފައިންނަކަށް ނުދެވޭނެ އެވެ. އެ ކުއްޖާފުޅުގެ ހުއްޓުމެއް، ހައްދެއް ނެތް ސުވާލުތަކަށް ޖަވާބުދޭނީވެސް ކިހިނަކުންތޯ އެވެ؟ އެހެނަސް އެއީ ނުކޮށް ވާން އޮތް ކަމެއްވެސް ނޫނެވެ.

1962 ވަނަ އަހަރު، ބަހާރު މަޖައްލާގައި، ނައިފަރު އަލީ ހުސައިން ލިޔުއްވާފައި އޮތް ޅެމެއްގެ ދެބައިތެއް މިތަނުގައި ނަކަލުކޮށްލާނަމެވެ. ބޭނުމަކީ މި ލިޔުމުގެ މައުޟޫއުއަށް ޖާގަ ހެދުމެވެ. އަލީ ހުސައިން ވިދާޅުވެފައި އޮވެ އެވެ.

'ދަރީންނީ ވި އަމާނަތެކޭ، މައިންބަފައިންނާއި ހަވާލުވެވޭ،

ﷲ ގެ ހައްގޭ އަޅުތަކުނޭ، މިކަމާމެދު ބިރުވެތިވާންވާނޭ"

ދަރީންނަކީ ﷲ ތިބާއާ މަތިކުރާ އިމްތިހާނެކެވެ. އެއީ އަމާނާތެކެވެ. އެ ހައްގުގެ ވެރިފަރާތަކީ ﷲ އެވެ. ތިބާއާ މަތިކުރެވިފައި އޮތީ ހެޔޮ ތަރުބިއްޔަތާއި، ހެޔޮގޮތް ބުނެދިނުމުގެ ޒިންމާ އެވެ.

އެ ޒިންމާ އަދާކުރުމަށްޓަކައި ދަރިން ތައްޔާރުކުރަންވީ ގޮތް ޅެންވެރިޔާގެ ޅެމުގައި ވިދާޅުވި އެވެ.

"އެކަލާނގެ ތައާރަފްވާގޮތުގައި، އަމުރާއި ނަހީ ވަކިވާ ގޮތުގައި

ޚުލްގާއި އުޅުން ހެޔޮވާ ގޮތުގައި، ތައުލީމު ދިނުން ވާޖިބުވާނޭ"

މިއީ އަޅުގަނޑުމެންގެ މައުޟޫއެވެ. ކުއްޖާއަށް އަޅުގަނޑުމެން ދޭ ތައުލީމުގެ ބިންގާ އޮންނާނީ އެ ކުއްޖާއަށް ﷲ ތައާރަފްކޮށްދެވޭ ގޮތެއްގެ މަތީންނެވެ. ފުރަތަމަ ކަމަކީ ﷲ މައުރިފާކޮށްދިނުމެވެ. ﷲ އަކީ ކޮބައިކަން އެ ކުއްޖާއަށް ބުނެދިނުން އެއީ އެ ކުއްޖާއަށް ދެވޭނޭ ތައުލީމުގެ ފުރަތަމަ ފިޔަވަޅެވެ. މިއީ ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް، އަޅުގަނޑުމެން މައިންބަފައިން ކުރިމަތިލާންޖެހޭ ކަމެކެވެ. ވާޖިބު ކަމެކެވެ.

ކުއްޖާއަށް ﷲ ތައާރަފްކޮށްދޭށެވެ. ބުނެދޭށެވެ. ކުޑަ އެއްޗެއްސަށްވުރެ ބޮޑެތި އެއްޗެހި ހުންނާނެ އެވެ. ދަރިފުޅުގެ ތަންމައްޗަށްވުރެ ދަރިފުޅުގެ ކޮޓަރި ބޮޑެއް ނޫންހެއްޔެވެ. ކޮޓަރިއަށްވުރެ މި ދިރިއުޅޭ އެޕާޓްމެންޓް ބޮޑެވެ. އެޔަށްވުރެ މި އެޕާޓްމަންޓް ހުރި އިމާރާތާއި ގޯތި، ގޯއްޗަށްވުރެ ދިރިއުޅޭ ރަށް ބޮޑު ނޫން ހެއްޔެވެ؟ ރަށަށްވުރެ އަތޮޅު، އަތޮޅަށްވުރެ ގައުމު، އަދި ގައުމަށްވުރެ ދުނިޔެ، އަދި ދުނިޔެއަށްވުރެ ފަޒާ މާބޮޑަށް ވެސް ބޮޑެވެ. ދަރިފުޅާ އެވެ. އެ އެންމެހައި ތަކެއްޗަކަށްވުރެ މާތް ﷲ ބޮޑެވެ. ﷲ އަށްވުރެ ބޮޑު އެހެން އެއްޗެއް ފަރާތެއް ނުވެ އެވެ. އެންމެ ބޮޑީ ﷲ އެވެ. އުފަންވުމާއެކު އެންމެ ފުރަތަމަށް އިއްވާންޖެހޭ އަޑަކީ ބަންގީގެ އަޑުކަމުގައިވުމުމުގެ ފިލާވަޅަކީ މިއީ އެވެ.

