15 މާރިޗު 2022 - 09:28 0
އަހުމަދު އަލާ ދީދީ
ދިވެހިން ކުރިން އުޅުނު ގޮތް ދައްކުވައިދޭ ކުރެހުމެއް: ދިވެހިންނަކީ ޒަމާނުއްސުރެ ހުނަރުވެރި، ފުދިގެން އުޅުނު ބައެއް --
15 މާރިޗު 2022 - 09:28 0
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޖުތައުުތަކެއްގެ ގޮތުން ދިރިއުޅުން އާރާސްތު ކުރަމުން އަންނަ އެއް ބަޔަކު ކުރިއެރުމާއި ކާމިޔާބީ ހޯދަމުން ދާއިރު އަނެއް ބަޔަކު ފޭލިވެ ހަފުސްވަމުން ވެސް ދެ އެވެ. މުޖުތަމައެއްގެ ގޮތުން ހޯދާ ކުރިއެރުންތަކާއި ކާމިޔާބީގެ އަސްލަކީ ޖަމާއީ ގޮތެއްގައި ދިރިއުޅެން ދަސްވެފައި ހުރުމެވެ. ފޭލިވެ ހަފުސްވުން ގުޅިފައިވަނީ އެގޮތެއް ދަސްނުވި ނުވުމާ އެވެ. މުޖުތަމައެއްގެ ގޮތުގައި ބަޔަކަށް ތެދުވެވި ހިންދަމާލެވޭނީ ހަރުދަނާ ބިންގަލެއް އޮވެގެނެވެ. ކުރިޔަށް ހިނގަމުން އެއް ޒަމާނުން އަނެއް ޒަމާނަށް ވާސިލުވެވެމުން ދެވޭނީ އެކަތިގަނޑެއްގެ ގޮތުގައި އެބަޔަކު ހިފަހައްޓާނޭ ބަންދުތަކެއްވެސް ހުރެގެނެވެ.
މުޖުތަމައެއްގެ ބިންގަލެއްގެ މައި އަސާސަކީ އިލްމީ ކޮންމެ މުޖުތަމައަކުން ފެންނާން އެހުންނަ އަސާސްތަކެވެ. އެއީ އެބަޔެއްގެ ދިރިއުޅުމުގައި ހަމަތަކަކާއި އުސޫލުތަކެއްގެ ގެންގުޅެމުން ދިޔުމެވެ. މުޖުތަމައެއްގެ ގޮތުން އެންމެން ތަބާވާ އަހުލާގީ މިންގަނޑުތަކެއް ވެސް ހުރުމެވެ. ލިޔެފައި ނެތަސް އަދި އޮއްޓު އަޅާން ނުޖެހުނުކަމުގައި ވިޔަސް ގިނަ ބަޔަކު ތަބާވާ ގާއިދާތަކެއް ހުރުމެވެ. އަދި މި ނޫނަސް އެބަޔެއްގެ މުއާމަލާތާއި މުޅި ދިރިއުޅުމުން މުހުތަރަމުކަން ދައްކުވައިދޭ އެންމެހައި ކަންކަމެވެ. ބަޔަކު މީހުންނީ ތަހުޒީބު ބަޔެކޭ ބުނެވެނީ މިފަދަ އެތައް ސިފަތަކެއް އެ މުޖުތަމައަކުން ފެންނަކަމުގައި ވާނަމަ އެވެ. ކިތަންމެ ރީތި ފޭރާން އަޅާ ބޭރު ފުށުން ރީތި ވެގެން އުޅޭ ޖަމާއަތެއްގެ ބަޔަކުކަމުގައި ވިޔަސް އެބަޔެއްގެ ފުށުން އިންސާނީވަންތަ އަހުލާގެއް ނުފެންނަކަމުގައި ވާނަމަ އެއީ ތަހުޒީބު ބަޔެކޭ އިލްމީ ބަޔަކު ނުބުނާނެ އެވެ. އެވަރު ނުދަންނަ އެފަދަ އަނެކުންނަށް ފަހަރުގައި އެއީ ތަހުޒީބިއްޔަތުކަމުގައި ހީވެސް ވެދާނެ އެވެ.
މުޖުތަމައެއްގެ ގޮތުން ބަޔަކު މީހުން ކުރިއަރާފައިވާކަމުގެ އެންމެ ބޮޑު ދަލީލަކީ އެބަޔެއްގެ ތެރެއިން ފެންނަ ސުލްހަވެރިކަމާ އަމާންކަމެވެ. އެ ސަލާހިއްޔަތުގެ ސަބަބުން އެ މުޖުތަމައެއްގެ ތެރޭގައި ދިރިއުޅޭ ސިކުނޑިތަކަށް ގެނެސްދޭ ތަސައްލީ އެވެ. އޭގެއިން ނަފުސަށް ކުރުވާ އުފާވެރިކަމުގެ އިހުސާސްތަކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގިނަ މުޖުތަމައުތަކަށް ބަލައިފިނަމަ އެބަޔެއްގެ މުޖުތަމައުގެ ހަމަޖެހުން ނަގަހައްޓަނީ އެތައް ޖިލްދުތަކެއްގެ ގާނޫނުތަކެއް ފާސްކޮށް ތަންފީޒުކޮށްގެނެއް ނޫނެވެ. އެފަދަ ބަޔެއް މުޖުތަމައުތަކަށް "ދެތިން ޖުމުލައެއްގެ ގާނޫނަކުން" ފުދެ އެވެ. ދެން އެހެންވިއްޔާ އެފަދަ އަމާންކަމާއެކު އުފާވެރިކަމުގައި ދިރި އެ އުޅެނީ ކިހިނެއް ހެއްޔެވެ؟ އެއީ އިސްވެ ދެންނެވުނު ފަދައިން އެ މުޖުތަމައުތައް އެއް ޒަމާނުން އަނެއް ޒަމާނަށް ފުރޮޅިގެންފައި އައިސްފައި ވަނީ އެބަޔެއްގެ ގިޔަމު (Values) ތަކާއި ބިންގާތަކާއެކުގައި ކަމަށްވާތީ އެވެ. ތައުލީމީ ނިޒާމާއި ތަރުބަވީ ނިޒާމުތައް ވެސް ބިނާކުރީ އެކަންކަން ހިމަނައިގެންކަމުގައި ވާތީ އެވެ.