އެހެން ހުރިހާ އެއްޗަކާއި ތަނަކާއި ފަރާތަކަށްވުރެ ﷲ ބޮޑެވެ. އޭގެ ނަތީޖާއަކީ ﷲ އާ އެއްވަރު އެހެން އެކައްޗެއް ވެސް ނެތުމެވެ. އެއްފަދަ އެހެން އެކައްޗެއްވެސް ނެތުމެވެ. އެހެންވީމާ ﷲ އެއީ ދެވަނަ ފަރާތެއް ނުވާ ﷲ އެވެ. އެކެކެވެ. ދެވަނައެއް ނެތެވެ. ތިނެއް ވެސް ނެތެވެ. ﷲ އީ އެކެކެވެ. ދަރިފުޅާ އެވެ. މާތް ބަހުރުވައިގައި ﷲ އަކީ އެކެއްކަމަށް ބުނާނީ، "ﷲ އީ އެއްކައުވަންތަ ކަލާނގެ" އެވެ. މިގޮތަށެވެ.

ތުއްތު ދަރިފުޅު ސުވާލުކުރެއެވެ. ﷲ ކޮބާހެއްޔެވެ؟ ﷲ އެހާ ބޮޑު އިރު ނުފެންނަނީ ކީއްވެ ހެއްޔެވެ؟ އެދަރިފުޅު ގާތު ބުނާށެވެ. ﷲ ވެއެވެ. މާތް ބަހުރުވައިގައި ބުނާނީ "ﷲ ވޮޑިގެންވެއެވެ" މިގޮތަށެވެ. އެކަމަކު ދަރިފުޅާއެވެ. އަހަރެމެންގެ ލޮލުގެ ފެނުމުގެ ބާރަކީ ލިމިޓްކުރެވިފައިވާ އެއްޗެކެވެ. ތަންމަތީގައި އޮންނައިރު ކޮޓަރީގެ ބޭރެއް ނުފެނެ ނޫންހެއްޔެވެ؟ ކޮޓަރީގައި ހުންނައިރު، ކުޑަދޮރުން ފެންނަ މިންވަރަކުން ނޫނީ މަގުމައްޗެއް ވެސް ނުފެނެ އެވެ. މިރަށުގައި ތިބޭ އިރު ޖެހިގެން އޮތް ރަށުގައި ހިނގާ ކަމެއް ނޭނގެ އެވެ. އެއް ގައުމުގައި ހުރެ އަނެއް ގައުމު ނުފެނެ އެވެ. މި ދުނިޔެ ފަދަ ކިތަންމެ ދުނިޔެއް ވެއެވެ. އެއް ދުނިޔޭގައި ހުންނައިރު އަނެއް ދުނިޔެއެއް ނުފެނެ އެވެ. ފަޒާ މާ ބޮޑެވެ. އެފަޒާއަށްވުރެ ވެސް ﷲ ބޮޑެވެ. އެންމެހާ ތަކެއްޗަކަށްވުރެ އެކަލާނގެ ބޮޑެވެ. އެކަލާނގެ އިލްމުފުޅާއި ފެނިވޮޑިގަތުން ވެސް މާ ބޮޑެވެ. އަހަރެމެންނަށް އެކަލާނގެ ނުފެނުނަސް އެކަލާނގެއަށް މިއެންމެހާ ފަރާތަކާއި ތަކެއްޗެއް ފެންނާނެއެވެ. އެނގޭނެއެވެ. މާތް ބަހުރުވައިގައި ކިޔާނީ، "ފެނިވޮޑިގަންނަވާނެއެވެ. ދެކެދެނެވޮޑިގަންނަވާނެއެވެ." މިގޮތަށެވެ. އެކަލާނގެ ވޮޑިގެންވާކަން އިންސާނުންނަށް އެނގެނީ ހެކިތަކުގެ އަލީގަ އެވެ.

ތުއްތު ދަރިފުޅު ސުވާލުކުރެއެވެ. ﷲ އައީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅު ގާތު ބުނާށެވެ. ހުރިހާ އެއްޗެއް ހެއްދެވީ ﷲ އެވެ. ﷲ އަކީ (މާތް ބަހުރުވައިގައި "ﷲ އީ" ) ހުރިހާ ތަކެއްޗެއްގެ ހެއްދެވި ފަރާތެވެ. ޚާލިޤް އެވެ. ޚާލިޤްގެ މާނައަކީ ހުރިހާ އެއްޗެއް ހެއްދެވި އުފެއްދެވި ފަރާތެވެ. ހުރިހާ އެއްޗެއް ހެއްދެވި ފަރާތް ހެއްދެވި ފަރާތެއް ނުހުންނާނެ ނޫންހެއްޔެވެ؟ ޚާލިޤް އެއީ އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑުވެގެންވާ ﷲ އެވެ. އެކަލާނގެއަށް ފެށުމެއް ނުވެ އެވެ. އަދި ނިމުމެއް ވެސް ނުވެ އެވެ. ވަގުތާއި ޒަމާނަކީ ވެސް ﷲ ހެއްދެވި ތަކެއްޗެވެ. ﷲ ވޮޑިގެންވަނީ ވަގުތާއި ޒަމާނުން ބޭރުގަ އެވެ. އެހެނީ ވަގުތާއި ޒަމާން ހެއްދެވީ ﷲ އެވެ.

ދެން ކިޔައިދޭށެވެ! މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްއަށް މާތް ނަބިއްޔާ، ދެއްވި ނަސޭހަތެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސް ވިދާޅުވެއެވެ. ތިމަން އެއްދުވަހެއްގައި މާތް ނަބިއްޔާގެ ސަވާރީކޮޅުގެ ފަހަތުގައި އިންދާ މާތް ނަބިއްޔާ ހަދީސްކުރެއްވި އެވެ. އޭ ކުއްޖާ އެވެ! ތިމަން ނަބިއްޔާ ތިބާއަށް ނަސޭހަތެއް ދެއްވާހުށީމެވެ. ﷲ އަށް ރައްކާތެރިވާށެވެ. ﷲ ތިބާ ރައްކާތެރި ކުރައްވާނެ އެވެ. ﷲ އަށް ރައްކާތެރިވާށެވެ. ތިބާ ވީ ކޮންމެ ތަނަކުން ތިބާގެ ކުރިމަތީ ﷲ ވޮޑިގަންނަވާނެ އެވެ. ކަމަކަށް އެދޭނަމަ ﷲ ގެ ހަޒުރަތުގައި އެދޭށެވެ! އެހީތެރިކަމަކަށް އެދޭނަމަ ﷲ ގެ ހަޒުރަތުން އެހީތެރިކަމަށް އެދޭށެވެ! އެނގޭށެވެ. ތިބާއަށް މަންފާއެއް ކޮށްދިނުމަށް އެންމެހާ މީސްތަކުން އެއްބައިވިޔަސް، ﷲ އެކަލާނގެ ނިޔާފުޅުގައި ތިބާއަށް ލިބޭނެކަމަށް ލިޔުއްވާފައިވާ އެއްޗެއް މެނުވީ ހޯދައެއް ނުދެވޭނެ އެވެ. ހަމަ އެފަދައިން ތިބާއަށް ގެއްލުމެއް ދޭން އެންމެހާ މީސްތަކުން އެއްބައިވިޔަސް، ﷲ ލިޔުއްވާފައިވާ ކަމެއް މެނުވީ ތިބާއާމެދު ނުހިނގާނެ އެވެ. ގަލަންތައް އުފުލިއްޖެ އެވެ. ފަތްފުއްތައް ހިކިއްޖެ އެވެ.