މުޖުތަމައެއްގެ ގިޔަމުތަކާއި އަހުލާގިއްޔާތާއި އެންމެހައި އަސާސްތައް ހިމެނި ރައްކާކުރެވިފައި ހުންނަނީ އެބަޔެއްގެ ސަގާފަތުގެ ތެރޭގަ އެވެ. ސަގާފަތް ރައްކާތެރިކޮށް އެތައް ކަމެއްގެ ތެރެއިން ޖީލުތަކަށް ވާރުތަކޮށްދޭން އިލްމީ މުޖުތަމައުތަކުގައި މަސައްކަތް ކުރަނީ މިހެންވީމަ އެވެ. އޭގެ އެކި ބައިތައް ތައުލީމާ ތަރުބިއްޔަތުގެ ތެރެއިން އަށަގަންނުވަމުން ދަނީވެސް މިހެންވީމަ އެވެ. ވިޔަފާރި އާއި އެނޫން ކަންކަމުގެ ތެރެޔަށްވެސް އެކަން ވައްދައިގެން ނަފާ ހޯދަނީ ވެސް ހަމަ އެހެންވީމަ އެވެ. ސަގާފަތަކީ އެކަތިގަނޑެއްގެ ގޮތުގައި އެންމެން ހިފަހައްޓައިދޭ ބަންދުގަނޑޭ ކުރީން ވެސް ދެންނެވިއްޖެ އެވެ. ސަގާފަތް ގެއްލި އުވި ހިނގާއްޖެ ބަޔަކީ އައިޑެންޓިޓީ ގެއްލިއްޖެ ބަޔެކެވެ. ދެން ފެންނަހުށީ ޒަމާނަކަށް ފަހު ޒަމާނަކުން އެ މުޖުތަމައެއް ރޫޅި ވެއްޓެމުން ދާތަނެވެ. އަމިއްލަ ދޫތަކުން އަމިއްލަ މުޖުތަމައަށް މަލާމަތްކުރެވޭ ތަނެވެ.
މުޖުތަމައެއް އޮތްގޮތާއި، އެބަޔަކަށް ވެގެން އުޅޭ ގޮތާމެދު ވިސްނާ މީހާ އެނބުރި ބަލަނީ މުޖުތަމައުގެ ސަގާފަތް ކޮބައިތޯކަމެވެ. މާނައަކީ އެބަޔަކު ބިނާވެ އޮތް ބިންގާތައް ކޮބައިތޯއެވެ. އެބަޔަކީ ޒަމާންވީ މުސްކުޅި މުޖުތަމައެއްކަމުގައި ވާނަމަ، އެގޮތެއްގައި އެހާ ދުވަހު ދެމިގެން އައިސްފައިވަނީ ކިހިނެއްތޯކަމެވެ. އެހާރާއި މިހާރު ހުރި ނެތްކަންކަމަކީ ކޮބައިތޯކަމެވެ. ދުނިޔޭގެ އިލްމީ މުޖުތަމައުތަކުގައި އެބަޔެއްގެ ތައުލީމީ މިންގަނޑުތަކާއި ތަރުބަވީ އުސޫލުތަކާއި އަދި ގާނޫނުތަކާއި ގަވާއިދުތައް ފަރުމާވެ ހެދެމުން ދަނީ އެފަދަ ވިސްނުންތަކުގެ އަލީގަ އެވެ. ތަނެއްގައި ނަން ހުރި މޮޅު ކަމެއް އޮއްވާ ފެނިގެން އެކަމެއް އަނެކުންގެ ތެރެއަށް ވައްދައިގެން އެބަޔަކަށް އެކަމުން ފަސޭހަ ކަމެއް ނުލިބި ވެސް ހިނގައިދާނެ އެވެ. އެހެނީ ކޮންމެ މުޖުތަމައަކީ ވެސް ވަކި އައިޑެއްޓިޓީއެއްކަމުގައި ވާތީ އެވެ. ވަކި ސަގާފަތެއްކަމުގައި ވާތީ އެވެ. ވީމާ މުސްތަގުބަލަށް ވިސްނާއިރު ސަގާފަތާއި މާޒީގެ ހަބަރު... އާދެ ތާރީހު އެއްލާލެވޭކަށް ނޯވެ އެވެ.
ސަގާފަތޭ ބުނެވެނީ ބަޔަކު ވަޒަންވެރިވެ ތިބި މާހައުލާއި އެބަޔެއްގެ ގަބޫލުކުރުންތަކާ އެއްގޮތްވާނޭ ގޮތުގެ މަތީން ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި އޮންނަ ގޮތަށެވެ. އޭގެ ތެރެޔަށް އެބަޔެއްގެ މަސައްކަތްތެރިކަމާ، އިލްމާއި ހުނަރާއި، އާދަކާދަތަކާއި، ކުޅޭ ކުޅިވަރުތަކާއި އަދި ފާހަގަކުރާ ދުވަސްތަކާއި، ބާއްވާ ހަފުލާތައް ފަދަ އެތައްކަމެއް ވަދެ އެވެ. ހަމަ މީގެ އިތުރަށް ކެއުންބުއިމަށް ބޭނުންކުރާ ތަކެއްޗާ އޭގެ އުސޫލުތައް ފަދަ އެތައްކަމެއް ވެސް ވަދެ އެވެ. މި އެންމެހައި ކަންތައްތަކެއްގެ ތެރެއިން އެ މުޖުތަމައު ހިނގަހިނގާ އޮވެ އެވެ.