މި ވާހަކަ ކިޔައިދިނުމަށްފަހު، ﷲ އަށް ރައްކާތެރިވުމަކީ ކޮބައިކަން ދަރިފުޅަށް ބުނެދޭށެވެ. އެއީ އެކަލާނގެ އެއްކައުވަންތަކަމުގެ ގަބޫލުކުރުމަށް ރައްކާތެރިވުމެވެ. އެކަލާނގެ އެންގެވި ގޮތަށް އުޅުމެވެ. އެކަލާނގެ އެއްކައުވަންތަކަމުގެ ގަބޫލުކުރުމަށް ރައްކާތެރިވުމުގެ އެންމެ އަސާސީ މިންވަރަކީ، އެހެން ހުރިހާ ތަކެއްޗަކަށްވުރެ އެކަލާނގެ ބޮޑުވެގެންވާކަމާއި، އެކަލާނގެއަށް ފެށުމެއް ނިމުމެއް ނުވާކަމާއި، އެކަލާނގެއީ އެއްކައުވަންތަ ޚާލިޤްކަން ގަބޫލުކުރާ ހާލު، މި އީމާނާއި ވިސްނުމުގެ ބިންގާގެ މައްޗަށް ލޮލަށް ފެންނަ ކޮންމެ މަންޒަރަކަށް ބެލުމާއި، އިވޭ ކޮންމެ އެއްޗެއް އަޑުއެހުމެވެ. ކޮންމެ އިހްސާސެއް މިބިންގަލުގެ މަތީން ލިބިގަތުމެވެ. އޭރަށް އެންމެހާ ތަކެއްޗަކާއި ތަނަކާއި ކަމަކުން ފެންނާނީ އެކަލާނގެ ވޮޑިގެންވާކަމުގެ ހެކިތަކާއި އެއްކައުވަންތަކަމުގެ ދަލީލުތަކެވެ. ﷲ އަށް ރައްކާތެރިވެއްޖެނަމަ، ތިބާގެ ކުރިމަތިން ކޮންމެ ތާކު ﷲ ވޮޑިގެންވުމުގެ މާނައަކީ އެއީ އެވެ.

ކަމަކަށް އެދޭނަމަ ﷲ ގެ ހަޒުރަތުގައި އެދުމާއި އެހީތެރިކަމެއް ބޭނުންނަމަ އެކަލާނގެއަށް ދެންނެވުމުގެ މާނައަކީ، އިންސާނުންގެ ގާތުން ކަންކަމަށް ނޭދުމުގެ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި ތިމާގެ އަމިއްލަ ނަފުސު އެހެން އެއްވެސް އިންސާނަކަށް ބަރޯސާ ނުކުރުމުގެ ވާހަކައެވެ. ތިމާ، ތިމާ ފަދަ އަނެއް އިންސާނާއަށް ނުވަތަ އިންސާނުންތަކަކަށް އެއްވެސްކަމެއްގައި ބަރޯސާވެގެން ނުވާނެ އެވެ. އެހެން އިންސާނުންގެ ފުށުން ލިބޭ އެހީތެރިކަމަކީ، އެކަމެއް ފަހިކޮށްދިނުމަށް ﷲ މެދުވެރިކުރެއްވި ގޮތެވެ. އެއީ މެދުވެރިންނެވެ. ކަންކަމުގައި ތިމާގެ ނަފުސު އެފަރާތެއްގެ ބަހަށް އެކީއެކަށް ދޫކޮށްލައި، ތިމާގެ ނަފުސު ބަރޯސާކުރަންވީ ފަރާތަކީ، ﷲ އެވެ. ހުރިހާ ބާރުވެރިކަމެއް ހިނގާ ހުރިހާ ކަމެއް ގޮސް ގުޅިފައިވަނީ އިމެއް ނެތް އެކަލާނގެ ބާރުވެރިކަމާ އެވެ. އެހެން ހުރިހާ ބާރުތަކަށްވުރެ އެކަލާނގެ ގުދުރަތްތެރިކަން މާބޮޑެވެ. އެކަލާނގެއަށް ޑިޕެންޑްވުން ނުވަތަ ބަރޯސާވުން ނުވަތަ ވަކީލުކުރުމުގެ އެންމެ މުހިންމު ބަހާއަކީ، ހުރިހާ އިންސާނުން އެއްވިޔަސް ތިމާއަށް ގެއްލުމެއް ވެސް މަންފާއެއް ވެސް ނުދެވޭނެކަމަށް ހިތުގެ އަޑީން ޔަގީންކުރުމެވެ. ﷲ އަށް ޑިޕެންޑްވާށެވެ. އެކަލާނގެއަށް ރައްކާތެރިވާށެވެ.