ސަގާފަތެއްގެ މުއްސަނދިކަން މިންކޮށްދެނީ އެ ސަގާފަތެއްގެ ތެރެއިން ފެންނަ ކަންކަމުގެ ގިނަކަމާއި އެކަންތައްތަކަކުން ހާމަވާން ހުންނަ ފަންނުވެރިކަމާއި ހުނަރުވެރިކަމެވެ. އެ ސަގާފަތެއްގެ ތެރޭގައި އިލްމަށް ޖާގަ ދީފައި އޮންނަ ފުޅާ ތަނަވަސް މިންވަރުންނެވެ. އޭގެއިން އެ މުޖުތަމައެއްގެ އެންމެހައި އަފުރާދުންގެ ކިބައިގައި ހަރުލާފައި ހުންނަ އަހުލާގީ މިންގަނޑުތަކުންނެވެ. ބަޔަކު މީހުންނީ ހަޟާރަތެއްގެ ދަރަޖަޔަށް އުފުލިފައިވާ ބަޔެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ވެސް އެންމެ ފުރަތަމަ ހޯދާ ބެލެނީ މިކަންކަންކަމުގެ މައްޗަށެވެ.
ދުނިޔޭގެ މީހުން ދިވެހީންނޭ މި ކިޔަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ވަކިވަކިވެފައި އޮތް ކުދި ކުދި ރަށްތަކެއްގައި ދިރިއުޅެމުން އަންނަ ދިވެހި ނަސްލުގެ މުޖުތަމައުތަކަކަށް ނޫންތޯ އެވެ. އެއީ އެ ރަށްތަކުގައި ދިރިއުޅޭ އެންމެހައި މުޖުތަމައުތަކަށް ޖަމާއީކޮށް ދީފައިވާ ނަމެވެ. މި އެންމެހައި ރަށްތަކުގައި ތިބި ކުދިކުދި މުޖުތަމައުތައް އެއްވެ އުފަންކުރި ދައުލަތަށް ދިވެހިރާއްޖެއޭ ވެސް އެބަކިޔަމު އެވެ. މާނައަކީ ދިވެހީންގެ ރަސްކަމެވެ. އަނެއްކާ މިއީ ދެހާހަށްވުރެ ގިނަ އަހަރުވެފައި އޮތް މުޖުތަމައެއްކަމުގައި ވެސް އެބަ ބުނަމު އެވެ. އާސާރުތަކާއި އިހުގެ ފޮތްފޮތުން އެކަމަށް ހެކިވެސް ދައްކާ ހަދަމު އެވެ. ދިވެހިރާއްޖޭގެ މައްޗަށް ވިސްނާއިރު ވަރަށް މުހިންމު ނަޒަރަކުން ވިސްނާލަން ޖެހެއެވެ. އެއީ ކުދި ކުދި ރަށްތަކެއްގައި ވަކިވަކީން މިތިބަ ނުކުތާއަށެވެ. އަދި މި ނުކުތާއަށްވުރެ ހާއްސަކަން ބޮޑު އަނެއް ނުކުތާއަކީ ވަކިވަކީން ތިބި ބަޔަކު އެއް ބަޔެއްގެ ގޮތުގައި އެތައް ހާސް އަހަރެއް މިތިބަ ތިބުމެވެ.
ދިވެހިރާއްޖެ އޭ މި ކިޔޭ ދައުލަތުގެ ތެރޭގައި ވަކިވަކީން ދިރިއުޅެމުން އައި ހުރިހާ ބަޔަކުހެން އެއްތަންކޮށް އެކަތި ގަނޑަކަށް ހަދައިދީފައި ވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ދައުލަތެއްގެ ގޮތުގައި މި ބޮޑު މުޖުތަމައު އައިސްފައި މިވަނީ ކިހިނެއް ހެއްޔެވެ؟ މިތަން ރޫޅާލާން ބަޔަކު ޝައުގުވެރި ނުވީމާ ހެއްޔެވެ؟ ޝައްކެއްވެސްނެތެވެ! ދިވެހީން ދިވެހީންނަށް ހަދައިދިނީ "ދިވެހި ސަގާފަތެވެ". ވަކިވެފައި އޮތް ކުދި މުޖުތަމައުތަކެއް ބޮޑު އެއް މުޖުތަމައުކަމުގައި ވެފައި އެވަނީ އެންމެން ހިއްސާވި ސަގާފަތުގެ ސަބަބުންނެވެ. އެންމެނަށް އެއް "އައިޑެންޓިޓީއެއް" ލިއްބައިދީފައި ވާތީ އެވެ. މިއީ އަނެއްކާ އަނެއް ހައިރާނެވެ! ދުނިޔޭގެ ނިސްބަތުން މިހާ ކުޑަ ކުޑަ ބަޔަކު، އަމިއްލަވަންތަ ސަގާފަތެއްގެ މަތީގައި އެހާ ގިނަ ދުވަހު ދެމިގެން އައިސްފައި އެވަނީ ދުނިޔެ އާއި ނުގުޅި ފިލާ އޮވެގެންބާވަ އެވެ؟
އާއެކެވެ! އަމިއްލަ ބަހަކާއި ސަގާފަތެއްގެ މަތީގައި ދިވެހީން ތިބެފައިވަނީ ދުނިޔޭގެ ދަތުރުފަތުރުގެ މަގެއްގެ މެދުގައި އޮވެގެނެވެ. މުޖުތަމައެއްގެ ގޮތުން ދިވެހީންވެސް ވަނީ އިރެއްގައި ކާމިޔާބު ހޯދާފައިކަމުގެ އެންމެ ބޮޑު އެއް ދަލާލަކީވެސް މިއީ އެވެ. ދިވެހީންނަކީ "ކަނޑުގެ ހަޟާރަތެއްގެ" ގޮތުގައި ބޭރުގެ އެތައް މުއައްރިޚުންނެއް ސިފަކޮށްފައިވާ ގައުމެއްގެ ވެރިބަޔެކެވެ. ހަޟާރީވަންތަ އެތައް ސިފަތަކެއް އިހު އަށަގެންފައި ތިބި ބަޔެއްވެސްމެއެވެ. މީގެ ހާހަކަށް އަހަރު ކުރީން އުޅުއްވި ފާރިސްކަރައިގެ ސުލައިމާނުއް ތާޖިރު ދިވެހީންނާ ބެހޭ ގޮތުން ދެއްވާފައިވާ ބަޔާނަށް ބައްލަވަމާ ހިންގަވާށެވެ. އެއިރަށް މިބަހުގެ ތެދުކަމަށް އިތުރު ބާރެއްވެސް ލިބިދާނެއެވެ.