ތިމާއާމެދު ހިނގާނެ ހުރިހާ ކަމެއް ލިޔެވިފައިވުމުގެ މާނައަކީ ތިމާގެ އިހުތިޔާރެއް ނެތުން ނޫންކަން ކިޔައިދޭށެވެ! ސަބަބަކީ ލިޔެވިފައިވާ ގޮތް އަހަރެމެންނަށް ނޭނގޭތީ އެވެ. ﷲ ވޮޑިގެންވަނީ ޒަމާނާއި ތަނާއި ވަގުތުން ބޭރުގަ އެވެ. އެހެން ހުރިހާ ޢިލްމުތައް އުނިވެފައި، އަދި ލިމިޓްވެފައި، މާތް ﷲ ގެ އިލްމުފުޅު ފުރިހަމަވެފައި އޭގައި އިމެއް ނެތުން، ލާޒިމުވަނީ، ވަގުތާއި ޒަމާނާއި ތަނުގައި ވާނެގޮތް އެކަލާނގެ އިލްމުފުޅުގައި ހިމެނިގެންވުމުންނެވެ. އިންސާނުން އިހުތިޔާރުކުރާނެ މަގުތަކާއި ގޮތްތަކާއި އުޅޭނެ ގޮތާއި ހަދާނެ ގޮތް މާކުރިން އެކަލާނގެ ދެނެވޮޑިގެންވެ އެވެ.

ދަރިފުޅު އަދިވެސް ސުވާލުކުރާނެ އެވެ. އިންސާނުން ދުނިޔެއަށް ފޮނުއްވި ސަބަބާ ބެހޭގޮތުންނެވެ. އެކަލާނގެ ހުރިހާ އެއްޗެއް ދެކެދެނެވޮޑިގެންވާއިރު، އިންސާނުން އިމްތިހާނުކުރައްވަންޖެހޭ ސަބަބަކާ ބެހޭގޮތުންނެވެ. ދަރިފުޅުގެ ސުވާލުތަކަށް ނިމުމެއް ނާންނާނެ އެވެ. އެހެނީ އެއީ ސުވާލުކުރުމާއި ޖަދަލުކުރުން ގިނަ އެއްޗެއްކަމުގައި މާތް ﷲ ގުރުއާނުގައި ސިފަކުރެއްވި ފަދައިންވާ އިންސާނެކެވެ. ސުވާލު ގިނަވުމަކީ އިންސާނުންގެ ސިފައެކެވެ.

ނުކުރާންވީ ކަމަކީ ދަރިފުޅުގެ އެއްވެސް ސުވާލެއް ހުއްޓުވައިލުމެވެ. އެހެނީ ހުއްޓުވާލެވޭނީ އަނގައިން އަޑުއިއްވާ ބަސް ބުނުމެވެ. ސިކުނޑި ހުއްޓުވައި ނުލެވޭނެ އެވެ. ސުވާލު އަންނަ ތަނަކީ އެކުއްޖާގެ ތުއްތު ވިސްނުމެވެ. އެކުއްޖާގެ ތުއްތު ވިސްނުމަށް ވިސްނޭނެހެން ޖަވާބުދޭށެވެ. އެއްވެސް ސުވާލަކާ ގުޅިގެން ރުޅި ނާންނާށެވެ. ޖަވާބެއް ނޭނގޭނަމަ ނޭނގޭކަމުގައި ބުނާށެވެ. އެނގޭ މީހެއް ކައިރީ އަހަން ޖެހޭ މޮޅު ސުވާލެއް ކަމުގައި ބުނާށެވެ. އެކުއްޖާ ދީނުން ބޭރުވެދާނެތީ ބިރު ނުގަންނާށެވެ. އެހެނީ އިންސާނާގެ ސަލާމަތް ބުއްދި ބޭނުންކުރުމުގެ ނަތީޖާއަކީ ދީނުން ބޭރުވުން ކަމަކަށް ދުވަހަކުވެސް ނުވާނެ އެވެ. އިންސާނީ ބުއްދި ބޭނުންކުރުމުގެ ނަތީޖާއަކީ އަބަދުވެސް އިސްލާމްދީނުގެ ހިދާޔަތުގެ މަގެވެ. އެމަގާ ދިމާއަށް ކުއްޖާ ކުރާ ދަތުރު ފެނި ބިރު ނުގަންނާށެވެ. އަދި ރުޅިވެސް ނާންނާށެވެ. ކެތްތެރިވެ އޯގާތެރިވާށެވެ.