އޭނާ ވިދާޅުވެފައިވެއެވެ.
"ދިވެހިންނަށްވުރެން މަސައްކަތްތެރި އެހެން ބަޔަކު ނޫޅޭނެ ކަމަށް މީހުން ބުނެ އުޅޭ. ދިވެހިން ވިޔާ ލިބާސް ހުންނަނީ އެކަތިގަނޑަކަށް، ދެ އަތުކުރި އާއި ގިރުވާންލައި، ކަރުވަޅު ވެސް ކަނޑާފައި. އަދި އެމީހުން އޮޑިފަހަރާއި ގޭގެ ބަނދެ، އިންތިހާ ހުނަރާ ނުލާ ނޫން ގޮތަކަށް ނުކުރެވޭ ޒާތުގެ ހުރިހާ މަސައްކަތެއް ވެސް ކޮށް އުޅޭ".
ހަޟާރަތެއް ގާއިމުވެފައިވާކަން ބަޔެއްގެ ތެރެއިން ދައްކުވައިދޭނެ އެންމެ ބޮޑު ނިޝާނަކީ އެބަޔެއްގެ ތެރޭގައި "އާޓްސް" ކުރިއަރާފައި އޮންނަ މިންވަރެވެ. އަދި އޭގެ ސަބަބުން އެބަޔެއް ކުރާ ކޮންމެ މަސައްކަތެއްގެ ތެރެއިންވެސް އެކަން ހާމަވެ ފެންނާން ހުންނާނެއެވެ. ސުލައިމާނުއް ތާޖިރު ދިވެހީންނާ މެދު ބުނުއްވާފައި އެވަނީ ކީކޭތޯއެވެ. އޭނާ އެބުނުއްވަނީ ދިވެހީން ކުޅަ ކޮންމެ މަސައްކަތެއް އެމީހުން ކުރަނީ އޭގެ ފަންނުވެރިކަމުގެ އިންތިހާ ދަރަޖަ ދައްކުވައިދޭނޭ މަގުންކަމެވެ. އަދި އޭނާ އެވަނީ ދިވެހީންގެ ނަސްލުގެ އީޖާދީ އުފެދުންތެރިކަމުގެ މައްޗަށްވެސް ތައުރީފުގެ ބަސްމަގުން ވާހަކަ ދައްކަވާފަ އެވެ.
އިސްވެ ދެންނެވުނު ބަސްކޮޅުން އެވޭލާ ދިވެހީންނަކީ މުޖުތަމައެއްގެ ގޮތުގައި ކާމިޔާބު ބަޔެއްކަން ބުނެދެއެވެ. ރާއްޖޭގައި މީހުން ދިރިއުޅެމުންދާ ރަށްރަށުގެ ގަބުރުސްތާނުތަކަށް ބައްލަވާށެވެ. ނޫނީ މާކުރިން ބަޔަކު ދިރިއުޅެ ފަޅުކޮށްފައި އެހުރި ރަށްރަށުގެ ގަބުރުސްތާނުތަކަށްވެސް ބައްލަވާށެވެ. އެހެރަ ފެންނަ ކުރެހުން އެޅި މަހާނަ ގައުގަލާއި އޭގައިވާ ފަރުމާތަކަށް ވިސްނުން ހިންގަވާ ލައްވާށެވެ. އެކި ރަށްރަށުގައި ހުރި އިހުގެ ބިނާތަކަށް ބައްލަވާށެވެ. ސުލައިމާނުއް ތާޖިރުގެ ބަސްކޮޅު ނޫނަސް އެއީ ދިވެހީންގެ މުއްސަނދި ސަގާފަތުގެ މައްޗަށް މިއަދު ދައްކާން ހުރި މަދު ހެކިތަކެކެވެ. ދާރުލް އާސާރުތަކުން ފެންނަން ސާމާނުތަކަށް ބަލާލިކަމުގައި ވިޔަސް މާޒީގެ ހަޟާރަތް ސިފަކޮށްލެވޭނެ އެވެ. އާދައިގެ ގެއެއްގައި ގަރުދިޔަ ތެއްޔަށް ގަންބާލަން ގެންގުޅުނު އުނދުޅިގަނޑުގައިވެސް ވަނީ ކުރެހުން އަޅާ ޒީނަތްކޮށްފަ އެވެ. މިކަންކަމުން ދަލާލަތުކޮށްދެނީ ދިވެހީންނަކީ މުޖުތަމައެއްގެ ގޮތުގައި ކުރިހޯދަން ދަސްވެފައި ތިބި ބަޔެއްކަމެވެ. އެގޮތުން ދިވެހީންގެ ހަޟާރަތެއް އުފަންކުޅަކަމެވެ.
ދިވެހި ސަގާފަތުގެ ތެރެއިން އުފަންވެ ކުރި އަރާފައިވާ ބައެއް އިލްމުތަކަށްވެސް ބައްލަވާށެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ދިވެހީންގެ މާހައުލާ ގުޅޭނޭ ގޮތުން އީޖާދުކޮށްފައިވާ އިލްމެވެ. އެއީ މި ރަށްތަކުގައި ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށް ހޯދައިގަތުމަށެވެ. މީގެ ތެރެއިން އެއް ދާއިރާއަކީ ދިވެހީންގެ ގެދޮރު އެޅުމުގެ އިލްމެވެ. ނުވަތަ ދިވެހި އާކިޓެކްޗަ އެވެ. އެއީ ވަރަށް ކުރިއަރާފައި އޮތް ދާއިރާއެކެވެ. އިމާރާތް ކުރުމުގެ ފަންނު ދިވެހީންގެ ތެރޭގައި ފައްކާވެ ކުރިއަރާފައިވަނީ ވޮޑިގިރާ މޫސުމީ ތޮބީއަތަށް ވިސްނައިގެނެވެ. އެއީ ރޫޅާ ރާވާލެވޭ ގޮތަށް ހުރި އިމާރާތްތަކަކަށް ވާތީ އެވެ.
މޮޅެތި ލަކުޑީގެ ބާވަތްތަކުންނާއި ގަލުން ރޫޅާ ރާވާލެވޭ ގޮތަށް ދިވެހީން ގެދޮރު ބިނާކުރުމުގެ ފަންނު އީޖާދު ކޮށްފައި ވެއެވެ. އެގޮތަށް ގަލުން އިމާރާތް ކުރާ ފަންނަށް ގަލުވަޑާމޭ ކިޔާ އުޅުނެވެ. ދިވެހި އާކިޓެކްޗަ ކުރިއަރާ ގޮސްފައި އެވަނީ ދިވެހީންގެ މޫސުމީ ތޮބީއަތާ އެއްގޮތަށް ނޫންތޯ އެވެ. ސިސިލީގައި އުޅުއްވި އަލްއިދުރީސީވެސް ލިޔުއްވާފައި ވެއެވެ.
"ދިރިއުޅުމަށް ބިނާ ކުރާ ގެދޮރާއި އެހެން ފެންވަރު ރަނގަޅު އިމާރާތްތައް އެމީހުން ބިނާ ކުރަނީ ހަރު ގަލުން. އަދި ބައެއް ފަހަރު، ފެންމަތީގައި އޮންނަ ގޮތަށް ލަކުޑިން ވެސް ގެދޮރު ހަދާ. އަދި ގެދޮރު އިމާރާތް ކުރުމުގައި، ފަހުރާއި ޝަރަފަށްޓަކައި، ސެންޓާއި ކެލާ ބޭނުން ކުރޭ".
މަދަރުސާތަކާއި އިދާރާތަކުން ފާހަގަކުރާ ގައުމީ ދުވަސްތަކުގައި ދިވެހީންގެ މުއްސަނދި ސަގާފަތޭ ބުނެ ފަން ޖިފުޓި ފާޑު ތަންތަން ހަދާ ދައްކާ އުޅެވެ އެވެ. އިހުގެ ގޮތަށް ދަރިވަރުން ލައްވާ ޑުރާމާއެއް ކުޅުވާނަމަވެސް އެފާޑުގެ ގޭގެ ހަދާ އުޅެވެ އެވެ. އެކަމުގެ ސަބަބުން މަދަރުސީ ހަޔާތުން ކުއްޖާއަށް ދަސްވަނީ ދިވެހީންގެ ހަގީގީ މުއްސަނދި ސަގާފަތެއް ނޫނެވެ. އޭނާއަށް ފެންނަނީ ފަން ޖިފުޓި ތަކެއްގައި ދިރިއުޅުނު ބަޔެކެވެ. މީގެ ހާހަކަށް އަހަރު ކުރީން އުޅުއްވި އިދުރީސީގެ ލިޔުއްވުމުގައި ވެސް ބުނުއްވާފައި އެވަނީ ގަލުންނާ ލަކުޑީން މޮޅަށް ގެދޮރު ބިނާކުރާ ވާހަކަ އެވެ. މީގެ މާނައަކީ ޖިފުޓިއަކީ ވެސް ނެތް އެއްޗެކޭ ނޫނެވެ. އެހެނަސް ތައުލީމުގެ ތެރޭގައި ދިވެހި އައިޑެންޓިޓީ އެއްވެސް ތަރުބަވީކަމެއް ނެތް އިރު އެފާޑު ކަންކަމުން ހައްތަހާ ދިވެހި ސަގާފަތަށް ދާނީ އުނިކަން ލިބެމުންނެވެ. އެއީ އެއްވެސް ބަޔަކު ގަސްތުގައި ކުރާ ކަމެއް ނޫނެވެ. އެއީ އެތައް ޒަމާންތަކެއް ވަންދެން އައިޑެންޓިޓީއަށް އިހުމާލުވިކަމުގެ ނަތީޖާ އެވެ.