ﷲ ގެ ނަންފުޅު ގިނަގިނައިން ދަރިފުޅަށް އިއްވުމަކީ މުހިންމު ކަމެކެވެ. އެނަންފުޅު ކިޔުމުގައި ޝަހާދަތް އިނގިލިން އެކެއް ކަމަށް އިޝާރާތްކުރުމުގެ މަންޒަރު ކުއްޖާގެ ސިކުނޑީގައި ބިންވަޅު ނެގުވޭތޯ ބަލަންވާނެ އެވެ. އަބަދުވެސް ﷲ އަށް ހަމްދުކޮށް ޝުކުރުކުރުމުގެ އިބާރާތްތައް ކުއްޖާއަށް އިވޭ ވަރަށް ކިޔަންވާނެ އެވެ. އައު ހެދުމެއް ލާ ވަގުތާއި، ކެއުމާއި ބުއިމުން އަވަދިވާ ވަގުތުތައް ފަދަ އެކި ވަގުތާ ގުޅިފައިހުރި ޒިކުރުތައް މިކަމުގައި ބޭނުންކުރެވިދާނެ އެވެ.

ﷲ ގެ ކޯފާވޮޑިގަތުމާއި އެކަލާނގެ އަޒާބުގެ ވާހަކަތައް ދައްކައި ކުއްޖާ ބިރު ނުގަންނަވާށެވެ. އެއީ ކުޑަކުއްޖެކެވެ. ރަށު ތެރޭގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި މާރާމާރީގެ ހާދިސާތައް ވެސް ތަފުސީލުކޮށް އެކުދިންނަށް އަހަރެމެން ކިޔައެއް ނުދެމުނޫންތޯ އެވެ؟ އެއީ އެކަންކަން ނުހިނގާތީއެއް ނޫނެވެ.

އެއްބަހެވެ. އިސްލާމްދީނުގައި އުފާވެރިކަމުގެ ޚަބަރާއި ބިރުވެރިކަމުގެ ޚަބަރުވެއެވެ. ދީނީ ދަޢުވަތުގައި އެދެބަޔަކީ އެއްވަރަށް މުހިންމު ދެއަސާސެވެ. އެކަމަކު އެއީ ދީނީ ދައުވަތުދިނުމުގައެވެ. މިއުޅެނީ ކުޑަކުއްޖާއަށް ﷲ ދަސްކޮށްދޭށެވެ. ކާފަރަކަށް ދީނަށް ގޮވާލާކަށް ނޫނެވެ. އެކުއްޖާގެ ތުއްތު ވިސްނުމާ އެއްވަރަށް އެއްމިންވަރަށް ކުރިޔަށް ދިއުމުގައި އެކުއްޖާ ބިރުގަންނަވާލުމަކީ، ކުއްޖާގެ ދީނީ ގަބޫލުކުރުން ވަރުގަދަކުރެވޭނެ ގޮތެއް ނޫނެވެ. އުފާވެރިކަމުގެ ޚަބަރުދޭށެވެ. ﷲ ލޯބިވާނީ ކިހިނެއް އުޅުނީމާކަން ކިޔައިދޭށެވެ. ނަރަކަ އޮންނަ ވާހަކަ އެ ކުއްޖާއަށް ވިސްނޭނެ މިންވަރަށް ބުނެދޭންވާނެ އެވެ. އެ ތަނުގައި ތިބޭނީ ﷲ އެންގެވި ގޮތަށް ނޫޅޭ މީހުންކަމާއި، އެމީހުންނަށް އަދަބުދެވޭނޭކަން ބުނެދޭށެވެ. ތަފްސީލުތަކަށް ދިއުން ބުއްދިވެރިކަމަކަށް ނުފެނެ އެވެ. މިކަމުގައި އެކި ކުދިން ތަފާތުވާނެއެވެ. އެކި މިޒާޖުގެ އެކި މިންވަރަށް ސިކުނޑި ތަރައްގީވެފައިވާ ކުދިބަޔަކު ތިބި ކްލާހެއްގައި ހުރިހާ ކުދިންނަށް ކިޔަވައިދޭން ހުންނަ އިސްލާމް މުދައްރިސް މިކަމުގައި ވަރަށް ބޮޑަށް ސަމާލު ނުވެއްޖެނަމަ، އެކަމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.