ދިވެހި ސަގާފަތުގެ ތެރެއިން ފެންނަނީ މަސައްކަތްތެރިކަމާ ގުޅުން ހުރި ކަންކަން އެކަންޏެއް ނޫނެވެ. އަށަގަނެ ކުރިއަރާފައި ހުރި އިލްމުތައް ވެސް ވިއެވެ. ހިސާބާއި ނެވިގޭޝަން އާއި އެސްޓްރޮލޮޖީ އެވެ. އަދި މި އިލްމުތަކާ ގުޅުންހުރި މޫސުމީ އެހެނިހެން އިލްމުތައްވެސް ހުއްޓެވެ. މިގޮތުން ވިލާތަކުގެ ފާޑާއި ކަނޑުގެ ރާޅުތަކާ ބެހޭ މޮޅެތި މާހިރުން ތިއްބެވެ. މިފަދަ އިލްމުތައް އައީ ކިޔަވައިދީ ވާރުތަކޮށްދެމުންނެވެ. އެކަންކަމާ ގުޅޭ ދިރާސާތައް ހަދައި ފޮތްފޮތްވެސް ލިޔެފައި ހުއްޓެވެ. މިގޮތުން އެފަދަ އިލްމުތައް ކިޔަވައިދޭ މަދަރުސާތައް ހުރި ރަށްރަށް އެކަމުގައި މަޝްހޫރުކަންވެސް ހޯދާފައި ވެއެވެ. މިސާލަކަށް ނިލަންދެ އަތޮޅު ހިމިއްޗެވެ. އެއީ ހިސާބު އިލްމާ ނެވިގޭޝަނުގެ ބޮޑު މަދަރުސާއެކެވެ. އެފަދަ އިލްމުތައް ކިޔަވައިދިން "ޔުނިވާސިޓީ"އެކެވެ. ހުވަދު އަތޮޅު ފަރެސްމާތޮޑާއަކީވެސް މީގެ މަޝްހޫރު ރަށެކެވެ. އެސްޓްރޮލޮޖީގެ ގިނަ އަދަދެއްގެ ދިވެހި ފޮތް ހުރި ރަށެއްވެސްމެ އެވެ.
މިރަށްތަކުގެ ތަބީއަތާއި މި ސަރަހައްދުގެ އޮޔާ ވަޔާއި އެއްގޮތްވާނޭ ގޮތުގެ މަތީން ދިވެހި މުޖުތަމައުގެ ސަގާފަތް ބިނާކޮށް ފައްކާކުރެވިފައި ވާތީ ފެނެ އެވެ. މި މައިގަނޑު ސަގާފަތުގެ ތެރެއިން ދިވެހި މުޖުތަމައު އެއްތަން ކުރެވިފައިވަނީ އެވެ. ހުރިހާ ރަށެއްގެ ބަޔަކުހެން ތަބައަވާ އެއް އާދަކާދަތަކަކާއި ގަބޫލުކުރުންތަކެއް ހުއްޓެވެ. މުޖުތަމައެއްގެ ގޮތުން ހުރިހާ ރަށެއްގެ ބަޔަކުހެން ގެންގުޅުނު ހަރުދަނާ އުސޫލުތަކެއް ހުއްޓެވެ. ކުޑަ މިސާލަކަށް ބައްލަވަމާ ހިންގަވާށެވެ. އިހުގެ ތަރުބަވީ ނިޒާމުގެ ތެރެއިން ކުޑަ ކުދީންނަށް ބަސް އަހަން ދަސްކޮށްދޭ އިރު އެކުއްޖާ ހަރަން ބަނދެ އެވެ. މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ސަގާފަތެކެވެ. ދެން އެކުއްޖާ ބޮޑުވެ މީހަކަށްވެގެންވެސް އަނެކުންނަށް އިހުތިރާމް ކުރުމުގެ ގޮތުން އެގޮތަށް ހަރަން ބަނދެގެން ތިބެ އެވެ.
އިހު މީހުން އެމީހުން ގަދަރުކުރާ މީހެއްގެ ގާތުގައި ކޮޅަށް ތިބޭއިރުވެސް ހަރަން ބަނދެގެން ތިބެ އެވެ. އެއީ ދިވެހި ސަގާފަތުގެ ތެރޭގައި އަނެކާއަށް އިހުތިރާމު ކުރުމުގެ ގޮތުން އޮތްކަމެކެވެ. މި މަންޒަރު އިހުގެ ފޮޓޯތަކުން ފެންނާނެ އެވެ. ރަށްރަށަށް ރާއްޖޭގެ ވެރިން ޒިޔާރަތްކުރާއިރު އޭނާގެ އިސްތިގުބާލުގައި ތިބޭ ރައްޔިތުން ހަރަން ބަނދެގެން ތިބެނީ އެހެންވެ އެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ދިވެހީންގެ މެދުގައިވެސް މި ސަގާފީ އާދަ ހަރުލާފައި އޮތެވެ. މައިންބަފައިން ތަރުބިއްޔަތުގެ ތެރޭގައި އެކަންކަން ދަސްކޮށްދެމުންވެސް ދެއެވެ. އެއްވެސް ހާލެއްގައި އެއީ ޖާހިލުކަމެއްގެ ބޮޑުކަމާއެކު އިހު މީހުންނަށް ތިބެވުނު ގޮތެއް ނޫނެވެ. އަދި އެއީ ވެރިކަމެއްގެ ފަރާތުން ބަޔަކު އަޅުވެތިކުރުމަށް ގަދަކަމުން ކުރުވާފައި ހުރި ކަމެއްވެސް ނޫނެވެ.