ރިޒުގުދެއްވަނީ ﷲ ކަން ބުނެދޭށެވެ. އެކަމަކު އެކަލާނގެ ރިޒުގު ދެއްވަނީ އެކަމަށްޓަކައި އެކަލާނގެ ކަނޑައެޅުއްވި ގޮތަށް މަސައްކަތްކުރީމާކަން ކިޔައިދޭށެވެ. އެކަލާނގެ ރިޒުގު ދެއްވަނީ މަސައްކަތްކުރާ އަޅުންނަށެވެ. ކުއްޖާ ސުވާލުކުރާނެ އެވެ. މަސައްކަތްކުރާ އަޅުންނަށް އެކަލާނގެ ނުދެއްވިޔަސް ރިޒުގު ލިބޭނެ ނޫންހެއްޔެވެ؟ ހިނިތުންވެފައި ބުނާށެވެ! ވަކި ނަތީޖާއެއް ހާސިލުކުރުމަށް މަސައްކަތްކުރުމުން އެނަތީޖާ އެހެން ހާސިލުވާނެ ގޮތް ހައްދަވަނީ ﷲ އެވެ. އެކަލާނގެ ރޭވުންތެރިކަން އެހެންހުރިހާ ރޭވުންތެރިކަމަށްވުރެ މޮޅެވެ. ބޮޑެވެ. ކުރާކަންތަކާއި އޭގެ ސަބަބާއި ނަތީޖާ މިންވަރުކުރައްވަނީ ﷲ އެވެ. އަދި އެކަންކަން އެގޮތުގެ މަތީން ދައުރުވާ ގޮތަށް ދުނިޔެ ލައްވާފައިވަނީ އެކަލާނގެ އެވެ. އެހެންވީމާ ރިޒުގަށްޓަކައި ﷲ އަށް ހަމްދުކުރާށެވެ. ބުނާށެވެ. ދަރިފުޅާ އެވެ. އަބަދުވެސް ﷲ އަށް ޝުކުރުވެރިވާށެވެ.

ހަރާމާއި ހަލާލު ހުންނަކަން ދަރިފުޅަށް ބުނެދޭށެވެ. ބައެއް ކަންކަމާއި ތަކެތި ﷲ ވަނީ ހަރާންކުރައްވާފަ އެވެ. އަދި ގިނަ ކަންކަމާއި ތަކެތި އެކަލާނގެ ވަނީ ހަލާލުކުރައްވާފަ އެވެ. އެކަލާނގެ ހަރާންކުރައްވާފައިވަނީ ގެއްލުން ހުރި ކަންކަމާއި ތަކެއްޗެވެ. ބައެއް ފަހަރަށް އަހަރެމެން ވިސްނާއިރު، ހަރާން ވަކި ކަމަކުން ނުވަތަ އެއްޗަކުން އަހަރެމެންނަށް ލިބެނީ ކޮން ގެއްލުމެއްކަން ދެނެ ނުގަނެވިދާނެ އެވެ. އަހަރެމެންނަށް ވަރަށް ގިނަ އެއްޗެހި ނޭނގޭކަމާއި ވަރަށް ގިނަ މަންޒަރު ފެނިފައިނުވާކަމާއި ވަރަށް ގިނަ އަޑުތައް އިވެމުން ނުދާކަމަކީ، ދުނިޔޭގައި އުޅުނު ވަރަކަށް އެއްވެސް މަސައްކަތަކާ ނުލައި ހިލޭސާބަހަށް އެނގެމުންދާނެ އެންމެ ބޮޑު ހަގީގަތެވެ.

އޯގާތެރިކަމާއެކު ދަރިފުޅަށް ބުނެދޭށެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެހައި ތަކެއްޗަކާއި ތަނަކާއި ފަރާތަކަށްވުރެ ﷲ ބޮޑެވެ. އެކަލާނގެ ފިޔަވައި އަޅުކަންކުރަންޖެހޭ އެހެން ފަރާތެއް ވެސް ނުވާކަމަށް އަހަރެމެން ހެކިވަނީ އެހެންވެ އެވެ. އަހަރެމެންނަށް ވަރަށް މަދުމިންވަރެއް ނޫނީ ނޭނގެ އެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.