ދިވެހީން ކުރިޔަށް ދިޔުމަށްޓަކައި އަޅާން އެޅި ފިޔަވަޅުތަކުގެ ތެރެއިން ދިވެހި ސަގާފަތުގެ އެފަދަ ކަންކަން ހަނދާން ނައްތާލައި ފުހެލި ފަދައިން އެކަމަށްވެސް ނުބައި މާނައެއް ދީ ހުތުރު ކަމަކަށް ހަދާ ފޮހެލެވިއްޖެ އެވެ. އެހެންނަމަވެސް ދުނިޔޭގެ ކުރިއެރުމާއެކު ކުރިޔަށް ދިޔަ ތަހުޒީބު ބައެއް މުޖުތަމައުތަކުން އެމީހުންގެ ސަގާފަތުގެ ތެރޭގައި ހުރި އެފަދަ ކަންކަން ދިރުވާ އާލާކޮށްފައިވެސް އެބަހުއްޓެވެ. މިސާލަކަށް ޖަޕާނަށް ބައްލަވާށެވެ. އަނެކުންގެ ކުރިމަތީގައި އުނަގަނޑުން ކުޑައިކޮށް ލެނބިލާ ބޯ ގުދުކޮށްލަ އެވެ. އެއީ ތިމާއަކީ އަނެކާގެ އަޅެކޭ ބުނާންވެގެން ހެއްޔެވެ؟ ނޫނެކެވެ. ޖަޕާނުގެ ރަސްގެފާނު އޭނާގެ ބޮޑުވަޒީރަށްވެސް އެފަދައިން އިހުތިރާމް އަދާކުރެ އެވެ. އެއީ ދިވެހީން އިހުތިރާމަށް ހަރަން ބަނދެ އުޅުނު އުސޫލުން އެމީހުންގެ ސަގާފަތުގައިވާ ކަމެކެވެ. ދުނިޔޭގެ ކިތަންމެ ގައުމަކުން މިފަދަ ތަހުޒީބީ ސަގާފީ ސިފަތައް އަދިވެސް ގެންގުޅޭތަން ފެނެ އެވެ.
ދިވެހި ސަގާފަތުގެ ތެރޭގައި އިޖުތިމާއީ ގޮތުން ކުރެވުނު ގިނަ ކަންކަންވެސް ހުއްޓެވެ. މިސާލަކަށް ދާދި ފަހާ ހަމަޔަށްވެސް ހިނގަމުން އައި ކަމަކަށް ބަލާލަމާތޯ އެވެ. މީހަކު އަލަށް އޮޑިޔެއް ބަނދެ އެ އޮޑި ބާލާ ދުވަހަކީ ހުރިހާ ރަށެއްގައިވެސް އެންމެން ބައިވެރިވާ ދުވަހެކެވެ. އެއީ ތިމާއަށް ލިބުނު މުއްސަނދިކަމެއްގައި ތިމާ ބާލާ އޮޑިޔަކަށް ނުވިޔަސް އެއިރުގެ ދިވެހި މުޖުތަމައުގެ ފަލްސަފާއަކީ އެއީ މުޅި ރަށަށް ލިބޭ ކުރިއެރުމެއްކަމެވެ. އޮޑި ބާލާ ދުވަހު ފަރިވަޅު ގެންގޮސް ކޭން ކައްކާ ހަދަނީ މިހެންވެ އެވެ. އެންމެ ނިކަމެތި މީހާވެސް އޭނާއަށް ލިބުނު ފެންވަރެއްގެ އެއްޗެއް އޮޑި ދޮށަށް ނެރެ އެވެ. މިއީ ވަކި އަތޮޅަކަށް ނުވަތަ ރަށަކަށް ހާއްސަކަމެއް ނޫނެވެ. މައި ދިވެހި ސަގާފަތުގެ ބިންގަލެކެވެ. ދިވެހި މުޖުތަމައުގެ ފަލްސަފާއެކެވެ. މިފަދަ މުޖުތަމައެއްގައި ބޮޑުވަމުން އަންނަ ޖީލުތަކަށް ދެވޭ ހެޔޮ ތަރުބިއްޔަތެކެވެ.
އަޅުގަނޑުވެސް އެއްބަހެވެ. ޒަމާން ބަދަލުވުމާއެކު އަންނަ ބަދަލުތައް ހުންނާނެއެވެ. އެހެނަސް އިހުގެ ސަގާފަތުން ދެމުން ގެންދިޔަ ފިލާވަޅުތައް އެހެން އުސޫލަކާ ޒަމާނީ މާނައެއްގެ ތެރޭގައި އަލުން ފޯރުކޮށްދެވެންވެސް ވާނެ އެވެ. ކުރިޔަށް ހިނގުމަކީ އެއީ އެވެ. އެއް ޒަމާނުން އަނެއް ޒަމާނަށް ބަދަލުވުމަކީ އެއީ އެވެ. މުޖުތަމައެއްގެ ގޮތުގައި ބަޔަކަށް އަބަދުވެސް ދެމިއޮވެވޭނީ އެބައެއްގެ ސަގާފަތް ވާރުތަކޮށްދެވިގެނެވެ. އެހެންނޫންނަމަ ނުކިއްސަރު ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހި ދިރިއުޅުން ދަތި އުނދަގޫވާނެ އެވެ.
އަދިވެސް އެހެންކަމަކަށް ބަލާލަމާތޯ އެވެ. އަނެކުންނަށް ދައުވަތު ދީގެން ގެނެސް ފާހަގަކޮށް އުޅުނު ސަގާފީ ކިތަންމެ "ފެސްޓިވަލެއް" ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ބޭއްވުނެވެ. ބޮޑު މާލޫދަކީ މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ފާހަގަކޮށް އުޅުނު ކުލަގަދަ ހަފުލާއެކެވެ. ބޮޑު ފެސްޓިވަލެކެވެ. އެކަމަށް ތައްޔާރުވުމުގައި އެ މުޖުތަމައެއް އެކީ ބައިވެރިވެގެން އުޅެ އެވެ. ރަށަށް ދައުވަތު ދީގެން ގެންނަ އަނެއް ރަށްރަށުގެ މީހުންގެ ޝަރަފުގައި ރަށް ޒީނަތްކުރެ އެވެ. މޮޅެތި ކޭންތައް ތައްޔާރު ކުރެ އެވެ. މެހެމާނުދާރީގެ ފަލްސަފާ، ސަގާފަތެއްގެ ތެރެއިން ދަސްކޮށްދެވެމުން ދެއެވެ.
މިފަދަ ހަފުލާތަކަކީ ގިނަ ފަހަރު ވާދައިގެ ރޫހު އެކުލެވިފައި ހުންނަ ކަންކަންކަމެވެ. އެ ވާދައިގެ ފޯރީގައި ރަށްރަށަށް އުމްރާނީ ގޮތުން ތަރައްގީވެސް އަންނަމުން ދެއެވެ. ކުޑަ މިސާލަކަށް ފަރެސް މާތޮޑާ އަޓިގެޔަށް ބައްލަވާށެވެ. އެއީ ގައްދޫއާ ވާދަޔަށް އެރަށު ބޮޑު މާލޫދަށް އެޅި ރީތި ބިނާއެކެވެ. "ފެސްޓިވަލު" މޮޅު ކުރާން ރައްޔިތުން އެޅި ތަނެކެވެ. މިފަދަ ހަފުލާތަކުން އުފަންވެފައި ހުރީ ހަމައެކަނި މޮޅެތި އިމާރާތެއް ނޫނެވެ. މޮޅެތި ކެއްކުންތެރިންވެސް މެއެވެ. މުއްސަނދިވަމުން އައީ "ދިވެހި ކުޒީން"އެވެ. އެހެނަސް އެކަންވެސް އޮބައި ދިޔައީ އެވެ. މިއަދު ދިވެހި ސަގާފީ ކެއުމަކީ ހަމައެކަނީ ގަރުދިޔަ އާއި ބަތް ކަމުގައި ހީވެ މުއްސަނދި ކެއުމުގެ ބާވަތްތައް ނެތިއްޖެ އެވެ.
މިއަދު ދިވެހި މުޖުތަމައަށް ދިރުން ގެނެސްދިން ސަގާފަތް އެބައޮތެކޭ ނުދެންނެވޭނެ އެވެ. މުޖުތަމައުތަކުގެ މެދުގައި ޒަމާނުއްސުރެ ހުރި ކުޅިވަރުތަކާއި ބޭއްވެމުންދިޔަ ހަފުލާތައް އެއްކޮށް ނެތި ދިޔައިރު އެބައި ފޫބައްދާ މުޖުތަމައު ދިރުވާނެ އެހެނިހެން ކަންތައްތަކެއް ތައާރަފުކޮށެއް ނުދެވެ އެވެ. ޒަމާނުގެ ބަދަލުތަކާއެކު ސަގާފަތުގެ ތެރެއިން ދެމެހެއްޓޭނެ ފަދަ ކަންކަން ދެމެހެއްޓުމަށްޓަކައި މަގެއްވެސް ދައްކައި ނުދެވެ އެވެ. ދިވެހި އައިޑެންޓިޓީއަކީ ކޮބައިކަން ބުނެދިނުމުގެ ގޮތުން ތައުލީމުގެ ތެރޭގައި ހިމެނޭންޖެހޭ ކަންތައްތަކެއް ނުހިމެނެ އެވެ. ފަހުރުވެރި ދިގު ދިވެހި ހަޟާރަތުގެ ބިނާތައް އެއީ ހުތުރު އެއްޗަކަށްވެ ބަޔަކަށް ނުދައްކާންވެގެން ތަޅާ ހުސްކުރާން ފެށުނީ އެވެ. އެގޮތުން ދެވަނަ ޖުމްހޫރިއްޔާއެއް ފެށުމާއެކު އާސާރުތައް ވިއްކާލާ ނީލަން ކިޔުނެވެ. ބިނާތައް ތަޅާ ހަފުސްކޮށްލެވުނެވެ. މިއަދު މުޖުތަމައެއްގެ ގޮތުން ތަހައްމަލު ކުރަމުން މިދަނީ މި އެންމެހައި ކަންތައްތަކެއްގެ ނަތީޖާ އެވެ.
ޒަމާންތަކެއް ވަންދެން ރަސްމީ ހައިސިއްޔަތެއް ލިބިފައި ނެތް ދިވެހި ސަގާފަތަށް މިއަދު ހައިސިއްޔަތެއް ލިބިދީފި އެވެ. ރަސްމީ ގޮތުން ދައުލަތުގެ ފަރާތުން ދިވެހި ސަގާފަތް ނެގެހެއްޓުމުގެ މަސައްކަތް ފެށިއްޖެ އެވެ. މުޖުތަމައެއްގެ ގޮތުގައި ކާމިޔާބީއަށް ވާސިލުވެވޭނީ ސަގާފަތަކާ އެކީގައިކަން ދަސްކޮށްދެވެން ފަށައިފި އެވެ. މަދު ދެތިން ތަނެއް ނޫނީ އާސާރެއްކަމުގައި ނުބެލި ތަންތަން ދިރުވާން ފެއްޓިއްޖެ އެވެ. އިހު ތެޅި އާސާރީ ބިނާތައް ހަދަން މަސައްކަތް ކުރަން ފެއްޓިއްޖެ އެވެ. ސަގާފީ ކަންކަމުން ރަށްރަށަށް ނަފާވެރިކަން ހޯދައި ދިނުމުގެ ވިސްނުންތައް އުފަން ކުރެވިއްޖެ އެވެ. ރާއްޖޭގެ އަޖާއިބެއްގެ ގޮތުގައި މައި ފަތުރުވެރިކަމުގެ ތެރެއަށްވެސް ދިވެހި ތާރީހު ވަދެއްޖެ އެވެ. ދެން އޮތީ ތައުލީމުގެ ތެރެއިން ދިވެހި އައިޑެންޓިޓީ ބިނާކުރާން ފެއްޓުމެވެ. އެހައިރުން މުޖުތަމައެއްގެ ގޮތުގައި އެއްބައިވެ އެންމެން ހިއްސާވާ ކަންތައްތަކެއް ހުންނާނެ އެވެ. އާއެކެވެ. މިއީ މި ސަރަހައްދުގައި އޮތް މުސްކުޅި ހަޟާރަތެކެވެ. މިއީ ދިވެހީންނެވެ. އަލުން ހޭލާ ކުރިޔަށް ދުއްވައިގަންނާނެ އެވެ.
Comment